ގޮނޑިއާ މެދު ގޮތެއް ނުނިމި ތިބި ހަތަރު ބޭފުޅުން: އެ ހަތަރު ބޭފުޅުންގެ މައްސަލާގެ ހުކުމް މާދަމާ އިއްވަން ވަނީ ހަމަޖައްސާފައި --ފޮޓޯ/މިހާރު
29 އޮކްޓޯބަރ 2018 - 19:13
ރައްޔިތުންގެ މަޖިލީހުގެ މެމްބަރުކަމުން ވަކިވެފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ކަނޑައެޅި 12 މެމްބަރުންގެ ތެރެއިން މެމްބަރު ކަމުގެ ގޮނޑިއާ މެދު މިހާތަނަށް ގޮތެއް ނުނިމި ތިބި ހަތަރު މެމްބަރުންގެ މައްސަލަތަކުގެ ހުކުމް މާދަމާ އިއްވަން ސުޕްރީމް ކޯޓުން ތާވަލުކޮށްފި އެވެ.
މަޖިލީހަށް އިންތިޚާބުވި ޕާޓީން ވަކިވުމުން ނުވަތަ ވަކި ކުރުމުން މެމްބަރު ކަމުން ވަކިވާ ގޮތަށް މިދިޔަ އަހަރުގެ ޖުލައި މަހު ސުޕްރީމް ކޯޓުން ކުރި ހުކުމަކާ ގުޅިގެން، 12 މެމްބަރެއްގެ ގޮނޑި ގެއްލިފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން މިދިޔަ އަހަރު ކަނޑައެޅި އެވެ. އޭގެ ތެރެއިން އަށް މެމްބަރެއްގެ ގޮނޑި ނުގެއްލޭ ކަމަށް ސުޕްރީމް ކޯޓުން މިހާރު ވަނީ ހުކުމްކޮށްފަ އެވެ.
ގޮތެއް ނުނިމި، ބާކީ ތިބި ހަތަރު މެމްބަރުންނަކީ ތިމަރަފުށީ ދާއިރާގެ މެމްބަރު މުހައްމަދު މުސްތަފާ އާއި ފުވައްމުލަކު އުތުރު ދާއިރާގެ މެމްބަރު އަލީ ޝާހާއި އިހަވަންދޫ ދާއިރާގެ މެމްބަރު މުހައްމަދު އަބްދުﷲގެ އިތުރުން ހަނިމާދޫ ދާއިރާގެ މެމްބަރު ހުސައިން ޝަހުދީ އެވެ.
އެ ހަތަރު ބޭފުޅުންގެ މައްސަލައިގެ އަޑުއެހުންތައް ސުޕްރީމް ކޯޓުން ކުރިން ނިންމާލާފައިވާ އިރު، ހުކުމް އިއްވަން ހަމަޖައްސާފައިވަނީ މާދަމާ ހެނދުނުން ފެށިގެން ކޮންމެ ބޭފުޅެއްގެ މައްސަލަ ވަކިވަކިންނެވެ.
އެ ހަތަރު ބޭފުޅުންގެ މައްސަލަ ވެސް ބައްލަވަނީ އުއްތަމަ ފަނޑިޔާރު ޑރ. އަހުމަދު އަބްދުﷲ ދީދީ ހިމެނިވަޑައިގަންނަވާ ގޮތަށް، ސުޕްރީމް ކޯޓުގެ ފަސް ފަނޑިޔާރުންގެ ފުލް ބެންޗުންނެވެ.
ގޮނޑި ނުގެއްލޭ ކަމަށް އެންމެ ފުރަތަމަ ކަނޑައެޅި ހަތަރު މެމްބަރުން އިއްޔެ ވަނީ އަހަރަކަށް ވުރެ ގިނަ ދުވަސް ފަހުން މަޖިލީހުގެ ޖަލްސާއެއްގައި ފުރަތަމަ ފަހަރަށް ބައިވެރިވެވަޑައިގެންފަ އެވެ. އަނެއް ހަތަރު މެމްބަރުންގެ މައްސަލަ ސުޕްރީމް ކޯޓުން ނިންމީ މިއަދެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ނުބައިހާނު
30 October 2018
ދެންމަ ހީހީ. ކުރީގެ ޙުކުމުގައި ސުކުން ޖަހައި އެ އޮޅުން ފިލުވައި ދީބަލަ.
ބޮލުން ކުޅޭ ޑަބަލް ދީދީ
30 October 2018
ޤާސިމަށް ހަދިޔާ ކުރައްވާ.
ހުންގާނު
29 October 2018
ލަދުން ބޯ ހަލާކު. ޢާޒިމާ ޝަކޫރުމެން ދައުލަތް ދަމަހައްޓަނިއްޔޯ