ޚަބަރު / ސީމެގް

ސީމެގުގެ ބައްދަލުވުމާ ގުޅޭ ގޮތުން ރާއްޖޭން އިންޑިއާއާ ވާހަކަ ދައްކައިފި

ފޮރިން މިނިސްޓަރު އާސިމް އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރު ސުޝްމާއާ މިއަދު އިންޑިއާގައި ބައްދަލުކުރައްވަނީ.-- ފޮޓޯ: އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓްރީ

ކުރިއަށް އޮތް ކޮމަންވެލްތު މިނިސްޓީރިއަލް އެކްޝަން ގްރޫޕު (ސީމެގް)ގެ ބައްދަލުވުމާ ގުޅޭ ގޮތުން ރާއްޖެއިން އިންޑިއާ ސަރުކާރާ އެކު މިއަދު މަޝްވަރާކޮށްފި އެވެ.

އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓްރީގެ ތަރުޖަމާނު ވިކާސް ސްވަރަޕް އިންޑިއާގެ ނޫސްވެރިންނަށް ވިދާޅުވި ގޮތުގައި، އެ މަޝްވަރާތައް އޮތީ އެ ގައުމުގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރު ސުޝްމާ ސްވަރާޖާއި ރާއްޖޭގެ ފޮރިން މިިނިސްޓަރު މުހައްމަދު އާސިމް މިއަދު ދިއްލީގައި ބޭއްވި ބައްދަލުކުރެއްވުމުގަ އެވެ. އެ ގޮތުން، މިދިޔަ މަހު ރާއްޖެ ވަޑައިގެންނެވި އދ. އާއި ކޮމަންވެލްތުގެ މަންދޫބާއެކު ދިވެހި ސަރުކާރުން ކުރި މަސައްކަތްތަކާއި ކުރިއަށް އޮތް ސީމެގްގެ ބައްދަލުވުމުގެ މައުލޫމާތު އާސިމް ދެއްވި ކަމަށް ވިކާސް ވިދާޅުވި އެވެ.

"ރާއްޖޭގައި ހިނގަމުންދާ ކަންކަމާ މެދު ދެކެވަޑައިގަންނަވާ ގޮތް ރާއްޖޭގެ ފޮރިން މިނިސްޓަރު ހިއްސާ ކުރެއްވި،" އޭނާ ވިދާޅުވި އެވެ.

އިންޑިއާ ހިމެނޭ ގޮތުން ޖުމްލަ ނުވަ ގައުމެއްގެ ފޮރިން މިނިސްޓަރުން ތިއްބަވާ ސީމެގުގެ ބައްދަލުވުމެއް އަންނަ މަހު އޮންނާނެ އެވެ. މިދިޔަ އޭޕްރީލް މަހު ބޭއްވި ސީމެގުގެ ބައްދަލުވުމުގައި ރާއްޖެ އަށް ހުށަހެޅި ހަ ކަމެއް އިސްލާހު ކޮށްފައިވޭތޯ މި ބައްދަލުވުމުގައި ބަލައި ރާއްޖެއާ މެދު ފިޔަވަޅު އަޅަން ޖެހޭތޯ ނުވަތަ ނޫންތޯ ކަނޑައަޅާނެ އެވެ. އެ ކަންތައްތަކުގެ ތެރޭގައި ޖަލަށް ލާފައިވާ ސިޔާސީ ބޭފުޅުން ދޫކޮށްލުމާއި ޝަރުއީ ދާއިރާގެ މިނިވަންކަން ކަށަވަރުކުރުމުގެ އިތުރަށް ގެއްލިފައިވާ ބައެއް ހައްގުތައް އަނބުރާ ހޯދައިދިނުން ހިމެނެ އެވެ.

އެންމެ ފަހުން ބޭއްވި ސީމެގުގެ ބައްދަލުވުމުގެ ކުރިން ވެސް ސަރުކާރުން ބޭރު ދުނިޔޭގައި ލޮބީ ކުރި އެވެ. އެ ގޮތުން، ސީދާ ރައީސް އަބްދުﷲ ޔާމީން އިންޑިއާ އަށް ވަޑައިގެން އެ ގައުމުގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއާ ބައްދަލު ކުރެއްވިއިރު، ރައީސްގެ މަންދޫބުންގެ ގޮތުގައި މިނިސްޓަރުން ސީމެގުގައި ހިމެނޭ ބައެއް ގައުމުތަކަށް ވަޑައިގަތެވެ.

މީގެ އިތުރުން، ރާއްޖެ އާއި އިންޑިއާއާ ދެމެދު މި ފަހުން ކުރި މުހިއްމު މަޝްވަރާތަކާ ގުޅޭ ގޮތުން ވެސް އާސިމް އާއި ސުޝްމާ މިއަދު ވާހަކަ ދެއްކެވިކަން ވެސް އެކްސްޓާނަލް އެފެއާޒް މިނިސްޓްރީގެ ތަރުޖަމާނު ފާހަގަކުރެއްވި އެވެ. އޭގެ ތެރޭގައި ހިމެނެނީ، ވިކާސް ވިދާޅުވި ގޮތުގައި، އިންޑިއާގެ ޑިފެންސް ސެކްރެޓަރީ މޯހަން ކުމާރާއި ޓެރަރިޒަމާ ގުޅޭ ކަންކަމަށް އެ ގައުމުގެ ބޮޑުވަޒީރު ކަނޑައަޅުއްވާފައިވާ މަންދޫބު އާސިފް އިބްރާހިމް މިދިޔަ މަހު ރާއްޖެ އަށް ކުރެއްވި ދަތުރެވެ.

"... ދެ ގައުމުގެ ދެމެދު އޮތް ގުޅުމުގައި ހިމެނޭ އެކި ދާއިރާތަކުން ހޯދާފައިވާ ކާމިޔާބީތަކާއި ކަންކަން ގޮސްފައިވާ ހިސާބާ ގުޅޭ ގޮތުން ވެސް ދެ ބޭފުޅުން މަޝްވަރާ ކުރެއްވި،" އޭނާ ވިދާޅުވި އެވެ.

މި އަހަރު ފަހުކޮޅު އިންޑިއާގައި ބާއްވާ ރާއްޖޭގެ އިންވެސްޓްމަންޓް ފޯރަމަށް އިންޑިއާ އިން ވަމުންދާ ތައްޔާރީތަކަށް އާސިމް ޝުކުރު ވެސް އަދާކުރެއްވި އެވެ.

މިއީ މިދިޔަ މަހުގެ 13 ގައި މިނިސްޓަރުކަމާ ހަވާލުވެވަޑައިގެންނެވި އާސިމް ރާއްޖޭން ބޭރަށް ކުރައްވާ ފުރަތަމަ ދަތުރެވެ. އިއްޔެ ފެއްޓެވި ދެ ދުވަހުގެ މި ދަތުރުގައި ސުޝްމާއާ އެކު ރަސްމީ މަޝްވަރާތައް ބޭއްވެވުމުގެ އިތުރަށް، އާސިމް ވަނީ އިންޑިއާގެ ނައިބު ރައީސް ހާމިދު އަންސާރީއާ ވެސް މިއަދު ހަވީރު ބައްދަލުކުރައްވާފަ އެވެ.

މިނިސްޓަރު އާސިމް އިންޑިއާގެ ނައިބު ރައީސް ހާމިދު އަންސާރީއާ މިއަދު އިންޑިއާގައި ބައްދަލުކުރައްވަނީ.-- ފޮޓޯ: އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓްރީ

އިންޑިއާ އިން ރާއްޖެ އަށް ގިނަ އަދަދެއްގެ އެހީތަކެއް ވެ އެވެ. އެ ގޮތުން، ރާއްޖޭގެ ތައުލީމީ އަދި ސިއްހީ ދާއިރާ އަށް ބޭނުންވާ މީހުން ފޮނުވައި އެ ދާއިރާތަކުން ދިވެހިން ތަމްރީނުކޮށް ދެމުން ދެ އެވެ. އަދި އަސްކަރީ ގޮތުން ވެސް ގިނަ އެހީތަކެއް އަންނަނީ ވަމުންނެވެ.

އެކަމަކު، ޗައިނާއާ އެކު ރާއްޖޭން މި ފަހުން ގުޅުން ބަދަހިކުރަން ފެށުމުން އިންޑިއާއާ ދެމެދު އޮންނަ ގުޅުމަށް ކޮންމެވެސް ވަރަަކަށް ވަނީ އަސަރުކޮށްފަ އެވެ. އަދި ރާއްޖޭގެ ސިޔާސީ މަސްރަހު ހަލަބޮލިވެ، އެ މައްސަލަތައް ހައްލު ނުވެ ގިނަ ދުވަސްތަކެއް ވުމުން އިންޑިއާގެ ބޮޑުވަޒީރު މޯދީ ރާއްޖެ އަށް ކުރައްވަން އޮތް ދަތުރުފުޅު ވެސް ކެންސަލް ކުރެއްވި އެވެ.

7 ކޮމެންޓް, 55 ރިއެކްޝަންސް

icon happy icon happy 16%
icon sad icon sad 11%
icon angry icon angry 73%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

އަލްޖިބްރާ

17 August 2016

އަތަށްގޮވިއަސް ދިވެހިންނަށް އެގޭނެބާ ؟

The name is already taken The name is available. Register?

އަލިދީދީއައްޑޫސިޓީ

16 August 2016

ސީމެގުން އެޕްރީލް ގައި ބުނީ 6 ކަމެއް ރަނގަޅުކުރާށޭ. ދެން އޮންނަ ބައްދަލުވުމުގެ ކުރިން. އެއީ ސެޕްޓެމްބަރ 2016 ގެ ވާހަކަ. އެކަމަކު އެ 6 ކަން ރަނގަޅު ނުކޮށް އޭގެ އިތުރަށް ޚިޔާލު ފާޅުކުރުމުގެ މިނިވަންކަމާ، މިނިވަން ނޫސްވެރިކަމާ އެއްވެ އުޅުމަށް އިތުރަށް ހުރަސް އަޅާ ފިއްތާ ގާނޫނު ހަދައި ނިންމާފަ ގޮސް މިބުނަނީ " މަމެން ސަލާމަތް ކޮށްދޭށޭ " . އިންޑިޔާ އޮތީ ނިދާފައެއް ނޫން އިނގޭތޯ؟ ކުރިން ޕާކިސްތާނުން އެހީވީ. އެކަމަކު ޕާކިސްތާނުގެ މިނިވަން ދުވަހު މިއިން ސިޔާސީ މީހަކު ކުރި ޓުވިޓެއްވެސް ނުފެނޭ. އެހެންވީމަ، މިފަހަރު އިންޑިޔާ އިން ވެސް ކުރާނެ މާބޮޑުކަމެއް ނޯންނާނެ. އަބަދަކު " ދެން އެހެން ނުހަދާނަން. މިފަހަރު ހެލްޕް ދެއްވާ " ކިޔައިގެނެއް ފަރަކު ނުޖެއްސޭނެ. އިފް ޔޫ ވޯންޓު ޓު ބީ އަ ލިޓްލް ސިންގަޕޯރ. ޔޫ ބެޓަރ ބިހޭވް ލައިކް ވަން.

The name is already taken The name is available. Register?

މެންޓަލިސްޓް

17 August 2016

ކޮއްކޯ ސިންގަޕޯރއަކީ ޑިކްޓޭޓަރޝިޕްއެއް ،، ތިޔަބުނާ ޑިމޮކްރެޓިކް އެންވަޔަރމެންޓްއެއްނޯންނާނެ ، ހުރިހާ އެކަހަލަ ކަންކަމެށް އޮންނާނީ ނަމެއްގައި ، ލީކުއަންޔޫ އެތަން ޑެވެލޮޕްކުރީ ގޮއްމުށުގެ ބާރުގައި ވެރިކަންކޮއްގެން ، ސަރުކާރާ އޭރު ދެކޮޅަށް ބަސްބުނެހެދި އެންމެންހެން 25 އަހަރަށް ޖަލަށްލާހެދީ ،، މިހާރުވެސް ސިންގަރޕޯރއަކީ ވަރަށް ހަރުކަށި ސިޔާސަތެއްގެ ގައުމެއް ،،،،، ވަރަށް ސަލާމް

The name is already taken The name is available. Register?

ބުކޫ

17 August 2016

މެންޓލިސްޓޫ، ދެން ސީމެގުން ސިންގަޕޫރައް ފިޔަވަޅު އަޅަންވީނު. ނުކެރޭނެ، ލާހިކެއް ނޫން، ކިރިޔާ ގޮތަކއް ތީން ގައުމެއް ސިންގަޕޫރައް އަދަބެއް ދޭން އުޅެލއިފިއްޔާ އެ ގައުމެއް ހަފުސް ވާނީ، ނިކަން ކުޅެލަބަލަ..މޯޑިސް އާ ތޮޅެވޭނީ

The name is already taken The name is available. Register?

ކުޑަހުވަދޫ މީހާ

16 August 2016

ޖީސީ ޓެސްޓް ފެށިގެންއުޅޭހެން ކޮންމެ ސީމެގު ބައްދަލުވުމަކާދިމާކޮށް ސަރުކާރުގެ އިސްބޭފުޅުން މިއުޅުއްވާގޮތެއް! ގައިމު ޕުރެޝަރެއްނެތޭ ކިޔާއަޑުއިވޭ. އެކަމަކު ނައިބުރައީސް މެލޭސިޔާގަ. އަނެކަކު އިންޑިޔާގެ. ޕުރެޝަރެއްވާނެތް.

The name is already taken The name is available. Register?

ތުއްތޮންބެ

16 August 2016

ޓީވީ ތަކަށް އިންޓަރވިއު ދޭން ހުރި އިމާރާތަށް އެމެރިކާ ސިފައިންގެ ވަޒަން އަރަމުން ދިޔައިރުވެސް ސައްދާމް ސަރުކާރުގެ ޚާރިޖީ ވަޒީރު ސައްހާފް ވެސް ބުނަމުންދިޔަ އިރާޤް ގެ ހުރިހާ ކަމެއް އޮތީ ސަރުކާރުގެ ފުރިހަމަ ކޮންޓްރޯލްގެ ދަށުގައޭވެސް.

The name is already taken The name is available. Register?

މެންޓަލިސްޓް

16 August 2016

އިންޑިޔާއާއި ޗައިނާއާޢި 2015 ގައި ކުރިވިޔަފާރީގެ ޖުމްލައަރާ 80 ބިލިއަންޑޮލަރަށް ،، އެހެންވީމަ ޗައިނާގެ އެހީހޯދައިގެން ތިޔަކަމުގައި ކުރިމަގެއް ރާއްޖެއަށްފެނިދާނެ ، ޗައިނާމީހުން އިންޑިޔަން އޯޝަންގައި ލަނގިރިޖަހާއިރު އިންޑިޔާމީހުން އަނގައިން ނުބުނެ އޮންނަންޖެހޭނީ ވިޔާފާއިގެ ބޮޑުގުޅުމަށްޓަކައި ކަމަށް މުރާސިލުންބުނެއުޅެނީ ،،، އެމެރިކާއިން ނައްޓައިގެން އުޅެނީ ޗައިނާއިން އިންޑިޔާކަނޑުގައި ނުފޫޒްގަދަކުރަމުންދާތީވެ ،،، މިހާރު ރާއްޖެވެސް ބައިވެރިވެގެން މިކުޅެމުންދަނީ ވަރަށް ނުރައްކާތެރި ޖިއޯޕޮލިޓިކަން ގޭމެށް ،،، ނޭންގިތިއްބާ އަތަށްވެސް ގޮވާފާނެ ،،،

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454