ރައީސް އަބްދުﷲ ޔާމީން މިއަދު ގައުމާ މުޚާތަބު ކުރައްވައި ވާހަކަފުޅު ދައްކަވަނީ. - ފޮޓޯ: ރައީސް އޮފީސް
30 އޮކްޓޯބަރ 2018 - 18:11
ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް އިތުބާރު ނެތް ކަމުގެ ވޯޓެއް ނަގައި މަގާމުން ވަކި ކުރުމަށް ރައްޔިތުންގެ މަޖިލީހުގެ އިދިކޮޅު ބައެއް މެމްބަރުން މިއަދު މަސައްކަތް ފައްޓަވައިފި އެވެ.
"މިހާރު" އެނގިފައިވާ ގޮތުގައި ރައީސް ޔާމީން މަގާމުން ވަކި ކުރުމުގެ މަސައްކަތުގައި އެންމެ އިސްކޮށް އުޅުއްވަނީ މަޖިލީހުގެ މެމްބަރު ކަމުގެ ގޮނޑި ގެއްލުނު ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން ކަނޑައެޅި 12 މެމްބަރުންނެވެ. އޭގެ ތެރެއިން ގިނަ މެމްބަރުން ޖޮއިންޓް ޕާލަމެންޓްރީ ގްރޫޕްގެ ރަސްމީ ވަޓްސްއަޕް ގްރޫޕްގައި ވެސް ވަނީ އެކަމަށް ގޮވާލައްވައިފަ އެވެ.
މަޖިލީހުގެ ދިއްގަރު ދާއިރާގެ މެމްބަރު އަހުމަދު ފާރިސް (ކ) އަދި ގެމަނަފުށީ ދާއިރާގެ މެމްބަރު ޖަމީލް އުސްމާން، މަޖިލީހުގެ ގޯތިތެރޭގައި. --- ފޮޓޯ: އަހުމަދު ނިޝާތު/ މިހާރު
މަޖިލީހުގެ ރައީސް އަބްދުﷲ މަސީހު މުހައްމަދުގެ އިތުބާރު ނެތް ކަމުގެ ވޯޓު ނެގުމަށް ޖުލައި 3، 2017 ގައި ހުށަހެޅި މައްސަލައިގައި ސޮއިކުރި 12 މެމްބަރަކު މަޖިލީހުން ވަކިވެފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން ކަނޑައެޅި ކަނޑައެޅުން ސުޕްރީމް ކޯޓުން ވަނީ މިހާރު ވަނީ ބާތިލްކޮށްފަ އެވެ. އަދި އެ މެމްބަރުންނަށް މަޖިލީހަށް ނުވަދެވި އޮތް އޮތުން އަހަރެއް ފަހުން ވަނީ ނިމުމަކަށް އައިސްފަ އެވެ.
އިދިކޮޅު ސިޔާސީ ހަތަރު ލީޑަރުން ތިއްބަވާ ޖޮއިންޓް ޕާލަމެންޓްރީ ގްރޫޕްގެ ވަޓްސްއަޕް ގްރޫޕްގައި ބައެއް މެމްބަރުން ވިދާޅުވީ، ރައީސް ޔާމީން މަގާމުން ވަކި ކުރުމުގެ މައްސަލަ މިހާރުން މިހާރަށް މަޖިލީހަށް ވައްދަން ޖެހޭ ކަމަށެވެ. އަދި އެކަމަށް ގިނަ އަދަދެއްގެ މެމްބަރުން ތާއީދު ވެސް ކުރެއްވި އެވެ.
ވަޓްސްއެޕް ގްރޫޕްގައި ރައީސް ޔާމީން "އަޒުލު ކުރުމަށް" ހުށަހަޅަން ތިނަދޫ އުތުރު ދާއިރާގެ މެމްބަރު ސައުދުﷲ ހިލްމީ ގޮވާލެއްވުމުން ތިމަރަފުށީ ދާއިރާގެ މެމްބަރު މުހައްމަދު މުސްތަފާ ވިދާޅުވީ ރައީސް ޔާމީންގެ ވެރިކަމަށް ބާކީ "އެއް ދުވަސް" އޮތަސް އެ މައްސަލަ މަޖިލީހަށް ވައްދަން ޖެހޭ ކަމަށެވެ.
ސައުދުﷲ އާއި މުސްތަފާގެ ވާހަކައަށް ތާއީދު ކުރައްވައި، ހަނިމާދޫ ދާއިރާގެ މެމްބަރު ހުސެއިން ޝަހުދީ އާއި ތިނަދޫ ދެކުނު ދާއިރާގެ މެމްބަރު އަބްދުﷲ އަހުމަދު (އަބުޅޯ) ވިދާޅުވީ، ރައީސް ޔާމީން މަގާމުން ވަކި ކުރުމަކީ "މިހާރުން މިހާރަށް" ކުރަން ޖެހޭ ކަމެއް ކަމަށެވެ.
އޭގެ ފަހުގައި، ކުޅުދުއްފުށީ އުތުރު ދާއިރާގެ އެމްޑީޕީގެ މެމްބަރު އަބްދުލްޣަފޫރު މޫސާ އާއި ދިއްދޫ ދާއިރާގެ މެމްބަރު އަބްދުއްލަތީފް މުހައްމަދު ވެސް ވިދާޅުވީ ރައީސް ޔާމީން ވަކި ކުރުމުގެ މައްސަލަ މާދަމާ ވެސް މަޖިލީހަށް ވައްދަންވީ ކަމަށެވެ. އެނގިފައިވާ ގޮތުގައި، ރައީސް ޔާމީންގެ މައްޗަށް އިތުބާރު ނެތް ކަމުގެ ވޯޓު ނެގުމަށް ބޭނުންވާ ސޮއި ހޯދުމުގެ މަސައްކަތް މާދަމާ ފެށުމަށް ވަނީ ހަމަޖެހިފަ އެވެ.
ރައްޔިތުންގެ މަޖިލީހުގެ އިދިކޮޅު ބައެއް މެމްބަރުން، ސުޕްރީމް ކޯޓުގެ ބޭރުގައި ފޮޓޯއަކަށް ހުއްޓިވަޑައިގެން. --- ފޮޓޯ: އަހުމަދު ނިޝާތު/ މިހާރު
ގާނޫނުއަސާސީގައިވާ ގޮތުން ރައީސުލްޖުމްހޫރިއްޔާ މަގާމުން ވަކި ކުރުމުގެ ގަރާރު މަޖިލީހަށް ހުށަހެޅޭނީ މަދުވެގެން ތިންބައިކުޅަ އެއްބައި މެމްބަރުން ސަބަބު ބަޔާންކޮށް ހުށަހެޅުމުންނެވެ. އެއީ، މިހާރު މަޖިލީހުގައި ތިއްބަވާ 85 މެމްބަރުންގެ ތެރެއިން 28 މެމްބަރުންގެ ސޮއި ލިބިގެންނެވެ.
މަޖިލިސް ބެހިފައި އޮތް ގޮތަށް ބަލާއިރު، އިދިކޮޅު މެމްބަރުންގެ އަދަދަކީ މިހާރު 45 އެވެ. އަދި މަޖިލީހުގެ ރައީސް އަބްދުﷲ މަސީހް ހިމަނައިގެން، ޕީޕީއެމް/އެމްޑީއޭ ކޯލިޝަންގެ މެމްބަރުންގެ އަދަދަކީ 40 އެވެ. އެހެންވެ، ރައީސް ޔާމީން ވަކިކުރަން މަޖިލީހަށް ހުށަހެޅުމަށް ބޭނުންވާ ސޮއި ހޯދުމަކީ ފަސޭހަ ކަމެކެވެ.
ގާނޫނުއަސާސީގައިވާ ގޮތުން ރައީސުލްޖުމްހޫރިއްޔާ ވަކިކުރުމަށް ހުށަހަޅާ ގަރާރު ފާސްވާނީ މަޖިލީހުގެ ޖުމްލަ މެމްބަރުންގެ ތިންބައިކުޅަ ދެބައިގެ އަޣުލަބިއްޔަތުންނެވެ. އެއީ މަޖިލީހުގައި ހިމެނިވަޑައިގަންނަވާ 85 މެމްބަރުންގެ ތެރެއިން 57 މެމްބަރުންގެ ވޯޓެވެ. އިދިކޮޅު ބައެއް މެމްބަރުން ވިދާޅުވި ގޮތުގައި، ރައީސް ޔާމީން މަގާމުން ވަކި ކުރުމަށް ބޭނުންވާ ސޮއި މިހާރު ހޯދުމަކީ "އެއްވެސް ކަމެއް ނޫނެވެ".
ގާނޫނުއަސާސީގައި ރައީސުލްޖުމްހޫރިއްޔާ މަގާމުން ވަކި ކުރެވޭނެ ސަބަބުތަކުގެ ތެރޭގައި އިސްލާމް ދީނުގެ އަސްލަކާ ހިލާފުވުމާއި ގާނޫނުއަސާސީ އާއި ގާނޫނަކާ ކަނޑައެޅިގެން ހިލާފުވުމާއި ރައީސުލްޖުމްހޫރިއްޔާ ކަމުގެ މަގާމުގައި ހުރެ ކުރުން އެކަށީގެން ނުވާ ކަމެއް ކުރުމާއި ރައީސުލްޖުމްހޫރިއްޔާގެ މަގާމުގެ މަސްއޫލިއްޔަތު އަދާ ކުރުމުގައި ނާގާބިލްވުން ހިމެނެ އެވެ. ރައީސުލްޖުމްހޫރިއްޔާގެ މަގާމުގައި ހުރި މީހަކު، މަޖިލީހުން ވަކި ކުރަން ފާސްކޮށްފިނަމަ، އެކަމާ މެދު ދެން ގޮތެއް ނިންމާނީ ސުޕްރީމް ކޯޓުންނެވެ.
ރައީސް ޔާމީން ވަކި ކުރުމަށް މަޖިލީހަށް ގަރާރެއް ހުށަހެޅުމުގެ މަސައްކަތް ފެށިއިރު، އެމަނިކުފާނުގެ ވެރިކަމުގައި ބާކީ އޮތީ އެންމެ 17 ދުވަހެވެ. އަންނަ މަހުގެ 17 ވަނަ ދުވަހު ރައީސް ކަމުގެ ހުވާ ކުރައްވާނީ ރިޔާސީ އިންތިހާބުގައި ރައީސް ޔާމީން ބޮޑު ތަފާތަކުން ބަލި ކުރެއްވި އިންތިހާބީ ރައީސް އަދި އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އިބްރާހިމް މުހައްމަދު ސޯލިހް (އިބޫ) އެވެ.
ރައީސް ޔާމީން މަގާމުން ވަކި ކުރުމުގެ މައްސަލަ މަޖިލީހަށް ވެއްދުމުގެ މަސައްކަތް ކުރާއިރު، 51 މެމްބަރުންގެ ސޮޔާއެކު، މަޖިލީހުގެ ރައީސް މަސީހްގެ އިތުބާރު ނެތް ކަމުގެ މައްސަލަ މަޖިލީހަށް ވަނީ ވައްދައިފަ އެވެ. އެ މައްސަލަ ހުށަހަޅުއްވަން ޕީޕީއެމްގެ މެމްބަރުން ވެސް ސޮއި ކުރެއްވި އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
މުޙައްމަދު ހާން
01 November 2018
މި ދެން ކިހާ ވަރެއްގެ ކަމެއް މުޅިޤަވްމު ސުއްނާފަތިކޮށްފި، އަބަދުވެސް މި މަޖިލިހުގެ މީހުން ބޭނުންވަނީ މައްސަލަ ތަކެއްގައި ތިބެ ކޯޅުން، ރަށްޔަތުން ނުކުމެ މި މީހުން ބޭރުކުރަންވި. ވެރިކަން ނިމިގެން ދާއިރު ދެން މަސްލަހަތު ނަގާލަން ކީން މިކުރަނީ ހާދަ ދަށު ދަރޖާގެ ކަމެކޭ، މަރުވެފައި އޮތް ބުޅަލެއް މަރާލަން އުޅުމެކޭ އެއްގޮތް، ތަޞައްރަފު ނުފުދޭ ކުދީންވެސް ނުކުރާނެ މިފަދަ ކަމެއް
ދިރާސާ ދަރިވަރު
01 November 2018
ތެދެއްމެ. ތަޞައްވަރަށް ގެންނަވަ ބައްލަވަ އެއީ ސައި ހޮޓަލެއްގެ ބަދިގޭ ގައި ނަމަ ހޫނު ތަވައެއްގެ މަތީގައި ހުރެގެން ދެފައި އެއްތަނަކު ނުޖަހާ ކަތަކު ޑާންސް ކުރަން ދަސްކުރަން އުޅުން ކަހަލަ ކަމެއްކަމަށް.
އެޔާމީނު
01 November 2018
ތިޔަކަމަކުން ރައްޔިތުންނަށް އޮތް ފައިދާއަކީ ކޮބާކަން ނުވިސްނުނު.
އަނދު
01 November 2018
ވެއްޓެނީ ވެއްޓެނީ...
މަންސޫރު
31 October 2018
އަދި ނަރީޝްގެ ފޯނުވެސް އަތުލާނެ.
ކޮބާ..ކޮބާ
31 October 2018
މަގާމުން ބޭލުނު ގޮތަކަށް ބާލަންވެސް ޖެހޭނެ.. އަދި ވަރުގަދަ ޔަށް އަދުލު ވެރިކޮށް ޝަރީއަތް ވެސް ކުރަން ޖެހޭނެ...
ނަނަނަނަ
31 October 2018
އެއީ ވަކި މީހަކަށް ކުރަންޖެހޭ ކަމެބާ؟؟
އަސޮކު
31 October 2018
ކުރިންވެސް ތިގޮތަށް މާ ވެގެން އުޅެނިކޮށް ވެރިކަން ވެއްޓުނީ. ދެންވެސް ހަމަ ޖެހިލައިގެން ހުވާ ކޮށްގެން ގައުމާއިގެން ކުރިއަށް ދެވޭތޯ ބަލާބަލަ.
އަކުމަދު
31 October 2018
ތިޔަ 12 މެމްބަރުން ޕީޕީއެމް ގެ ރަންޒަމާނުގައި ރައްޔިތުންނަށް ދިން އަނިޔާ އަހަރެން ހާދާން އެބަހުރި، މިހާރު މިހިގާ ކަންތަކަކީ ތި ބޭފުޅުންވެސް ބައިވެރިވުމުން ހިގި ކަންތައް، .... ހަބަރު ދާރު (ފޮޓޯ ގައި އިންޑިޔާ މަނަވަރެއް) . ޝުކުރިއްޔާ
ހަސަންސް
31 October 2018
ބޭކާރުކަމެއް.. ބަލިވެ، ބިންމައްޗަށް ވެއްޓި، ފަހު ނޭވާގައިވާ މީހެއްގައިގަ ދެން އިތުރަށް ކޮޅުފައިން ޖެހުމުގެ މާނައެއްނެތް.. ޔާމީނު އެވަނީ ހަޑި ބައްޔަކުން ބަލިވެފަ.. ބަލި ވީމާވެސް ބަލި ގަބޫލު ނުކޮށް ގަދަ ހަދަހަދާ ހުއްޓާ ބަނޑު ވަތަށް ވައްޓާލީ ޔާމިނު ގާތު ކުރިން ތިބި މީހުން... އެ ބޮޑު ހަޑީ ގެ މައްޗަށް ކުޑަވެސް ފޮނި ކަމެއް ލިބިދާނެ އެއްވެސް ކަމެއް ކުރުން ބުއްދިވެރިއެއްނޫން.. ޔާމީނު ވެރިކަން ދޫކޮށްއެދަނީ އޭނާ ބޭނުންވެގެނެއްނޫން....
އައްޑޫ ބެއްޔާ
31 October 2018
ނިމިގެންދާ ވެރިކަމެއްގައި އަޒުލުކުރުމަކީ ކޮންމެހެން މުހިއްމު ކަމެއްނޫނެވެ. އެކަމަކު މިޙާލަތަުގައި ރައީސް ޔާމީން އަޒުލު ކުރެވުނަސް ނުކުރެވުނަސް، ވަރަށް މުހިއްމުކޮށް މި މިމައްސަަލަ ވައްދަން ފެނެއެވެ. ޤައުމުގެ މަޖިލިސްގެ ބާރު ކެނޑި މީހާ އެމަޖިލިސް އިން ފިޔަ ކޮށާލުމަކީ ޑިމޮކްރަސީއަށް މުހިއްމު ކަމެކެވެ. އަދި ޗައިނާ ހަންފަތުރާ މީހުންނަށް ރަނގަޅު މެސެޖެކެވެ.