30 ޑިސެމްބަރ 2018 - 05:53
އަހަރެމެންނަށް މިއީ އާ ވާހަކައެއް ނަމަވެސް، ޗައިނާ ސްކޫލްތަކުގައި ސްމާޓް ޔުނީފޯމް ބޭނުންކުރާތާ ދެތިން އަހަރު ވެއްޖެ އެވެ. މިއީ އަޖުމަ ބެލުމަށް ހިންގާ ޕްރޮގްރާމެއް ނަމަވެސް، ސަމާލުވާންޖެހޭ އިދާރާތަކުން ބުނާ ގޮތުގައި، މި މަސައްކަތްތަކުގެ މުހިންމުކަން ވަރަށް ބޮޑެވެ.
ސްމާޓް ޔުނީފޯމްގެ އަސާސީ ބޭނުމަކީ ހާޒިރީ ބެލެހެއްޓުމެވެ. ކުދިން ބަރާބަރަށް ސްކޫލަށް އާދޭތޯ ބެލުމެވެ. ސްކޫލުން ބޭރުގައި ޔުނީފޯމް ލައިގެން ދަރިވަރުން އުޅޭ ނޫޅޭ ގޮތް ބެލުމަކީ ފުރަތަމަ ސްޓޭޖްގައި އެހާ ބޮޑަށް އަޅާލާ ކަމެއް ނޫން ކަމަށް ސްކޫލްތަކުން ބުނެ އެވެ. ނަމަވެސް، އެ ކުއްޖަކަށް ދީފައި އޮންނަ ޔުނީފޯމް ލައިގެން ސްކޫލަށް ވަންނަނީ އެ ކުއްޖާތޯ ބަލަމުން އަންނަ ކަމަށް ސްކޫލްތަކުން ބުނެ އެވެ.
ސްކޫލަށް ވަންނަ ދޮރާށީގައި "ފޭޝަލް ރިކޮގްނީޝަން" ސިސްޓަމް ހަރުކޮށްފައި ހުރެ އެވެ. ބޭނުމަކީ، ޔުނީފޯމް ބަދަލުކޮށްގެން ކުދިން ސްކޫލަށް ވަދޭތޯ ބެލުމެވެ. އެ ކުއްޖަކަށް ދީފައި އޮންނަ ޔުނީފޯމް އެހެން ކުއްޖަކު ލައިގެން ސްކޫލަށް ވަދެފި ނަމަ، ރަނގަބީލެއް ޖެހެ އެވެ. ކުލާސް ގަޑީގައި ނިދިޔަސް ޔުނީފޯމުން އެކަން އަންގައިދެ އެވެ. އަދި ސްކޫލް ގަޑިގައި ސްކޫލު ދޫކޮށް ދާން އުޅެފި ނަމަ ވެސް، ކޮންޓްރޯލް ރޫމަށް އެކަން އަންގައިދެ އެވެ.
ސްމާޓް ޔުނީފޯމްގެ ކޮންމެ ކޮނޑެއްގައި މައިކްރޮ ޗިޕެއް ވަޅުލާފައި ވެ އެވެ. ކުދިން އުޅޭ ނޫޅޭ ގޮތް ޓްރެކްކުރަނީ މި ދެ ޗިޕްގެ އެހީގަ އެވެ. ޔުނީފޯން އުފައްދާފައި ވަނީ ދޮވެވޭ ގޮތަށެވެ. ޔުނީފޯމް އުފެއްދި ކުންފުނިން ބުނާ ގޮތުގައި، 500 ފަހަރު ޔުނީފޯމް ދޮވެވޭނެ އެވެ.
ޔުނީފޯމް އުފައްދަން ބޭނުންކޮށްފައި ވަނީ އަންދާލަން އުނދަގޫ މާއްދާއަކުންނެވެ. އެހެންކަމުން، ޔުނީފޯމެއް ނައްތާލުމަކީ ކުދިންނަށް ކުރަން ފަސޭހަ ކަމަކަށް ނުވެ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ސަނީ
30 December 2018
ރާއްޖޭގަ މިއުޅެނީ އާ ސަރުކާރުން އެކްޓިވިޓީ ޔުނިފޯރމުގަނޑެއްވެސް ނުލިބިގެން. ޗައިނާގެ ތަރައްގީއަށް ފުރަގަސްދީފަ އިންޑިއާގެ ލެވެލަށް ވެއްޓޭތަން.