ހުޅުމާލޭގައި ކުނި މެނޭޖްކުރަން ވެމްކޯއަށް ކުރިމަތިވެފައިވާ މައްސަލަތަކަށް ހައްލެއް ހޯދައިދޭން ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން އެ ކުންފުންޏަށް ވަގުތީ ގޮތުން ބިމެއް ދީފި އެވެ.
އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވެމްކޯގެ މެނޭޖިން ޑިރެކްޓަރު މުޖުތަބާ ޖަލީލު ވިދާޅުވީ އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރުގެ އިސްނަންގަވައިގެން ހަވާލުކުރި އެ ބިން ލިބުމަކީ ވެމްކޯއަށް ލިބުނު ވަރަށް ރަނގަޅު ހައްލެއް ކަމަށެވެ.
ތިލަފުށީ ރީޖަނަލް ވޭސްޓް މެނޭޖްމަންޓް ފެސިލިޓީގައި ހިނގި އަލިފާނުގެ ހާދިސާގެ ސަބަބުން އެ ސައިޓުގެ ބައެއް ސަރަހައްދުތައް ބަންދުކުރަން ޖެހުމުން ކުނި ބަލައިގަންނަ މިންވަރު މަދުކުރަން މަޖުބޫރުވި ކަމަށް ވެމްކޯ އިން ކުރިން ބުނެފައިވެ އެވެ.
އެ ހާދިސާގެ ސަބަބުން މާލެ އާއި ހުޅުމާލެ އަދި ވިލިމާލޭގެ ޓްރާންސްފާ ފެސިލިޓީތަކުގެ އޮޕަރޭޝަނަށް ބުރޫއަރައި، ކުނި ބަލައިގަންނަ މިންވަރު މަދުކުރަން ޖެހުނެވެ.
ވެމްކޯގެ އެމްޑީ މުޖުތަބާ ވިދާޅުވީ ތިލަފުއްޓަށް ގެންދާ ކުނި އެ ތަނުގައި ބަހައްޓައިގެން، ކުނިވާ ޒާތުގެ ކުންޏާއި ފަންކުނޑި އާއި ގްރީން ވޭސްޓް އަދި ހުޅުހިފާ ޒާތުގެ ކުނި ވެސް ވަކިކުރާ ކަމަށެވެ. ސައިޓުގައި ރޯވީ ވަކިކޮށްފައި ހުރި، ހުޅުހިފާ ޒާތުގެ ކުނީގައި ކަމަށް އޭނާ ވިދާޅުވި އެވެ.