ކާޖޮލް އާއި އަޖޭ: ޕްލާސްޓިކާ ދެކޮޅަށް ހިންގާ ކެމްޕޭނެއްގައި އިސްކޮށް ހަރަކާތްތެރި ވާނެ.
15 ޑިސެމްބަރ 2018 - 08:24
އެކުގައި މީގެ ކުރިން ކާމިޔާބު ފިލްމުތަކެއް ވެސް ކުޅެފައިވާ ބޮލީވުޑްގެ މަޝްހޫރު ދެމަފިރިން ކަމަށްވާ ކާޖޮލް އާއި އަޖޭ ދޭވްގަން އެކީގައި އަލުން ބޮޑު ސްކްރީނުން ފެންނާނެ އިރެއް ނޭނގުނަސް، މާ ލަސްތަކެއް ނުވެ ކެމްޕޭނެއްގެ އިޝްތިހާރުތަކަކުން ފެންނަން ފަށާނެ އެވެ.
ދެ ތަރިން އެކީގައި ހިއްސާވާ މި ކެމްޕޭނަކީ ޕްލާސްޓިކާ ދެކޮޅަށް މަހާރަޝްތުރާ ސްޓޭޓްގައި ކުރިއަށް ގެންދާ ކެމްޕޭނެކެވެ. މި އަހަރުގެ ކުރިކޮޅު މި ކެމްޕެއިން ލޯންޗް ކުރަން ބޭއްވި ހަފުލާގައި ވެސް އަޖޭ އާއި ކާޖޮލް ބައިވެރިވެފައިވެ އެވެ.
ބޮލީވުޑްގެ ހަބަރުތައް ގެނެސްދޭ ނޫސްތަކުން ބުނީ ޕްލާސްޓިކާ ދުރުވެ، ތިމާވެއްޓާ ރަށްޓެހިކޮށް ދިރިއުޅުން ބައްޓަން ކުރުމަށް ހޭލުންތެރިކަން އުފެއްދުމަށް ތައްޔާރު ކުރާ އިޝްތިހާރުތަކުގެ ތެރެއިން ފުރަތަމަ، އިޝްތިހާރުގެ ޝޫޓިން ވެސް އަޖޭ އާއި ކާޖޮލް ހުކުރު ދުވަހު ފަށާފައިވާ ކަމަށެވެ. އެ އިޝްތިހާރުގެ މަސައްކަތް ނިންމަން ނަގާނީ ދެ ދުވަސް ކަމަށްވެ އެވެ. އެހެންވެ މާ ލަސްތަކެއް ނުވެ ޕްލާސްޓިކާ ދެކޮޅަށް ހިންގާ ކެމްޕޭންގެ މި އިޝްތިހާރުތައް އިންޑިއާގެ ޗެނެލްތަކުން ދައްކަން ވެސް ފަށާނެ އެވެ.
"ދިލް ކިޔާ ކަރޭ" އާއި "ޕިޔާރު ތޯ ހޯނާ ހި ތާ" ފަދަ ރީތި ފިލްމުތަކެއް އެކީގައި ކުޅެފައިވާ އަޖޭ އާއ ކާޖޮލްއަކީ މީގެ ކުރިން ވެސް ބައެއް އުފެއްދުންތަކުގެ އިޝްތިހާރު ވެސް އެކީގައި ކުޅެފައިވާ ދެ މީހުންނެވެ.
އަދި ސިއްހީ މައްސަލަތަކަށް ހާއްސަކޮށްގެން ހިންގާފައިވާ ކެމްޕޭނުތަކެއްގައި ދެ ތަރިން ކުރިން އެކީގައި ބައިވެރިވެފައިވެ އެވެ. އޭގެ ތެެރޭގައި އެއިޑްސްއާ ދެކޮޅަށް ހިންގި ކެމްޕޭނަކާއި އަތް ދޮންނަން އާދަ ކުރަން ހޭލުންތެރިކަން އުފައްދަން ހިންގި ކެމްޕޭނެއް ހިމެނެ އެވެ.
ދާދި ފަހުން ރިލީޒް ކުރި "ހެލިކޮޕްޓާ އީލާ" އަށް ފަހު، ކާޖޮލް، ރޯނީ ސްކްރޫވާލާ ޕްރޮޑިއުސްކޮށް، ބަތަލާ ރެނޫކާ ސަހާނޭ ޑައިރެކްޓް ކުރާ ފިލްމަކަށް ސޮއިކޮށްފައިވާ އިރު، އަޖޭ މިހާރު އަންނަނީ ތާރީހީ ހާދިސާއަކަށް ހަދާ ފިލްމު "ތާނަޖީ" ގެ މަސައްކަތް ކުރަމުންނެވެ.
މިހާރު ދެ ކުދިން ވެސް ތިބި އަޖޭ އާއި ކާޖޮލް އެންމެ ފަހުން އެކީގައި ކުޅުނު ފިލްމަކީ 2010 ގެ ކުޑަކުދިންގެ ފިލްމު "ތޫންޕޫރު ކާ ސުޕަހީރޯ" އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ގޫގުލާ
15 December 2018
ކެކެ މީދޯ މި ރާއްޖޭގަވެސް މިކަން ވައިގަ ހިފައިގެން މިއުޅޭ ކަމަކީ.. ރަނގަޅު ކަމެއް އިންޑިޔާއިން ކުރިއަސް..