އައްޑޫގައި އެނާޖީ ސްޓޮރެޖް އަދި އެނާޖީ މެނޭޖްމެންޓް ސިސްޓަމެއް ގާއިމް ކުރުމަށް އެންވަޔަރަމެންޓް މިނިސްޓަރު ޑރ. ހުސެން ރަޝީދު ހަސަން (ވ) އަދި ނިޝިޒަވާ ކުންފުނީގެ އެކްޓިންގް ބްރާންޗް މެނޭޖަރު ސުމިއޯ ފުޖިއޯކާ ސޮއިކުރައްވައިފި. -- ފޮޓޯ: އަހްމަދު ނިޝާތު/މިހާރު
18 ޑިސެމްބަރ 2018 - 15:24
އައްޑޫގައި އެނާޖީ ސްޓޮރެޖް ސިސްޓަމަކާއި އެނާޖީ މެނޭޖްމެންޓް ސިސްޓަމެއް ގާއިމް ކުރުމަށް ޖަޕާން ކުންފުންޏަކާ ހަތަރު މިލިއަން ރުފިޔާ އަށް މިއަދު ހަވާލުކޮށްފި އެވެ.
ތިމާވެއްޓާ ބެހޭ މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތުގައި މި އެއްބަސްވުމުގައި ސޮއި ކުރެއްވީ އެންވަޔަރަމެންޓް މިނިސްޓަރު ޑރ. ހުސެއިން ރަޝީދު ހަސަނެވެ. ޖަޕާނުގެ ނިޝިޒަވާ ކުންފުނީގެ ފަރާތުން ސޮއި ކުރެއްވީ އެ ކުންފުނީގެ އެކްޓިން ބްރާންޗް މެނޭޖަރު ސުމިއޯ ފުޖިއޯކާ އެވެ.
މި މަޝްރޫއަށް ބޭނުންވާ ފައިސާގެ އެހީ ދީފައިވަނީ ޖަޕާނު ސަރުކާރުން ހިންގާ ޖަޕާން ފަންޑް ފޮ ޖޮއިންޓް ކްރެޑިޓް މެކޭނިޒަމް (ޖޭއެފްޖޭސީއެމް) އިންނެވެ. މި މަޝްރޫއު ނިންމަން ޖުމްލަ 4,075,016 ރުފިޔާ ހޭދަ ކުރާނެ ކަމަށް އެންވަޔަރަމެންޓް މިނިސްޓްރީން ބުންޏެވެ.
މިއީ އައްޑޫގައި މި ވަގުތު ބޭނުން ކުރަމުން އަންނަ ފޮޓޯވޮލްޓޮއިކް (ޕީވީ) ޑީސަލް ހައިބްރިޑް ސިސްޓަމަށް ބޭނުންވާ ހަކަތަ ރައްކާ ކުރާ އަދި ރަނގަޅަށް ބަލަހައްޓައިދޭ ސިސްޓަމްތަކެކެވެ. ޕީވީ ޑީސަލް ހައިބްރިޑް ސިސްޓަމަކީ އިރުގެ ހަކަތަ އާއި ޑީސަލްގެ ހަކަތަ ބޭނުން ކޮށްގެން ކަރަންޓު އުފައްދާ ސިސްޓަމެކެވެ. އެ ހައިބްރިޑް ސިސްޓަމުގެ ބޭނުމަކީ، ޑީސަލް ބޭނުންކުރާ މިންވަރު މަދުކޮށް، އިޔާދަކުރެވޭ ހަކަތަ ބޭނުން ކުރާ މިންވަރު އިތުރު ކުރުމެވެ.
މި މަޝްރޫއުގެ ދަށުން އައްޑޫގައި މިވަގުތު އަވި ބޭނުންކޮށްގެން އުފައްދާ ހަކަތަ ރައްކާކުރެވޭނެ ސިސްޓަމެއް އެއް އަހަރު ތެރޭގައި ގާއިމް ކުރެވޭނެ އެވެ. އަދި މި ނިޒާމުގެ ސަބަބުން އަވި މަޑުވާ ދުވަސްތަކުގައި ކަރަންޓު އުފެއްދުމަށް ދިމާވާ ދަތިތަކަށް ހައްލެއް ލިބި، އައްޑޫއަށް ބޭނުންވާ މިންވަރަށް ކަރަންޓު ފޯރުކޮށްދެވޭނެ ކަމަށް އެ މިނިސްޓްރީން ބުންޏެވެ.
މީގެ އިތުރުން އައްޑޫގައި މަސައްކަތް ކުރާނެ ފަންނީ މުވައްޒަފުންނަށް މި މަޝްރޫއުގެ ދަށުން ތަމްރީނު ފޯރުކޮށްދެވޭނެ އެވެ.
މި މަސައްކަތަކީ ރާއްޖެއިން ބޭރުން އެތެރެ ކުރާ ތެލަށް ބަރޯސާވާ މިންވަރު ކުޑަ ކުރުމަށްޓަކައި އަދި ހަކަތައިގެ ރައްކާތެރިކަން އިތުރު ކުރުމަށްޓަކައި ކުރެވޭ މަސައްކަތެއް ކަމަށް އެންވަޔަރަމެންޓް މިނިސްޓަރު ޑރ. ހުސެން ރަޝީދު ހަސަން ވިދާޅުވި އެވެ.
"ރާއްޖޭގައި ބޭނުން ކުރާ ހަކަތައިގެ ބޮޑު ބަޔަކީ، ޑީސަލް އަންދައިގެން އުފައްދާ ކަރަންޓް. ރާއްޖޭގެ އިންސްޓޯލް ކެޕޭސިޓީގައި ހިމެނޭ 400 މެގަވޮޓްގެ ތެރެއިން، ގާތްގަނޑަކަށް 2.7 ޕަސެންޓާ ގާތްކުރާ އަދަދަކީ ހަމައެކަނި ރިނިއުވަބަލް އެނާޖީ ނޫނިއްޔާ ސޯލާ އިން އުފައްދާ ކަރަންޓު،" މިނިސްޓަރު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ މި ވަގުތު އައްޑޫ ސިޓީގެ ގުޅިފައިވާ ރަށްތަކަށް ކަރަންޓުގެ ހިދުމަތް ދިނުމަށްޓަކައި އެކި ވަރުގެ 14 ޑީސަލް ޖަނެރޭޓަރާއި، 1.6 މެގަވޮޓްގެ އިރުގެ އަލިން ހަކަތަ އުފައްދާ ނިޒާމް ގާއިމް ކުރެވިފައިވާ ކަމަށެވެ. އަދި އިރުގެ އަލިން ހަކަތަ އުފައްދާ ނިޒާމަށް މި ބެޓަރީ ސްޓޮރެޖް ސިސްޓަމާއި އެނާޖީ މެނޭޖްމެންޓް ސިސްޓަމް ގުޅާލުމުން އައްޑު އަށް ކަރަންޓު އުފެއްދުމަށް ޑީސަލް ބޭނުންކުރާ މިންވަރުގެ މުޅި ޖުމްލަ 12.5 ޕަސެންޓަށް ދަށްވެގެންދާނެ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.
މީގެ އިތުރުން މި ގާއިމްކުރާ ނިޒާމުން އައްޑު އަށް ކަރަންޓު އުފައްދާ އަދި ފޯރުކޮށްދެމުންދާ ނިޒާމަށް ކުރިމަތިވެފައިވާ ދަތިތަކަށް އެކަށީގެންވާ ހައްލެއް ލިބޭނެ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
މާރަނގާ - އައްޑޫ ސިޓީ
19 December 2018
އަހަރުމެން އައްޑޫމީހުނަކީ 2nd World War ގަ ޖަޕާންގެ ލަޝްކަރުން އެންމެބޮޑު އަނިޔާއެއްލިބުނު ދިވެހިން. * * 2nd World War އަށްފަހު މާޒީ ބަދަލުކޮށް އިމޭޖްރަނގަޅުކުރުމަށް ޖަޕާންގެރައްޔިތުންކުރި ގަދަހިތްވަރުގައި އެމީހުންވަނީ ކާމިޔާބު ހޯދާފައި. * * ނިކަން ބައްލަވާ. އޭރު އަހަރުމެންތިބީ އިޤިރޭސި ދައުލަތުގެ އުގުގެތެރޭގައި ހިމާޔަތްހޯދައިގެން. މިއަދު ޖަޕާން އެއޮތީ “އަހަރުމެންގެ ވެށި ހިމާޔަތްކުރުމަށް ޢައްޑޫގައި” ވީ އޯލް އާރ ހިއުމަންސް. ރެސްޕެކްޓް އީޗް އަދަރ.
މާރަނގާ - އައްޑޫ ސިޓީ
18 December 2018
ފަޙްރުވެރިކަމާއިއެކު ޤަތަރާއި، ސިންގަޕޯރ، ހޮންކޮންގ، ޑްބާއީ ފަދަ ޤައުމުތަކުގެރަމްޒަކަށް އެމީހުންގެއެއަރލައިންނަގާގޮތަށް ރާއްޖެއަށްއެކަންނުކުރެވެންވީކީއްވެ؟ * * ގޭން އިންޓަރނޭޝަނަލް އެއަރޕޯޓްކުންފުނިން ކާސާހޯލްޑިންގބޭރުކުރުމަށްފަހު ގަމުގެއެއަރޕޯޓް 50 އަހަރަށް ޖަޕާނު ކުންފުންޏަކަށްކުއްޔަށްދީ.. އަދި އެއަރޕޯޓާއިއެކު “އައްޑޫ އިންޓަރނޭޝަނަލް އެއަރލައިން” ގެނަމުގައި ސަރަހައްދުގެ އެންމެބޮޑު އެއަރލައިން ފްލީޓް ފުޅާކުރުމަށް ފުރުސަތުހޯއްދަވާ. ފަސޭހަކަމެއް.
މާރަނގާ - އައްޑޫ ސިޓީ
18 December 2018
ސޯލިޙްގެސަރުކާރުން އައްޑޫ ތަރައްޤީކުރުމަށްއެދޭނަމަ ޖަޕާންކުންފުނިތަކަށް ފުރުސަތުދޭންޖެހޭ. * * އެގޮތުން ގަން ހިމެނޭގޮތުން ބޮއިންގ 777 ގެ މުޅިންއާ 10 ބޯޓާއިއެކު “އައްޑޫ އިންޓަނޭޝަނަލް އެއަރލައިން” ގެ ނަމުގައި އެއަރލައިނެއް އުފައްދާ ދެކުނުގެ 4 އަތޮޅަށް އެހެންބަޔަކަށް ސީޕްލޭން އޮޕަރޭޓް ނުކުރެވޭގޮތަށް ސީޕްލޭންފްލީޓަކާއިއެކު މުޅި ދެކުނުގެ އެވިއޭޝަން 50 އަހަރަށް ޖަޕާން ކުންފުންޏަކަށް %51 ހިއްސާދޫކޮށް ބާކީ 49 ސަރަހައްދުގެކައުންސިލްތަކަށް ދޫކޮށްލާންޖެހޭ.
ދީދީ
18 December 2018
ކޮރަޕްޝަން؟
ޑާޑާޑާޑާ
18 December 2018
މިހާތަނަށް ހޯދުނު ހޯދުން ތަކުން ސޯލާރ ޕަވަރ ހައިބްރިޑް ސިސްޓަމް ބޭނުން ކުރާ އެއްވެސް ޕަވަރ ސިސްޓަމް އަކުން އެމެން ހިންގާ އިންޖީނުގެ ތަކުން އަންދާ ތެލުން އެންމެ ލީޓަރު ޑީސަލެއް ވެސް ސަލާމަތެއް ނުވެއެވެ. ތިޔާ ރިނަވަބުލް އެނަރޖީގެ ޕްރޮޕެގެންޑާ ފަތުރާތާ ދެ ޑިކޭޑް ވެގެން ދަނީ ޚަރަދު ކުރެވިއްޖެ 2 ބިލިއަން ޑޮލަރު ސަލާމަތްވި އެންމެ ލީޓަރު ޑީސަލެއް ވެސް ނެތް ދެން ތިޔާއީ ކިއެއްކުރަން ކުރާ ކަމެއްތޭ ފޫނެތް ފަޔަށް ފެން ފުރުން ނޫންތޭ ތިޔާއީ ޑާޑާޑާޑާ ޑާޑާޑާޑާ
ދަނީ
18 December 2018
ކޮންތާކުން ތޯ ތި ބޭފުޅާ މައުލޫމާތު ހޯދަނީ؟
އަޝްރަފު
18 December 2018
މޮޅު ނަމެއްކިޔާލީ...އަސް އެއްޗަކީ ކޮންޓޭނަރު ތަކެއްގައި ބަހއްޓާފައި ހުންނަ ބެޓެރީ ޕެކްތަކެއް!
ދުރުމި
18 December 2018
މިފަދަ ސިސްޓަމްތައް ގާއިމްކުރާ ތަންތަނުގަ އެސިސްޓަމް ބެލެހެއްޓުމަށް ބޭނުންވާ މީހުންނެއް ނުލައްވާ ތަމްރީނެއް ނުދޭނެ ދެން ހުރެ ހަލާކުވީމަ ނިމުނީ މީހުން ހޯދާ ތަމްރީނު ކުރުމުގެ ބައި ގަޞްދުގައި ނުހިމަނަނީ އެބައި ހިމެނީމަ ކަޓުޖައްސަން ލިބޭ އެއްޗެއް މަދުވެދާނެތީ މިއީ ވޭތުވެ ދިޔަ 5 އަހަރު އެކަން ކުރިގޮތް ދެން މިތަންތަން ހަލާކުވެފަ ހުންނާނީ އެއްވެސް ސަޕޕޯރޓެއް ވުޒާރާ އަކުން ނުލިބޭނެ ފޫނުބެދޭ ކަންތައް
ޣަފޫރު
18 December 2018
އައްޑޫ މީހުންނަށް މިފަހަރު ބެޓަރިގަނޑެއް. ފުއްދާލައިގެން ތިބޭ.
ފޮސްކަލޯ
18 December 2018
ޖަޕާނުން ތިކަންތައްކުރާނީ ދުނިޔޭގެ ފެންވަރަށް...ނަމަނަމަ އިންޑިއާ މީހުން ކައިރިނުކުރާތި.
ކުޅަނދުރު
18 December 2018
30،000 މިލިއަނުގެ ބަޖެޓެއް، ސުރުހީއިން މިފެންނަނީ 4 މިލިއަން، އެވެސް ބޭރުބަޔަކުދިން ފައިސާކޮޅެއް.