ފްލައިމީގެ ބޯޓެއް ގަން އެއާޕޯޓްގައި: އަންނަ މަހު އަލުން އައްޑު އަށް ދަތުރުތައް ފަށާނެ.
31 އޮކްޓޯބަރ 2018 - 17:39
ވިލާ އެއާގެ ފްލައިމީން އައްޑު އާއި ފުވައްމުލަކަށް އަންނަ މަހުގެ 15 ވަނަ ދުވަހު ޝެޑިއުލް ދަތުރުތައް ފަށަން ނިންމާފައިވާ ކަމަށް އެ އެއާލައިނުން ބުނެފި އެވެ.
ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި ވިލާ ގްރޫޕްގެ ޗެއާމަން ގާސިމް އިބްރާހިމްގެ ވިލާ އެއާ އިން މިއަދު ނެރުނު ބަޔާނެއްގައި ބުނީ ރާއްޖޭގެ އެންމެ ދެކުނުގެ ދެ ސިޓީ އަށް އަންނަ މަހުގެ 15 ދުވަހު އަލުން ދަތުރުތައް ފަށަން ނިންމައި، މާދަމާ އިން ފެށިގެން ޓިކެޓް ބުކްކޮށް ދޭން ފަށާނެ ކަމަށެވެ.
ފްލައިމީން ބުނިގޮތުގައި އައްޑު އާއި ފުވައްމުލަކަށް ދަތުރުތައް ރާވާފައި ވަނީ ފަސިންޖަރުންނަށް ފަސޭހަ ވާނެ ގޮތަށް ބަލައިގެންނެވެ. އެގޮތުން އާދީއްތަ އިން ބުދަ އަށް ދަތުރުތައް ބާއްވާނީ މެންދުރު ފަހު 1:00 ގަ އެވެ. އަދި ބުރާސްފަތި ދުވަހުން ހޮނިހިރަށް ދަތުރުތައް ބާއްވަނީ ހަވީރު 6:00 ގަ އެވެ.
އައްޑު އާއި ފުވައްމުލަކަށް ފްލައިމީން އަލުން ދަތުރުތައް މި ފަށަނީ ހިދުމަތް މެދުކަނޑާލިތާ ތިން އަހަރު ދުވަސް ފަހުންނެވެ.
ފްލައިމީގެ ޕޯސްޓެއް.
ފްލައިމީން އެންމެ ފުރަތަމަ އައްޑު އާއި ފުވައްމުލަކަށް ދަތުރުތައް ފެށީ ފެބްރުއަރީ 2، 2013 ގަ އެވެ. އެ ދަތުރުތައް ހުއްޓާލީ އޭގެ ދެ އަހަރު ފަހުން މާޗް 2015 ގަ އެވެ.
އެ އެއާލައިނުން ދަތުރުތައް ބާއްވަން ފެށުމުން ދަތުރުތަކުގެ އަގު ވެސް ވަރަށް ބޮޑަށް ހެޔޮވެފައިވެ އެވެ. އަލުން ދަރުތުތައް ފަށާ އިރު، ކޮންމެ ކޮޅަކަށް ފުރަތަމަ 10 ޖާގަ އަށް ޕްރޮމޯޝަނެއްގެ ގޮތުގައި އެއްކޮޅު ޓިކެޓެއް ވިއްކަން ނިންމާފައި ވަނީ 999ރ. އަށެވެ. އެގޮތުން އެ އަގުގައި ޓިކެޓް ލިބޭނީ އެންމެ ފުރަތަމަ ޓިކެޓް ނަގާ ކަސްޓަމަރުންނަށެވެ.
ދަތުރުތައް ފަށާތީ ވިލާ އެއާއިން ވަނީ އައްޑު އާއި ފުވައްމުލަކުގައި މަސައްކަތް ކުރާނެ މުވައްޒަފުން ވެސް ހޯދަން އިއުލާން ކޮށްފަ އެވެ.
އައްޑު އާއު ފުވައްމުލަކަށް މިހާރު ޝެޑިއުލް ދަތުރުތައް ބާއްވަނީ ގައުމީ އެއާލައިން މޯލްޑިވިއަނުންނެވެ.
ފްލައިމީގެ މި ވަގުތު ދަތުރުތައް ބާއްވަނީ އދ. މާމިގިއްޔާއި ބ. ދަރަވަންދޫ އެއާޕޯޓަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ގުއިރޯނު
31 October 2018
އިސްތިރާތިޖީ ވިސްނުމަކުން ބަލާއިރު ގައުމު ތަރައްގީވެ ކުރި އަރަނީ ހަމައެކަނި ސަރުކާރުން ކުރާ މަސައްކަތަކުން ނޫން. އަމިއްލަ ފަރުދުންގެވެސް ހިއްސާއާއެކު. އެހެންނަމަވެސް ފާއިތުވި ޒަމާންތަކުގަ ކަންވެފަ އޮތްގޮތަށް ބަލާއިރު ރާއްޖޭގަ އޮޕަރޭޓްކުރި ގިނަ އެއަރލައިންތަކެއް ހުއްޓާލަން ޖެހުނީ ސަރުކާރުން އަމިއްލަ ފަރާތްތައް ކުރިއަރުވާ ތަރައްގީކުރަން މަސައްކަތް ކުރުމުގެ ބަދަލުގަ އެފަރާތްތައް އިނދަ ޖައްސާލަން މަސައްކަތް ކުރުމުގެ ސަބަބުން.
ޑޮކްޓަރުންގެ ސިޓީ / އައްޑޫ ސިޓީ
31 October 2018
ވިލާގެ އެބުރިއައުމަށް މަރުޙަބާ.! ހުޅުލެއިން ފުވައްމުލަކާއި ގަމަށް ޝެޑިއުލް ދަތުރު ހަނަޖައްސަވާއިރު އެމިރޭޓްސް ޓާރކިޝް ، ގަތަރު އަދި ސިންގަޕޯރ އެއަރލައިންސް ފަދަ ފްލައިޓްތަކުން އަންނަ ފަތުރުވެރިންނަށް ފަސޭހައިން ގަމަށް ކަނެކްޓިންގ ފްލައިޓް ނެގޭގޮތަށާއި އަދި އެއް އަގެއްގައި ފަތުރުވެރިންނަށްވެސް ޓިކެޓް ވިއްކުން ރަނގަޅު. . . އަދި ސްރީލަންކަންއިން ދަތުރުކުރާ ތ، ލާމް، ހުވަދޫ ޢަދި މުލަކުމީހުންނަށް ހާއްސަ ފްލައިޓް ތަކެއް ޝެޑިއުލް ކުރުންވެސް މުހިންމު.
ޢަމާލް
31 October 2018
ޢުއްމީދުކުރަން ކާލާނެ ކޮންމެވެސް އެއްޗެއް ދޭނެ ކަމަށް....?
އެއާޕޯޓު ކުޅި
31 October 2018
ކުޅުދުއްފުޓަށް ވެސް
އީކުއޭޓަރުގެއަހުލުވެރިން
31 October 2018
ވަރަށްރަގަޅުކަމެއް. މިހާރު މޯލްޑިވިައަނުން ގަދަފައިވިއްދައިގެންތިބެ މީހުންނަށް ނުކަތާވަރަށް ޓިކެޓުވިއްކަނީ. އާދައިގެ މީހެއްގެމުސާރަ ފަސްހާހާހަކަށް ރުފިޔާ. މާލެއިން އަައްޑުއަށް ދެކޮޅު ޓިކެޓު 3މީހުން 4މީހުންގެ ކުޑައާއިލާޔަކަށް ނަގާލާއިރު ދެމަހު ތިންމަހު ގެ މުސާރަ ހުސްވެގެންދޭ. މިހިރީ ރައްޔިތުންނަށް ދޭހިދުމަތް.އަންތަރީސް.. ތިޔަފުލައިޓުފެށުމުން ވާދަވެރިކަން އުފެދި ރަގަޅު ހައްލެއްލިބޭނެކަމަށް އުއްމީދުކުރެވޭ