ކުދި ބޯވަދިލަ މަސްތަކެއް: އެ މަސްވެރިކަމަށް ބޭނުންވާ އާލާތްތައް ދޫކުރާނެ އުސޫލެއް ވަނީ ކަނޑައަޅާފައި.
06 ޖެނުއަރީ 2019 - 16:57
ތުތިބޯވަދިލަ މަހުގެ މަސްވެރިކަން ތައާރަފްކުރުމަށް، އެކަމަށް ބޭނުންވާ ސާމާނު މަސްވެރިންނަށް ދޫކުރާނެ އުސޫލެއް ކަނޑައަޅައި ފިޝަރީޒް މިނިސްޓްރީން މިއަދު އިއުލާންކޮށްފި އެވެ.
އެ މިނިސްޓްރީން ބުނީ މި ބާވަތުގެ މަސްވެރިކަމަށް ބޭނުންވާ އާލާތްތަކުގެ 10 ސެޓެއް އެ އުސޫލުގެ ދަށުން ފޯރުކޮށްދޭނެ ކަމަށެވެ. އެއީ އަގު ބޮޑު ތަކެތި ކަމުގައި ވުމުން، އެ އެއްޗެހި ފޯރުކޮށްދޭން ނިންމާފައި ވަނީ ދިގު މުއްދަތުން ފައިސާ ދައްކައިގެން މިލްކު ކުރެވޭ ގޮތަށެވެ.
ފިޝަރީޒް މިނިސްޓްރީގެ އެސިސްޓަންޓް ޑިރެކްޓަރު އަބްދުﷲ ޖައުފަރު ވިދާޅުވީ މި އާލާތްތައް އަގުބޮޑު ވަނީ، ކަރަންޓުން ބޭނުންކުރާ ތަކެއްޗަށް ވާތީ ކަމަށެވެ.
ތުތިބޯދަދިލަ މަސް ހިފުމަށް ބޭނުންކުރާ ޖިގު ދައްކައިދޭ ކުރެހުމެއް -- ފޮޓޯ: ފިޝަރީޒް މިނިސްޓްރީ
ތުތިބޯވަދިލަ މަހަކީ އައްޔަށް ދަތުރުކުރާ އެއްޗަކަށް ވުމުން، މި މަސްވެރިކަން ކުރުމަށް ބޭނުންކުރާ އާލާތުގައި ހުންނަނީ ބޮކި ހަރުކޮށްފަ އެވެ. ބޯވަދިލަމަސް ހިފުމަށް، އެކަމަށް ހާއްސަ ޖިގުގައި އިންނަ ދެ ނަނުގައި ހަރުކޮށްފައިވާ ބޮކި ދިއްލުމަށްފަހު ކަނޑަށް ދޫކުރާނީ އެވެ.
ޖައުފަރު ވިދާޅުވި ގޮތުގައި، ކަނޑަށް ދޫކޮށްލާ ނަނުގައި ބޯވަދިލަ މަހެއް ގަތުމުން، ކަރަންޓުގެ އެހީގައި އެ ނަނު ދަމާ ނަގާނީ އެވެ. މި އާލާތުގެ އެހީގައި 2،000 މީޓަރުގެ ފުންމިން ހުންނަ ހިސާބުތަކުގައި، 500 މީޓަރުގެ ލައިން ދޫކޮށްގެން ބޯވަދިލަ މަސް ބޭނޭނެ އެވެ.
"އެ ލައިން [ނަނު] އެހާ ދިގު ވީމަ ކަރަންޓު ބޭނުންކޮށްގެން ލައިން ނަގަން ޖެހޭނީ،" ޖައުފަރު ވިދާޅުވި އެވެ.
މި ސާމާނު ބޭނުން މީހުން އެކަމަށް އެދި، މި މަހުގެ 31 ގެ ކުރިން ފިޝަރީޒް މިނިސްޓްރީއަށް ހުށަހަޅަން ޖެހޭނެ އެވެ. ހުޅުމާލޭގައި ހުންނަ އެ މިނިސްޓްރީގެ ފެޑް ސެންޓަރުގައި އެ އާލާތްތައް ދައްކާލަން ވަނީ ބަހައްޓައިފަ އެވެ.
ތުތިބޯވަދިލަ މަހުގެ މަސްވެރިކަން ކުރަން ބޭނުންވާ އާލާތުގެ ސެޓެއްގެ އަގަކީ 249،018.73ރ. އެވެ. މި ތަކެތި ފޯރުކޮށްދޭ އުސޫލުގެ ދަށުން، ކޮންމެ މަހަކު އެ މިނިސްޓްރީއަށް 4،446.77 ރުފިޔާ ދައްކަން ޖެހެ އެވެ. އަދި އެ ތަކެތި ދޭން ހަމަޖައްސާފައި ވަނީ އެ މީހެއްގެ ނަމުގައި ރަޖިސްޓްރީކޮށްފައިވާ ބޯޓެއް، ނުވަތަ މަސްވެރިކަމަށް ކުއްޔަށް ހިފާފައިވާ ބޯޓެއް އޮތް މީހުންނަށެވެ. ތަކެތި ދޫކުރުމުގައި ޒުވާން މަސްވެރިންނަށް އިސްކަން ދޭނެ އެވެ.
މަސްވެރިކަމަށް ބޭނުންވާ ތަކެތި ލިބޭ މީހުންނަށް ތުތިބޯވަދިލަ މަސްވެރިކަމާ ގުޅޭ ތަމްރީން ޕްރޮގްރާމެއް މިނިސްޓްރީން ހިންގާނެ އެވެ.
ތުތިބޯވަދިލަ މަސްވެރިކަން ރާއްޖެއަށް ތައާރަފްކުރުމަކީ މި ސަރުކާރުގެ ފުރަތަމަ 30 ދުވަހު ފުރިހަމަ ކުރުމަށް ކަނޑައަޅާފައިވާ ވައުދެކެވެ. ބަންދު ދުވަސް ނުލައި ގުނާ ނަމަ، އެ މުއްދަތު ހަމަވެފައި ވަނީ މިދިޔަ މަހުގެ 31 ވަނަ ދުވަހަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ވާލުސޮރު
08 January 2019
މަވެސް މިއުޅެނީ ތެޔޮ ނަގަން ބޭނުންވާ ސާމާނު ގަންނަން ބޭނުންވާ މީހުންނަށް ލުއި ލޯނެއް ދޭނަމޭހިތާ. ވާގޮތެއްވެސް އެނގިދާނެތާ ސައިނީ މެނަކަށް އެކަމެއް ނުވިއެއްނު!
އިލާޗީ
07 January 2019
ޗައިނާ ފްރީ-ޓްރޭޑް އެގްރީމަންޓުގެ ދަށުން ވިއްކޭނެ އެއްޗެއްތޯ؟ މާކެޓް އަގަކީ ކޮބާތޯ؟ އެންމެ 10 ފަަރާތައް ދިނީމަ ހުރިހާ އަތޮޅަކަށްވެސް ހަމަނުވާނެ؟ ވިންޗަކާއި ކަންވާރާއި ލައިޓްއަކާއި ޖިގްތަކެއްގެ އަގު 250،000 އަށް ވީމާ އަގުބޮޑުނޫންތޯ؟ އަލަށްފަށާ އަދި މާކެޓްނޭގޭ މަސްވެރިކަމަކަށް އަދި އިތުރު އާލާތްތައް ހޯދޭނެ ގޮތް ފޯރުކޮށްނުދީ އަދި ވަކިވަކި ލިސްޓްގައި ހިމެނޭ ތަކެތި ގަންނަން ޖެހިއްޖެނަމަ ގަންނަންލިބޭނެ އަގު ނުހިމަނައި 04 މަސް ގްރޭސް ކުޑަތަ؟
ބީރުބަލް
07 January 2019
https://mihaaru.com/business/7350 https://mihaaru.com/news/4701 މި ދެ ކަންތައް ވެސް ދިޔަ ގޮތް ޖެހޭނޫންތޯ ބަލަން،
ތުނބުޅި
07 January 2019
މަށަށް އެނގިފައިވާ ގޮތުން ރާއްޖެއިން އަދި ހިފުނީ އޭގެ އެއްމެ މަހެއް
ވަހިއްޓޭ
07 January 2019
ދެން މި ބާނައިގެން އެޔަށް ހަދަންވި ވިތެއްވެސް ބުނެދިންނަމަ ދޯ އިނގޭނީ ތިޔަ ލޯނު ބޮލުގަ އަޅަން
މާކެޓް
07 January 2019
ރާއްޖޭގެ ރެސްޓޯރެންޓްތަކަށްވެސް މާކެޓް ކުރެވިދާނެ. ސްކުއިޑްއަކީ ބޯވަހެން މީރު އެއްޗެއް. ވަށައިގެން ކަނޑު އޮންނައިރު ދިވެހިންނަށް ތަންކޮޅެއް ގިނަ ބާވަތުގެ ސީފުޑް ކާން އިންޓްރޮޑިއުސް ކޮށްދިނުމަކީ ބޭރުން އިމްޕޯޓްކުރާ ކާނާގެ އަދަދުވެސް މަދުކުރެވިދާނެ ކަމެއް.
ބަގު
07 January 2019
ބަލަ ތިކަން ފެށުމުގެ ކުރިން ތީކުރެވޭނެ ކަމެއްތޯ ކިހާ އާމްދަނީއެއް ލިބޭނެކަމެއްތޯ ފިސަރީޒް މިނިސްޓްރީން ބެލީންތޯ.