ޓެކްސީއެއް ބްރިޖުމަތިން ދަތުރުކޮށްފައި ދަނީ.-- ފޮޓޯ: ނިޝާން އަލީ/ މިހާރު
23 ޑިސެމްބަރ 2018 - 15:53
ޓްރާންސްޕޯޓް މިނިސްޓްރީން ކަނޑައަޅާފައިވާ އަގުތަކާ ހިލާފަށް ބޮޑު އަގުގައި ދަތުރުކުރާ ޓެކްސީތަކުގެ ޑްރައިވަރުންނާ މެދު ފިޔަވަޅު އަޅަމުންދާ ކަމަށް ފުލުހުން މިއަދު ބުނެފި އެވެ.
ފުލުހުން ބުނީ ޓްރާންސްޕޯޓުން ކަނޑައެޅި، ޓެކްސީ ކުރުމުގެ އަގުތަކާ ޚިލާފަށް ބައެއް ޓެކްސީ ޑްރައިވަރުން އަގު ނަގާ ކަމުގެ ޝަކުވާ ފުލުހުންނަށް ލިބެމުން އަންނަ ކަމަށެވެ. އެހެންވެ، މި ކަންކަން ބެލުމަށް ޓެކްސީތައް މަގުމަތިން ހުއްޓުވައި ފިޔަވަޅު އަޅަމުންދާ ކަމަށް ވެސް ފުލުހުން ބުންޏެވެ.
ސަރުކާރުން ކަނޑައަޅާފައިވާ އަގުތަކާ ޚިލާފަށް ޓެކްސީ ޑްރައިވަރުން ދަތުރުކުރާ ނަމަ، އެ ޓެކްސީއަކުން ދަތުރުކުރާ ފަސެންޖަރަކާ ސުވާލުކޮށް، ނަގާ އަގާ ބެހޭ ގޮތުން ކުރިއަށް އޮތް ތަނުގައި ސުވާލު ކުރާނެ ކަމަށް ފުލުހުން ބުންޏެވެ. އަދި ގަވައިދާއި ޚިލާފަށް އަގު ނަގާ ޑްރައިވަރުންނާ މެދު ފިޔަވަޅު އަޅާނެ ކަމަށް ވެސް ފުލުހުން ބުންޏެވެ.
ނަމަވެސް ޑްރައިވަރުންނާ މެދު އަޅާނީ ކޮން ފިޔަވަޅެއް ކަމެއް ފުލުހުން ނުބުނެ އެވެ.
ޓްރާންސްޕޯޓް އޮތޯރިޓީން މިދިޔަ ސެޕްޓެމްބަރު މަހުގެ ކުރީކޮޅު ކުރި އިއުލާންގައިވާ ގޮތުން، މާލެ އާއި ހުޅުމާލެ، އެއް ތަނުން އަނެއް ތަނަށް ކުރާ ދަތުރުތަކަށް ނަގަން ޖެހޭނީ 25ރ. އެވެ. އަދި މާލެ އިން ހުޅުލެއަށް، އަދި ހުޅުމާލެ އިން ހުޅުލެ އަށް ކުރާ ދަތުރުތަކަށް ނެގުމަށް ހަމަޖައްސާފައި އޮތީ 35ރ. އެވެ. މާލެ އިން ހުޅުމާލެ އަށް ނުވަތަ ހުޅުމާލެ އިން މާލެ އަށް ނެގުމަށް ހަމަޖެހިފައި ވަނީ 40ރ. އެވެ.
ގިނަ ޓެކްސީ ޑްރައިވަރުން ބޮޑެތި އަގުތަކުގައި ދަތުރުތައް ނަގަނީ މާލެ އިން ހުޅުމާލެ އަށް އަދި ހުޅުމާލެ އިން މާލެއަށް ދިއުމަށެވެ. އެގޮތުން ބައެއް ޑްރައިވަރުން 100ރ. އަށް ވުރެ ގިނަ އިން ނަގަ އެވެ.
ޓްރާންސްޕޯޓް މިނިސްޓްރީން ވަނީ ސައިކަލް ޓެކްސީ ކުރުމުގައި ވެސް ވަކި އަގުތަކެއް ކަނޑައަޅައިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޯދޮންޙުސޭން
24 December 2018
3 ކިލޯމީޓަރޭ ކިޔާފަ -/100ރ އެއީވެސް އެއްކޮޅު ދޯ. ޢެކަމަކު އެެތަނުންވެސް ދަތުރެއް ނަގައިގެން ގައިމު އަނބުރާދަނީ، އެއީވެސް -/100ރ. 1 ކިލޯމީޓަރ ހަމަނުވާ މާލޭގައި ވެސް އެއް ކަންމަތިން އަނެއްކަންމައްޗަށް ދާން ވެސް ލަގެޖް ނުލާ -/25ރ. ކީއްވެ މިއައްވުރެ އަގު ކުޑަނުވާންވީ. ބޮޑުކުރަންވީމަ ކިތައްމެ ބޮޑުވިޔަސް އޯކޭ، އެކަމަކު ކުޑަ ކުރަންވީމަ މައްސަލަ ގޯސްމިވަނީ.
ލަނގިރި
24 December 2018
ތިއުޅޭ ޕިކަޕް ޑްރއިވަރުން ގާކުނޑިކޮޅެއްއުކާލަންވެސްއެބަނަގާ ދެހާސްރުފިޔާ އެވަރުބޮޑެއްނޫންދޯ ހަމައެކަނި ޓެކުސީތަކުގެއަގުދޯބޮޑީ
އަޙްމަދު
24 December 2018
މާލެއިން ޓެކްސީއެއްލިބުން ދަތިކަމަކަށް ވެއްޖެ. ގިނަޓެކްސީތަށް މީހާރު ތިބޭނީ ޔާރޕޯޓް ގައި އެއީ ބޯކޮށް ލާރި ހޯދަން.
ނުވޭ
24 December 2018
މިހާރު ހަދާ ގޮތަކީ ބޮޑުކޮށް ކިޔާފަ ޕެސެނޖަރު ލައްވާ ބުނުވަނީ ކުޑަކޮށް. އެއްބަސް ނުވަންޏާ ދަތުރުނުކުރޭ
ހަނަސް
24 December 2018
ރައްޔިތުން މަޖިލީހުގެ އިންތިހާބު އޮތީމަ ދައްކާ ހޮޅި ވާހަކަ. ދަރިވަރުންގެ ނާސްތާގެ ކަންތައް ގެންދާނެ ގޮތާ ބެހޭގޮތުން ދައްކާ ވާހަކަ ބަލާބަލަ އެކި ފަހަރު އެކިގޮތަށް މަކަރުވެރި ސަރުކާރު. އޮޅުވާލިވޯޓް
ދޯރި
24 December 2018
ޒުވާން އަންހެން މިނިސްޓަރު ކިބައިގައި ތިޔަ ކަން ކުރެވޭނެ ގަޓް ހުންނާނެތޯ؟؟ ވަރަށް ބޮޑަށް ޝައްކު .........؟
ގުލްދަސްތާނު
24 December 2018
ބައެއްކަންތައް އަދިވެސް ރަނގަޅު ކޮށްލެވިދާނެ. އެއަރޕޯޓް ޓެކްސީ ސްޓޭންޑް ކައިރީގަވެސް ބޯޑެއްގަ ޓެކްސީގެ އަގުތައް އިނގޭނެ ގޮތަށް ހުރުން ވަރަށް ރަނގަޅުވާނެ.
މަންސޫރު
24 December 2018
ހެނދުނު މާލެއިން އެއަރޕޯޓަށް ދާން އެހީމައި ފުރަތަމަ ޓެކްސީން ބުނީ ނުދާނަމޭ. ދެވަނަ ޓެކްސީން ބުނީ 100 އަށް ނޫނީ ނުދާނަމޭ. މަގުތަށް ހުސް. ދަތުރުކުރީ ފުޅާ ބޮޑެތި މަގުން. ހުއްޓާކަށްވެސް ނުޖެހެ. އެކަމަކު ހަމަ 100 ރުފިޔާ!! ޓެކްސީ ސަރވިސް ކިޔުން ހުއްޓަންވެއްޖެއެންނު؟
ދަތުރުވެރިއެއް
24 December 2018
މި ޓެކްސީ ޑްރައިވަރުންތައް ސައިޒުކުރެވޭނެ ސަރުކާރެއް އަދި ނާދޭ. ކިހާ ވަރަކުން ދާނެބާ މިފަހަރު. ވިޝް ޔޫ ދަ ބެސްޓް މިނިސްޓަރު. މިކަން ކޮށްދީފިއްޔާ ހަމަގައިމު މަގޭ ސަޕޯޓު ލިބޭނެ މިނިސްޓަަރަށާ ފުލުހުންނަށް.
އަބްދުﷲ
24 December 2018
މީޓަރު ހަރުކުރުމުން ތިޔަ ހުރިހާކަމެއް ހައްލުވީއެވެ. އަލުން ތިޔަމީހުންނާ މަޝްވަރާކުރުމުގެ ބޭނުމެއްނެތް.