ރައްޔިތުންގެ މަޖިލީހުގެ ދައުރެއް ފެށުމަށް ބޭއްވި ޖަލްސާއެއްގެ ރިޔާސަތުގައި މަސީހް. --- ފޮޓޯ: މަޖިލިސް
01 ނޮވެމްބަރ 2018 - 12:31
ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ މަގާމުން އަބްދުﷲ މަސީހް މުހައްމަދު ވަކިކުރުމަށްޓަކައި މަޖިލިހުގެ ޖަލްސާއެއް މިރޭ ބާއްވާ ގޮތަށް ނިންމައި އެ މައްސަލަ އެޖެންޑާ ކޮށްފި އެވެ.
މަޖިލީހުގެ ވެބްސައިޓްގައި އާންމުކޮށްފައިވާ އެޖެންޑާގައިވާ ގޮތުން، މަޖިލީހުގެ ތިން ވަނަ ދައުރުގެ ދެ ޖަލްސާއެއް މިރޭ ބާއްވާނެ އެވެ. ދެ ޖަލްސާ ވެސް ކުރިއަށް ދާނީ ވަކިވަކިންނެވެ. މަސީހްގެ އިތުބާރު ނެތްކަމުގެ މައްސަލައާ މެދު ގޮތެއް ނިންމުމުގެ ޖަލްސާ އޮންނާނީ މިރޭ 9:15 ގަ އެވެ.
މަޖިލީހުގެ ރައީސްގެ މައްޗަށް އިތުބާރު ނެތް ކަމަށް ފާސްވާނީ، އެ ދުވަހެއްގެ ޖަލްސާގައި ވޯޓުގައި ބައިވެރިވާ މެމްބަރުންގެ އަޣުލަބިއްޔަތުންނެވެ. ރައްޔިތުންގެ މަޖިލީހުގެ ރައީސް ނުވަތަ ނައިބު ރައީސް މަގާމުން ވަކިކުރުމަށް މަޖިލީހުން ފާސްކުރުމާ އެކު އެމީހަކު އެ މަގާމުން ވަކިވާނެ އެވެ.
ރައީސް އަބްދުﷲ ޔާމީންގެ ވެރިކަން ދަމަހައްޓަވަން ރައްޔިތުންގެ މަޖިލިހުގެ ގިނަ ބާރުތަކެއް ކަނޑުވާލިކަމުގެ ތުހުމަތު އެޅިފައިވާ މަސީހްގެ އިތުބާރު ނެތް ކަމުގެ މައްސަލަ މިރެއަށް ތާވަލކުރީ މިދިޔަ އަހަރުގެ ޖުލައި މަހު 45 މެމްބަރުން ސޮއިކޮށް، އެމަނިކުފާނާ ދެކޮޅަށް ހުށަހެޅުއްވި މައްސަލަ ތާވަލް ކުރަން އާންމު ކޮމިޓީން އިއްޔެ ފާސްކުރުމުންނެވެ. އެފަހަރު މަސީހު ވަކިކުރަން އެޖެންޑާ ނުކުރީ، އޭގައި ސޮއިކުރެއްވި މެމްބަރުންގެ ތެރެއިން ހަތަރު މެމްބަރެއްގެ ގޮނޑި ގެއްލިފައިވާ ކަމަށް، އިލެކްޝަންސް ކޮމިޝަނުން ނިންމުމުން، އެމަނިކުފާނާ ދެކޮޅަށް މައްސަލަ ހުށައަޅަން މަދުވެގެން ބޭނުންވާ 42 ސޮއި ހަމަނުވާކަމަށް ބުނެ އެވެ.
އެކަމަކު އެ ހަތަރު މެމްބަރުންގެ އިތުރުން، ގޮނޑި ގެއްލުނު ކަމަށް އީސީން ކަނޑައެޅި އަނެއް އަށް މެމްބަރުންގެ ގޮނޑި ވެސް ނުގެއްލޭ ކަމަށް ސުޕްރީމް ކޯޓުން ނިންމުމުން، ކުރީގެ މައްސަލަ މަސީހާ ދެކޮޅަށް ތާވަލްކުރެވޭނެ ކަމަށް އާންމު ކޮމިޓީގެ ގިނަ މެމްބަރުންނަށް ގަބޫލު ކުރެއްވުނީ އެވެ.
މަސީހުގެ އިތުބާރު ނެތް ކަމުގެ މައްސަލަ އެޖެންޑާ ކުރީ އެމަނިކުފާނު ވަކިކުރަން 51 މެމްބަރުންގެ ސޮޔާ އެކު މި މަހުގެ 24 ވަނަ ދުވަހު ހުށައެޅި އެ މައްސަލަ މި މަހު 8 ގައި އޮންނާނެ ކަމުގެ ނޯޓިސް ދީފައި ވަނިކޮށެވެ.
މިރޭ މަސީހްގެ މައްޗަށް އިތުބާރު ނެތް ކަމަށް ފާސްވެއްޖެ ނަމަ، ފަހުން ހުށަހެޅި މައްސަލަ މަޖިލީހުގެ ރިޔާސަތުން ބާތިލްކުރާނެ ކަމަށް ބެލެވެ އެވެ.
އާންމު ކޮމިޓީން އިއްޔެ ފާސްކުރީ ޖުލައި މަހު ހުށައެޅި މައްސަލަ ތާވަލްކުރުމަށާއި ޖަލްސާގައި ޖަވާބުދާރީވުމަށް މަސީހަށް 30 މިނިޓާއި މެމްބަރުންނަށް ދޮޅު ގަޑިއިރު ދޭށެވެ. އެ ކޮމިޓީން ފާސްކޮށްފައި ވަނީ ބަހުސް ފެށުމާ އެކު މަސީހަށް 10 މިނިޓާއި މެދުތެރެއިން 10 މިނިޓު އަދި ފަހު ބަސް ވިދާޅުވުމަށް 10 މިނިޓުގެ ފުރުސަތެއް ދިނުމަށެވެ.
މިރޭ އަށެއް ޖަހާއިރު އޮންނަ ޖަލްސާގައި އޮތީ އެންޓި ޑިފެކްޝަން ގާނޫނު އުވައިލުމަށް ވިލުފުށީ ދާއިރާގެ މެމްބަރު، ޕީޕީއެމް ޕާލަމެންޓްރީ ގްރޫޕްގެ ޑެޕިއުޓީ ލީޑަރު ރިޔާޒް ރަޝީދު ހުށަހެޅުއްވި ބިލު ދިރާސާ ކުރި ހަތް މެމްބަރުންގެ ވަގުތީ ކޮމިޓީގެ ރިޕޯޓު ހުށަހެޅުން އެކަންޏެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ކޮބާ..ކޮބާ
01 November 2018
ބަރުލަމާނީ ގެންނަން އަންނި ހުރީ ފޫގަޅާފަ..
ކެެެރެެފާ ބާޢީ
01 November 2018
ދެން ނަޝީދު އައިސަ ދިވެހިރާއްޖޭގެ ޝަރުއީ ނިޒާމަށް ކޮޅުފައިންއަރާ ޝަރުއީ ނިޒާމު ބޭރުކޮއްލާނީ.
މޯޑް
01 November 2018
މިޖަލްސާ ބްރިޖް މަތީގައި ބާއްވާ ދީފިއްޔާ ހާދަ ރަގަޅޭ!
----ތުއްތޫ
01 November 2018
އެ ފަކީރު މަޖިލިސް ހިންގި ގޮތަށް އޭނަ ބޭރު ކުރުމުގެ ޖަލްސާ
މަޔާހޮކޮ
01 November 2018
ގައުމީ ބަތަލުން ތިބި ތަނެއް ނަމަ މިއަދު ތިޔަތާ އެޖެންޑާ ކުރެވޭނީ ބިންވިއްކުން އުވާލުމަށް. އެކަމަކު ތިޔަތާ ތިބީ ގައުމު ވިއްކާފައިވެސް ޖީބު މުއްސަނދިކުރާނެ މީހުންކަން ތިޔަ ސާބިތުކޮށްދެނީ. ޝުކުރިއްޔާ. ހޮވަންވީ އެއްޗެއްސާ ނުހޮވަންވީއެތި އެނގޭނެތާ!
ކިއްލިބާޝާ
01 November 2018
ޚާއްސަ މެހެމާނެއްގެގޮތުން ނަޝީދުވެސް ތިތަނަށް ގެންދަންވާނެ. އޭރުން ފޯރިގަދަވާނީ.
ދަތްނެތްކުއްޖާ
01 November 2018
މަސީހު ވެސް ހައްޔަރުކޮއް ހިންގާފައިވާ ޖަރީމާތައް މިޖާރުން މިހާރަށް ބަލަންޖެހޭ. މަސީހު ފުރައިގެން ދެވިގެން ނުވާނެ. ރައްޔިތުން ނަށް ޙިތާނާތްވި އެންމެންގެ މައްސަލަ ބަލާ ދަޢުވާ ކުރަން ޖެހޭނެ. މިކަން މި ގޮތައް ނުވަންޏާމު އިބޫގެ އިސްތިޢުފާ އަށްވެސް މަމެން ގޮވާނަން.
ހާޖަރާ
01 November 2018
އެންޓި ޑިފެކްޝަން ގާނޫނު އުވައިލލާ ފަދައިން މަސީހުވެސް މަޖްލީހުގެ ރައީސްކަމުން އުވާލަންވާނެ. އަދި ބޮޑުތަނުން މިރޭ ނަތީޖާ ފެންނާނެ. އިންޝާﷲ!
އަޖުފާނު
01 November 2018
ތިމާމެން ބޭނުން ގޮތަކަށް ފައިސާ ގޯނިތަކުގެ އަޅުންނަށްވެ، ގިނައިން ލާރިދިން ޕާރޓީއަކަށް ބަދަލުވުމާއި، ވޯޓު ވިއްކުން ފަސޭހައިން ކޮށްލެވޭނީ ގާނޫނޫ އުވާލައިގެންތާ ދޯ! ރިޝްވަތުގެ ބާޒާރު ހުޅުވާލުން އަނެއްކާ ވެސް. ހުސް އަމިއްލަ އެދުމުން ފޯވެފައި ތިބި ބަޔެއް.
ސައީދު ޢަބޫބަކުރު
01 November 2018
މަސީހުކުރި ގާނޫނާހިލާފުކަންތައްތަކާމެދު ސަރިޔަތްކުރަންވީ