ބްރިޖް ހުޅުވުމަށް ފަހު ހަވާއަރުވަނީ: މިކަމަށް ވެސް ހައުސިންގެ ބަޖެޓުން ބޮޑު ހޭދައެއް ސްޓްރާޑާ އަށް ކުރި. --ފޮޓޯ: ފޮޓޯ: ނިޝާން އަލީ/ މިހާރު
29 އޮކްޓޯބަރ 2018 - 12:20
ރައީސް އަބްދުﷲ ޔާމީން ބައިވެރިވެވަޑައިގެންނެވި، ސަރުކާރުގެ ބައެއް މަޝްރޫއުތަކުގެ ނިމުން ފާހަގަކުރުމުގެ ރަސްމިއްޔާތުތަކުގެ އިންތިޒާމްތައް ހަމަޖެއްސުން ސްޓްރާޑާއާ ހަވާލުކޮށް، އެ ކުންފުންޏަށް ހައުސިން މިނިސްޓްރީގެ ބަޖެޓުން މިލިއަނުން ފައިސާ ދީފައިވާ ކަން ހާމަވާ ލިއުންތަކެއް އާއްމުވެއްޖެ އެވެ.
އެ ލިޔުންތަކުގައިވާ ގޮތުން، ނިއު ޕޯޓް ހިންގާ ކުންފުންޏާ ހަވާލުކުރި ބައެއް މަސައްކަތްތަކަކަށް ހައުސިން މިނިސްޓްރީގެ ބަޖެޓުން 44 މިލިއަން ރުފިޔާ ދޫކުރި އެވެ. އަދި ހޯމް މިނިސްޓްރީގެ ބަޖެޓުން ހަތަރު މިލިއަނަށް ވުރެ ގިނަ ރުފިޔާ ދޫކޮށްފައިވާ ކަމަށް ވެސް އެ ލިއުންތަކުގައިވެ އެވެ.
ސިނަމާލެ ބްރިޖު ހުޅުވުމުގެ ރަސްމިއްޔާތު މިދިޔަ އޮގަސްޓު މަހު ކުލަގަދަކޮށް ބޭއްވިއިރު، އެކަން އިންތިޒާމްކުރުމުގެ ގިނަ މަސައްކަތްތައް ވެސް ހަވާލުކުރީ ސްޓްރާޑާއަށެވެ. ހަވާ އެރުވުމާއި އެ ރަސްމިއްޔާތުގެ ސައުންޑާއި ލައިޓާއި އެކަންކަމަށް ވައިގެމަގުން ސާމާނުތައް ގެނައުމާއި ހަވާއަރުވަން އައި މީހުންނަށް ފްލައިޓު ޗާޓަރުކުރުން ފަދަ ޚަރަދުތަކަށް ބޮޑެތި އަދަދުތަކުން ފައިސާ ދޫކޮށްފައިވާ ކަން އެ ލިއުންތަކުން އެނގެ އެވެ.
އެސްޓީއޯ އިން ހާބަރުގައި ހެދި ފުޓްކޯޓްތައް ހުޅުވުމުގެ ރަސްމިއްޔާތުގައި ސްޓްރާޑާ އިން ކޮށްދިން މަސައްކަތަށް ވެސް ހައުސިން މިނިސްޓްރީގެ ބަޖެޓުން ވަނީ ބޮޑު އަދަދެއް ހޭދަކޮށްފަ އެވެ. މީގެއިތުރުން، ރިޔާސީ އިންތިޚާބުގެ ކެމްޕޭނާ ދިމާކޮށް، ރައީސް ޔާމީން ބަނދަރުތައް ހުޅުއްވައިދެއްވުމުގެ ރަސްމިއްޔާތުގެ ބައެއް މަސައްކަތްތައް ސްޓްރާޑާއާ ހަވާލުކޮށް ފައިސާ ދޫކޮށްފައިވެ އެވެ.
އޭގެތެރޭގައި މ. ކޮޅުފުއްޓާއި ށ. ކަނޑިތީމާއި ތ. ގުރައިދު އާއި ހއ. ބާރަށް ހިމެނެ އެވެ.
ހޯމް މިނިސްޓްރީން، ސްޓްރާޑާ އަށް ފައިސާ ދޫކުރީ، ލިއުންތަކުގައިވާ ގޮތުން، މި އަހަރުގެ މިނިވަން ދުވަހުގެ ރަސްމިއްޔާތަށް ބައެއް ކަންކަން އިންތިޒާމްކޮށްދީގެންނެވެ.
ހައުސިން މިނިސްޓްރީގެ ބަޖެޓުން ގިނަ އަދަދެއްގެ ފައިސާ ސްޓްރާޑާ އަށް ދޫކުރިކަން މި ހާމަވީ، މީގެއިތުރުން ވެސް ބައެއް މަޝްރޫއުތައް ހަވާލުކޮށްފައި ވަނީ ކޮރަޕްޝަނަށް މަގުފަހިވާ ގޮތަށް ކަމަށް ބުނެ އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން މައްސަލަ ތަހުގީގު ކުރަމުން އަންނަނިކޮށެވެ.
އެއް މައްސަލައަކީ، ސިނަމާލެ ބްރިޖު ސަރަހައްދުގައި އިމާރާތް ކުރި "ޗާ ޓައިމް"، ސަރުކާރުގެ ބޭނުމަށް ތަޅާލަން ޖެހުމުން އެކަމުގެ ބަދަލުގައި، އަވަސް އަރުވާލައިގެން ނިއު ޕޯޓު ކުންފުންޏަށް 15 މިލިއަން ރުފިޔާ ދޫކުރުން އުޅުމެވެ. އެ ފައިސާ ދޫކުރުން އޭސީސީން އަންގައިގެން ފިނޭންސް މިނިސްޓްރީން ވަނީ މަޑުޖައްސާލައިފަ އެވެ.
މި ސަރުކާރުން، މިނިވަން 50ގެ ޖާފަތް، ނިއު ޕޯޓާ ހަވާލުކުރުމުގައި ވެސް ކޮރަޕްޝަން ހިމެނޭ މައްސަލައެއް ފެންމަތިވެގެން އޭސީސީން މައްސަލަ ބަލައި ދައުވާ ކުރަން ޕީޖީ އޮފީހަށް ވެސް ފޮނުވި އެވެ. އެކަމަކު ދައުވާ ނުކުރާ ގޮތަށް ފަހުން ވަނީ ނިންމައިފަ އެވެ. އެ މައްސަލަ ޖެހިފައި އޮއްވައި އޭގެ ފަހުން، ވެސް މިނިވަން ދުވަހުގެ ސައި ތައްޔާރުކުރުން ނިއު ޕޯޓާ ހަވާލުކުރި އެވެ.
ހައުސިން މިނިސްޓްރީން މިއަދު ބުނީ އެއްވެސް މަސައްކަތެއް ގާނޫނާއި ގަވައިދުތަކާ ހިލާފަށް އެއްވެސް ބަޔަކާ ހަވާލުކޮށްފައި ނުވާނެ ކަމަށެވެ. އަދި މި މައްސަލާގައި އިތުރު ވާހަކައެއް އެ މިނިސްޓްރީން ނުބުނެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ހެހެހެ
29 October 2018
އެމްޑީޕީ ވެރިކަމުގަ ހަމަ އެއްވެސް ކޮރަޕްޝަނެއް ނުހިނގަނީތަ؟
ކިއްލިބާޝާ
29 October 2018
ހާދަ ހަޑިއެއް ހާވާާފައޭ އެހުރީ.
މަހޭ
29 October 2018
މިފައިސާ މުދާ ސަރުކާރަށް ނަގައިންގެން ނަމަވެސް ހޯދަން ޖެހޭނެ. ކާމީހުން ހަމަ ކައިގެން ފިލާ އުސޫލު އިތުރަށް ބަލައިގަންނާކަށް ބޭނުމެއް ނޫން.
މުނީޒު
29 October 2018
ވަރަށް ދެރަ. ލޮލުން ހަމަ ކަރުނަ ފައިބާ. ހާދަ ލާރިއެކޭ. ޖެހިވަރަކަށް ފައިސާ ލިބޭކަން އެނގެންޏާ އޭގެ ފައިދާ ނަގާނެނު. ހެޔޮ ނުވާނެ. ގަބޫލުވެސް ކުރަން ދަތި،
ާަައިންޖިނޭރު
29 October 2018
ތިކުންފުންޏަށް އެންވަޔަރަމެންޓް މިނިސްޓްރީންވެސް ވަރަށް ގިނައިން ފައިސާދީފަވޭ. މިކަން ތޯބެއަށް އެގޭނެ.
ދަތްނެތްކުއްޖާ
29 October 2018
ވަޒީރޫ ހާދަހާ ވަރަކަށޭ އަތްމަތި އަނބުރާލަފަ ތިޔަ ހުރީ ދޮތަ! ރައްޔިތުންގެ ފައިސާ ތަލާ ބުރުއްސާފަ ތިޔަ ބުނަނީ ޤާނޫނުގެ ތެރެއިންނޭ ތަމެން ތިކަމެއްކުރީ. މަމެން ރައްޔިތުންވެސް ބުނާނީ ތިޔަ ބުނާ ޤާނޫނުގެ އިމުގެ ތެރެއިންނޭ ތަމެންގެ މައްސަލަ ބަލާ ﷲގެ ރަޙުމަތުން ތަމެންނަށް ޙުކުމް ކުރާނީ. ﷲގެ ރަޙުމަތުން ހަމަ ހިލާ ލާހިކެއްނޫން މިހިރަ މިހިރަ ކަންކަމުން ރެކޭކަށް. ރައްޔިތުން ތިބީ ވަރަށް ހުޝިޔާރުވެގެން.
އޭސީސީ
29 October 2018
ވަޒީރަކީ ހަމަ ބަރާބަރު ވަޒީރެއް.ޔާމިނު ވިދާޅުވިގޮތަށް ކަންތައްކޮށްފަ އޮތީ.
ދީދީ
29 October 2018
ނިއުޕޯ އާ ސްރާޑާ ސަރުކާރު ބިންތަކުން ބޭރުކުރަންފެނޭ އަދި ދިން ފައިސާ ތައް އަންބުރާ ހޯދަންވީ
އަމީލް
29 October 2018
ކަމެއް ބެލިޔަދޭ ވަރެއްތަ؟ މުޅި ގައުމުގެ އަގުވައްޓާލައިފި! އެހެނަނޫނަސް ރައިސް ޔާމީން އުޅުއްވީ ގައުމަށް ތަރައްގީ ގެނެސްދޭން.
ދާދޭ
29 October 2018
އެއީ ތެދެއް. ކުރިކަމެއް ވިއްޔާ ކޮށްފައި އޮންނާނީ ފިނޭންސް މިނިސްޓްރީގެ ތެރެއިން ޤަވާއިދުން ތިޔަބުނާ ފަރާތަކަށް ފައިސާ ދޫކޮށްގެން. ނިކަމެތި ރައްޔިތު މީހާ ލައްވައި ސަރުކާރުން ކުރުވާ މަސައްކަތަކަށް 5000ރުފިޔާ ދޫކުރަނީވެސް އަށެއްކަ މަސްވާފަހުން. އެވެސް އެތައް ވަރަކަށް ކިޔައި އާދޭސް ކޮށްގެން. ބައެއްފަހަރު ބުނާނެ ކޮބައިހޭ 3ކޯޓޭޝަން. ކޮބައިހޭ އެގްރިމެންޓް. އެޚަރަދު ބަޖެޓް ކޮށްފައެއްނެތޭ. އެކަމަކު ބޮޑުމީހާގެ އެކައުންޓަށް ރާސްޓަސް މިލިއަނުން ޖަމާ.
އަމީލް
29 October 2018
ކޮން އިރަކުންބާ އެމް.ޑީ.ޕީ އިން ހިންގި ކޮރަޕްޝަން ތައް ބަލަނީ؟
ހިޝާ
29 October 2018
5 އަހަރު ނުލިބޭ ތަ އެކަން ކަން ބަލާކަށް؟ ވެރިކަމުގެ އިތުރުން މަޖިލިސް މެޖޯރިޓީ ވެސް ދިނީ މެއްނު؟
ޢަބްދުﷲނާފިޒް
29 October 2018
އަހުންވެސް ހީކުރީ ރ ޔާމީނުގެ ވެރިކަމުގަ ތިޔަކަންކަންވެސް ބަލާނެކަމަށް، އެކަމަކު ރ ޔާމީނު ދަނޑިމަތި އަނބުރާލާފަ ހުރީ އެހެން ކަމެއްގަ އެކަން ފިސާރި ރަނގަޅަށް އެމަނިކުފާނު ކުރައްވާފި، ދެން އަލަށް ހުވާ ކުރާ ވެރިކަމަކުން ބަލާނީ ރ ޔާމީނު ދަނޑިމަތި އެނބުރި މިންވަރު..............