ޚަބަރު / ޔޫއެންޑީޕީ

"އާބަން އިނޮވޭޝަން ޗެލެންޖް"ގައި 75،000 ރުފިޔާގެ އިތުރު އިނާމެއް

ހުޅުމާލެ ތަރައްގީކުރުމަށް ޔޫއެންޑީޕީ އާއި އޫރީދޫ ގުޅިގެން ހިންގި "އާބަން އިނޮވޭޝަން ޗެލެންޖު"ގައި ބައިވެރިވި ބައެއް މީހުން -- ފޮޓޯ: ޔޫއެންޑީޕީ

29 އޮކްޓޯބަރ 2018 - 12:21

ޔޫއެންޑީޕީން ބޭއްވި "އާބަން އިނޮވޭޝަން ޗެލެންޖް"ގައި ބައިވެރިވި ޓީމުތަކުގެ ހިޔާލުތައް ކަމުދިޔުމުން، ކޮރެއާގެ ސޯލް މެޓްރޮޕޮލިޓަން ގަވަމެންޓުން 75،000 ރުފިޔާގެ އިތުރު ދެ އިނާމެއް އިއްޔެ ދީފި އެވެ.

ހުޅުމާލެ "ސްމާޓް ސިޓީ"އަކަށް ހެދުމަށްޓަކައި ޒުވާނުންގެ ހިޔާލު ހޯދުމަށް ޔޫއެންޑީޕީ އާއި އުރީދޫ ގުޅިގެން ހިންގި މި ޕްރޮގްރާމް ރާވާފައި އޮތީ، ބައިވެރިންގެ ތެރެއިން އެންމެ ރަނގަޅު ހިޔާލެއް ނުވަތަ ހައްލެއް ހުށަހަޅާ ޓީމަކަށް 120،000 ރުފިޔާގެ އިނާމެއް ދޭ ގޮތަށެވެ. ނަމަވެސް މި ޕްރޮގްރާމުގައި ބައިވެރިވި އެހެން ޓީމުތަކުން ވެސް ރަނގަޅު ހިޔާލުތައް ހުށަހެޅުމުން، މި ޕްރޮގްރާމުގެ ޕާޓްނަރެއްކަމަށްވާ ކޮރެއާގެ ސޯލް މެޓްރޮޕޮލިޓަން ގަވަންމެންޓުން ވަނީ 75،000 ރުފިޔާގެ އިތުރު ދެ އިނާމެއް ހުށަހަޅައިފަ އެވެ.

"މި ޕްރޮގްރާމުގެ ސީޑް ފަންޑިންގް ދީފައި ވަނީ ސޯލް މެޓްރޮޕޮލިޓަން ގަވަންމަންޓުން. އެ މީހުން ބައިވެރިން ހުށަހެޅި ހިޔާލުތައް ބަލާފައި އިތުރު ދެ އިނާމެއް ދޭން ހަމަ ނިންމީ،" މި ޕްރޮގްރާމްގެ ޕްރޮޖެކްޓް ކޯޑިނޭޓަރު އައިމިނަތު ޝާލިނީ ވިދާޅުވި އެވެ.

އާބަން އިނޮވޭޝަން ޗެލެންޖުގައި، ހުޅުމާލެ ތަރައްގީ ކުރުމަށް ދިމާވެފައިވާ މައްސަލަތައް ތިން މުއާސަސާއަކުން ހުށަހެޅި އެވެ. އަދި ރޭވިފައި އޮތީ އެންމެ ރަނގަޅު ހައްލެއް ހުށަހަޅާ ޓީމެއް، އެ މައްސަލަ ހުށަހެޅި މުއާސަސާއާ ގުޅިގެން ހަ މަސް ދުވަހުގެ ތެރޭގައި އެ މީހުންގެ ހިޔާލު އިއާދާކޮށް، އާންމުންނަށް ނެރޭ ގޮތަށެވެ.

މި ޕްރޮގްރާމުގެ އެއް ވަނަ މަގާމް ހާސިލްކޮށްފައިވަނީ އެޗްޑީސީގެ މައްސަލަ އަށް ހައްލެއް ހުށަހެޅި "ޑިޖިޓަލް ޓައުން ހޯލް" ޓީމެވެ. އެ ޓީމުން ހުށަހެޅި ހިޔާލަކީ އެޗްޑީސީ އާއި ހުޅުމާލޭ ރައްޔިތުންގެ ދެމެދު ފަސޭހަ އިން މުއާމަލާތު ކުރެވޭނެ ފޯނު އެޕެކެވެ.

"އަޅުގަނޑުމެން ހުށަހެޅި އެޕުން އެޗްޑީސީން ހުޅުމާލޭ ރައްޔިތުންނަށް ފަސޭހަ އިން މުއާމަލާތު ކުރެވޭނެ. އަދި ހުޅުމާލޭ ރައްޔިތުންނަށް ވެސް އެކި ކަންތަކުގައި އެ މީހުންގެ ހިޔާލު އެޗްޑީސީ އަށް ހުށަހެޅޭނެ،" ޑިޖިޓަލް ޓައުން ހޯލް ޓީމުގެ ލީޑަރު މުއިއްޒު އައްބާސް ވިދާޅުވި އެވެ.

މީގެ އިތުރުން އެ އެޕް މެދުވެރިކޮށް ހުޅުމާލެ ރައްޔިތުންނަށް ވެސް، މުޖްތަމައުގައި އެ މީހުން ހިންގާ ހަރަކާތްތަކާ ގުޅޭ ގޮތުން އާންމުންގެ އެއްބާރުލުން ހޯދޭނެ ގޮތަށް "ކޮމިއުނިޓީ ނޯޓިސް ބޯޑެއް" ވެސް އެކުލަވާލާފައި ވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

ޔޫއެންޑީޕީ އާބަން އިނޮވޭޝަން ޗެލެންޖުން އެއްވަނައަށް ދިޔަ "ޑިޖިޓަލް ޓައުން ހޯލް" ޓީމަށް ޔޫއެންޑީޕީ މަރުހަބާ ކިޔާފައި

އޭނާ ވިދާޅުވީ ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް އަޑާއި ވީޑިއޯ ބޭނުންކޮށްގެން ވެސް ފަސޭހަ އިން މުއާމަލާތު ކުރެވޭނެ ނިޒާމެއް އެޕް އާންމު ކުރާ އިރު ހުންނާނެ ކަމަށެވެ.

މި ޕްރޮގްރާމުގައި ވެމްކޯ އިން ހުށަހެޅި މައްސަލަ އަށް އެންމެ ރަނގަޅު ހައްލެއް ދިނީ "އެއް ރުފިޔާ" ޓީމެވެ. އެ ޓީމުން ބުނީ މަގުމައްޗަށް ކުނި އެޅުމުގެ ބަދަލުގައި، ޕްލާސްޓިކް ފުޅިއެއް ނޫނީ މަސް ދަޅެއް އަނބުރާ ހަވާލުކޮށްގެން އެއް ރުފިޔާ ހޯދާށެވެ. އެ ޓީމުގެ ލީޑަރު މިފްލާލް ފަޔާޒް ވާހަކަ ދައްކަމުން ބުނީ މިއީ ދުނިޔޭގެ ވިހި ގައުމެއްގައި މިހާރު ވެސް ބޭނުންކުރަމުން އަންނަ ނިޒާމެއް ކަމަށެވެ. އަދި މިއީ 80 ޕަސެންޓު ޑިޕޮސިޓް ލިބޭ ނިޒާމެއް ކަމަށް ވެސް މިފްލާލް ބުންޏެވެ.

"އަޅުގަނޑުމެން ހުށަހެޅީ ފެންފުޅި ނޫނީ ދަޅު ކަހަލަ އެއްޗެހި ވިއްކާ އިރު މިހާރު ވިއްކާ އަގަށް ވުރެ އެއް ރުފިޔާ އިތުރުކޮށް ވިއްކަން. ދެން އެ ފެން ފުޅި [ހުސްވީމާ] އަނބުރާ ހަވާލު ކުރުމުން، ފެންފުޅި ގަތް މީހާ އަށް އެ އެއް ރުފިޔާ އަނބުރާ ލިބޭނެ،" މިފްލާލް ބުންޏެވެ.

މިފްލާލް ކިޔައިދިން ގޮތުގައި މީގެ ހަ މަސް ފަހުން މިކަން އާންމު ކުރާ އިރު، މި ކަން ބަލަހައްޓާނެ ގްރޫޕެއް ނޫނީ ކޮމިޓީއެއް ހަމަޖައްސަން ބޭނުންވާ ކަމަށެވެ. އަދި އެހެން ގައުމުތަކުގައި ޓެކްނޮލޮޖީ ބޭނުންކޮށްގެން މިފަދަ ނިޒާމެއްގެ ދަށުން މަސައްކަތް ކުރި ނަމަވެސް، އެ ޓީމުން މަސައްކަތް ފަށްޓަން ބޭނުން ވަނީ ޓެކްނޮލޮޖީއާ ނުލައި ކަމަށެވެ.

ޓީމް "އެއް ރުފިޔާ"އަށް ޔޫއެންޑީޕީ މަރުހަބާ ކިޔާފައި

"ޓެކްނޮލޮޖީ ބޭނުން ކޮށްގެން މިފަދަ ކަމަކަށް ހައްލެއް ހޯދަން އުޅެފި ނަމަ، އެ މެޝިނަކަށް މައްސަލައެއް ދިމާވާ ހިސާބުން [ރާއްޖޭގައި] މަސައްކަތް ހުއްޓިފައި ހުންނާނީ. އެހެންވެ އަޅުގަނޑުމެން ބޭނުން ވަނީ ވީހާ ވެސް ޓެކްނޮލޮޖީއާ ދުރުކޮށް މިކަން ކުރަން،" މިފްލާލް ބުންޏެވެ.

އެމްޓީސީސީން ހުށަހެޅީ ހުޅުމާލެ އަށް ދަތުރުކުރާ ފެރީތަކާއި، އެ ރަށުތެރޭ ދުއްވާ ބަސްތަކުގެ ނިޒާމް ހަރުދަނާ ކުރުމަށެވެ. މި މައްސަލަ އަށް ހައްލެއް ހޯދުމަށް މަސައްކަތް ކުރި ހަތަރު ޓީމުން ވެސް ހުށަހެޅީ ދޯނިތައް ނުވަތަ ބަސްތައް ވަގުތުން ޓްރެކް ކުރުމުގެ ނިޒާމެކެވެ. އެ ހަތަރު ޓީމް ވެސް ދާދި އެއް ހިޔާލެއް ހުށަހެޅުމުން، އެ ޓީމުތައް އެކުވެގެން އެ ހިޔާލު ބިނާ ކުރުމަށް 75،000 ރުފިޔާ ދީފައިވެ އެވެ.

މިއީ ސްމާޓް ސިޓީ ޕްރޮޖެކްޓްގެ ދަށުން ހުޅުމާލެ އަށް އަމާޒުކޮށް އާބަން އިނޮވޭޝަން ޕްރޮގްރާމް ހިންގި ފުރަތަމަ ފަހަރެވެ.

0 ކޮމެންޓް, 1 ރިއެކްޝަންސް

icon happy icon happy 100%
icon sad icon sad 0%
icon angry icon angry 0%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454