ގަސް އިންމުގެ ހަރަކާތް ފެށުމުގެ ރަސްމިއްތުގައި ރައީސް ވާހަކަފުޅު ދައްކަވަނީ.-- ފޮޓޯ: ރައީސް އޮފީސް
15 ޑިސެމްބަރ 2018 - 21:04
މުޅި ރާއްޖެ ފެހިކުރުމަށް ހިންގާ "ރަށްފެހި" ހަރަކާތް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ފައްޓަވައިދެއްވައިފި އެވެ.
ސަރުކާރުގެ ފުރަތަމަ 100 ދުވަހުގެ ތެރޭގައި ހިމެނޭ އެ ހަރަކާތް ފެށުމަށް ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި ބޭއްވި ރަސްމިއްޔާތުގައި ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމާއި ވަޒީރުންނާއި ސަރުކާރުގެ ކުންފުނިތަކާއި އޮފީސްތަކުގެ މުވައްޒަފުން ވެސް ބައިވެރިވި އެވެ.
އެ ޕްރޮގްރާމުގެ މަގުސަދަކީ ރާއްޖޭގެ ނާޒުކު ތިމާވެށި ރައްކާތެރިކުރުމާއި މޫސުމަށް އަންނަ ނޭދެވޭ ބަދަލުތައް ކުޑަ ކުރުމުގައި ގަސްތަކުގެ ދައުރު އަންގައިދިނުމާއި ގަސް އިންދައި ބެލެހެއްޓުމަށް ރައްޔިތުން އަހުލުވެރިކޮށް ޒިންމާދާކުރުވުމެވެ. އަދި ރާއްޖެއިން ނެތިގެންދާ ގަސްތައް ނެތެމުންދާ ނެތިދިއުން ހުއްޓުވުމާއި ރާއްޖޭގައި އަލަށް ފެންނަމުންދާ ގަސްތައް ފާހަގަކުރުން ވެސް އެ ހަރަކާތުގެ މަގުސަދުގެ ތެރޭގައި ހިމެނެ އެވެ.
އެ ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ ގަސް އިންދުމުގެ ހަރަކާތް ފެށީ ރަށްރަށުން ރުއްގަސް ނެގުމުގެ މައްސަލަ ވަރަށް ބޮޑަށް ކުރިމަތިވެފައި ވަނިކޮށް ކަމަށެވެ. އަދި ސަރުކާރުގެ ފުރަތަމަ ދުވަހުން ފެށިގެން އެ މައްސަލަ ހައްލުކުރަން ހާއްސަ ސަމާލުކަމެއް ދީގެން މަސައްކަތް ކުރަމުން އަންނަ ކަމަަށް ވެސް ވިދާޅުވި އެވެ.
އެމަނިކުފާނު ވިދާޅުވީ ރަށްރަށުން ރުއްގަސް ނަގައިގެން ގެންދިއުމާ ބެހޭ ގަވާއިދު ހަރުދަނާކުރަން އެޓާނީ ޖެނެރަލްގެ އޮފީހަށް ފޮނުވާފައިވާ ކަމަށެވެ.
ގަސްކެނޑުމާއި ރަށްތައް ހަނަފަސްކުރުމުގެ މައްސަލަ އަށް ދާއިމީ ހައްލެއް ގެނެވޭނީ ތިމާވެއްޓާ ބެހޭ ގާނޫނުތައް ފުރިހަމައަށް ތަންފީޒު ކުރެވިގެން ކަމަށާއި އަދި ތިމާވެށި ހިމާޔަތްކުރަން އުފައްދާފައިވާ މުއައްސަސާތައް މިނިވަންކަމާ އެކު މަސައްކަތްކުރުމުގެ ފުރުސަތު ދީގެން ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.
މި ސަރުކާރަކީ ތަރައްގީގެ ނަމުގައި ވެށި ގުރުބާންކުރާނެ ބައެއް ނޫންކަން ރައީސް ވަނީ ފާހަގަކުރައްވައިފަ އެވެ.
އެންވަޔަރްމަންޓް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ޑރ. އަބްދުﷲ ނަސީރު ވިދާޅުވީ ރާއްޖޭގެ 50 ޕަސެންޓު ރަށުގައި ފެހިކަމެއް ނެތް ކަމަށެވެ. އެހެންވެ މުޅި ރާއްޖެ ފެހިކުރެވޭނެ ގޮތްތައް ބަލަންޖެހޭ ކަމަށް އޭނާ ވިދާޅުވި އެވެ.
ރަށްފެހި ޕްރޮގްރާމުގައި ރަށްރަށުގެ މަގުތަކާއި ހުސްބިންތަކުގައި 4000 އަށްވުރެ ގިނަ ގަސް އިންދަން ވަނީ ހަމަޖައްސައިފަ އެވެ. އެގޮތުން މިއަދު ވަނީ 250 ރުއްގަސް އިންދައިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ބިރްބޮލްވަޒީރު
16 December 2018
އެއްރަށް ހަނަފަސް ކޮށް އުފުރައިގެން ގެނެސް އަނެއް ރަށް ފެހި ކުރުމަށް ތި ކިޔަނީ ރާއްޖެ ފެހި ކުރުމޭތަ؟ ތިގަސްތަކުން އޮށްވަޅު ގޮނޑި ކުޅުމެއްނު؟
ސަލްވާން
16 December 2018
ރާއްޖެ ފެހިކުރުން ނުކިޔަމާ..ހެދިފައި ހުރިގަސް އެހެންތަނަކަށް ބަދަލުކުރުން ކިޔަމާ..މިގޮތައް ބަދަލުކުރުމުގެ ތެރޭ ގިނަގަސްތައް ނުހެދި މަރުވޭ..ގަސް އުފުރައިގެން އެހެން ތަނަކަށް ބަދަލުކުރުމުގެ ބަދަލުގައި އެހެން ގޮތްތައް ހަދަމާ..
މިންމި
16 December 2018
މިއަހަރު ލައްކަ އެއްހާ ކާށި އިންދާބަލަ. 5 އަހަރު ވާއިރު އެއްލައްކަ ރުއް ހުންނާނީ ލައްކަ ބޮޑުވެފަ.. 10 އަހަރު ވާއިރު ކުރުނބާ، ކާށި ލިބޭނެހެން ހީވަނީ. ދުރުރާސްތާ ޕްލޭން ހަދާބަލަ ކުދިންނޭ
ފަޒާ
16 December 2018
ތިމާވެށީގެ ވާހަކަ އަކީ ވެސް ބަހަނާއެކެވެ. އެހެން ނޫންނަމަ ތިމާވެށީގެ ލިޔުން ތެރިޔާ މީމު ޒަވިޔަނި އަށް ސިލް ަރު ޖުބުލީ ގަލަން ކިބިނީސް ތާއެވެ.
އަލީ ރާޖާ
16 December 2018
ތިކަހަލަ ކަންކަމުން ސިޔާސީ ފައިދާ ނުނެގޭނެ މިހާރަކު. އެޒަމާން ގޮސްފި. ރައްޔިތުންނާއި ހަގީގަތާއި ކުރިމަތިލުން އެދެން. ބޯހިޔާވަހިކަން. ޕާކިން މައްސަލަ. ވަޒީފާއިން ލިބޭ މިންވަރު. ގަހެއް އިންދައިގެން ނޫނީ ކުނިކަހައިގެން ރައްޔިތުންގެ ރުހުން ނުލިބޭނެ މިހާރަކު.
އަނދިރި ރާޖާ
16 December 2018
ކަލޭ ހިތްހަމަޖައްސަން ފުލެޓު ދޭކަށެއްނޫން މިތިބީކީ.. ރަށުގައި ބިން އެބައޮތެއްނޫން ރަށުން ބިމާއަި ފުލެޓު ހޯދުންމާރަނަގަޅު. ރައިސުލް ޖުމުހުރިއްޔާ އަށް ވެސް އެއްވެސް ގަދަރެއްނުކޮށް ތިއުޅެނީ މައިންބަފައިނަނަށް ވެސް ތިފާޑުގެ މީހުން ގަދަރު ނުކުރާނެ ކަން ޔަގީން..
ނީލް
16 December 2018
ރާޖާ ސާހިބާ އެއީ އިޖްތިމާއީ ފައިދާ، ނަލަނަލަ ގަސްތަކުގެ ފަތްތައް ވަޔާ ހެލިލަމުންދާއިރު އެލިބޭ ހިތްމަޖެހުން ކިހިނެއްތޯ ރާޖާ ސާހިބާއަށް ކިޔައިދޭނީ؟
އަލިބެއްޔާ
16 December 2018
މައިތިރިވޭ. މިފަދަ ކަންކަމަކީ މިވަގުންމިވަގުތައް ފައިދާ ނުވިޔަސް މުސްތަގްބަލަށް މުހިއްމު ކަންކަން. އަދި މިވީ ވެރިކަމަށް އެއްމަސް. ގައުމެއްގެ ވެރިޔަކު ގައުމުގެ ކުރިޔަށްއޮތް ޖީލުތަކަށް ނުވިސްނާނަމަ ވިސްނާނީ ކާކު؟
ބަބުރަންޖީ ހާޖީ
15 December 2018
ރަށްތައް ފެހިކުރާއިރު މާލޭގެ މަގުތަކަށް އަސްގާޑިޔާ ނެރެންވެސް ފެނޭ.
މަހޭ
16 December 2018
އޭރުން ރަށެއް ފެއްސެއް ނުކުރެވޭނެ. ހާދަމޮޔައޭދޯ މަހައްދޭ
މަހަށްދޭދޭ
15 December 2018
ރާއްޖެ ފެހިކުރުމުގެ ބޮޑު ހަރަކާތް ފަށައިފީމޭ ކިޔާ ތަމެން ވެފައިވާ ވައުދު ތައް ކަމަށްވާ ހުޅުމާލޭން 1 ލައްކަ ގޯތި ދޭން ޖެހުމުން އެވާހަކަ އޮތްބާލާ އަކުން ބަކުން ނޫންތޭ ތަމެން ތިޔާ ކުޅެނީ ރާއްޖެ އަކީ ފެހި ނޫން ތަނެއް ކަމަށް ފެންނަނީ އެއީ ތަމެންނަށް އެކަނިއޭ އެހެން ނޫންތޭ ވާނީ އެމްޑީޕީ ސަޕޯރޓަރުންނޭ އެންމެ ގިނައިން ގަވާއިދާއި ޚިލާފަށް އުޅޭ ބަންގާޅީން ލައްވާ މަސައްކަތް ވެސް ކުރުވަނީ އަސްތާ ބުނަންތާ މަގޭ ކޮއިފުޅާ މިމެންނަށް ނުވާނެއޭ މިޔާ ކަމެއް މަހަށް
ކިއްލިބާޝާ
15 December 2018
މަޖީދީމަގު މެދުގާ ޖަހާފައިހުރި ކޯނުތައްނަގާ ބަރިބަރިޔަށް ގަސްޖަހާލަބަލަ.