ރިޕޯޓް / ޑރ. މުހައްމަދު މުއިއްޒު، މާލޭގެ މޭޔަރު

ނުރުހުމަށް މުއިއްޒުގެ ޖަވާބު: "އިސްކުރީ އިޚްލާސްތެރިކަން،"!

ހައުސިން މިނިސްޓަރު ޑރ. މުއިއްޒު "މިހާރު"އަށް ވާހަކަ ދައްކަވަނީ: މަސައްކަތް ކުރެއްވީ ފާޑުކިއުންތަކަށް ނުބައްލަވައި ކަމަށް ވިދާޅުވި. --ފޮޓޯ: ނިޝާން އަލީ/މިހާރު

ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު، ސުޕްރީމް ކޯޓު ކައިރިން ފެނުމާ އެކު އިދިކޮޅު މީހުން އޭނާ ވަށައިލީ އެވެ. މި ސަރުކާރުގެ ފަސް އަހަރު އޭނާ އަށް ތުހުމަތުކުރެވޭ ކަންކަމުގެ އުދާސްތައް ބޭރުކޮށްލާށެވެ. ފްލެޓް ދޫކުރުމުގައި އޮޅުވާލުން ހިމެނޭ ކަމުގެ ތުހުމަތުން ފެށިގެން އެ މީހަކަށް ގޮވުނު އެއްޗެއް ގޮވީ އެވެ. އެއްވެސް އެއްޗެއް ވިދާޅު ނުވެ ހިނިތުންވެގެން މުއިއްޒު ހުންނެވުމަށް ފަހު، ފުލުހުންގެ އެހީއާ އެކު އެތަނުން ދުރަށް ވަޑައިގަތީ އެވެ.

މިދިޔަ މަހު ފަހުކޮޅު އެ ހާދިސާ ހިނގީ، ރިޔާސީ އިންތިޚާބު ބާތިލްކުރަން ރައީސް އަބްދުﷲ ޔާމީންގެ ފަރާތްޕުޅުން ސުޕްރީމް ކޯޓަށް ހުށަހެޅުއްވި މައްސަލައިގެ ޝަރީއަތަށް ވެންނެވުމަށް މުއިއްޒު ކިޔޫގައި ހުންނަވަނިކޮށެވެ. އެކަމަކު އެ ފުރުސަތު ވެސް އެ ދުވަހު ލިބިވަޑައެއް ނުގަތެވެ. މިއީ، މި ސަރުކާރުން ހިންގި ގިނަ މަޝްރޫއުތަކުގައި އިސްކޮށް އުޅުއްވި މުއިއްޒާ ދޭތެރޭގައި އާއްމުންގެ ރުޅިވެރިކަން އޮތް މިންވަރެވެ.

އޭނާ ވެފައި ވަނީ، ރައީސް ޔާމީންގެ ކެބިނެޓުގެ ވަޒީރުންގެ ތެރެއިން ވެސް އެންމެ ގިނަ ފާޑުކިއުން އަމާޒުވި އެއް ބޭފުޅާ އަށެވެ. ވެރިކަން ކުރާ ޕީޕީއެމްގެ ސަޕޯޓަރުން ތައުރީފްގެ ބަހެއް ބުނެލި ނަމަވެސް މުއިއްޒާ ދޭތެރޭގައި އަދިވެސް އޮތީ އެތައް ބައެއްގެ ހިތްހަމަނުޖެހުމެވެ. އެންމެ ބޮޑު މައްސަލައަކީ، މި ސަރުކާރުން ހުޅުވާލި ފްލެޓްތައް އިންސާފުން ބޭރުން ބެހި ކަމުގެ ތުހުމަތެވެ. އެއާ އެކު ހިންގެވި މަޝްރޫއުތަކުން އުފެދުނު މައްސަލަތަކާ ހެދި އަމާޒުވި ފާޑުކިއުންތަކެވެ.

މިނިސްޓަރު ކަމުގައި ހުންނެވިއިރު، މި ތުހުމަތުތަކުން ދިފާއުވެވަޑައިގަތުމަށް މުއިއްޒު މަސައްކަތެއް ނުކުރައްވަ އެވެ. މަޑުމަޑުން ހުންނަވައި ރައީސް އަބްދުﷲ ޔާމީނާއި ސަރުކާރުގެ ދިފާއުގައި ދެއްވާ ޖަވާބުން، ވެސް އާއްމުންގެ ރުޅި އިތުރަށްވީ ގަދަ އެވެ.

ފްލެޓް ފޯމު ދޫކުރުމަށް ދަރުބާރުގޭގައި ބަހައްޓާފައިވާ މޭޒެއްގެ ކައިރީގައި މިނިސްޓަރު މުއިއްޒު މަޑުކޮށްލައްވައިގެން. --ފޮޓޯ: ހުސެއިން ވަހީދު/މިހާރު

އާއްމުން، އޭނާއާ ދޭތެރޭގައި ހިތްހަމަނުޖެހުނު ސަބަބުތަކާއި ކުރިމަތިވެވަޑައިގެންނެވި އުނދަގޫތަކާއި ކުރެއްވުނު އިހްސާސްތަކާ ގުޅޭ ގޮތުން މުއިއްޒު ވަނީ "މިހާރު" އަށް ވާހަކަ ދައްކަވައިފަ އެވެ.

ގޮންޖެހުން ބޮޑު، 100 ޕަސެންޓެއް ނޫން!

ހައުސިން މިނިސްޓަރުގެ މަގާމާ މުއިއްޒު ހަވާލުވެވަޑައިގަތީ ކުރީގެ ރައީސް މުހައްމަދު ވަހީދުގެ ވެރިކަމުގަ އެވެ. އެ ވެރިކަމުގެ ދޮޅު އަހަރާއި ރައީސް ޔާމީންގެ ފަސް އަހަރާ އެކު ގާތްގަނޑަކަށް ހަތް އަހަރު މަގާމުގައި ހޭދަކުރެއްވިއިރު އެކަށީގެންވާ ޚިދުމަތްތަކެއް ރައްޔިތުންނަށް ކޮށްދެއްވުނު ކަމަށް މުއިއްޒު ވިދާޅުވި އެވެ.

ރައީސް ޔާމީންގެ ތަރައްގީގެ މަޝްރޫއުތައް ރާއްވަވާފައި އޮތް ގޮތުން، ގިނަ މަސައްކަތްތައް ހުރީ ހައުސިން މިނިސްޓްރީއާ ގުޅިފަ އެވެ. އެންމެ ގިނަ ކަންކަން ދިޔައީ ވެސް އެ މިނިސްޓްރީގެ ތެރެއިންނެވެ.

އޭގެތެރޭގައި ސިނަމާލެ ބްރިޖާއި ބޮޑުތަކުރުފާނު މަގުގައި ތާރުއަޅައި، މަގުތައް ރަނގަޅު ފެންވަރަކަށް ހެދުމާއި ކުޑަކުދިންނާއި އާއްމުންނަށް ހިތްފަސޭހަ މައިދާންތަކާއި ސަލްޓަން ޕާކު ތަރައްގީކުރުމާއި ހިޔާ މަޝްރޫއު އާއި ރަށްރަށުގައި ހައުސިން މިނިސްޓްރީގެ ބެލުމުގެ ދަށުން ހިންގި މަސައްކަތްތައް ފަދަ ކަންކަމުގެ ލިސްޓު ދިގެވެ.

މީގެ ތެރެއިން، ބައެއް މަސައްކަތްތައް ނިންމާފައި ވަނިކޮށް އަލުން ހަދަން ވެސް ޖެހިފައިވެ އެވެ. މަސައްކަތް ކުރިއަށް ގެންދިޔަ ދޯދިޔާ ކަމުންނެވެ.

މިނިސްޓަރު މުއިއްޒު "މިހާރު"އާ ވާހަކަ ދައްކަވަނީ. --ފޮޓޯ: ނިޝާން އަލީ/މިހާރު

ހައުސިން މިނިސްޓްރީގެ ބެލުމުގެ ދަށުން ހިންގި ބައެއް މަސައްކަތްތައް ކުރިއަށް ދިޔައީ އެންމެ ފުރިހަމައަށް ނުވަތަ 100 ޕަސެންޓަށް ނޫން ކަން މުއިއްޒު ވެސް ގަބޫލުކުރައްވަ އެވެ. ސިޔާސީ ގޮތުން ސަރުކާރާއި އިދިކޮޅު ޕާޓީތަކުން ކުރި ހަނގުރާމަތަކާ އެކު ވަޒީރުކަން ކުރެއްވުމަކީ ފަސޭހަކަމެއް ނޫން ކަމަށް އޭނާ ވިދާޅުވި އެވެ. އެކަންކަމާ ގުޅިގެން ރައްޔިތުންނަށް އެންމެ އެކަށީގެންވާ ގޮތެއްގައި ޚިދުމަތް ފޯރުކޮށްދޭން ބުރޫއަރާ ކަމަށް ވެސް ވިދާޅުވި އެވެ.

"ވަރަށް ޗެލެންޖިން މާހައުލެއް. ކުރީގެ ރައީސް މައުމޫންގެ ސަރުކާރުގައި ވަޒީރުން، ވަޒީރުކަން ކުރެއްވި ގޮތާ އަޅާބަލާއިރު ވެސް ވަރަށް ތަފާތު. ގާނޫނާއި ގަވާއިދުތައް އަދި ސިޔާސީ މާހައުލު އޮންނަ ގޮތުން ވެސް ތަފާތުތަކެއް އާދޭ،" މުއިއްޒު ވިދާޅުވި އެވެ.

އެ އުނދަގޫތަކާ އެކު ވެސް ވިސްނެވުން ބެހެއްޓެވީ، އޭނާ ވިދާޅުވި ގޮތުގައި، ރައްޔިތުންނާ ގުޅިފައި ހުރި މަޝްރޫއުތަކުގައި ފޭލްވެ، ދުރަށް ވަޑައިގަތުމުގެ ބަދަލުގައި ނިމެންދެން މަސައްކަތް ކޮށްދެއްވުމަށެވެ. އެހާ ގިނަ މަސައްކަތްތަކުގެ ތެރެއިން، މައްސަލަތައް ހޯދައި، ރަނގަޅު އެއްކަމެއް ވެސް ފެންނަ ކަމަށް ނުހަދައި ފާޑުކިއުމުގައި އެއް ބަޔަކު ދެމިތިބި ކަމަށް މުއިއްޒު ވިދާޅުވި އެވެ. އެކަމަކު އެ ހުރިހާ ދަނޑިވަޅެއްގައި ވެސް، އޭނާ ވިދަޅުވީ، ރައީސް ޔާމީންގެ އިތުބާރާއި ފުރިހަމަ އެއްބާރުލެއްވުން ލިބިވަޑައިގަތް ކަމަށެވެ.

މުއިއްޒު ވިދާޅުވި ގޮތުގައި ސިޔާސީ ފިކުރާއި ރާއްޖޭގެ މާހައުލު އޮތް ގޮތުން، ދުރުގައި ބަލަން ތިބެފައި، އެކި ގޮތްގޮތަށް ވާހަކަ ދެއްކުމަކީ ވަރަށް ފަސޭހައިން ކުރެވިދާނެ ކަމެކެވެ. އެކަމަކު ނިޒާމް ތެރޭގައި ހުރި އުނދަގޫތަކާއި، މަސައްކަތެއް ނިންމާއިރު އެހެން މީހުންނަށް ބަރޯސާވާން ޖެހުމާއި ފައިސާގެ ކަންކަން ފަދަ އެ މަސައްކަތަކާ ގުޅިފައިވާ ހުރަސްތައް ދެެނެގަނެވޭނީ އެކަމުގައި އުޅުމުން ކަމަށް ވިދާޅުވި އެވެ.

"އަޅުގަނޑު މިތާ އިނދެގެން އަޅުގަނޑު ބޭނުން ގޮތަށް ނުވާ ގޮތަށް ކިތަންމެ ކަމެއް ހިނގާފައި ހުންނާނެ. އެއީ އަޅުގަނޑު ބަރޯސާވާން ޖެހޭ ޓީމުގެ ތެރޭގައި ނުވަތަ ސަރުކާރުގެ ނިޒާމްގެ ތެރޭގައި އެހެން ބައިވަރު ކަންކަން ނިންމަން އެތައް ބަޔަކު ތިބޭތީވެ،" ސަރުކާރު ކޯލިޝަން އެމްޑީއޭގެ ސްލޮޓެއްގައި ކެބިނެޓަށް ވަޑައިގަތް މުއިއްޒު ވިދާޅުވި އެވެ.

މިސާލެއް ނެންގެވީ ރަސްފަންނުގެ ޖޮގިން ޓްރެކުންނެވެ؛

އެ މަސައްކަތަކީ އޭނާގެ ބެލުމުގެ ދަށުން ކުރިއަށް ގެންދަން ރައީސް ޔާމީން، ހަވާލުކުރެއްވި މަސައްކަތަކަށް ވިއަސް އެކަން ކުރީ ކުންފުންޏެއް މެދުވެރިވެގެން ކަމަށް ވިދާޅުވި އެވެ. އެތަން ނިންމަން ހަވާލުކުރި ގޮތާ ޚިލާފަށް، ފަރުވާކުޑަކޮށް ގެންދަން ފެށުމުން، ރަނގަޅު ކުރަން ތަކުރާރުކޮށް އެ ކުންފުނީގައި އެދިވަޑައިގެންނެވި ކަމަށް މުއިއްޒު ވިދާޅުވި އެވެ.

"އަޅުގަނޑު ބޭނުންވި މުޅި ތަން ތަޅާލާފައި ނަގަން ވެސް. އަދި އަލުން ހަދަން، ފެށިއިރު ވެސް ބުނިން ގޯހޭ، ތާރު ފަށަލައެއް އަޅައިގެން ފެންވަރު ރަނގަޅުކޮށޭ ހަދަން ބޭނުންވީ. އެކަމަކު އޭގައި އަޅުގަނޑުމެންނަށް ނުލިބުނު ސަޕޯޓެއް. އެކަން ގޯސްވުމުން ވެސް އަޅުގަނޑާ ދިމާލަށް ހުރިހާ އެއްޗެއް ކީ. ރަނގަޅު، މަގާމުގައި ހުރީމަ އަޅުގަނޑު، ޒިންމާ ނަގަން ޖެހޭނީ. އެހެންވެ މި ހުންނަނީ އެކަން ވެސް ބޮލުގައި އަޅައިގެން،" މުއިއްޒު ވިދާޅުވި އެވެ.

ދެން ވިދާޅުވެ ދެއްވީ އިސްލާމިކް މިނިސްޓްރީގައި ޖެހި މާބްސް ތަޅައިގެން ދިޔަ މައްސަލަ އަށެވެ. އެ މަޝްރޫއުގައި، އެތަނުގެ ގޯތި ތެރޭގައި މާބްލްސް ޖަހަން ނިންމީ ކުންފުންޏަކާ ހަވާލުކޮށްގެންނެވެ. ކޮންޓްރެކްޓުގައި މާބްލް ޖަހާ ގޮތަށް އޮތަސް، އޭގެ މަތިން ޖަހަން ގެނައި ޕެޓަންތަކަކީ ތުނި ބިއްލޫރި ކަން އެނގިވަޑައިގަތީ ޖަހަން ފެށުމުން ކަމަށް މުއިއްޒު ވިދާޅުވި އެވެ. އެކަން އެނގިވަޑައިގަތް ހިސާބުން ބަދަލުކުރަން ތަކުރާރުކޮށް އެންގުމުން ވެސް ގޮތް ދޫނުކުރުމުގެ ނަތީޖާ އަކީ، އޭނާ ވިދާޅުވި ގޮތުގައި، މާ ގިނަ ދުވަހެއް ނުވެ ތަޅައިގެން ދިއުމެވެ. އަލުން ގްރެނައިޓް ޖަހައިގެން އެކަން ރަނގަޅުކުރުވީ، ދައުލަތުން ޚަރަދެއް ކުރަން ނުޖެހި އެ ކުންފުނި ލައްވައި ކަމަށް މުއިއްޒު ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި އެ ވާހަކަތައް މިހާރު އާއްމުކުރެއްވުމަކީ ޒިންމާއިން ރެކިވަޑައިގަތުން ނޫނެވެ. މި ކަންކަމުގައި ސަރުކާރު ގޯސްކޮށް، ނުވަތަ އަމިއްލަ ދިފާއުގައި ބަސް ވިދާޅުނުވެ ހުންނެވީ މަގާމުގެ ގޮތުން އެއީ އެންމެ ރަނގަޅު ގޮތް ކަމަށް ދެކެވަޑައިނުގަންނަވާތީ ކަމަށް ވެސް ވިދާޅުވި އެވެ.

"އަޅުގަނޑަށް އާދޭ ވަރަށް ގިނަ ފާޑުކިއުންތައް. ހަގީގަތުގައި، އަޅުގަނޑު އުފާކުރަން ތެދު ނިޔަތުގައި ރަނގަޅުކުރަން ކޮމެންޓުކޮށްފައި ހުރި ބޭފުޅުންނަށް. އެއީ އަޅުގަނޑުގެ މަސައްކަތަށް ދޭ ހިތްވަރެއްގެ ގޮތުގައި ގަބޫލުކުރަނީ. އެކަމަކު ދިމާކުރަން، ނުވަތަ އެއްވެސް ކަހަލަ އޮއްޓަރެއް ނެތް ގޮތަށް އެ ކިޔާ އެއްޗިއްސާ މެދު އެހާ ބޮޑަށް ކަންބޮޑެއް ނުވޭ،" މުއިއްޒު ވިދާޅުވި އެވެ.

"އަޅުގަނޑު ދެކެ މީހުން އަންނަނީ ރުޅިތޯ ނުވަތަ ލޯބިތޯ ނުވަތަ ހިތްހަމަނުޖެހެނީތޯއެއް ނުބަލަން. ޚިދުމަތް ކުރީ އެކަންކަމަށް ނުބަލައި. އެ ކަންކަމަށް ވިސްނި ނަމަ އަޅުގަނޑަށް ވެސް ދިފާއުވެވިދާނެ. އަޅުގަނޑު ވިސްނީ، ރައީސް އަޅުގަނޑާ ހަވާލުކުރާ މަސައްކަތް ވީހާވެސް ފުރިހަމައަށް ކޮށްދެވޭތޯ."

މާލެ-ހުޅުމާލެ އާ ދެމެދު އެޅި ބްރިޖުގައި ބޭނުންކުރާ ގާ/ވެލި، ހައުސިން މިނިސްޓަރު މުއިއްޒު އޮކްޓޯބަރު 3، 2016 ބައްލަވާލައްވަނީ-- ފޮޓޯ: ނިޝާން އަލީ/މިހާރު

ހައްގަކަށް އަރައެއް ނުގަންނަން!

"ހަގީގަތުގައި ވަރަށް ދެރަވޭ، ބައެއްގެ ހައްގަކަށް އަރައިގަތް ކަމަށް ބުނާތީ. ގައިމު ވެސް އެއީ އަޅުގަނޑުގެ ނިޔަތެއް ނޫން. އެއްވެސް މީހެއްގެ ހައްގަކަށް އަރައިގަންނާކަށް ބޭނުމެއް ނޫން އެއްވެސް އިރަކު،" މުއިއްޒު ވިދާޅުވި އެވެ.

ރިޔާސީ އިންތިޚާބުގެ ތެރޭގައި، ގޭގެއަށް ކެމްޕޭނަށް ވަޑައިގަތުމުން ވެސް އެންމެ ގިނަ ބަޔަކު ކަންބޮޑުވުން ފާޅުކުރި އެއް މައްސަލައަކީ، ބޯހިޔާވަހިކަމުގެ ދަތިކަން ކަމަށް އޭނާ ވިދާޅުވި އެވެ. އެ މާޔޫސްކަމާއި އުދާސްތައް އޭނާ އަށް ބޭރުކޮށް ބައެއް މީހުން ހިތްހަމަނުޖެހުނުއިރު ވަރަށް ހިތްދަތިވި ހާލަތްތައް ވެސް ކުރިމަތިވެވަޑައިގެންނެވި ކަމަށް ވިދާޅުވި އެވެ.

މި ސަރުކާރުން އިއުލާން ކުރި ފްލެޓްތައް "މިނިސްޓާސް ލިސްޓަށް" ބަހާލި ކަމަށް ތުހުމަތުކުރި ނަމަވެސް މުއިއްޒު ވިދާޅުވި ގޮތުގައި އެއީ، ހިނގި ކަމެއް ނޫނެވެ. ބަޔަކު ހަދައިގެން ގެންގުޅުނު ލިސްޓެއް ދައުރުކުރި ނަމަވެސް އެއީ އޭނާއާ ހަމައަށް އައި ލިސްޓެއް ނޫން ކަމަށް ވެސް ވިދާޅުވި އެވެ.

"މިތަނުން ހަދާފައި ބޭރުވެފައި އޮތް ލިސްޓެކޭ ކިޔާފައި ދެއްކި ފަދަ ލިސްޓެއް އަޅުގަނޑު ނުގެންގުޅެން. އެ ކަހަލަ ލިސްޓެއް ނުހަދަން. އެފަދަ ނުފޫޒެއް ވެސް އަޅުގަނޑުގެ މައްޗަކަށް ނެތް،" މުއިއްޒު ވިދާޅުވި އެވެ.

ނޫސްވެރިންގެ ބައްދަލުވުމެއްގައި މިނިސްޓަރު މުއިއްޒު ވާހަކަ ދައްކަވަނީ-- މިހާރު ފޮޓޯ: ހުސެން ވަހީދު

މިނިސްޓަރު މިހެން ވިދާޅުވި ނަމަވެސް ސަރުކާރުގެ ފުރަތަމަ ފްލެޓް މަޝްރޫއުގައި، މަތިން މާކްސް ލިބިފައި ތިބި މީހުން ތިއްބައި އެއަށް ވުރެ މާ ދަށުން ޕޮއިންޓް ލިބުނު މީހުންނަށް ފްލެޓް ލިބިފައި ހުއްޓެވެ. އަދި ކުރިން ކަނޑައެޅި ޝަރުތުތައް ހަމަނުވާ އެތައް ބަޔަކަށް ވެސް ފްލެޓް ލިބުނެވެ.

ސަރުކާރުގެ ބާރުގަދަ ބަޔަކު ނުފޫޒު ފޯރުވައިގެން މިނިސްޓްރީ ތެރެއިން އެފަދަ ކަމެއް ހިންގާފައި އޮވެދާނެތޯ ސުވާލު ދެންނެވުމުން މުއިއްޒު ވިދާޅުވީ އޭނާ އށް އެނގިވަޑައިގެން އެފަދަ ކަމެއް ހިނގާފައި ނޯންނާނެ ކަމަށެވެ. އެފަދަ ކަމެއް ހިނގި ނަމަ ހުއްޓުވާނެ ކަމަށާއި މިނިސްޓްރީގެ ނަމުގައި ޓާޓާ ފްލެޓްތަކަށް އެއްބަސްވުން ހަދައި ފައިސާ ނެގި މީހެއްގެ މައްސަލަ ޕޮލިހަށް ހުށަހަޅައި ތަހުގީގުކޮށްދޭން އެދުނީ އެ މިނިސްޓްރީން ކަމަށް ވެސް ވިދާޅުވި އެވެ.

ބައެއް މަޝްރޫއުތައް، ސަރުކާރުން ބޭނުންވާ ގޮތަށް، ގޮތް ދޫކުރެއްވުމެއް ނެތި ހިންގަވަން ވެސް މުއިއްޒު މަސައްކަތް ކުރައްވާފައިވެ އެވެ. އެއް ކަމަކީ ހުޅުމާލެ އިން 400 ގޯތި ވިއްކަން އުޅުމެވެ. އާއްމުންނަށް އެތައް ތަކުލީފެއް ޖެހުނު އެ މަޝްރޫއު ނުހިންގަން، އޭސީސީން އަންގާފައި އޮއްވައި ވެސް ކުރިއަށް ގެންދިޔަ އެވެ. މައްސަލަ ބޮޑުވެ އެކަން ހުއްޓާލައި މިހާރު ވަނީ ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ)އާ ހަވާލުކޮށްފަ އެވެ.

މުއިއްޒުގެ މައްޗަށް ކުރާ ކޮޕަރްޝަންގެ ތުހުމަތު ވެސް އޭނާ ދޮގުކުރެއްވި އެވެ.

ވޭތުވެދިޔަ ފަސް އަހަރުގެ ތެރޭގައި ހައުސިން މިނިސްޓްރީން ގާތްގަނޑަކަށް ފަސް ބިލިއަން ރުފިޔާގެ މަޝްރޫއު ހިންގިއިރު ކޮރަޕްޝަނަށް މަގުފަހިނުވާ ގޮތަށް ކަންކަން ރޭއްވެވި ކަމަށް ވިދާޅުވި އެވެ. އޭނާ އަށް އޮތް ހިތްހަމަޖެހުމަކީ، މުއިއްޒު ވިދާޅުވި ގޮތުގައި، ރައްޔިތުންގެ "އެންމެ ފައިސާ ފޮއްޗެއްގައި ނުޖެހި ދައުރު ނިންމު"މެވެ.

"އެއްވެސް މީހެއްގެ ހައްގަކަށް އަރައިގަތުމަކީ އަޅުގަނޑުގެ ނިޔަތެއް ނޫން. އަޅުގަނޑު ދަންނަ، ގާތް މީހުންނަށް ވެސް އެނގޭނެ އެކަން. އަޅުގަނޑު ބެލީ އިޚްލާސްތެރި މަސައްކަތްތަކެއް ކޮށްދެވޭތޯ. އަޅުގަނޑުގެ ފަރާތުން ބޭއިންސާފު ކުރިމަތިވި ކަމަށް ގަބޫލުކުރާ އެއްވެސް މީހަކު ހުރި ނަމަ އަޅުގަނޑު އެދެނީ ދީލަތި މާފަކަށް،" އަދާލަތު ޕާޓީން ކެބިނެޓަށް ވަޑައިގެން ސިޔާސީ ހަޔާތް ފެއްޓެވި މުއިއްޒު ވިދާޅުވި އެވެ.

އެ ތުހުމަތުތަކާ އެކު ވެސް މުއިއްޒުގެ ވިސްނުން ހުރީ، ރައްޔިތުންނަށް ޚިދުމަތް ކުރެއްވުމުގައި އަދިވެސް ދެމިހުންނެވުމަށެވެ. ދެން ވެސް ކުރިމަތިކުރާ ބިނާކުރަނިވި ފާޑުކިއުންތަކަކީ ހިތްވަރެއް ކަމުގައި ދެކިގެންނެވެ. އެކަމަކު ދިފާއުގައި މުއިއްޒު ދެއްކެވި ބައެއް ވާހަކަތަކާ ދެކޮޅު އެތައް ހެއްކެއް ފެންނަން ހުރި ކަމަށް އޭނާ ވެސް ގަބޫލުކުރައްވާނެ އެވެ.

49 ކޮމެންޓް, 160 ރިއެކްޝަންސް

icon happy icon happy 22%
icon sad icon sad 3%
icon angry icon angry 76%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ދަތިކޮށް

15 November 2018

މަށަށް ފްލެޓެއް ނުލިބޭ. އެކަމު އަދި މިހާތަނަށް ފެނުނު އެންމެ ޤާބިލް ހައުސިންގ މިނިސްޓަރަކީ މުއިއްޒު. ހުރިހާ ކަމެއް ފުރިހަމައެއް ނޫން. ދެން މުއިއްޒަށްވުރެ ޤާބިލު މީހެއް ފެންނާނެ ކަަމަށް އުއްމީދު ކުރަން.

The name is already taken The name is available. Register?

ސަބްނަމް

13 November 2018

އިޚްލާސް ތެރިކަމެއް ނެތް

The name is already taken The name is available. Register?

55559

13 November 2018

މި ލިޔުން ކިޔާލުމުން 74 އިންސައްތަ މީހުންގެ އިހުސާސަކީ ރުޅި...ހީކުރަން މިވަރުން މި މީހާގެ ކަންތައްތައް އިސްލާހު ކުރާނެކަމަށް...ޝަރީއަތާކުރިމަތިލުމަށް ތައްޔާރު ވުމަށް ދައްނަވަމެ...

The name is already taken The name is available. Register?

ވޯލް

13 November 2018

އަންގަ އޮތީއްޔާ ކޮންމެ އެއްޗެއްވެސްކީދާނެ. ފެންނަން އޮތް ހަޤީގަތަކީ ތިޔަ މިނިސްޓްރީ އިން ކޮށްފައިއޮތް ކަމެއް ވިއްޔާ ކޮށްފައިއޮތީ އިންތިހާއަށް ރައްޔިތުންގެ ޝަކުވާ އުފެދޭގޮތައް. އިހްލާސްތެރިނަމަ ފަހަރަކަށްވުރެ ފަހަރެއް ވާނީ ރަގަޅު. މިނިސްޓަރސް ލިސްޓް ހަދާގެން ފުލެޓް ބެހުމަށްތޯ ތިޔަ ކިޔަނީ އިހްލާސްތރިވުން.

The name is already taken The name is available. Register?

ޖޫޓާ

13 November 2018

ޢިހުލާސްތެރިވީ ޔާމީނަށް. މުސާރަ ދިނީ ރައްޔަތުން

The name is already taken The name is available. Register?

އަލީޝާކިރު

13 November 2018

މާތްﷲ މަނިކުފާނައް ހެޔޮޖަޒާ ދެއްވާށި ދިވެހި ދަރިޔަކާ ދިމާލައް ހިތުހުރިހާ އެއްޗެއް ނުގޮވުމައް ތިޔަ ހުރިހާ ބޭފުޅުންގެ ކިބައިން އެދެން

The name is already taken The name is available. Register?

ސާފު

13 November 2018

މުއިއްޒު ސަރުކާރުން ފައިސާތަކެއް ނެގިވާހަކައެއް ނޫން މިދައްކަނީ. ކުރީގެ ފްލެޓްފޯމަށް 80އަށް ވުރެ މަތިން މާކްސް ލިބިފަ ތިބި މީހުންނަށް ފްލެޓްނުދިން ވާހަކަ މިދައްކަނީ. މިފަހަރު ވެސް އެއް ގެއަކުން ތިން ހަތަރު މީހުންނަ ފްލެޓް ލިބިފަ އެބަހުރި. މީހުންނާ ނީންނަ މީހުންނަ ވެސް ލިބިފަ ހުރީ. މާލޭ ރައްޔިތުން 1 ކޮޓަރީގަ ދެ ތިން ދަރިން ގޮވައިގެން ގަނަ ތެޅިތެޅި ތިއްބާ އަނެއްކާވެސް ހުޅުވާލީ ދަފްތަރު. ހުރިހާ ކަމެއް ކުރަނީ ބޭއިންސާފުން.

The name is already taken The name is available. Register?

މުހައްމަދު ރަޝީދު އަލީ

13 November 2018

އަޅުގަނޑު ގަބޫލުނުކުރަން އިސްކުރެއްވީ އިޚްލާސްތެރިކަން ކަމަކަށް، ސަބަބު ވަރަށްވެސް ގިނަ.... ހުޅުމާލެ އިން ދެއްވި ފުލެޓް ތަކަށް އެކަނި ބެއްލެވިއަސް ވަރައްސާފ.......

The name is already taken The name is available. Register?

އަލީ ރާޖާ

13 November 2018

މައްސަލަަައަކީ ޕްލޭނެއް ނެތުން. މިސާލަކަށް ކޮންމެ ސަރުކާރެއް އަޔަސް ހުޅުމާލެ 2 ވަނަ ފިޔަވަހީފައި މިވެނި ތަނެއްގައި 2020 އަހަރު ޕާކެއް ހަދަން. މިގޮތަށް ލިޔެފައި އޮންނަ ނަމަ ފަސޭހަވާނެ. މަގެއްގައި ތާރަ އަޅަންޏާ 4 އިންޗި ބޯމިނުގައި އަޅާނެކަން. 2030 ގައި ބަނދަރެއް ހަދަން. އެހެން ގައުމުތަކުގަައި މިކަހަލަ މާސްޓަރ ޕްލޭނެއް އޮވޭ. އަހަރުމެން 3 ވަނަ ދުނިޔޭގައި މިއޮންނަނީ ކުންފުންޏަކަށް ލާރިކޮޅެއް ދޭންވީމަ ޕާކެއް ހަދާލުން މިކަހަލަ ގޮތެއްް.

The name is already taken The name is available. Register?

އާރީ

13 November 2018

އިހުލާސްތެރިވާނި ދެން ތިވަރަކަށް. ވަހީދު ވެރިކަމުގަ އަދާލަތު ސުލޮޓެއްގަ ވަޒީރުކަން ދިނީމަ އަމިންލަ އެދުން އިސްކޮށްފަ ފާޓީ ބަދަލުކުރީ ވަޒީރު ކަމުގަ ހުންނަށް ވިއްޔާ ވަރަށް ރީއްޗެއްނު ތިކަހަލަ ވާހަކަ ދައްކަން. އިސްތިއުފާ ދީފަ. ދެން މަގާމާ ހަވާލުވި ނަމަވެސް ތަންކޮޅެއް ރީތިވިސް.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454