ކޮޕް 24 ގެ ހަވާސާގައި އދ. ގެ ސެކްރެޓަރީ ޖެނެރަލް އެންޓޯނިއޯ ގުޓާރެސްއާ ނަޝީދު ބައްދަލުކުރައްވަނީ.
15 ޑިސެމްބަރ 2018 - 11:05
ދުނިޔޭގެ ފިނިހޫނުމިން މިހާރު ހުރި މިންވަރަށް ވުރެ 1.5 ޑިގްރީ މަތި ވިޔަސް އެއީ ރާއްޖެ ފަދަ ގައުމުތަކަށް ހުރި ބޮޑު ނުރައްކަލެއް ކަމަށް ވިދާޅުވެ، މޫސުމަށް އަންނަ ބަދަލުތަައް ކުޑަކުރެވޭތޯ މަސައްކަތް ކުރުމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ގައުމުތަކަށް ގޮވާލައްވައިފި އެވެ.
ޕޮލެންޑްގެ ކެޓޮވިޗްގައި މިހާރު ކުރިއަށް ގެންދާ ކޮޕް 24 ސަމިޓްގެ ހަވާސާގައި، ރާއްޖެއާ އެެއް ވިސްނުމެއްގެ ގައުމުތަކުގެ ބޭފުޅުންނާ އެކު ވާހަކަފުޅު ދައްކަވަމުން ނަޝީދު ވިދާޅުވީ، ޕެރިސް އެގްރިމެންޓް ތަންފީޒު ކުރުމަށްޓަކައި ގައުމުތަކުން އަަމަލުކުރަން ޖެހޭ ގަވައިދުތައް (ރޫލް ބުކް) ފާސް ނުކުރެއްވިއްޖެ ނަމަ އެއީ ބޭކާރު އެއްބަސްވުމަކަށް ވާނެ ކަމަށެވެ.
"ޕެރިސް އެގްރިމެންޓަކީ ބޭކާރު އެއްޗަކަށް ވެއްޖެ ނަމަ އަދި ދުނިޔޭގެ ފިނިހޫނުމިން (މިހާރު ހުރި ވަރަށް ވުރެ) 1.5 ޑިގްރީ އަށް ވުރެ މަތިވިޔަ ނުދީ ހިފަހައްޓައި ނުލެވިއްޖެ ނަމަ މުރަކައިގެ ފަރުތައް މަރުވާނެ. އަޅުގަނޑުމެންގެ ބަޔޯ ޑައިވާސިޓީ ގެއްލިގެން ދާނެ. އެހެންވީމާ އަޅުގަނޑުމެންގެ ކާނާގެ ރައްކާތެރިކަން ނެތިގެން ދާނެ. އަޅުގަނޑުމެންގެ ގައުމުގެ ފެން ވެސް ތަޣައްޔަރު ވާނެ. އަޅުގަނޑުމެން ބޯ ފެނަށް ޖެހޭނެ. އަޅުގަނޑުމެންގެ ދިރިއުޅުން އަދި އަޅުގަނޑުމެންގެ ގައުމުތަކަށް ދެމިއެއް ނުތިބެވޭނެ،" ކަންބޮޑުވުންތައް ހިއްސާ ކުރައްވަމުން ނަޝީދު ވިދާޅުވި އެވެ.
ކޮޕް 24 ގައި ބައިވެރިވާ ގައުމުތަކުގެ ހިޔާލު މި މައްސަލައިފައި ވަނީ ތަފާތު ވެފަ އެވެ. އެއީ އިންޓަގަވަމެންޓަލް ޕެނަލް އޮން ކްލައިމެޓް ޗޭންޖް (އައިޕީސީސީ) އިން އެކުލަވައިލާފައިވާ ދިރާސާ ރިޕޯޓަކާ އެއްކޮޅު ގައުމުތަކަކާއި އެ ދިރާސާ ގަބޫލު ނުކުރާ ގައުމުތަކެކެވެ.
ކޮޕް 24 ގައި އެ ރިޕޯޓް ބަލައިގަތުމަށް ބައެއް ގައުމުތަކުން ވަނީ ދެކޮޅު ހަދައިފަ އެވެ. ރިޕޯޓް ބަލައި ގަތުމަށް ގޮވާލާ ގައުމުތަކުން ވަނީ "ހައިއެމްބިޝަން ކޯލިޝަން" ގެ ނަމުގައި އިއްތިހާދެއް ހަދައިފަ އެވެ. ރާއްޖެ ހިމެނެނީ އެ އިއްތިހާދުގަ އެވެ. ޕެރިސް އެގްރިމެންޓް ތަންފީޒުވާ ފަދަ ގަވައިދުތައް ހިމެނޭ ދެލިކޮޕީ ބަލައިގަތުމަށް ނަޝީދު ގޮވައިލެއްވީ އެ އިއްތިހާދުގެ ވެރިން އިއްޔެ ބޭއްވި އެއްވުމެއްގަ އެވެ.
އައިޕީސީސީގެ ރިޕޯޓާ ހަވާލާދެއްވައި ނަޝީދު ވިދާޅުވީ، ދުނިޔޭގެ ފިނިހޫނުމިން ދަށްކޮށް، ދަމަހައްްޓަން މަސައްކަތް ކުރަން އޮތީ 12 އަހަރުގެ މުހުލަތެއް ކަމަށާއި ސައިންސްގެ ހޯދުންތަކަކީ މަޝްވަރާ ކޮށްގެން އެހެން ގޮތަކަށް ބަދަލު ކުރެވޭނެ އެއްޗެއް ނޫން ކަމަށެވެ. އަދި ވިދާޅުވީ ގައުމުތަކުން އެކަން ދެނެގަނެ، އައިޕީސީސީގެ ރިޕޯޓަށް ތާއީދުކުރާނެ ކަމަށް އުއްމީދު ކުރައްވާ ކަމަަށެވެ. ހަމަ އެއާ އެކު ޕެރިސް އެގްރިމެންޓް ތަންފީޒު ކުރާނެ ގަވައިދު ތަކެއް ވެސް އެކުލަވައިލަން ޖެހޭ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.
"އެކަން އަޅުގަނޑުމެން ނުކޮށްފި ނަމަ، އަޅުގަނޑުމެން ސަލާމަތެއް ނުވާނެ. އަޅުގަނޑުމެން ވާނީ މަރު. އަޅުގަނޑަށް ޔަގީން އެއީ އެއްވެސް ބަޔަކަށް އެކަށީގެންވާ ނަތީޖާ އަކަށް ނުވާނެކަން،" ނަޝީދު ވިދާޅުވި އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޕްރަކާޝް
16 December 2018
ދުނިޔޭގެ ފިނިހޫނުމިނާ، ކަނޑުގެ ލޮނުގަނޑު އުފުލުނަ ނުދީ ހިފެހެޢްޓުމާ މިހުންނަނީ އަހަރުމެން އިންސާނުންގެ ބާރުފޯރުވޭނެ ކަންކަމެއްނޫން، ތިމާވެށި ރައްކާތެރިކުރުމަށްޓަކައި ހަގީގަތުގަ އަހަރެމެންނަށް ކުރެވެންއޮންނަނީ މަދުކަމެއް... ގިނައީ ގުދުރަތީގޮތުން ކުރިމަތިވާ ކަންކަން، މިކަންކަން އަންނި ޔާ ޕޮލެންޑުގެ ރައީސްއާ މޯޑީ އާ ޓްރަމްޕާ ވެގެން ހައްލުހޯދާނެ ގޮތެއް ބުނެބަލަ، ކުޑަމިނުން އިންސާނުންގެ ނޭދެވޭ އަމަލުތައް ހުއްޓުވާނެ ގޮތެއްވެސް ބުނެބަލަ...
އަހްމަދު
15 December 2018
ނަޝީދު ވިދާޅުވިޔަސް ދުނިޔެ ހޫނުވުމުން ދިމާވާނެ ގެއްލުތަށް އެބަހުރި ދެން ބުނަނީ ދިވެހިން މަރުވާކަށް ތައްޔަރެއް ނޫނޭ. ނަޝީދު ވެސް ހުންނަން ވާނީ އަބަދުވެސް މަރަށް ތައްޔާރު ވެގެން.
ބުޗް
15 December 2018
ނަޝީދުގެ އީމާންތެރިކަމާއި ޢަޤީދާގެ ބަލިކަށިކަމާއެވެ!
ޣަފޫރު
15 December 2018
އައްޑޫ ހިތަދޫ ކުޅި ހަލާކު ކުރިފަހުން ތިމާވެއްޓާއި ގުޅޭގޮތުން ތިދައްކާ ވާހަކަތަކުގެ އަގެއް ނެތް.
އެނގޭތަ؟
15 December 2018
އިސްލާމްދީނަށް ފުރައްސާރަ ކޮށް، މަލާމާތް ކޮށް ކާފަރުންގެ އެހީގައި އިސްލާމް ދީން ނިކަމެތި ކޮށްލަން މަސައްކަތް ކުރާ މީހުންނަކަށް ސަލާމަތެއް ނެތް.
ބަނޑުހަނޑޫ
15 December 2018
އެހެންވީމާ ބާރައަނހަރުތެރޭ ރާއްޖެވެސްއަޑިޔައްދާނެދޯ
ކަރީމުއްދީން ބާޝާ
15 December 2018
މާހޫނުގަދަވަންޏާ ކަނޑުއަޑިޔަށް ދިރިއުޅުން ބަދަލުކުރީމާ ރަގަނޅުވާނެ.
އައިސް ކިންގް
15 December 2018
ހޫނ ތީމަހެއްދޯ....ކަރީމޫ އެންޓާކްޓިކާވެސް އެއޮތީއެއްނުން...ދާންވީމަ އަލާއުއްދީން ގެންގުޅޭ ބޮޑު ޖިންނިކައިރީގަބުނޭ ޕެންގުއިން އަކަށް ބަދަލުކޮށްލަދޭށޭ..
ދަލޭކަ
15 December 2018
އެހެންވީމާ ވީހާގިނައިން ހެޔޮކަންތައްކޮށް އާޚިރަތުގެ ހޫނުން ސަލާމަތްވާން މަސައްކަތްކުރުން އޮންނަނީ.