ހެލްތު މިނިސްޓަރު އައިޖީއެމްއެޗްގެ ކަންކަން ބައްލަވާ ލަށްވަނީ-- ފޮޓޯ: މިހާރު
05 ޑިސެމްބަރ 2018 - 14:54
ރާއްޖޭގައި ސިއްހީ ހިދުމަތް ދިނުމަށް ޑޮކްޓަރުންނާއި ނަރުހުންނަށް ހުއްދަ ދޭ އުސޫލަށް ބަދަލުތަކެއް ގެންނަން ޖެހޭ ކަމަށް ހެލްތު މިނިސްޓަރު އަބްދުﷲ އަމީން މިއަދު ވިދާޅުވެއްޖެ އެވެ.
މިސަރުކާރުގެ ފުރަތަމަ 100 ދުވަހުގެ ތެރޭގައި ސިއްހީ ދާއިރާ އިން ކުރަން ނިންމާފައިވާ ކަންކަމުގެ މައުލޫމާތު ނޫސްވެރިންނަށް ދެއްވަމުން މިނިސްޓަރު ވިދާޅުވީ މަގާމާ ހަވާލުވެވަޑައިގަތުމަށް ފަހު ބެއްލެވި ކަންތައްތަކުން ސިއްހީ ހިދުމަތް ދިނުމަށް ހުއްދަ ދޭ އުސޫލުގައި މައްސަލަތަކެއް ހުރިކަން ފާހަގަ ކުރެވިފައިވާ ކަމަށެވެ.
ރާއްޖެއިން މިހާރު ހުއްދަ ދޭ ބިދޭސީ ނަރުހުންނާއި ޑޮކްޓަރުން ރެކްރޫޓް ކުރަނީ އަމިއްލަ އެޖެންސީތައް މެދުވެރިކޮށެވެ. އޭގެ ސަބަބުން ފެންވަރު ނެތް މީހުންނަށް ހުއްދަ ދިނުމުގެ މައްސަލަތައް ވަރަށް ގިނައިން ފެންމަތިވެ އެވެ.
"އަޅުގަނޑުމެން ސިޔާސަތުތަކެއް އެކުލަވާލައި ތަންފީޒު ކުރާނަން. ޑޮކްޓަރުން ވެސް ނަރުހުން ވެސް ރެކުރޫޓް ކުރަން ގެންގުޅޭ މިންގަނޑަށް ބަދަލު ގެންނާނަން. މިހާރު ބިދޭސީން ރެކުރޫޓް ކުރަނީ ޕްރައިވެޓް އެޖެންސީތައް މެދުވެރިކޮށް ކަމަށްވާއިރު އޭގެ ސަބަބުން ނަރުހުންގެ ފެންވަރު ބެލުމުގައި އެބަހުރި މައްސަލަތަކެއް. އަދި ރެކްރޫޓު ކުރުމުގެ ތެރޭގައި އެހެނިހެން މައްސަލަތައް ހުންނަކަން ވެސް ފާހަގަ ކުރެވޭ،" އަމީން ވިދާޅުވި އެވެ. "ނަރުހުންނާއި ޑޮކްޓަރުންވެސް ރެކްރޫޓް ކުރުމަށް ގެންގުޅޭ މިންގަނޑުތަކަކީ ފެންވަރު ރަނގަޅު މީހުން ލިބޭނެ ނިޒާމަކަށް ބަދަލު ކުރުމަށް އެކަން ބައްޓަން ކުރާނަން."
އެކަން ކުރާނެ ގޮތުގެ ތަފްސީލެއް މިނިސްޓަރު ހާމައެއް ނުކުރައްވަ އެވެ.
އައިޖީއެމްއެޗް އައިސީޔޫގައި ބަލި މީހަކަށް ފަރުވާ ދެނީ--
ދިވެހި ނަރުހުން ހޯދަން އިއުލާން ކުރަން ނިންމާފައިވާ ކަމަށާއި ދިވެހި ނަރުހުން ހިދުމަތާ ގުޅުމަށް އިލްތިމާސް ކުރާކަމަށް މިނިސްޓަރު ވިދާޅުވި އެވެ. ނަރުހުންގެ އިނާޔަތްތައް ރަނގަޅު ކުރުމަށް މަސައްކަތް ކުރައްވާނެ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ. މިހާރުން މިހާރަށް ވެސް 500 އަށް ވުރެ ގިނަ ނަރުހުން ބޭނުންވާ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.
މިނިސްޓަރު ވިދާޅުވީ ސަރުކާރުގެ އަމާޒަކީ ސިއްހީ ދާއިރާއަކީ ރައްޔިތުން އިތުބާރު ކުރާ އަދި ހަރަދު ކުޑަ ހިދުމަތެއް ފޯރުކޮށްދޭ ދާއިރާއަކަށް ހެދުން ކަމަށެވެ. އެކަން ކުރުމަށް ޑޮކްޓަރުންނާއި ނަރުހުންގެ ތަމްރީނަށް ބޮޑު އިސްކަމެއް ދެއްވާނެ ކަމަށް ވިދާޅުވި އެވެ. މިނިސްޓަރު ވަނީ މިސަރުކާރުގެ ފުރަތަމަ 100 ދުވަހުގެ ތެރޭގައި ކުރައްވާނެ ހާއްސަ ކަންކަން އިއުލާން ކުރައްވާފަ އެވެ.
- ރާއްޖޭގެ ހުރިހާ ރަށަކަށް އެމްބިއުލާންސްގެ ހިދުމަތް ދިނުން.
- އެމަޖެންސީ ކެއާގެ ވަރުގަދަ ނިޒާމެއް ގާއިމް ކުރުން.
- ނަފްސާނީ ބަލިތަކަށް ހާއްސަ އިންސްޓިޓިއުޓެއް، އާސަންދައިން އެ ފަރުވާ ދިނުން.
- އަތޮޅުތެރޭގެ ސިއްހީ މައްސަލަ ހައްލު ކުރަން ފެށުން.
- ބޭހުގެ ފެންވަރު ރަނގަޅު ކުރުން.
- ދިވެހި ބޭސްވެރިކަމާ ގުޅޭ މަހާސިންތާއެއް ބޭއްވުން.
އެކަންކަމުގެ އިތުރުން ފަތުރުވެރިކަން ކުރިއަރާފައިވާ ރަށްރަށުގައި މެޑިކަލް ޓޫރިޒަމަށް އަމާޒުކޮށްގެން، އެ ރަށްރަށުގައި ސިއްހީ ހިދުމަތް ދޭ ތަންތަނުގެ ފެންވަރު ރަނގަޅު ކުރައްވާނެ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.
ރާއްޖޭގެ މައި ހޮސްޕިޓަލް އައިޖީއެމްއެޗާ ގުޅޭގޮތުން އާއްމުން ކުރަމުން ދާ ޝަކުވާތަކަށް ހައްލު ހޯދުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށްވެސް ވިދާޅުވި އެވެ. އަދި އައިޖީއެމްއެޗާ ގުޅޭ ތަފްސީލީ މައުލޫމާތު ވަރަށް އަވަހަށް ހާމަ ކުރައްވާނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ސޮމްޗައި
06 December 2018
ޑޮކްޓަރުން ނިންމާ ދުނިޔެގަބޫލުކުރާ ފާސްތަކާއި ޓުރެއިނިންގުތަޢްވެސް، ގަބޫލުކުރާ ޝަރުތުތަކާއި މިންގަނޑަށް ބަދަލުގެނެސް، ރާއްޖޭގައި ދިވހި ޑޮކްޓަރުންނަށް ހުއްދަދިނުމުގަައި ރަންގަޅު އުސޫލަކަށް ނިންމައިދިނުން ވަރަށްވެސް މުހިންމެވެ.
ތިމަންނަ
06 December 2018
ކުލަ ކުލައިގެ ޔުނީފޯމްއަޅައިގެން ކިޔަވާ ނަރުހުން , ކޮންމެ އަހަރަކވެސް ނިމިގެން ނިކުމެއެެވެ. ނަމަވެސް އަދިވެސް ހަމަ ބިދޭސީ ނަރުހުން ނެތި އެއްވެސް ހޮސްޕިޓަލެއް , ސިއްހީ މަރުކަޒެއް ނުހިގައެވެ
އަނީސާ
06 December 2018
އެއްވެސް އެއްޗެއްވިސްނާލުމެއްނެތި ރައްރަށުގެ މަރުކަޒުތަށް 16 ގަޑިއިރަށްބަދަލުކޮއްލީ .. އެންމެ ޑޮކުޓަރަކާދެނަރުހުންނާއިއެކު މީކިހާބޮޑު ތަކުލީފެއް.. މިތަންތަނަށް ދައްކަންއަންނަނީ ދުވާލަކު 8 ނޫނީ 5 ބަލިމީހުން ބާކީގަޑިތަކުގަ ނިދިޖެހިފަ މުޅިން ހަލާކު ... ހެޔޮނުވާނެ ކުރިޔެކޭވެސް އެއްގޮތައް 8 ގަޑިއިރަށް ބަދަލުކޮއްދެއްވާ.. ކިހާބޮޑު އިސްރާފެއް މުޅިތަންދިއްލާފަ ފަންކާތަށްޖަހާފަ.....
ވަރަށް ފޫހި
06 December 2018
ނަރުހުންނާއި ޑޮކްޓަރުންގެ ފެންވަރު ދައްވަވީ ފޭކްތަންތަނުން ކިޔަވާތީ..ދިވެހިން އަވަހަށް ޑިގްރީ ހަދަންވެގެން ލަންކާޢިން ކިޔަވަަނީ ވ ކަޑަ..މ.އަމީން ބުނަން އެމީހުންނަށް ލައިސެންސް ދޭނެ ކަމެއްނެތް. ޢެއްވެސް އެއްޗެއް ނޭގޭ..
ކޮތަރު އިމުރާނު
06 December 2018
އަޅެ މީނަ އެއްވެސް ކަމެއް ކޮށްފަ އެވާހަކަ ދައްކައިފިތަ؟ އަބަދުވެސް ކުރާނަން، ބުނާނަން، ގެންނާނަން، ބަލާނަން... ހުސް ވައި އަނގަ. ކަންކަން ކުރެވޭމީހުން ތިވަރަށް އަނގައެއް ނުތަޅާނެ.
ރާއްޖެ
05 December 2018
މިނިސްޓްރީ ތެރެއިން މީހުން ރެކްރޫޓް ކުރަން ފެށީމާ މިނިސްޓްރީގަ އުޅުއްވާ ބޭފުޅުންގެ ޖީބު ވަރަށް ބަރުވެގެން ދާނެ.
ބޭސް ސިޓީ
05 December 2018
ކަލޯމެނަށް އިގޭތަ އާސަންދައިން ހުރިޙާ ބޭހެއް ނުލިބެޔޭ. އަދި އެވެސް އަގުބޮޑު ބޭސްތައް. އެ އެއްޗިސް ގައްނަން ޖެހެނީ މަމެން އަމިއްލައަށް. ގަނެ ނިމޭއިރު އަތް ހުސްވެޔޭ ބަލަ އާސަންދައިން ޖީބައް ވަކި ލުޔެއް ނުލިބެޔޭ. މިކަމައް ހައްލެެއް ބޭނުންވޭ އިންތިހާއައް. ވެދުމާއި ސަލާން
Dhaandhoo
05 December 2018
ރާއްޖެތެރޭގެ ރަށްރަށުގައި ހުރި ހޮސްޕިޓަލްތަކާއި ސިއްހީމަރުކަޒުތައް ތަރައްޤީ ކުރައްވަންވީ ސުމަކުން ފަށައިގެން އިނގޭތޯ؟ މިހެން ދަންނަވަން ޖެހުނީ ގ.އ.ވިލިގިލީގައިހުރި ޕޮލިސް އެކޮމޮޑޭޝަން އިމާރާތުގައިހިނގި އަލިފާނުގެ ހާދިސާގައި ފިހުނު ޕޮލިސް އޮފިސަރަށް ދެވޭނެ އެއްވެސް ފަރުވާއެއް މިއަތޮޅޫގައި ހުރި ހިއްޙީ ޚިދުމަތް ދޭ އެއްވެސްތަނަކުން ލިބެން ނެތުމުން އޭނާ ފޮނުވީ މާލެއަށް . އަލިފާނުންފިހުނު މީހަކަށް 10 ގަޑިއިރުފަހުން ފަރުވާއެއް ؛ލިބުނީ މާލެއިން އެކަނި .
Dhaandhoo
05 December 2018
އަގައިން ބުނެލަން މާކަ އުނދަގުލެއްނުވާނެ . އުނދަގޫވާނީ އަމަލީގޮތުން ކަންކަން ކުރަން ވުމުން. މިނިސްޓަރ އަމީން އަށް ދަންނަވަާލަން . އައި.ގީ.އެމް.އެޗް ގައި ހުރި މައްސަލަތައް ހައްލުކުރައްވަން ހަޤީޤަތުގައިވެސް މަނިކުފާނު ބޭނުންފުޅުވާނަމަ ފުރަތަމަވެސްކުރައްވަން ވާ ކަމަކީ ރާއްޖެތެރޭގެ ރަށްރަށުގައި ހުރި ހޮސްޕިޓަލްތަކާއި ސިއްޙީމަރުކަޒުތަކުގެ ފެންވަރު ރަގަޅު ކުރުން. އޭރުން އައި.ޖީ.އެމް.އެޗް އަށް ބާރު ކުޑަވެ މައްސަލަތަކަށް ހައްލު ލިބެމުންދާނެ.
ސައިމާ
05 December 2018
ތިވެސް ރަގަޅު، އެކަމު މިރާއްޖެއަށް ވަރަށް މުހިންމު މެޑިކަލް ނެގްލިޖަންސް ގާނޫނެއް. އަދި އެގާނޫނު ރަގަޅުގޮތުގައި އެކުލަވާލައި ތަންފީޒު ކުރެވޭނަމަ ރާއްޖޭގެ ސިއްހީ ހިދުމަތުގެ ފެންވަރު މަތިވާނެ.