ރިޕޯޓް / ޖުޑީޝަރީ

މައްސަލަތައް އަވަހަށް ނިންމުމަކީ ކުރިއެރުމެއް، އެކަމަކު ފުރިހަމަ ނުވާ ކަންކަން އެބަހުރި

ކޯޓު ރޫމެެއް: އަވަހަށް ގިނަ މައްސަލަތަކެއް ނިމުނަސް އެތައް އަހަރެއްވެފައިވާ ބައެއް މައްސަލަތައް ނުނިމި އެބަހުރި --ފޮޓޯ/މިހާރު

ޝަރީއަތްތައް ލަސްވުމަކީ އަބަދުހެން އަންނަ ޝަކުވާއެކެވެ. ދައުވާކުރާ މީހާ އާއި ދައުވާ ލިބޭ ފަރާތަށް ވެސް އެއީ ވަރަށް ބޮޑު ޝަކުވާއެކެވެ. އެކަން ހައްލުކުރަން ސުޕްރީމް ކޯޓުން އިސްވެ އޮވެ މިދިޔަ އަހަރު ވަނީ ބޮޑު މަސައްކަތެއް ފަށައިފަ އެވެ. އެއީ މައްސަލަތައް އަވަސްކުރަން، ޝަރުއީ ދާއިރާގެ އެހާ މަތީ ލެވެލަކުން އެފަދަ އެންގުމެއް އެންގި ފުރަތަމަ ފަހަރެވެ.

ގިނަ ދުވަސް ވީ މައްސަލަތައް އަވަހަށް ނިންމަން މާލޭގެ ކޯޓުތަކަށް އެންގުމުގެ އިތުރުން ރަށްރަށުގައި ހުރި މެޖިސްޓްރޭޓް ކޯޓުތަކުގައި ގިނަ ދުވަސް ވީ މައްސަލަތައް ނިންމަން ފަނޑިޔާރުންގެ ވަފުދުތައް ފޮނުވަން ފެށި އެވެ. އެއް ބަޔަކު ބުނާ ގޮތުގައި އޭގެ ނަތީޖާ ވަރަށް ރަނގަޅެވެ.

ކޯޓުތަކުގެ މިދިޔަ އަހަރުގެ ތަފާސްހިސާބުތަކާއި މި އަހަރުގެ ފުރަތަމަ ހަ މަހުގެ ތަފާސްހިސާބަށް ބަލާއިރު މައްސަލަތައް އަވަހަށް ނިންމުމުގައި ބޮޑު ކުރިއެރުމެއް އަންނަނީ ހޯދަމުންނެވެ. މައްސަލަތައް ނިންމާ މިންވަރު އިތުރެވެ. އެއް އަހަރަށް ވުރެ ގިނަ ދުވަސްވެފައިވާ މައްސަލަތަކުގެ ނިސްބަތް އެތައް ގުނައެއް ވަނީ ދަށަށް ގެންގޮސްފަ އެވެ.

ހުށަހެޅިތާ ހަތަރު ނުވަތަ ފަސް އަހަރު ވާއިރު ނުނިމި، ފައިލްތަކަށް ހިރަފުސް އަރާފައި ހުރި މައްސަލަތައް ވެސް މަދުކުރަމުން ގޮސް މިހާރު މުޅި ރާއްޖޭގައި އޮތީ ފަސް އަހަރަށް ވުރެ ގިނަ ދުވަސް ވެފައިވާ އެންމެ 93 މައްސަލަ އެވެ. އެއީ ވަރަށް ބޮޑު ކުރިއެރުމެކެވެ.

އެކަމަކު އަދިވެސް ކަންބޮޑުވާން ޖެހޭ އެއް ކަމަކީ މަދުން ނަމަވެސް ބޮޑެތި އެތައް މައްސަލައެއް ޕާކްކޮށްފައި ހުރި ކަމެވެ. އެންމެ ބޮޑަށް އެކަން ފާހަގަވަނީ ޖިނާއީ މައްސަލަތަކުގަ އެވެ. އެންމެ ބޮޑެތި ޖިނާއީ މައްސަލަތައް ބަލާ ކްރިމިނަލް ކޯޓުގެ ތަފާސްހިސާބުތަކުން އެނގޭ ގޮތުގައި އެއް އަހަރަށް ވުރެ ގިނަ ދުވަސް ވެފައިވާ 400 އަށް ވުރެ ގިނަ މައްސަލަ ނުނިމި އެބަ އޮތެވެ. މިއީ ނުނިމި އެއް އަހަރަށް ވުރެ ގިނަ ދުވަސް ވީ މައްސަލަތައް އެންމެ ގިނަ ކޯޓެވެ.

ރާއްޖޭގައި އެންމެ ގިނައިން މައްސަލަ ހުށަހަޅަނީ ސިވިލް ކޯޓަށެވެ. އެކަމަކު އެ ތަފާސްހިސާބު ދައްކާ ގޮތުން މި އަހަރުގެ ފުރަތަމަ ހަ މަސް ނިމުނުއިރު އެ ކޯޓުގައި އޮތީ އަހަރު ވެފައިވާ އެންމެ ތިން މައްސަލަ އެވެ. ބާކީ ހުރިހީ ހުށަހެޅިތާ އެއް އަހަރު ނުވާ މައްސަލަތަކެވެ. އެހެންވެ، އަހަރު ވެފައިވާ މައްސަލައެއް އެ ކޯޓުގައި ނެތޭ ބުންޏަސް ދޮގަކަށް ނުވާނެ އެވެ. މި ފާހަގަކޮށްލީ އެއް ދަރަޖައެއްގެ ދެ ކޯޓެއްގައި މައްސަލަ ނިންމުމުގައި ހުރި ބޮޑު ތަފާތެވެ.

ކްރިމިނަލް ކޯޓާއި ސިވިލް ކޯޓުން ބަލަނީ މުޅިން ތަފާތު ދެ ބާވަތެއްގެ މައްސަލަތަކެވެ. އެހެންކަމުން ނުނިމި ހުރި މައްސަލަތަކުގެ ފަހަތުގައި ގިނަ ސަބަބުތަކެއް ހުރުން އެކަށީގެންވެ އެވެ. އޭގެ ތެރޭގައި ފަނޑިިޔާރުންގެ އަދަދާއި ދެ ކޯޓަށް ލިބިފައި ހުރި ވަސީލަތްތައް ތަފާތުވުން ހިމެނިދާނެ އެވެ. ހަމަ އެހެންމެ ސިވިލް ކޯޓަށް ހުށަހަޅާ މައްސަލަތަކުގައި ސުލްހަވެރި ހައްލެއް ލިބޭތޯ ދެ ފަރާތުން ވާހަކަ ދެއްކުމަށް ފަހު ނޫނީ ޝަރީއަތް ނުފެށޭ ގޮތަށް އޮތުމަކީ ވެސް ސިވިލް ކޯޓުގައި ގިނަ ދުވަސް ވީ މައްސަލަތައް މަދުވި ސަބަބެއް ކަމަށް ބެލެވެ އެވެ.

ކްރިމިނަލް ކޯޓުގައި ނުނިމި ހުރި އަހަރު ވެފައިވާ މައްސަލަތަކުގެ ތެރޭގައި ބޮޑެތި މާރާމާރީ އާއި މަރުގެ ހައި ޕްރޮފައިލް މައްސަލަތަކާއި މަސްތުވާތަކެތި ބޮޑެތި މައްސަލަތައް ހިމެނެ އެވެ. އަޑުއެހުންތައް ނިމި، އަހަރަކަށް ވުރެ ގިނަ ދުވަސް ވާއިރު ވެސް ހުކުމް ނުކޮށް ހުރި މައްސަލަތައް ވެސް އެ ކޯޓުގައި އެބަ ހުއްޓެވެ.

މި ރިޕޯޓަށް ކްރިމިނަލް ކޯޓުގެ ބަހެއް ލިބޭ ގޮތެއް ނުވި އެވެ.

މަރުގެ މައްސަލައެއްގައި ނުވަތަ ހައި ޕްރޮފައިލް މައްސަލައެއްގައި އަޑުއެހުންތައް ނިންމާލާތާ ދެ އަހަރު ވެގެން ދާއިރު ވެސް ހުކުމް ނުކުރެވި އޮތުމަކީ އާދައިގެ ކަމެއް ނޫނެވެ. މަރުވި މީހާގެ އާއިލާ އާއި ދައުވާ ލިބޭ މީހާގެ އާއިލާއަށް ވެސް އެކަމުން އުފުލަން ޖެހެނީ އިތުރު ތަކުލީފެކެވެ. ބައެއް ބޮޑެތި މައްސަލަތައް ހުށަހަޅާތާ ހައެއްކަ މަސް ތެރޭގައި ނިންމައި، ހުކުމް ކުރެވޭއިރު ތިން ހަތަރު އަހަރު ވެފައިވާ މައްސަލަތަކުގައި ވެސް އެހެން އަމަލު ނުކުރެވެންވީ ސަބަބެއް ނެތެވެ.

ބޮޑެތި މައްސަލަތައް ލަސްވާ ލަސްވުމަށް ހައްލެއް ގެންނަން، ނުރައްކާތެރި ހަތިޔާރާއި ތޫނު އެއްޗެހި ގެންގުޅުން މަނާ ކުރުމުގެ ގާނޫނަށް 2014 ގައި ވަރުގަދަ އިސްލާހެއް ގެނަ އެވެ. އެއީ އެ ގާނޫނުގެ ދަށުން ދައުވާ އުފުލާ މައްސަލަތައް 30 ދުވަހުގެ ތެރޭގައި ނިންމަން ޖެހުމެވެ. އެކަމަކު ވީ ކަމެއް ނެތެވެ. އިސްތިސްނާ ހާލަތްތަކުގައި، 30 ދުވަހުގެ އެ މުއްދަތު ފަހަނަ އަޅައި ދިއުން އެ ގާނޫނުގައި ވަނީ ހުއްދަކޮށްފަ އެވެ.

ނަތީޖާއަކީ އެ ގާނޫނުގެ ދަށުން ދައުވާކުރި ބައެއް މައްސަލަތަކަށް އަހަރު ވާން ގާތްވާއިރު ވެސް ރަނގަޅަށް ޝަރީއަތް ހިނގައި ނުގަނެވި އަދިވެސް ހުރުމެވެ. އެހެން ގޮތަކަށް ބުނާ ނަމަ އެ ގާނޫނުގެ ދަށުން ދައުވާކުރި މައްސަލަތައް ހުރީ މުޅިން ވެސް ގާނޫނުގައި ބުނާ "އިސްތިސްނާ ހާލަތަށް" ފައްތާފައި ކަމެވެ.

އަވަހަށް ޝަރީއަތް ކުރެވުމަކީ ކޮންމެ މީހަކަށް ވެސް ލިބޭ އަސާސީ ހައްގެކެވެ. އެއީ ދެބަސްވެވެން ނެތް ކަމެކެވެ. ނަމަވެސް އެ ހައްގު ހޯދައިދޭން ދައުލަތުން ކުރާ މަސައްކަތުގައި ވެސް މި ފެންނަނީ ޖިނާއީ ބޮޑެތި މައްސަލަތަކުން އޭގެ ހެޔޮ ބަދަލު ނުފެންނަ ތަނެވެ.

މައްސަލަތައް އަވަހަށް ނިންމުމަކީ ބޮޑު ކުރިއެރުމެކެވެ. އެންމެ މުހިންމު އަސާސީ އެއް ހައްގު ކަމަށްވާ އިންސާފުވެރި ޝަރީއަތެއް ހޯދަން އެދި ކޯޓުތަކަށް ދާ މީހުންނާ މެދު އަވަހަށް ގޮތެއް ނިންމުމުން އުފުލަން ޖެހޭ ތަކުލީފުތައް ކުޑަވާނެ އެވެ. އެކަމަކު އަވަހަށް މައްސަލަ ނިންމުމުގައި ވެސް ހުރިހާ ކޯޓުތަކަކުން އެއް ރޫހެއްގައި މަސައްކަތް ކުރަން ޖެހޭނެ އެވެ. ގުޑާނުލާ ހުރި މަދު މައްސަލަތަކަކުން، ސުޕްރީމް ކޯޓުގެ އިސްނެގުމަށް ހުރަސް އެޅިގެން ނުވާނެ އެވެ.

5 ކޮމެންޓް, 11 ރިއެކްޝަންސް

icon happy icon happy 9%
icon sad icon sad 64%
icon angry icon angry 27%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ހަމަޤަބޫލުކުރާ

18 August 2016

ފަނޑިޔާރުންގެ ތެރެއިން ބައެއް ފަނޑިޔާރުން ކުރާނެ މަސައްކަތެއް ނެތިގެން އުޅޭއިރު އަނެއްބައި ފަނޑިޔާރުންގެ އަތްޕުޅުގައި މައްސަލަތައް ފުނިޖެހިފައިވުމަކީ ސިސްޓަމުގައި ހުރި ވަރަށް ބޮޑު މައްސަަލައެކެވެ. ފެމިލީ ކޯޓުގައި 11 ވަރަކަށް ފަނޑިޔާރުން ތިއްބެވިއިރު އެކޯޓުގައި އޮތީ ކިތައް މައްސަލަތޯއެވެ. އަދި އެކޯޓަށް ހުށަހެޅޭ މައްސަލަތައް ނިންމުމުގައި ކިހާ ދުވަހެއް ހޭދަވޭތޯއެވެ. ކްރިމިނަލް ކޯޓުގައި 5 ވަރަކަށް ފަނޑިޔާރުން ތިއްބަވައިގެން ހަމަ ނުކުޅުދާނަ ވާއިރުވެސް ޖޭއެސްސީއަށް މުހިއްމުވަނީ ފެމިލީ ކޯޓަށް އެހެން ކޯޓެއްގައި ހުރި ޤާޟީއެއް ގެނެސް ލުމެވެ. އިޚްލާޞްތެރިކަން ނެތީއެވެ. އިޚްލާޞްތެރިކަން ހުރެއްޖެނަމަ، މިކަން މިގޮތަކަށް ނުވާނެއެވެ. އެއިގެ ބަދަލުގައި ފެންނަނީ ބަދަލުހިފުމާއި ޙަސަދަވެރިވުމުގެ ރޫހެވެ.

The name is already taken The name is available. Register?

އިޚްލާޞްތެރިއެއް

18 August 2016

ޝަރުޢީވަފުދު ކޮންމެ އަހަރުފޮނުވާތީ، ބައެއް ކޯޓުތަކުގައި މައްސަލަތައް ނުބަލާ ބަހައްޓައެވެ. އެހެންކަމަށްވާނަމަ، ދައުލަތުގެ ބަޖެޓުން އިސްރާފު އެކުރެވެނީ ކިތަށް ރުފިޔާތޯއެވެ. މެޖިސްޓްރޭޓް ކޯޓަކަށް އަހަރަކު ހުށަހެޅޭ 30 މައްސަލަ އަހަރު ނިމޭއިރު މެޖިސްޓްރޭޓަށް ނުނިމެންޔާ އެރަށުގައި ދާއިމީ މެޖިސްޓްރޭޓެއް ބެހެއްޓުމުގެ ބޭނުމެއް އެބައޮތްހެއްޔެވެ.

The name is already taken The name is available. Register?

ޢާންމުފަރުދެއް

18 August 2016

އަތޮޅުތަކަށް ފޮނުވާ ވަފުދުގައި ގިނަފަހަރަށް ހަދާގޮތަކީ އެތައް ދުވަހެއް ވެފައި ހުރި މައްސަލަތައް، މައްސަލަ ހުށަހެޅި ފަރާތްތައް ރަށުގައި ނެތީސް އަމުރު ފޮނުވާފައި ޙާޟިރުނުވިކަމަށް ބަލައި، ބާޠިލު ކޮށްލަނީއެވެ. ރަށްރަށުގެ ރައްޔިތުންނަކީ ހަފްތާއަކަށް ނޫނީ ދެހަފްތާއަށް މަސްވެރިކަން ކުރަން ނުވަތަ އެހެނިހެން އާމްދަނީއެއް ހޯދަން ރަށުން ބޭރަށް ދާ މީހުންނެވެ. ޝަރުޢީ ވަފުދު އަންނަނީ ރައްޔިތުންނަށް އެނގިގެނެއް ނޫން. އެބޭފުޅުން ވަޑައިގަންނަވާ ގޮތަށް ގިނަ މައްސަލައެއް ބާޠިލު ކޮށްލުމުން މެޖިސްޓްރޭޓްއާ ކޯޓުގެ ޕަރފޯމަންސް ރަނގަޅުވިނަމަވެސް، ޢާންމު ރައްޔިތުމީހާ އަނެއްކާވެސް ޖެހެނީ އެމައްސަލަ ކުރިއަށް ގެންދަން ބޭނުންނަމަ އަލުން ހުށަހަޅަންށެވެ.

The name is already taken The name is available. Register?

ގފގ

18 August 2016

ސަރުކާރުން ބޭނުންވާ ސިޔާސީ ޖިނާއީ މައްސަލަތައް ހުށަހަޅާތާ 1 މަސް 2 މަސް ތެރޭ ނިންމާއިރު އާންމު މީހާ ހުށަހަޅާ މައްސަލަތައް އެއޮންނަ ތަރުތީބުން ވާނި އިރަކުން ގެންދިއުމުން މިގައުމުގައި އަދުލު އިންސާފު އޮން މިންވަރާ އެއޮތްގޮތް އެއޮތީ ހާމަޔަށް ފެންނަން.

The name is already taken The name is available. Register?

އެއއެ

18 August 2016

މަޖިލީހުގައި ސަރުކާރުގެ މެޖޯރިޓި އޮތީމަ ސަރުކާރު ބިލް ފާސް ރާސްޓަސްލާފަ. ޤާނޫނު އަސާސީ އޮތް ގޮތުން މަޖިލީސްއަށް ސަރުކާރުގެ ބާރު ހިންގޭ ޤާނޫނުގެ ތެރެއިން. އެކަމަކު ކޯޓަކަކީ މިނިވަން ތަނެއް. ކަލޯ. އެއްވެސް ބައެއްގެ މެޖޯރިޓީ ނޯންނާނެ. މައްސަލަ ނިމެނީ އަންނަ ތަރުތީބުން ނޫނި އެގިހާމަވެ ބަޔާންކޮށްފައިވާ އުސޫލެއްގެ ތެރެއިން އަވަސްވެގެން. މިސާލަކަށް އަވަސް މައްސަލަ ސެކުޝަނަށް ލާށޭ އަވަސްކުރަން. އެގޮތަށް. ތިވާނީ ސަރުކާރު މައްސަލަ ސަރުކާރުނ ްއަވަސް މައްސަލަ ސެކްޝަނަށް ފޮނުވަން އެދެނީކަމަށް. އެބޭފުޅުން ތަފާތެއް ނުކުރާނެ ސަރުކާރެއް އާންމު ރައްޔިތެއް. ދެން ނިންމާލީ އަވަގުރާނައެއް ގޮވުމުގެ ކުރިން. އަގަޔަށް ހުރީ ޖަމާވެފައި. ހައްޕު

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454