ހުޅުމާލޭގެ އާންމު ތަންތަން ސާފުކޮށް، ބެލެހެއްޓުމުގެ މަސައްކަތާ ވެމްކޯ އިން ހަވާލުވެއްޖެ އެވެ.
މި ނިންމުމާއެކު، އެ މަސައްކަތް ކުރުމަށް 50 މީަހަކު ހޯދަން ވެމްކޯ އިން މިއަދު ވަނީ އިއުލާނުކޮށްފަ އެވެ. މުސާރައަކީ މަހަކު 8،000ރ. އެވެ.
ހުޅުމާލޭގެ އާންމު ތަންތަން ސާފުކުރުމުގެ މަސައްކަތް މިދިޔަ ދުވަސްތަކުގައި ކުރަމުން އައީ އެޗްޑީސީންނެވެ. އެކަމަކު އެ މުއްދަތުގައި ވެސް ގޭބިސީތަކުން ކުނި ނެގުމުގެ މަސައްކަތްކުރީ ވެމްކޯ އިންނެވެ.
އެޗްޑީސީން ބުނީ ވެމްކޯއާއެކު، މިއަދު ވި އެ އެއްބަސްވުމުގެ ބޭނުމަކީ، ހުޅުމާލޭގެ އާންމު ސަރަަހައްދުތައް ސާފުކޮށް، ހުޅުމާލެ އިން ނަގާ ކުނީގެ ބާވަތްތައް ވަކިކޮށް، ދެމެހެއްޓެނިވި ހައްލެއް ހޯދުން ކަމަށެވެ. އަދި ތަންތަން ސާފުކުރުމުގެ މަސައްކަތްތައް އެޗްޑީސީން ކުރުމުގެ ބަދަލުގައި އެ ކަމަށް ހާއްސަ ފަރާތަކާ ހަވާލުކޮށްގެން މަސައްކަތް ކުރަން ފެށުމުން ހުޅުމާލޭގެ އުމްރާނީ ތަރައްގީގެ ކަންކަމަށް އެ ކުންފުންޏަށް އިތުރަށް ފޯކަސް ކުރެވޭނެ ކަމަށް ވެސް އެޗްޑީސީން ބުންޏެވެ.
"ކުރިއަށް އޮތް ތަނުގައި ވެސް މިފަދަ މަސައްކަތްތައް އެ ކަމަށް ކަނޑައަޅާފައިވާ ފަރާތްތަކާ މަޝްވަރާ ކުރެވިގެން، އެފަދަ މަސައްކަތްތައް އެ ފަރާތްތަކާ ހަވާލުކުރުމަކީ މި ކޯޕަރޭޝަންގެ މަގްސަދެވެ،" އެޗްޑީސީން ބުންޏެވެ.
ހުޅުމާލޭގައި އާންމުކޮށް ހުޅުވާލާފައިވާ ހުރިހާ މަގުތަކާއި މަގާ އިންވެގެންވާ ޕޭވްމަންޓާއި ގަސް އިންދާފައިވާ ސަރަހައްދުތަކާއި ޕާކްތަކާއި ބީޗް ސަރަހައްދު ވެސް ސާފުކުރާނީ ތިން އަހަރުގެ އެއްބަސްވުމުގެ ދަށުން ވެމްކޯ އިންނެވެ.
އެޗްޑީސީން ބުނިގޮތުގައި ހުޅުމާލޭގެ އާންމު ސަރަހައްދުތަކުން ވެމްކޯ އިން ނަގާނީ "ލީޓާ" ކޮށްފައިވާ ކުނީގެ ބާވަތްތަކެވެ. އޭގެ ތެރޭގައި ޕްލާސްޓިކް ފުޅި އާއި ދަޅާއި ކޮތަޅާއި ކަރުދާހާއި ފަތްކުނި ކަހަލަ ބާވަތްތައް ހިމެނެ އެވެ.
ސަމާލުކަންދޭންވީ ކަންކަން:
- ވެމްކޯގެ ކުނި އުކުމުގެ ހިދުމަތަށް ގޭބިސީތަކުން ރަޖިސްޓަރީކުރުން.
- ކެފޭ/ ރެސްޓޯރަންޓުގެ ހިދުމަތްދޭ މީހުން ވެސް ވެމްކޯގެ ހިދުމަަތަށް ރަޖިސްޓަރީވުން.
- ބޮޑެތި އަދި ބަރު ކުނި އުކާލުމަށް ވެމްކޯގެ ކޯލް އެންޑް ޕިކަޕް ސާވިސް ހިޔާރުކުރުން.
ހުޅުމާލޭގެ އާންމު ސަރަހައްދުތައް ސާފުކުރާ ޓީމާ ގުޅެން ބޭނުންވާ މީހުންގެ އެޕްލިކޭޝަން ފޯމު ބަލައިގަންނާނީ އަންނަ މަހުގެ ނުވަ ވަނަ ދުވަހުގެ 12:00 ގެ ކުރިންނެވެ. ބަލައިގަންނާނީ އެންމެ ފުރަތަމަ ހުށަހަޅާ 100 ފޯމު ކަމަށް ވެމްކޯ އިން ބުނެ އެވެ.