11 އޮކްޓޯބަރ 2018 - 11:32
މިދިޔަ މަހުގެ 23 ގައި ބޭއްވި ރިއާސީ އިންތިޚާބުގެ ނަތީޖާއަށް ފަހު، ވެރިކަން ބަދަލު ކުރުމުގެ މަސައްކަތް ފެށިފައިވަނިކޮށް، ހުޅުމާލޭގެ ދެ ވަނަ ފިޔަވަހިން ގޯތި ވިއްކުމަށް ހައުސިން މިނިސްޓްރީން އިއުލާން ކުރުމާ އެކު، އެ މިނިސްޓްރީ ދޮށުގައި ކިޔޫތައް ދަމައިލި އެވެ. މިއަދަށް ދޫކުރާ 500 ނަންބަރުން ނަންބަރެއް ލިބޭތޯ، ބައެއް މީހުން ކިޔޫގައި ޖެހުނީ އިއްޔެ މެންދުރު ވާން ކައިރިވެފައި ވަނިކޮށެވެ.
އެ ގޮތަށް އެކަން ނުކުރުމަށް އެތައް ބަޔަކު އަޑު އުފުލަމުން ދަނިކޮށް ވެސް، ހައުސިން މިނިސްޓްރީން ވަނީ، ހުޅުމާލޭ ދެ ވަނަ ފިޔަވަހިން، 400،000 ރުފިޔާގެ މަގުން 1،000 އަކަފޫޓުގެ 400 ގޯތި ވިއްކަން ހުޅުވާލައިފަ އެވެ. އެ މައްސަލަ އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަށް ހުށަހެޅުމުން އޭސީސީން އެ މައްސަލަ ބަލައި ހައުސިން މިނިސްޓްރީ އަށް އެންގީ، ގޯތި ދޫކުރުން ވަގުތުން ހުއްޓާލައި ގޯތިދޫކުރުމާ ގުޅޭ އާ އުސޫލެއް އެކުލަވާލައިގެން އެކަން ކުރުމަށެވެ.
އެ އަޑެއް ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒަށް އިވިވަޑައެއް ނުގަތެވެ. ގޯތި ދޫކުރުމަށް އައު އުސޫލެއް އެކުލަވައިލަން އެންގުމުން ވެސް، އެކަން ކުރެއްވުމެއް ނެތި، ކުރިން ކުރި އިއުލާނާ އެއްގޮތަށް ގޯތި ދޫކުރުމަށް މިދިޔަ އަންގާރަ ދުވަހު ނިންމައި، އަންނަ އާދީއްތަ ދުވަހުގެ ނިޔަލަށް ފޯމު ބަލައިގަތުމަށް ނިންމި އެވެ.
އެއާ އެކު ހަމަ އެ ދުވަހު އޭސީސީން ފާޅުގައި ބުނީ، ހައުސިން މިނިސްޓްރީން އެކަން ކުރަނީ އެ ކޮމިޝަންގެ އެންގުމާ ޚިލާފަށް ކަމަށެވެ. އޭގެ ފަހުން 48 ގަޑިއިރު ވެގެން ދިޔައިރު ވެސް، ހައުސިން މިނިސްޓްރީން އެކަން ހުއްޓާނުލައި އެ ދަނީ ކުރިއަށެވެ.
ހުޅުމާލެއިން ވިއްކާ ގޯތި ގަންނަން ބަޔަކު ރޭ ފޯމު ހުށަހަޅަނީ.---ފޮޓޯ: ހުސައިން ވަހީދު/މިހާރު
އިއްޔެ ހެނދުނުން ފެށިގެން ރެއާ އެކު، އެތައް ސަތޭކަ ބަޔަކު ނިދި ނަގާލާފައި މަގުމަތީ ކިޔޫ ޖެހިގެން ތިބި މަންޒަރު ދިވެހި ސަރުކާރަށް ފެނޭ ބާވަ އެވެ! މިއަދު އަރައިގެން އައި ގަދަ އަވީގައި އެމީހުން ފިހެމުންދާ މަންޒަރު ހައުސިން މިނިސްޓްރީ އަށް ފެނޭ ބާވަ އެވެ! މިއަދަށް ދޫކުރާ 500 ނަންބަރު ހުސްވުމުން، ކިޔޫގައި ބާކީ ތިބި މީހުންގެ މެދުގައި ކަން ހިނގާނެ ގޮތް އޭސީސީ އަށް ތަސައްވުރު ކުރެވޭ ބާވަ އެވެ!
ރައްޔިތުން މި ހާލުގައި ތެޅިފޮޅެމުން ދާއިރު، އަދިވެސް އޭސީސީން އެ ބުނަނީ "އޭސީސީން އެންގި ގޮތަށް އިސްލާހު ނުކޮށް، ގޯތި ދޫކުރުން ކުރިއަށް ގެންދާ ނަމަ ކޯޓު އަމުރެއްގެ ދަށުން އެ މަސައްކަތް ހުއްޓުވާނެ" ކަމަށެވެ.
ސުވާލަކީ، ނަމައޭ ވިދާޅުވާ އިރު، ހައުސިން މިނިސްޓްރީން އެކަން ކުރިއަށް އެ ގެންދަނީ އޭސީސީގެ އެންގުމާ ޚިލާފަށް ކަން އަދިވެސް ކަށަވަރު ނުވަނީ ހެއްޔެވެ؟ ނުވަތަ ކޯޓު އަމުރެއް ހޯދައިގެން އެކަން ހުއްޓުވަން ތިޔަ މަޑު ކުރަަނީ، ގޯތި ވިއްކި ކަމުގެ ލިޔުން އެ މިނިސްޓްރީން ބޭނުންވާ ބަޔަކަށް ދޫކުރަންދެން ހެއްޔެވެ؟ ނުވަތަ އެންމެ ފަހު ވަގުތު ފޯމު ހުށަނޭޅިގެން ރައްޔިތުންގެ މެދުގައި ހަމަނުޖެހުން ހިނގަންދެން ހެއްޔެވެ؟
ގޯތި ވިއްކުމުގައި ހައުސިން މިނިސްޓްރީން ގެންގުޅޭ އުސޫލުގައި މުޅިން ވެސް ހުރީ ހަމަނުޖެހޭ ބޭއިންސާފު ކަންތަކެއް ކަން ހާމައަށް އެ އޮތީ ފެންނާށެވެ. އެންމެ ފުރަތަމަ ކަމަކީ އެކަށީގެންވާ މުއްދަތެއް ނުދީ އަވަސް އަރުވާލައިގެން އެކަން ކުރުމެވެ. މިއީ ބިމާ ބެހޭ ގާނޫނާއި ދިރިއުޅުމަށްޓަކައި ބަންޑާރަ ގޯތި ދޫކުރުމާ ބެހޭ ގަވާއިދާ ޚިލާފު އަމަލެއް ކަން އޭސީސީ އަށް އެނގޭނެ އެވެ.
ދެ ވަނަ ކަމަކީ ގޯތި ވިއްކުމުގައި އެއްވެސް އަދުލުވެރި އުސޫލެއް ނެތުމެވެ. މާލޭގެ ރަށްވެއްސެއްގެ ގޮތުގައި ހޭދަކުރި މުއްދަތާއި ދަރިންގެ އަދަދާއި އާމްދަނީ އާއި ދިރިއުޅުމަށް ހޭދަކުރަން ޖެހޭ ޚަރަދު ފަދަ އެއްވެސް ކަމަކަށް ރިއާޔަތް ކުރުމެއް ނެތި ގޯތި ވިއްކަން ނިންމުމަކީ އޭގެ ހެއްކެކެވެ.
އޭގެ އިތުރުން ދިރިއުޅުމުގެ ހާލަތު ވަޒަންކޮށް ޕޮއިންޓް ދިނުމެއް ނެތި، ފޯމު ހުށަހަޅާ އެންމެންގެ މެދުގައި ގުރުއަތު ނަގައިގެން ގޯތި ވިއްކަން ނިންމުމަކީ ވެސް، ހައުސިން މިނިސްޓްރީގެ ނިޔަތް ރަނގަޅު ނޫން ކަމުގެ ހެއްކެކެވެ. މި ގޮތަށް ކަނޑައެޅުމުން، އެ މިނިސްޓްރީން ވަކި ބަޔަކަށް ގޯތި ދޭން އުޅޭ ކަމަށް ކުރެވޭ ތުހުމަތަށް އިތުރު ބާރެއް ލިބެ އެވެ.
ހުޅުމާލެއިން ވިއްކާ ގޯތި ގަންނަން ދިޔަ ބަޔަކު ރޭ ހައުސިން މިނިސްޓްރީގައި.---ފޮޓޯ: ހުސައިން ވަހީދު/މިހާރު
މި ކަމުގައި ސަރުކާރުގެ ފޮރުވިފައިވާ އެޖެންޑާއެއް އޮތް ކަމުގެ އަނެއް ހެއްކަކީ، މިއަދު ދަފްތަރުގައި ރަޖިސްޓްރީ ވާން ހުށަހަޅާ މީހާ އަށް ވެސް، ދަފްތަރުގައި ރަޖިސްޓްރީ ވުމުގެ ވަގުތީ ލިޔުން ލިބިފައިވާ ނަމަ، ގޯތި ގަތުމުގެ ޝަރުތު ހަމަވާ ކަމަށް އެ މިނިސްޓްރީން ކަނޑައަޅާފައި ވުމެވެ.
އެންމެ ފަހުން ދޫކުރި ފްލެޓްތައް ވެސް "ޚާއްސަ ލިސްޓަކަށް" ބަހައި ނިންމައިލި ގޮތަށް، މިފަހަރު ވިއްކާ ގޯތިތައް ވެސް އާދަޔާ ޚިލާފު ކުޑަ އަގެއްގައި ވިއްކަން އުޅެނީ ރައީސް ޔާމީންގެ ކެމްޕޭންގައި އަވަދިނެތި އުޅުނު މީހުންނަށް ގޯތި ދިނުމަށް ކަމަށް ދޭހަވާ މެސެޖްތަކެއް ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ކަން ވެސް އޭސީސީ އަށް އެނގޭނެ އެވެ.
އޭގެ ތެރޭގައި ކެމްޕޭން ޓީމުގެ މެމްބަރުން ފޯމު ހުށަހެޅި ކަމަށްވާ ނަމަ، އެ ފޯމުގެ މައުލޫމާތު މަޖިލީހުގެ ވަކި މެމްބަރުންތަކަކަށް ފޮނުވައިދިނުމަށް އެދި ވައިބާ ގްރޫޕްތަކުގައި ދައްކާފައި ހުރި ވާހަކަތައް މިހާރު އެ ހުރީ ފެންނާށެވެ. ހަމައެފަދައިން ހައުސިން މިނިސްޓްރީގެ މުވައްޒަފުންގެ ތެރެއިން ގޯތި ގަންނަން ބޭނުންވާ މީހުން ވަކި މުވައްޒަފަކާ ފޯމުތައް ހަވާލު ކުރުމަށް ފޮނުވާފައިވާ މެސެޖެއް ވެސް ވަނީ ލީކްވެފަ އެވެ.
މި ހުރިހާ ކަމެއް މިހެން ހިނގާ އިރު، މިހާތަނަށް ވެސް ކޯޓަށް ނުގޮސް އޭސީސީން މަޑު ކުރަނީ ކީއްވެ ހެއްޔެވެ؟ ސަރުކާރުން މިވަރުގެ ނާޖާއިޒު ކަމެއް ކުރާ އިރު، އެކަން ކުރުމުގެ ގާނޫނީ ބާރު އޭސީސީ އަށް ނެތީ ހެއްޔެވެ؟ ނުވަތަ އެ ބާރު ބޭނުންކުރަން ނުކުރެނީ ހެއްޔެވެ؟ ނުވަތަ ރައްޔިތުން ގަނަތެޅުވުމުން ލިބޭ ހިތްހަމަޖެހުން ހަމަ ބޮޑީ ހެއްޔެވެ؟
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ކާސިމުގެބައްޕަ
11 October 2018
މަޑު ނިންޖެންނޫން ހަމަ ގަދަނިދި ނިދާބައެއް.. ބޯހަލާކުވެދާނެ
ވަހީދު
11 October 2018
މާލޭގެ ގޯތި އޮތް މީހުންނަށް ދަރިން ލިބި އެދަރިންނަށް ދަރިން ލިބި، އެރަދިންނަށް ވެސް ދަރިން ލިބި މީހުންނާއި އިނދެގެން އެއުޅެނީ އެމީހުންނގެ މާމަ ކާފަ މެންގެ ގޭގައި. އަނެއްބަޔަކު އެއުޅެނީ ކުއްޔަށް. މިމީހުން ހުޅުމާލެއިން 3 ނޫނީ 4 މިލިޔަން ރުފިޔާއަށް ފުލެޓު ގަންނާނެ ފައިސާ ހޯދާނެ ގޮތެއް ބުނެބަލަ. ދެން އެމީހުން އުޅެންވީ އެހާލުގައިތަ؟ ޔާމީނު ބަރާބަރު. އެޅެން އޮތް ގޮތަކަށް ބްރިޖް ވެސް އަޅާފައި އެއޮތީ. ގޯތިވެސް ފަގީރުންނަށް ލިބެން އޮތް ގޮތަކަށް ދޭންވީ.
ބޭބެ
11 October 2018
މިއުންމަތުގެ މީހުނގެ އުމުރަކީ 60 އަާއި 65 އާއިދެމެދެވެ. ނިދާފައި ތިބޭ
ވަގުންގެރާއްޖެ
11 October 2018
ކުޑަކޮށް ހޭލާފަ އަނެއްކާވެސް ވޯޓް ބާތިލްކޮށްފާނެހެން ހީވީމަ ނިދައިފި. ދެން ހޭލާނީ ކޯޓުގަ އޮތް އިންތިހާބުގެ މައްސަލަ ނިމުނީމަ؟
ކަމީ
11 October 2018
ތިޔަކަން ހިންގާގޮތުން ހީވަނީ ވަކިބަޔަކަށް ދޭ ހަދިޔާހެން. އިންޗާފުވެރި އުސޫލލަކުން ތިކަން ނުކުރާނެކަން ވަރަށް ސާފު. ދެން ތިޔަ ކޮރަޕްޝަން ކޮމިޝަނަކުން އަމުރެއް ނުނެރެވިގެން އުޅޭ ސަބަބެއް ނޭނގޭ. މުޅި ހައުސިންގ މާރކެޓް ޚަރާބުކޮށްލީމާ ވަރަށް ގިނަ ފަރާތްތަކަށް ގެއްލުންވާނެ.
ނުބައިހާނު
11 October 2018
މުޅިން މަކަރާ ޙީލަތް. ފުލެޓު ލިސްޓަށް ބަލާބަލަ . ޚާއްޞަ އެހީއަށް ބޭނުންވާ 2 ކުދިންނާއެކު 9 ދަރިން ގޮވައިގެން ޙާލުގަ އެއްކޮޓަރީގަ އުޅުނު މީހުންނަށް 15 ޕޮއިންޓް ދީގެން ފްލެޓު ނުދީ ފުލެޓު ކޮށްލާފަ ހުރިއިރު، ޖެހިގެން ހުރި ފުލޯގައި ހުރި މަގޭ ކޮއްކޮ 1 ދަރި ގޮވައިގެން އުޅޭއިރު އެ މީހުންނަށް 90 ޕޮއިންޓް ދީފަ ފުލެޓުދެނީ ކޮން އުސޫލަކުންކަން ބުނެދީބަލަގަ. ފޯމުގަ ނުބައި މަޢުލޫމާތެއް ނުހުންނާނެ. 2 ފޯމުވެސް ފުރީވެސް ހުށަހެޅީވެސް މަ އަތުން
ނާޑުވާ
11 October 2018
ފޯމާއެކު ހުށައަޅާ ލިޔުންތަކު ތެރޭގަ ރައީސް ޔާމީން ކެމްޕޭނަށް ދޫކުރި ކާރޑުގެ ކޮޕީވެސް ބައެއް ފޯމްތަކާއެކު ހުށައަޅަމުންދޭ އެބަ.
ރަދީފުލް އައްވަލް
11 October 2018
އޭސީސީ ކޮން އިރަކުހޭލީ؟ އަޅެ ބުނެބަލަ.
އަހްމަދު 35
11 October 2018
ގޯތި ބިޑްކޮށްގެން ވިއްކާނަމަ ހަމަ މުއްސަނދިންނަށް ލިބޭނީ. މިގޮތް ގޯހެއްނޫން އެކަމު މާ އަވަސް އަރުވާލައިގެން އުޅެނީ. މީގަ ނިކަމެތިންނަށްވެސް ފުރުސަތު އެބޮތް. ލިބޭމީހުން ނިންމާނީ މަތްﷲ.
ހަމް
11 October 2018
ތިކަމުގަ ކަންކަން ނިންމަން ރޭވިފައިވަނީ ވަކިބަޔަކަށް ލިބޭގޮތަށް އެހެންނުން؟
ތަޞައްވަރު
11 October 2018
ސާބަހޭ އަހްމަދު އަބްދުﷲ ސަޢީދު. ހެޓްސް އޮފް