ރައްޔިތުންގެ މަޖިލީހުގެ ކޮމިޓީ ބައްދަލުވުމެއްގައި މުހައްމަދު އިސްމާއިލް ބައިވެރިވެވަޑައިގަންނަވަނީ. -- ފޮޓޯ: މިހާރު
20 ޑިސެމްބަރ 2018 - 12:01
ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަށް ޚިޔާނާތުގެ ފައިސާ ބަހަން "ފައިސާ ގޯނި" ހިފައިގެން އުޅުއްވި ކަމަށް ހޯރަފުށީ ދާއިރާގެ މެންބަރު މުހައްމަދު އިސްމާއިލް ވިދާޅުވީ ކޮރަޕްޝަނާ މެދު އާންމުން ހޭލުންތެރިކުރުވަން "ޖިހާދެއް"ގެ ގޮތުގައި ކަމަށް އޭނާ އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ގެ ތަހުގީގައި ވިދާޅުވެއްޖެ އެވެ.
އޭސީސީން މިކަން ހާމަކުރީ މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) އިން ޚިޔާތާނުގެ ގޮތުގައި ނެގި "ފައިސާ ގޯނި" ހިފައިގެން މަޖިލީހުގެ މެމްބަރުންނަށް ފައިސާ ބެހި ކަމަށް ބުނާ މައްސަލަ ތަހުގީގުކުރުމަށް ފަހު ނެރުނު ރިޕޯޓުގަ އެވެ.
ވަކި މެންބަރެއްގެ ނަން އޭސީސީގެ ރިޕޯޓަކު ނެތެވެ. ނަމަވެސް ފައިސާ ގޯނި ހިފައިގެން މަޖިލީހުގެ މެންބަރުންގެ ގާތަށް ހިނގި ކަމަށް ވިދާޅުވެފައި ވަނީ މުހައްމަދު އިސްމާއިލެވެ. އެމްއެމްޕީއާރުސީގެ ފައިސާ ކަން ދޭހަވާ ގޮތަށް، ފައިސާ ގޯންޏަކަށް އަޅައިގެން މެމްބަރުންނަށް ބެހި ކަމަށް އޭނާ ވިދާޅުވީ މަޖިލީހުގެ ޖަލްސާއެއްގަ އެވެ. އޭގެ ފަހުން ބައެއް ޓީވީތަކުގައި ވެސް އޭނާ އެ ވާހަކަ ދެއްކެވި އެވެ.
އެކަމާ ގުޅިގެން އޭސީސީން ކުރި ތަހުގީގުގައި ރިޝްވަތުގެ ގޮތުގައި އެއްވެސް ފައިސާއެއް މަޖިލީހުގެ އެއްވެސް މެމްބަރަކާ ހަވާލު ކުރަން ލިބިވަޑައިގެންފައި ނުވާ ކަމަށް ވިދާޅުވި ކަމަށް އޭސީސީގެ ރިޕޯޓުގައިވެ އެވެ. އެ ވާހަކަތަކަކީ ސިޔާސީ ގޮތުން ދެއްކެވި ހަގީގަތާ ހިލާފު ވާހަކަތަކެއް ކަމަށް އޭނާ ވަނީ ތަހުގީގުގައި ވިދާޅުވެފަ އެވެ.
އޭސީސީގެ ތަހުގީގަށް ދެއްވި ބަޔާނުގައި މުހައްމަދު އިސްމާއިލް ވިދާޅުވީ ފައިސާ ބެހި ކަމަށް މަޖިލީހުގައި ފާހަގަކުރެއްވީ ސިޔާސީ މީހަކަށް ހުންނަވައި، ގައުމުގެ ކޮރަޕްޝަންގެ ކަންތައް ފެތުރެމުންދާ ދަނޑިވަޅެއްގައި އެކަމުން މުޅި ގައުމާއި ރައްޔިތުން ސަލާމަތްކުރުމަށާއި ރައްޔިތުން ހޭލުންތެރިކުރުމުގެ ގޮތުން ކުރެއްވި "ޖިހާދެއްގެ" ގޮތުގައި ކަމަށެވެ.
އޭސީސީން ބުނީ އެ މެމްބަރުގެ ނަމުގައި ހުޅުވާފައިވާ އެކައުންޓުތައް ބެލުމުން ޝައްކު ކުރެވޭ ފަދަ މުއާމަލާތެއް ނުފެނުނު ކަމަށެވެ. އޭސީސީގެ ރިޕޯޓުގައި ވަނީ އެމްއެމްޕީއާރުސީ މެދުވެރިކޮށް، ރަށްތަކާއި ފަޅުތަކުގެ އިކުއިޒިޝަން ކޮސްޓްގެ ގޮތުގައި ލިބިފައިވާ ފައިސާގެ ތެރެއިން އެއްވެސް ފައިސާއެއް މުހައްމަދު އިސްމާއިލްގެ އެކައުންޓަށް ވަދެފައިވާ ކަމަށް ތަހުގީގަށް ފާހަގަކުރެވިފައި ނުވާ ކަމަށެވެ.
އެމްއެމްޕީއާރުސީ މެދުވެރިކޮށް ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު އިސްވެ ހުންނަވައި 1.4 ބިލިއަން ރުފިޔާ އަށް ޚިޔާނާތްތެރިވެފައިވާ ކަމަށް އޭސީސީގެ ތަހުގީގުން ވަނީ ހާމަވެފަ އެވެ. މި ޚިޔާނާތާ ގުޅުން އެތައް ބަޔަކު ތިބި އިރު އަދިވެސް އެ ތަހުގީގު އެއްކޮށް ފުރިހަމަނުވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޖިހާދީ
22 December 2018
ލަދުވެތި، މިކަހަލަ މީހުން ދާއިރާ ތަމްސީލުކުރަން
ދިރޭ ފައިސާގޯނި
22 December 2018
ވައްކަމުގެ މާނައަކީ ކޮބާ؟ ފޭރުމާ ޖަހައިގަތުމާ ލޫޓުވުމާ ތަފާތުވާނެ! ވައްކަމުގެ މާނައަކީ ސިއްރުން އެހެންމީހުންނަށް ނޭންގޭގޮތަށް ބޭންކު އެކައުންޓުވެސް ބައެއްމުޢާމަލާތަކުގަ ބޭނުންނުކޮށް މުދަލާ ފައިސާ އޭގެ ވެރިންނަށް ނޭންގި ނެގުން ނުވަތަ ބޭނުން ކުރުން! ދެން ކީއްވެ ހަމައެކަނި ބެންކު އެކައުންޓުތައް ބަލާފަ ފަރުޖައްސާލީ! ރައްޔިތުން ލޮލުގަ އަނދުން އަޅުވާލީދޯ!
ޢަލިމަނިކުފާނު
21 December 2018
ސަލާމަތްވުމުގެ ބޭނުމުގައި މިހާރު ބުނާނީ އެހެންތާ. މިމީސްމީހުން މީހުންގެ ކުރިމައްޗަށް ނިކުންނަން ލަދު ނުގަންނަކަން ހިތަށް އަރާ
މެސީ
21 December 2018
ﷲ ހަޒުރަތުގަވެސް މިވެރިން ބުނާނެ އޭހައްދަވާ ބޮޑުކުރެއްވި އިލާހް. މިއަޅާ ދެއްކިވާހަކައެއް ދެއްކީ ސިޔާސީ ގޮތުންނޭ
ކަކުނިބޯ
21 December 2018
ގޯނީގަބެހީ އެކައުންޓްބަލަނީ މަ މޮޔަވެއްޖެ ކީއްކުރަން ގޯނީގަބެހ~
ޅަތީފު
21 December 2018
ޟމިދެން ކާކު މީނަ މަޖުލިސް އިން ބޭރު ކުރާތި ހަޔާތް ކުޑަޔަސް ބޮޑުވަރު..
2020 ތަޞައްވަރު
21 December 2018
" އޭސީސީން ބުނީ އެ މެމްބަރުގެ ނަމުގައި ހުޅުވާފައިވާ އެކައުންޓުތައް ބެލުމުން ޝައްކު ކުރެވޭ ފަދަ މުއާމަލާތެއް ނުފެނުނު ކަމަށެވެ." - ދުނިޔޭގައި ގަމާރުނޫން ހިޔަޅުވެސް އުޅޭ... ދުލެއްއޮތުމުން އެދޫ ބޭނުންގޮތަކަށް ހަރަކާތްކޮށްގެން ބޭނުން އެއްޗެކޭ ބުނެވިދާނެ، ހަމަގައިމު ތިފައިސާއިން މުއްސަނދިވި ބަޔަކު ތިބޭނެ! އެބަޔަކު އެނގޭނެ ދުވަހެއް އަންނާނެ! އެދުވަހުން ބުނާނީ ކީކޭތޯ! ނުރެކެވޭނެ!
އިންނަ ފިނޮޅު
21 December 2018
ދެމަގު އޮވޭ އެއީ އަރަހުށި އެއްކައުވަންތަ ﷲގެ މަގާއި ގެއްލެނިވި ޝައިޠާނީ މަގު އޭނަ އެވަނީ ޝައިޠާނާގެ މަގުގަ ކުރި ޖިގާދަކަށް
ފޮނިޓައްޕު ހަސަނު
20 December 2018
ތިދާވަރުން ދާނަމަ އެމަނިކުފާނުގެ އެކައުންޓްގަ ހުރި 100 މިލިއަން ރުފިޔާ ވެސް ވެގެންދާނީ ހަދިޔާގެ ގޮތުގައި ލިބުނު ފައިސާއަށް.
ކަލޯ ހުސެން
20 December 2018
ފައިސާ ގޯނި