ގޮނޑި ގެއްލުނު ކަމަށް އިލެކްޝަންސް ކޮމިޝަނުން ކަނޑައެޅި (ކ-ވ) ފުވައްމުލަކު އުތުރު ދާއިރާގެ މެމްބަރު އަލީ ޝާހު، ތިމަރަފުށީ ދާއިރާގެ މެމްބަރު މުހައްމަތު މުސްތަފާ، ހަނިމާދޫ ދާއިރާގެ މެމްބަރު ހުސެއިން ޝަހުދީ އަދި އިހަވަންދޫ ދާއިރާގެ މެމްބަރު މުހައްމަދު އަބްދުﷲ (މުހައްމާ).
23 އޮކްޓޯބަރ 2018 - 17:22
ރައްޔިތުންގެ މަޖިލީހުގެ މެމްބަރު ކަމުގެ ގޮނޑި ގެއްލުނު ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން ކަނޑައަޅާފައިވާ ތިމަރަފުށީ ދާއިރާގެ މެމްބަރު މުހައްމަދު މުސްތަފާ އާއި ހަނިމާދޫ ދާއިރާގެ މެމްބަރު ހުސެއިން ޝަހުދީ އާއި ފުވައްމުލަކު އުތުރު ދާއިރާގެ މެމްބަރު އަލީ ޝާހް އާއި އިހަވަންދޫ ދާއިރާގެ މެމްބަރު މުހައްމަދު އަބްދުﷲ (މުހައްމާ)ގެ ގޮނޑީގެ މައްސަލައިގެ ޝަރީއަތް ސުޕްރީމް ކޯޓުގައި ފަށަން ނިންމައިފި އެވެ.
ސުޕްރީމް ކޯޓުގައި ތާވަލްކޮށްފައިވާ ގޮތުން މުސްތަފާ އާއި އަލީ ޝާހްގެ ގޮނޑި ގެއްލުނު ކަމަށް އީސީން ކަނޑައެޅި މައްސަލަ އޮތީ މާދަމާ އެވެ. މުހައްމާ އާއި ޝަހުދީގެ މައްސަލަ އޮތީ އަންނަ ބުރާސްފަތި ދުވަހު އެވެ. މި ހުރިހާ މެމްބަރުންގެ ޝަރީއަތްތައް ވެސް ކޯޓުގައި ކުރިއަށް ދާނީ ވަކިވަކިންނެވެ.
ހަތަރު މެމްބަރެއްގެ ގޮނޑީގެ މައްސަލަ ސުޕްރީމް ކޯޓުގައި ތާވަލް ކުރިއިރު، ދަނގެތި ދާއިރާގެ މެމްބަރު އިލްހާމް އަހުމަދާއި ތިނަދޫ އުތުރު ދާއިރާގެ މެމްބަރު ސައުދުﷲ ހިލްމީގެ ގޮނޑި ގެއްލުނު ކަމަށް ކަނޑައެޅި މައްސަލައިގެ ބޭއްވި އަޑުއެހުންތައް މިއަދު ވަނީ ނިންމާލައިފަ އެވެ.
ރައްޔިތުންގެ މަޖިލީހުގެ މެމްބަރުކަމުގެ ގޮނޑި ގެއްލިފައިވާ ކަމަށް އީސީން ކަނޑައަޅާފައި ތިބި އިދިކޮޅު މެމްބަރުންގެ ތެރެއިން މައްޗަންގޯޅީ ދެކުނު ދާއިރާގެ މެމްބަރު އަބްދުﷲ ސިނާނާއި ތިނަދޫ ދެކުނު ދާއިރާގެ އަބްދުﷲ އަހުމަދުގެ ގޮނޑީގެ މައްސަލައިގެ އަޑުއެހުންތައް ވެސް ވަނީ ނިންމާލައިފަ އެވެ.
އެހެންވެ، ސުޕްރީމް ކޯޓުގައި އަޑުއަހެން ނުފަށަނީ މުސްތަފާ އާއި ޝާހާއި މުހައްމާގެ އިތުރުން ޝަހުދީގެ އެވެ.
ޕީޕީއެމް ދޫކުރައްވައި އިދިކޮޅާ ގުޅިވަޑައިގެންނެވި މަޖިލިހުގެ 12 މެމްބަރުންގެ ތެރެއިން މަޑުއްވަރީ ދާއިރާގެ މެމްބަރު މުހައްމަދު އަމީތާއި ތުލުސްދޫ ދާއިރާގެ މެމްބަރު މުހައްމަދު ވަހީދު އިބްރާހިމް (ލޯޔަރު ވައްޑެ) އާއި ވިލިނގިލީ ދާއިރާގެ މެމްބަރު ސައުދު ހުސައިން އަދި ދިއްދޫ ދާއިރާގެ މެމްބަރު އަބްދުއްލަތީފް މުހައްމަދުގެ ގޮނޑި ނުގެއްލޭ ކަމަށް ސުޕްރީމް ކޯޓުން ވަނީ ހުކުމް ކޮށްފަ އެވެ.
ހަތަރު މެމްބަރެއްގެ ގޮނޑި ނުގެއްލޭ ކަމަށް ސުޕްރީމް ކޯޓުން ހުކުމް ކުރުމާ ގުޅިގެން ބާކީ ތިއްބެވި މެމްބަރުންގެ ގޮނޑި ނުގެއްލޭނެ ކަމުގެ އުއްމީދު އެބައޮތް ކަމަށް އިދިކޮޅު ކޯލިޝަނުން ވަނީ ބުނެފަ އެވެ.
އެ މައްސަލަތައް ސުޕްރީމް ކޯޓުގައި ހިނގަމުން ދަނިކޮށް، 12 މެމްބަރުންގެ ގޮނޑި ނުގެއްލޭ ކަމަށް އިލެކްޝަންސް ކޮމިޝަނުން ނިންމި އެވެ. އެކަމަކު، ސުޕްރީމް ކޯޓުން ވަނީ އަމުރެއް ނެރެ، ކޮމިޝަންގެ އެ ނިންމުން ބާތިލްކޮށް، އެކަމުގައި ގޮތެއް ނިންމޭނީ އެ ކޯޓަށް އެކަނި ކަމަށް ކަނޑައަޅައިފަ އެވެ.
އޭގެ ފަހުން، އިލެކްޝަންސް ކޮމިޝަނާ ދެކޮޅަށް މެމްބަރުން ހުށަހެޅުއްވި މައްސަލައިގެ ޝަރީއަތުގައި އެ ކޮމިޝަންގެ ވަކީލުން ވިދާޅުވީ ކޮމިޝަނުން މެމްބަރުންނާ ގުޅޭ ގޮތުން ނިންމި ނިންމުން ސުޕްރީމް ކޯޓުގެ އަމުރުން ބާތިލް ކުރުމާ ގުޅިގެން، ކޮމިޝަނުން ދެކޭ ގޮތް ބަދަލުވެފައިވާ ކަމަށެވެ.
އެހެންވެ، ބާކީ ތިއްބެވި އަށް މެމްބަރުންގެ ގޮނޑި ވެސް ގެއްލުނު ކަމަށް ކުރިން ކޮމިޝަނުން ނިންމި ނިންމުމާ އެއްގޮތަށް އަމަލު ކުރަމުން އަންނަ ކަމަށް އިލެކްޝަންސް ކޮމިޝަންގެ ވަކީލުން ވިދާޅުވި އެވެ. އެގޮތަށް އީސީން ނިންމީ ސުޕްރީމް ކޯޓުން މިދިޔަ އަހަރު ނެރުނު ހުކުމާ ގުޅުވައިގެންނެވެ.
މަޖިލިހުގެ ރައީސް އަބްދުﷲ މަސީހްގެ އިތުބާރު ނެތް ކަމަށް 45 މެމްބަރުން ސޮއިކޮށް، މައްސަލަ ހުށަހެޅުމާ ގުޅިގެން، ދައުލަތުގެ ބަންޑާރަ ނާއިބުގެ ފަރާތުން ސުޕްރީމް ކޯޓަށް ހުށަހެޅި ދުސްތޫރީ މައްސަލައަކާ ގުޅިގެން، ޖުލައި 13، 2017 ގައި އެ ކޯޓުން ނިންމީ، އެ ތާރީޚުގެ ފަހުން، މަޖިލީހުގެ އެއްވެސް މެމްބަރަކު އޭނާ އިންތިޚާބުވި ޕާޓީން ވަކިވެއްޖެ ނަމަ ނުވަތަ ވަކިކޮށްފި ނަމަ ނުވަތަ އެހެން ޕާޓީއަކަށް ބަދަލުވެއްޖެ ނަމަ، މަޖިލީހުގެ މެމްބަރުކަމުން ވަކިވާނެ ކަމަށެވެ.
މަސީހުގެ އިތުބާރު ނެތްކަމުގެ މައްސަލައިގައި ސޮއިކުރި ޕީޕީއެމްގެ މެމްބަރުންގެ ތެރެއިން ސޮއި އަނބުރާ ނުގެންދިޔަ 12 މެމްބަރުން މަޖިލީހުން ވަކިވެފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ކަނޑައެޅީ ސުޕްރީމް ކޯޓުގެ އެ ހުކުމަށް ބިނާކޮށެވެ. އެކަމަކު، މެމްބަރުން ތަކުރާރުކޮށް ވިދާޅުވީ، ހުކުމުގެ ކުރިން ހުރިހާ މެމްބަރުން ވެސް ޕާޓީން ވަކިވެފައިވާތީ މެމްބަރުންގެ ގޮނޑި ގެއްލުނު ކަމަށް އީސީ އަށް ކަނޑަނޭޅޭނެ ކަމަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
މަގޭބަސް
24 October 2018
2012 ފެބުރުއަރީ 1 އަށްފަހު މިދިޔަ ދުވަސް ތަކަކީ އަދި ނާންނަ ދުވަސްތަކެއް ކަމަށާއި ނާނަން ދުވަސްތަކެއްގައި އެއްވެސްކަމެއް ނުހިގާނެކަމަށް ކަޑައަޅާ ސްޕްރިންކޯޓުން ގޮތެއް ނިންމަން ފެނޭ
ބޭބެ
24 October 2018
ވަރަށް ހިތާމަވެރި! އަދުލުއިންސާފޭ މިކިޔާއެއްޗެއް މިގައުމަކު ނެތް! ފައިސާ ތިބި މަހުޖަނުންނާ ނުފޫޒުގަދަ ސިޔާސީ މީހުން ބޭނުންހާއެއްޗެއް މިގައުމަށް ހަދަމުންދާތަން ވަރަށް ސާފުކޮށް މިފެންނަނީ! އެންމެ ދެރަވާކަމަކީ ފަނޑިޔާރުގެއިން ޢަދުލުވެރިކަން ގެއްލިފައިވާތީ! “ނިކަމެތި ރައްޔިތުން” މިލަފުޒުގެ ބޭނުން ސިޔާސީ މީހުން ހިފަނީ އެއިރެއްގައި އެމީހަކު ބޭނުންވާ ދިމާލަކަށް ރައްޔިތުންގެ ވިސްނުން އަނބުރާލުމުގެ ބޭނުމުގައި! ރައްޔިތުންނަށް ގައުމަށް ހެވެއް އެދިގެންނޫން!
ބަޑިތަކުރު
24 October 2018
އެތިއެތިކޮޅުން ބައިބަޔަށް ލަސްލަހުން މަޑުމަޑުން ގޮސް ކިރިޔާ ނޮވެމްބަރ 11 އަށް އެންމެން ސަލާމަތްވާވަރު ބަލައިގެން މިޑްރާމާގެ ސިލްސިލާ ބޮޅުތައް އަމުނަމުން މިދަނީ ބެލުންތެރިންގެ ޝައުޤުވެރިކަން ގެއްލުވާނުލައި ހިތްހިފަހައްޓާލައިގެން ތިބެންޖެހޭފަދަ ގޮތަކަށެވެ. ކޯޓުން ހޯދައިދިން ކަމެއް އެންމެފަހު ވަގުތާ ހަމައަށްވެސް ކޯޓުން ދަމަހައްޓައިދޭން އުޅޭކަހަލަ ގޮތަކަށެވެ. ކިތަންމެ ދަޅައެއް ދެއްކިޔަސް ގެއްލިއްޖެ އިތުބާރެއް އަލަކުން ހޯދޭނެ ހެނެއް ހީއެއް ނުވެއެވެ.
އައިމިނަ
23 October 2018
ސިޔާސީ މައިދާނުގައި ތިމާމީ ހަމައެކަނި ހުރި މީހާ ކަމަށް ދެކި ގަދަބަސް ބުނުމުގެ ބަދަލު ޔާމީނަށް ލިބޭނެ. ރައްޔިތުންގެ ބާރު ކަނޑުވާލި ރައީސް ސައިޒްވާދުވަސް ވަރަށް ކައިރި.
ސައުޔާ
23 October 2018
ޢަމިއްލަ އަށް ހުކުން ކޮަށްފާ އަނެއްކާ ހުކުން ބަދަލުކުރުން މީއީ އަޖައިބެއް .
ބޭބެ
24 October 2018
ކުރިން ހުދުކޮށް ފެނުނު ކޮންމެ މަންޒަރެއް މިހާރު ކަޅަށް ބަދަލުވެ، ކުރިން ކަޅު ކުލައިން ފެނުނު ކޮންމެ މަންޒަރެއް މިހާރު ހުދުކުލައިން އިލެކްޝަންސް ކޮމިޝަނަށްވެސް އެންޓި ކޮރަޕްޝަން ކަމިޝަނަށްވެސް އަދި ކޯޓްތަކަށްވެސް ފެނުމަކީ އިންސާފާއި ހަމަހަމަކަން ކަމަށް ބަޔަކު ގަބޫލު ކުރި ނަމަވެސް ހަޤީޤަތަކީ އެއީއެއް ނޫން!!
އަނގަފާނަ
23 October 2018
ރައީސް ޔާމީނޫ.... އަޅެ މި ޝަރީއަތްތައް ސަޅިއެއް ނޫންތަ؟
ސައީދު
23 October 2018
އިންސާފް ނުލިބި ކިހާ ދުވަހެއް މިދިޔައީ މިހާރުވެސް މާލަސްވެއްޖެ