ފިނޭންސް މިނިސްޓަރު މުނައްވަރު.
12 ނޮވެމްބަރ 2018 - 23:11
ރާއްޖޭގައި ހިންގާ މާލީ މުއާމަލާތްތައް މިހާރަށް ވުރެ ދެފުށް ފެންނަ ގޮތަކަށް ކުރިއަށް ގެންދަން ޖެހޭ ކަމަށާއި މައުލޫމާތު އާންމު ނުކުރާ ނަމަ ކޮސްޓް އޮފް ބޮރޯވިން ނުވަތަ ލޯނަށް ކުރާ ހޭދަ މިހާރަށް ވުރެ ބޮޑުވާނެ ކަމަށް ފިނޭންސް މިނިސްޓަރު އަހުމަދު މުނައްވަރު މިއަދު ވިދާޅުވެއްޖެ އެވެ.
ފިނޭންސް މިނިސްޓްރީގެ އާ ވެބްސައިޓް އިފްތިތާހް ކުރުމަށް އެ މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތެއްގައި މިނިސްޓަރު ވިދާޅުވީ، ބޮޑެތި އިންވެސްޓަރުން ރާއްޖެ އަންނަމުން ދާއިރު، ސަރުކާރުން ފައިސާ ހޯދާ ގޮތާއި ޚަރަދު ކުރާ ގޮތުގެ ފުރިހަމަ މައުލޫމާތު އާއްމުކޮށް ފެންނަ ގޮތަށް ހުރުން މުހިންމު ކަމަށެވެ.
"އައިއެމްއެފް [އިންޓަނޭޝަނަލް މަނިޓަރީ ފަންޑް] ގެ ރިޕޯޓުުން ހާމަކުރާ ގޮތުން ވެއްޖިއްޔާ، މައުލޫމާތު ހިއްސާ ނުކުރާ ނަމަ އެބޭފުޅުން ނަގާނީ އެޒަމްޕްޝަން ތަކެއް، ހީކުރާ ހީކުރުންތަކެއް. ހީކުުރުމަށް ފަހު އަޅުގަނޑުމެންގެ ރޭޓިންސް ދަށަށް ދާނީ. ހަމަ އެގޮތަށް އަޅުގަނޑުމެންގެ ކޮސްޓް އޮފް ބޮރޯވިންސް އިތުރުވެގެން ދާނީ،" މުނައްވަރު ވިދާޅުވި އެވެ.
އޭނާ ވިދާޅުވިގޮތުގައި، ރާއްޖޭގެ އިގްތިސާދު މިހާރު އޮތީ މުޅި ދުނިޔެއަށް ހުޅުވިފަ އެވެ. އެހެންވުމުން، މާލީ ކަންކަމާ ގުޅޭ ގޮތުން ރާއްޖޭން ހާމަ ކުރެވެން ހުރި ހުރިހާ މައުލޫމާތެއް ހާމަކުރަން ޖެހޭ ކަމަށް ވިދާޅުވި އެވެ. ކްރެޑިޓް ރޭޓިންގައި ރާއްޖޭން ކުރިއެރުންތަކެއް ހޯދާފައިވާ ކަމަށާއި މައުލޫމާތު އާއްމުކުރާ މިންވަރު އިތުރު ކުރުމަކީ އެ ކުރިއެރުން ދަމަހައްޓަން އިތުރު ބާރަކަށް ވާނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
ހޮންކޮންގްގެ ޕިޗް ރޭޓިންސް އިން ރާއްޖެއަށް މިދިޔަ އަހަރާއި މި އަހަރު ވެސް ދީފައި ވަނީ ބީ ޕްލަސް އެވެ. ނަމަވެސް، މި އަހަރުގެ ފެބްރުއަރީ މަހު ރާއްޖޭގައި އިއުލާން ކުރި ކުއްލި ނުރައްކަލުގެ ހާލަތުގެ ސަބަބުން ފަހުގެ ތާރީޚެއްގައި ރޭޓިން އަށް ބަދަލު އަތުވެދާނެ ކަމަށް ޕިޗް ރޭޓިންގްސް އިން މޭ މަހު ބުނެފައިވެ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
މައެން2040
13 November 2018
ޔާމީންގެ ސަރުކާރުގައި ޔާމީން ހިންގި ހުރިހާ ޖަރީމައެއް ފޮރުވާފައި މިއަދު ގޮތް ހުސްވީމާ ކާޅުގޮވާގޮތަށް ގޮވުމަކުން ތިމާގެ ބޭލުނު ފޮށާ އެނދެވުނީކީއްނޫން
އަލިބެބޮޑު
13 November 2018
މިހުރިހާ ދުވަހު ތިކަން މިނިސްޓަރަކަށް ހުރެ ނުކުރީ ކިހިނެއް ވެގެންބާ.
ސައްތާރު / މހއ
13 November 2018
ދެން ކީވެތަ އެގިހުރެ އާންމުނުކޮށްހުރީ. ގަސްދުގައި ލޯނަށް ބޮޑު ހޭދައެއް ކުރަން ވެގެންތަ؟
އިހޫ
13 November 2018
މިނިސްޓަރއަކީ ވަރަށް ގާބިލް ބޭފުޅެއް. އެކަމަކު ބާރުތައް ދޫކޮށްލައިގެން މިނިސްޓްރީތަކާއި ކުންފުނިތައް ހަދާނެ އެއްޗެއް ހަދަން ދޫކޮށްލީމަ މާލީ ހާލަތު އެހާ ގޯސްވީ. ކީއްވެ މިނިސްޓަރަށް ނޭންގެންވީ ވުޒާރާތަކަށް މައުލޫމާތު ޕަބްލިޝްކުރަން؟ އަދި އެޔަށްވުރެވެސް މުހިއްމީ ސަރުކާރު ކުންފުނިތަކުގެ ޚަރަދުތައް މޮނިޓަރކުރުން. މިހާރު ނޯވެ އެއްވެސް ކޮންޓްރޯލް މެކެނިޒަމްއެއް. އެމްޑީއާއި ބޯޑުގަ ތިބޭ ދެތިން މީހަކު ހުރިހާ ކަމެއް ނިންމަނީ. ޕީސީބީގެ ދައުރު ފުޅާކުރަންޖެހޭ
ކަރިޝް
13 November 2018
މިހަަރު ވެރިކަން ބަދަލު ވީމަ ދޯ މުނައްވަރަށް ވެސް ތިކަން އެނގުނީ ޔާމިން ގެ ވެރިކަމު ވަޒީރުކަމުން ބޭރު ކޮށްލަފާނެތީ ދޯ އެގޮތަށް ނުބުނެ ހުރީ
އަހުމަދު އިބްރާހިމް
13 November 2018
ޒުވާން ގާބިލ ްމިނިސްޓަރުގެ އެޑްވައިސް އަށް ޝުކުރު ދަންނަވަން....
ރާއްޖެ
13 November 2018
ޒުވާން ގާބިލޭ؟ އެންމެ ނާގާބިލް މިނިސްޓަރު
ޝެލަރީ
13 November 2018
މި ޤައުމާ ރަށްޔިތުންނަށް ހެޔޮއެދޭ ބޭފުޅެއްނަމަ ކުރީންވެސް ތިވާހަކަ ދެއްކޭނެ ދެއްތޯ. ނަމަވެސް ތިބޭޅާގެ ފަރާތިން ފެނިގެން ދިޔައީ ޔާމީން ޖަހަމުންދިޔަ ބެރަށް ބަރާބަރަށް ފައިހަމަކުރަމުން ދިޔަތަން މިއީ ރަށްޔިތުން ދަންނަ ބޮޑު ހަޤީގަތެއް ދެއްތޯ.
މޯކުޅިފާތުމަ
13 November 2018
ބަލަ ތިއުޅެނީ އެއްވެސް މައުލޫމާތެއް ހާމަ ނުކޮށް މިއޮއް ހާތައް ދުވަހު
ހާދަރު
13 November 2018
5 އަހަރު ވަންދެން ދިމާ އިނދިކޮޅަށް ކަން ކޮށްފަ ނޭވާ ހޮޅިއަށް އެޅުނީމާ މިބުނަނީ މައުލޫމާތު ދޭންޖެހެއޭ!
ޢަހާނަމަ
13 November 2018
ޙެ ހެ. ކިޔާ އެއްޗަކާއި އަމަލުކުރާގޮތާ ހާދަ ތަފާތޭ... ތިޔައިގެން މިއިނގުނީ ޔާމީންގެ ވަގުކަން...