މަޖިލީހުގެ މެމްބަރުންތަކެއް މަޖިލީހުގެ އިދާރާގެ ގޯތިތެރޭގައި މަޝްވަރާކުރައްވަނީ. --- ފޮޓޯ: އަހުމަދު ނިޝާތު/ މިހާރު
02 ނޮވެމްބަރ 2018 - 11:52
ރައްޔިތުންގެ މަޖިލީހުގެ އިމްތިޔާޒުތަކާއި ބާރުތަކުގެ ގާނޫނު އުވައިލުމަށް މަޖިލީހަށް ހުށަހެޅުމަށް ޕީޕީއެމްގެ ޕާލަމެންޓްރީ ގްރޫޕްގެ ޑެޕިއުޓީ ލީޑަރު އަދި ވިލުފުށީ ދާއިރާގެ މެމްބަރު ރިޔާޒް ރަޝީދު ނިންމަވައިފި އެވެ.
އެންޓި ޑިފެކްޝަން ގާނޫނު އުވައިލުމުގެ ބިލް ދިރާސާ ކުރި ހަތް މެމްބަރުންގެ ވަގުތީ ރިޕޯޓަށް ރައްޔިތުންގެ މަޖިލީހުގެ ރޭގެ ޖަލްސާގައި ބަހުސް ކުރައްވަމުން ރިޔާޒް ވިދާޅުވީ، އިމްތިޔާޒްގެ ގާނޫގައި ބުނާ ކަންކަން މަޖިލީހުގެ މެމްބަރުން ބޭނުން ނުވާ ކަމަށް ގަބޫލު ކުރެއްވިފައިވާ ކަމަށެވެ. އެހެންވެ، އެ ގާނޫނުން މެމްބަރުންނަށް ލިބޭ ހައްގުތައް އުނިކޮށް، ގާނޫނު އުވައިލަން އަންނަ އާދިއްތަ ދުވަހު މަޖިލީހަށް ހުށަހަޅުއްވާނެ ކަމަށް ވެސް ރިޔާޒް ވިދާޅުވި އެވެ.
"އަޅުގަނޑު ބަލާލަން ބޭނުން ކިތައް މެމްބަރުންތޯ އެ އަށް ތާއީދު ކުރަނީ. ކިތައް މެމްބަރުންތޯ އެ އަށް ތާއީދު ނުކުރަނީ،" އިމްތިޔާޒްގެ ގާނޫނު މަޖިލީހަށް ހުށަހެޅުއްވި މެމްބަރު ރިޔާޒް ވިދާޅުވި އެވެ.
ރިޔާޒް ވިދާޅުވި ގޮތުގައި، މަޖިލީހުގައި އެންމެ ގިނަ އަދި ހިދުމަތްތެރި މަސައްކަތްތަކެއް ކުރެއްވީ ތ. އަތޮޅުގެ މެމްބަރުންނެވެ. އެބޭފުޅުން ރައްޔިތުންނަށް ހަރާންކޯރު ނުވާނެ ކަމަށް ރިޔާޒް ވިދާޅުވި އެވެ.
ތ. އަތޮޅުގެ މެމްބަރުން ތިއްބަވާނީ ގައުމާ އެއްކޮށް ކަމަށާއި އެ މެމްބަރުން ކުރެއްވި މަސައްކަތް ތާރީޚުގައި ލިޔެވިގެންދާނެ ކަމަށް ވެސް ރިޔާޒް ވިދާޅުވި އެވެ.
މަޖިލީހުގެ މެމްބަރުންނަށް ބޮޑެތި ހައްގުތަކަކާއި އިނާޔަތްތަކެއް ދީ، މަޖިލީހުން ފާސް ކުރި އިމްތިޔާޒްގެ ގާނޫނުގައިވާ ގޮތުން، މަޖިލީހުގެ މެމްބަރަކު އިސްލާމް ދީނުގެ އަސްލަކާ ހިލާފު ނުވާ ގޮތެއްގެ މަތިން މަޖިލީހުގެ ޖަލްސާއެއްގައި ނުވަތަ ކޮމިޓީއެއްގައި ކުރެއްވި އަމަލެއްގެ ސަބަބުން އެއްވެސް ކޯޓަކަށް ނުވަތަ މިނިވަން މުއައްސަސާ އަކަށް ހާޒިރުކޮށް ތަހުގީގެއް ހިންގައި ހައްޔަރުކޮށްގެން ނުވާނެ އެވެ.
މަޖިލީހުގެ މެމްބަރުން މަސްއޫލިއްޔަތު އަދާކުރެއްވުމަށް ވަޑައިގަންނަވާއިރު އާއި މަޖިލީހުގެ މަސައްކަތުން އެނބުރި ވަޑައިގަންނަވާއިރު، މަޖިލިސް ކުރާ ގޭގައި ހާޒިރުވެ ހުންނަ ވަގުތެއްގައި ބަންދުކޮށް ނުވަތަ ހައްޔަރުކޮށްގެން ނުވާނެ އެވެ. ނަމަވެސް، މެމްބަރަކު ޖިނާއީ ކުށެއް ކުރައްވަނިކޮށް، ފެނިއްޖެ ހާލަތެއްގައި އެ މެމްބަރަކު ހައްޔަރު ކުރުމާއި އަދި އެ ކުށުގެ ތުހުމަތުގައި ގާނޫނުގައިވާ ގޮތުގެ މަތިން ފިޔަވަޅު އެޅުމަށް ހުރަސް ނާޅާ ކަމަށް އިމްތިޔާޒްގެ ގާނޫނުގައި ވަނީ ބުނެފަ އެވެ.
އިމްތިޔާޒްގެ ގާނޫނު އުވައިލަން މަޖިލީހަށް ހުށަހެޅުއްވި އިރު، އެންޓި ޑިފެކްޝަން އުވައިލަން ރިޔާޒް ހުށަހެޅުއްވި ބިލް މަޖިލީހުން ރޭ ވަނީ ފާސްކޮށްފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ވަތުބަތާނަ
03 November 2018
އެންމެބޮޑު ނީލަންކިޔާ މާރުކޭޓް! މިވެރިން މަރުވާނެކަން ހަނދާންވޭބާ. ގައުމާއިރައްޔިތުން ވިއްކާލަނީ މިވެރިން.
އިބިރިހިންބެއްޔާ
03 November 2018
2019 ގެ މަޖިލީސް އިންތިޚާބުގެ ކުރިން މިހާރު މަޖިލީހުގައި ތިއްބެވި "އިއްޒަތްތެރި" މެމްބަރުނގެ މާލީ އަދި އެހެނިހެން ބަޔާންތަކާއި މިހާރުގެ އަސްލު ޙާލަތު ރައްިތުންނަށް އޮޅުންފިލުވައިދެއްވުން ވަރަށް މުހިންމު. ތާޅާފިލިއެއްފަދަ އަޑެއް އޮތުން އެއީ މަޖީލީހަށް ހޮވެންޖެހޭ ސަބަބަކަށް ނުބަލަން ވެއްޖެ.
ޑރ. މުހައްމަދު ނަސީރު / ހިތަދޫ
03 November 2018
ވަރައްރަނގަޅު ނިންމުމެއް، 2019 ގައި ހިތަދޫ ގޮނޑޮނޑިއަކަށް އަމިއްލަ ގޮތުން ކުރިމަތި ލާން 10،000 ހާސް ރައްޔަތުންގެ ރިކުއިސްޓު ވެސް އޮތުމާއި އެކު... އަޅުގަނޑުގެ އިތުރުން އަޅުގަނޑުގެ އަޚު ޒުވާން ޕުރޮފިސަރ ހަސަން ވެސް ޝައުގު ވެރިކަން ފާލުކުރައްވާ.. މިހާރު އެތިބި މެންބަރުން އެވަނީ ރިޓަޔކުރާ ހާލަތައް އެބޭފުޅުންގެ ސިއްހީ ހާލަތު އަދި އުމުރުވެސް އަރައިފައި. މިހާރުބޭނުމީ ރަޢުލީމީ ޒުވާނުން އައްޑުގެ ނިކަމެތި ހާލަތަށް ބަލާކޮންމެ ބޭފުޅަކަށްވެސް އެނގިވަޑައިގަން
އިބިރިހިންބެއްޔާ
03 November 2018
"ތަޢުލީމީ ޒުވާން" މިވަރަކުން ނުފުދޭ. 2008 ގައި ޙަވާލުކުރެވުނު ވެރިކަމުގެ ނިމުން މީގެ ހެއްކަކަށް ފުދޭ. ތަޖުރިބާއާއި ކެތްތެރިކަން އަދި ތަޤުވާވެރިކަމާއި ވަފާތެރިކަން މާމުހިންމު.
ކަރީމުއްދީން ބާޝާ
02 November 2018
ހާދަ ގާނޫނެކޭ މި އުވަނީ. މިހެންގޮސް މުޅި ގާނޫނު އަސާސީ އުވާނުލައިފިއްޔާ ރަގަނޅު.
އުދުހޭ
02 November 2018
މަޖިލީހުގެ އިންތިހާބު ބޯމަތިވަމުން އަންނަކަން ބައެއްމީހުންނަށް ވިސްނެންފަށައިފި! ކޮރަޕްޓް މީހުންނަށް ފުރުސަތު ނުދިނުމަށް އެންމެހާ އަޚުންނާއުޚްތުންނަށް ގޮވާލަން!
ކަލޯގެއާ
02 November 2018
ބާރުފެށެނީ ރައްޔިތުންނާ ހިސާބުންނޭބުނާފަދައިން ކޮރަޕްޝަންވެސް ފެށެނީ ހަމަ ރައްޔިތުމީހާއިން. މެމްބަރުން ވޯޓައް ސަލާންޖަހަމުންދުވަމުން ދިއްކޮއްލާ އެތީގައި ހިފާފަ ތިމާގެވޯޓު ވިއްކާލާހާހިނދަކު މިގައުމުކީއްތޯ އެއްވެސްތާކުން ކޮރަޕްޝަނެއް ނުފިލާނެ.