ކުޅިވަރު / ދިރާގު ދިވެހި ލީގު

ފޯކައިދޫ އަތުން މޮޅުވެ ޓީސީން އަލުން ލީޑުފުޅާކޮށްފި

ފޯކައިދޫގެ ކުޅުންތެރިއަކު ކައިރިން ޓީސީގެ ދަގަނޑޭ ބޯޅަ ހިފައިގެންދަނީ.--

31 އޮކްޓޯބަރ 2018 - 00:29

2 comments

މުހައްމަދު ސާމިރުގެ ހެޓްރިކާ އެކު ދިރާގު ދިވެހި ޕްރިމިއާ ލީގުގައި މިރޭ ށ. ފޯކައިދޫ އަތުން 5-1 އިން ހޯދި ބޮޑު މޮޅާ އެކު ޓީސީ ސްޕޯޓްސް ކްލަބުން ލީގުގެ އެއް ވަނައިގައި އަލުން ލީޑުފުޅާކޮށްފި އެވެ.

ލީގުގައި ރޭ މާޒިޔާ ކުޅުނު މެޗުން މޮޅުވުމުން އެއް ވަނައިގައި ޓީސީގެ ލީޑުވަނީ ދެ ޕޮއިންޓަށް ކުޑަވެފަ އެވެ. އެކަމަކު މިރޭގެ މޮޅާ އެކު ޓީސީން ވަނީ އަލުން ފަސް ޕޮއިންޓަށް ލީޑުފުޅާކޮށްފަ އެވެ. ގައުމީ ޓީމު މެލޭޝިއާއާ ދެކޮޅަށް ކުޅޭ މެޗަށް މިރެއަށް ފަހު، ލީގު މެދުކަނޑާލިއިރު، ކޮންމެ ޓީމެއް ވަނީ 12 މެޗު ކުޅެފަ އެވެ. ބާކީ ކޮންމެ ޓީމަކަށް އޮތީ ހަތަރު މެޗެވެ.

ޓީސީ އެއް ވަނައިގައި އޮތީ 33 ޕޮއިންޓާ އެކު އެވެ. މާޒިޔާ ދެ ވަނައިގައި 28 ޕޮއިންޓާ އެކު އޮތްއިރު، ތިން ވަނައިގައި އޮތީ 26 ޕޮއިންޓާ އެކު އީގަލްސް އެވެ. ހަތަރު ވަނައިގައި އޮތް އެންމެ ފަހުގެ ޗެމްޕިއަން ނިއު އޮތީ 24 ޕޮއިންޓާ އެކު އެވެ. ފަސް ވަނައިގައި އޮތް ގްރީން ސްޓްރީޓްސް އަށް 21 ޕޮއިންޓް އޮތްއިރު، ހަ ވަނައިގައި އޮތް ވިކްޓަރީގެ އޮތީ 10 ޕޮއިންޓުގަ އެވެ. ހަތް ވަނައިގައި ފޯކައިދޫ ނުވަ ޕޮއިންޓާ އެކު އޮތްއިރު، އަށް ވަނައިގައި އޮތް ފ. ނިލަންދު އަށް ލިބިފައި ވަނީ ހަތް ޕޮއިންޓެވެ.

ޓީސީގެ ކޯޗު މުހައްމަދު ނިޒާމް (ނިޒާމްބެ) ބުނީ މެޗުން މޮޅުވުމުގައި އެންމެ ބޮޑަށް ފަސޭހަވީ ކުރީކޮޅު ލަނޑެއް ޖެހުމުން ކަމަށާއި މުހިއްމީ ކޮންމެ ގޮތަކަށް ނަމަވެސް ތިން ޕޮއިންޓް ކަމަށެވެ. އަދި މި މެޗުގައި ހެޓްރިކް ހެދި ސާމިރުގެ ކުޅުމަށް ތައުރީފްކުރި އެވެ.

"ޕެނަލްޓީ ލިބުނީމަ އަޝްފާގު ލައްވާ ނުޖެހުވީ ޓޮޕްސްކޯރާ ހޯދަން އަޝްފާގަށް ތަބަކަށް ލާފައި ދޭކަށެއް ނޫން. އޭނަ އަކީ އަމިއްލަ މަސައްކަތުން ލަނޑު ޖަހާ ކުޅުންތެރިއެއް. އަދި ޒުވާން ކުޅުންތެރިންނަށް ފުރުސަތު ދޭން ބޭނުންވާ ކުޅުންތެރިއެއް. ދެން މި މެޗުގައި ސާމިރު ވަރަށް މޮޅަށް ކުޅެފި. ޖުމްލަ ގޮތެއްގައި ހުރިހާ ކުޅުންތެރިން ވެސް ރަނގަޅަށް ކުޅުނު،" ނިޒާމްބެ ބުންޏެވެ.

"ލީގުގައި އެއްވެސް ޓީމެއް ފަސޭހައެއް ނުވާނެ. ޓީސީން ވިސްނާނީ ފަސް ޕޮއިންޓުގެ ލީޑެއް އޮތަސް ވަރުގަދަ އަށް މި އޮތް ޓީމުތަކާ ދެކޮޅަށް ކުޅޭއިރު ޕޮއިންޓެއް ގެއްލުނަ ނުދޭން."

މިރޭގެ މެޗުގެ ފުރަތަމަ ހަމަލާ ފޮނުވާލީ ޓީސީގެ އިޝާން އިބްރާހިމް (ސައްޓު) އެވެ. އޭނާ ފޮނުވާލި ބޯޅަ ދިޔައީ ބޭރަށެވެ. ޓީސީން ލީޑުނެގީ މެޗުގެ 12 ވަނަ މިނިޓްގައި އިބްރާހިމް މަހުދީ (ފޭދޫ އިއްބެ) ޖެހި ގޯލުންނެވެ. މުހައްމަދު އައްޒާމް ޖެހި ބޯޅަ ފޯކައިދޫ ކުޅުންތެރިއަކު ފައިގައި ޖެހިފައި އޭރިއާ ތެރެއިން ފޭދޫ އިއްބެ އަށް ލިބުމުން އޭނަ ވަނީ ގޯލުގެ ތެރެއަށް ބޯޅަ ފޮނުވާލައިފަ އެވެ. އެ ބޯޅަ އޮފްސައިޑް ކަމަށް ފޯކައިދޫ ކުޅުންތެރިން ވަނީ އެޕީލްކޮށްފަ އެވެ.

ޓީސީން ލީޑުނެގުމުން ފޯކައިދޫ އިން ބޯޅަ ހިފަހައްޓައިގެން ކުޅެން މަސައްކަތްކުރި އެވެ. ފޯކައިދޫ އަށް ކުޅޭ ތަޖުރިބާކާރު މިޑްފީލްޑަރު އަހުމަދު މުހައްމަދު މެޗުގެ 17 ވަނަ މިނިޓްގައި ޖެހި ބޯޅަ ދިޔައީ އަރިމަތިން ބޭރުންނެވެ. އޭގެ ތިން މިނިޓް ފަހުން ފޭދޫ އިއްބެ އަށް ދެ ވަނަ ލަނޑެއް ޖަހަން ލިބުނު ފުރުސަތުގެ ބޭނުން އޭނާ އަށް ނުހިފުނެވެ.

ޓީސީގެ ސާމިރު ގޯލަށް ބޯޅަ ފޮނުވާލަނީ.-- ފޮޓޯ: ހުސެއިން ނިޝާތު/ މިހާރު

ޓީސީން ލީޑުފުޅާކުރީ މެޗުގެ 41 ވަނަ މިނިޓްގައި މުހައްމަދު ސާމިރު ޖެހި ގޯލުންނެވެ. ކައުންޓަ އެޓޭކެއްގައި އަލީ އަޝްފާގު (ދަގަނޑޭ) ހުސްކޮށްލާފައި ސާމިރު އަށް ދިން ބޯޅަ އޭނާ ވަނީ ގޯލުގެ މަތީ ދާގަނޑަށް އަމާޒުކޮށްލައިފަ އެވެ. ފުރަތަމަ ހާފު ނިމުމުގެ ކުރިން ޓީސީ އަށް ތިން ވަނަ ލަނޑެއް ޖަހައިދޭން އަހުމަދު ރިލްވާން (ބެން) އަށް ހުސްކޮށް ލިބުނު ފުރުސަތުން އޭނާ ޖެހި ބޯޅަ ދިޔައީ ހުރަސްދަނޑި މަތިންނެވެ.

ދެ ވަނަ ހާފްގައި ޓީސީގެ ފުރަތަމަ ހަމަލާ ފޮނުވާލީ ދަގަނޑޭ އެވެ. މެޗުގެ 51 ވަނަ މިނިޓްގައި ދަގަނޑޭ ޖެހި ބޯޅައެއް ފޯކައިދޫގެ ކީޕަރު ޕާކިސްތާނުގެ ހަނީފް ސާގިބް ވަނީ މަތަކޮށްފަ އެވެ. އެކަމަކު އޭގެ ފަހުން ހަތަރު މިނިޓް ތެރޭ ދެ ލަނޑު ޖަހައި ސާމިރު ވަނީ އޭނާގެ ހެޓްރިކް ފުރިހަމަކޮށްފަ އެވެ. ސާމިރު އޭނާގެ ހެޓްރިކް ފުރިހަމަކުރި ލަނޑު ޖެހީ ޕެނަލްޓީ އަކުންނެވެ. މި ޕެނަލްޓީ އަކީ ދަގަނޑޭ އަށް ކުރި ފައުލަކަށް ދިން ޕެނަލްޓީ އެކެވެ.

އޭގެ ފަހުން ފޭދޫ އިއްބެ އާއި ދަގަނޑޭ ފޮނުވާލި ހަމަލާތައް ދިޔައީ ކާމިޔާބުނުވެ އެވެ. ފޭދޫ އިއްބެ ފޮނުވާލި ބޯޅަ ކީޕަރު ހަނީފް މަތަކުރިއިރު، ދަގަނޑޭ ޖެހި ޝޮޓް ދިޔައީ އަރިމަތިން ބޭރުންނެވެ.

ފޯކައިދޫ އަށް ލަނޑު ޖަހައިދޭން މެޗުގެ 70 ވަނަ މިނިޓްގައި އެ ޓީމުގެ އަހުމަދު އުސާމް އަށް ރަނުގެ ފުރުސަތެއް ލިބުނެވެ. އޭނާ ޖެހި ބޯޅައިގައި ބާރެއް ނެތްއިރު ޓީސީގެ ކީޕަރު އިބްރާހިމް ނަދީމް ވަނީ ފަސޭހައިން އެ ބޯޅަ އަތަށް ނަގައިފަ އެވެ. ނަދީމް ކުޅެން އެރީ ޓީސީގެ އެއް ވަނަ ކީޕަރު ނޭޕާލްގެ ކިރަން ކުމާރުގެ ބަދަލުގައި ދެ ވަނަ ހާފުގަ އެވެ.

ޓީސީގެ ފަސް ވަނަ ލަނޑު ޖެހީ މެޗުގެ 77 ވަނަ މިނިޓްގައި ދަގަނޑޭ އެވެ. އޭނާ މި ލަނޑު ޖެހީ ފޯކައިދޫގެ ތިން ކުޅުންތެރިން ކައިރިން ނާއްޓާލުމަށް ފަހު އެވެ. އޭގެ ދެ މިނިޓް ފަހުން ދަގަނޑޭ ދެ ވަނަ ލަނޑެއް ޖަހަން ފޮނުވާލި ބޯޅަ ކީޕަރު ހަނީފް ވަނީ ހުއްޓުވައިފަ އެވެ.

ފޯކައިދޫގެ ހަމައެކަނި ލަނޑު މެޗުގެ ފަހު މިނިޓްގައި ޖެހީ އުސާމް އެވެ. އެ ޓީމުގެ ޖައިލަމް މުހައްމަދު (އޮގީ) ހުސްކޮށްލާފައި ދިން ބޯޅަ އުސާމް ވަނީ ފަސޭހަކަމާ އެކު ގޯލަށް ފޮނުވާލައިފަ އެވެ. މެޗުގެ ކުޅުން ނިމުނު ފަހުން ދެ ޓީމުގެ ކުޅުންތެރިން ސަލާމްކޮށްފައި ދަނޑުން ފޭބި ވަގުތު ފޯކައިދޫގެ ކީޕަރު ހަނީފް މެޗުގެ ރެފްރީ އާދަމް ފަޒީލާ ބޭއަދަބީ ބަހުން މުއާމަލާތު ކުރުމުން އޭނާ އަށް ވަނީ ރަތް ކާޑެއް ދައްކައިފަ އެވެ.

ފޯކައިދޫގެ ކޯޗު އަލީ ނިސްތާރު ބުނީ އެ ޓީމުގެ ކުޅުންތެރިން ވަރަށް ހިތްވަރުކުރި ކަމަށާއި މައްސަލަ ދިމާވީ މާ ބޮޑަށް އެޓޭކިން ގޭމަކަށް ވިސްނުމުން ކަމަށެވެ.

"ތަންކޮޅެއް ރަނގަޅުވީސް ކަންނޭނގެ ތަންކޮޅެއް ޑިފެންސިވްކޮށް ނިކުތްނަމަ. އަސްލު ކޮންމެ މެޗަަކަށް ވެސް ނުކުންނަނީ މެޗު ނެގުމުގެ ވިސްނުމުގައި. މިއަދު ދެން ތަންކޮޅެއް މިސްޓޭކް ވެސް ގިނަވީ. ފޯކައިދޫގެ ވިސްނުމަކީ މެޗަކަށް ފަހު މެޗެއް. ނިލަންދޫ މެޗު އިނީ އެންމެ ފަހުން،" ނިސްތާރު ބުންޏެވެ.

ލީގުގެ ކުޅުން އަލުން ދެން ފަށާނީ އަންނަ މަހު ހަތް ވަނަ ދުވަހު އެވެ.

2 ކޮމެންޓް, 9 ރިއެކްޝަންސް

icon happy icon happy 89%
icon sad icon sad 0%
icon angry icon angry 11%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

އާރީ

31 October 2018

ޓީސީ ވެސް ހަމަ ބިމަށް ތިރިވާކަން މާގިނަ ދުވަހެއް ނެތް ކަންނޭ. ނިއުރޭޑިޔަންޓް ރޫލާލީ ހިތުން މޮޅުތަކެއް ވާނެ ކަމަށްތަ.

The name is already taken The name is available. Register?

ޑޭވް

31 October 2018

ނިއުގެކުޅުން ތެރިންނަށް މުސާރަ ނުދިނުމަކީ ޓީސީން ކުރާ ކަމެއްތަ؟

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454