ފެނަކަ އިން ކުރިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއް: ނަރުދަމާ މަޝްރޫއުގެ އެއްބަސްވުން ބާތިލްކުރަން އޭސީސީން އެންގި އެންގުމަށް އެއްބާރުލުން ދޭނެ ކަމަށް އެ ކުންފުނިން ބުނޭ
19 ޑިސެމްބަރ 2018 - 22:42
ސްރީލަންކާގެ ބަޔަކާ ހަވާލުކޮށްގެން 20 ރަށެއްގެ ނަރުދަމާ ނިޒާމް ގާއިމް ކުރުމަށް ފެނަކަ ކޯޕަރޭޝަނުން ވެފައިވާ އެއްބަސްވުން ބާތިލްކުރަން އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން އެންގި އެންގުމަށް ތަބާވާނެ ކަމަށް ފެނަކަ އިން މިއަދު ބުނެފި އެވެ.
ކުރީގެ ސަރުކާރުގައި 20 ރަށެެއްގެ ނަރުދަމާ ގާއިމްކުރަން ލަންކާގެ ހޭކާބް ކުންފުންޏާ ފެނަކައިން ހަވާލުކުރީ މިދިޔަ ޖުލައި މަހު 866 މިލިއަން ރުފިޔާއަށެވެ. އެކަމަކު އޭސީސީން އިއްޔެ ވަނީ ލަންކާގެ ކުންފުންޏާ އެކު ހެދި އެއްބަސްވުން ބާތިލްކުރަން ފެނަކަ އާއި ފިނޭންސް މިނިސްޓްރީ އާއި ރައީސް އޮފީހަށް އަންގައިފަ އެވެ.
އެކަމާ ގުޅިގެން ފެނަކަ އިން ނެރުނު ބަޔާނެއްގައި ވަނީ އޭސީސީގެ އެ އެންގުމަށް އެ ކުންފުނިން ފުރިހަމައަށް އެއްބާރުލުން ދޭނެ ކަމަށާއި އެ ކުންފުނިން އަބަދުވެސް މަސައްކަތް ކުރާނީ ރައްޔިތުންނާއި އެ ކުންފުންޏަށް ވެސް އެންމެ ފައިދާ ހުރި ގޮތަށް ކަމަށެވެ.
އެ ބަޔާނުގައިވާ ގޮތުން އެ މަޝްރޫއު އެ ކުންފުނީގެ ދަށުން ކުރިއަށް ގެންދިއުމަކީ ރަނގަޅު ކަމެއް ނޫން ކަމަށް އޭރުގެ ސަރުކާރުގައި އެ ކުންފުނިން ވާނީ ބުނެފަ އެވެ. އަދި އެ މަޝްރޫއުގެ ސަބަބުން ފެނަކައަށް ދެމެހެއްޓެނިވި ފައިދާއެއް ނުކުރާނެ ކަމަށާއި އެ ކުންފުނީގެ މާލީ ހާލަތު ދަށްވެފައި އޮއްވާ އެ މަޝްރޫއު އަށް ބޮޑު ލޯނެއް ނަގަން ޖެހުމަކީ ވެސް ކުރިއަށް އޮތް ތަނުގައި އެހެން މަޝްރޫއުތައް ހިންގަން ފައިސާ ހޯދަން ދަތިވެދާނެ ސަބަބެއް ކަމަށް އޭރު އެ ކުންފުނިން ސަރުކާރުގައި ބުނެފައިވާނެ ކަމަށް އެ ބަޔާނުގައިވެ އެވެ.
"މިފަދަ ބޮޑު މަޝްރޫއުއެއް ހިންގާ ނަމަ މި ކުންފުނި ބަނގުރޫޓްވުމަކީ އެކަށީގެންވާ ކަމެއް ކަމަށް މި ކުންފުންޏަށް ގަބޫލު ކުރެވޭ ކަން ކަމާބެހޭ ފަރާތްތަކުގައި ދެންނެވިފައި ވާނެ އެވެ." އެ ބަޔާނުގައިވެ އެވެ.
އޭރު ފެނަކަ އިން ސޮއިކުރި އެއްބަސްވުމުގައިވާ ގޮތުން ދޮޅު އަހަރުގެ ތެރޭގައި 20 ރަށުގެ ނަރުދަމާގެ މަސައްކަތް ނިންމަން ޖެހެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ފޮސްކަލޯ
20 December 2018
ފެނަކާއަކީ ގައުމަށް ދިމާވެފައިވާ ބޮޑު ސުނާމީ ކާރިސާއެއް ކަހަލަ ވަބާއެއް...ކޮރަޕްޝަން ހާއްޔެއް. އެންމެ ދައްވަޒީފާގައި އުޅޭ މީހާއިން ފެށިގެން އެންމެ މަތީހަރުފަތުގައި ތިބޭ މީހުންނަކީ ކޮރަޕްޝަނުން ޕީއެޗްޑީ ނަގައިގެން ތިބޭބައެއް. ތިތަން ޖެހެނީ ބޮޑު ސުނާމީއަކުން އޯވަހޯލްކުރަން، މީގައިބޭނުންވަނީ ގާބިލް އެކަކު މިކަންތައް ކުރަން ދަންނަ. ފޮސްކަލޯފޮނުވާ ސްޕެޝަލް އެޑްވައިޒަރަކަށް
ޔާމީނު
20 December 2018
އަހްމަދު ސައީދު މުހައްމަދަކީ ކާކުތަ؟ އެމީހަކަށް ވާވަރުގެ ކަމަކާ ހަވާލުވެ ބަލަ؟
ޢިކިއު
20 December 2018
ކަންކަން ރަނގަޅެއް ނުވި ކުރިން ތިބި މީހުންނަށް. ދެން މަޑުން ތިބެބަލަ . ކުރިއައްވުރެ ގޯހެއް ނުވާނެ.
ގައްޔޫމު
20 December 2018
ޔާމީނޫ ކަލޭ ތިހުރީ ގައުމު ދަވާލާފަ! ދެން ކޮންވާހަކަ އެއް ދައްކާކަށް؟
ޭައަލީމް
20 December 2018
މިކަމެއް ކުރީގެ ސަރުކާރުން ކުރިއިރު އޭރު އޭ.ސީ.ސީ ކިއާމުއައްސަާ ކޮބައިތޯ؟ ވުޖޫދު ނުވަނީތޯ؟
ބީރު
19 December 2018
މިހާރު ނުހުންނާނެ ކަމެއް ކުރި އެކަކުވެސް. ނެތް ބަޔަކު ބޮލުގަ އަޅުވާފަ ތިބި މީހުން ހިހޫ ތަނުން ކާލާ. ޢަދުގެ ހާލަތު.
ހެނބަދޫ މީހާ
19 December 2018
އެއްބާރުލުން ނުދީ ކީއްކުރާނީ.