ރާއްޖޭގައި މަސްވެރިކަން ކުރާ މަސްވެރިން އަންނަ މަހު އެކެއްގެ ކުރިން ސަރުކާރުން އެކުލަވާލާ ދަފްތަރުގައި ރަޖިސްޓްރީވާން ޖެހޭނެ ކަން ފިޝަރީޒް މިނިސްޓްރީން ހަނދާންކޮށްދީފި އެވެ.
ފިޝަރީޒް މިނިސްޓްރީން މިދިޔަ ހޯމަ ދުވަހު ކުރި އިއުލާނެއްގައި ބުނީ މަސްވެރިންގެ ގައުމީ ދަފްތަރު ވީ އެންމެ އަވަހަކަށް ފުރިހަމަކުރުމުގެ ގޮތުން، އަންނަ މަހުގެ އެއްވަނަ ދުވަހުން ފެށިގެން މަސްވެރިކަމުގެ ލައިސަންސް އާ ކުރުމުގެ މަރުހަލާގައި އުޅަނދުގެ ހުރިހާ ފަޅުވެރިން ދަފްތަރުގައި ރަޖިސްޓަރީކޮށްފައިވާކަން މިނިސްޓްރީން ޔަގީންކުރާނެ ކަމަށެވެ.
ލައިސަންސް ލިބިފައިވާ އުޅަނދުތަކުގެ ފަޅުވެރިން އެ ތާރީހުގެ ކުރިން ދަފްތަރުގައި ރަޖިސްޓްރީކޮށްފައިވާކަން ކެޔޮޅު، އުޅަނދުގެ ވެރިފަރާތް ނުވަތަ އުޅަނދު އޮޕަރޭޓްކޮށް އުޅަނދުގެ ކަންކަމާ ޒިންމާވާ ފަރާތުން ޔަގީންކުރުމަށް މިނިސްޓްރީން ވަނީ އިލްތިމާސްކޮށްފަ އެވެ.
މަސްވެރިން ދަފްތަރުގައި ރަޖިސްޓްރީކުރުމަށް ފަސޭހަކޮށްދިނުމުގެ ގޮތުން "ކެޔޮޅު"ގެ ނަމުގައި މިދިޔަ ފެބްރުއަރީ މަހު ސަރުކާރުން ވަނީ ހާއްސަ މޯބައިލް އެޕްލިކޭޝަނެއް ވެސް ތައާރަފުކޮށްފަ އެވެ. އެ އެޕްލިކޭޝަން މެދުވެރިކޮށް ވަރަށް ފަސޭހައިން ރަޖިސްޓްރީކުރެވެ އެވެ.
މަސްވެރިންގެ ގައުމީ ދަފްތަރު އެކުލަވާލުމުގެ މަސައްކަތް ކުރުމަށާއި އެ މައުލޫމާތު މަސްވެރިންނަށް ފޯރުކޮށްދިނުމަށް ފިޝަރީޒް މިނިސްޓްރީގެ ޓިމުތައް ވެސް ރާއްޖޭގެ އެކި ރަށްރަށަށް ދެ އެވެ.
މިނިސްޓްރީން ބުނި ގޮތުގައި، މި ދަފްތަރު މެދުވެރިކޮށް އެއްކުރެވޭ މައުލޫމާތުތަކަކީ މަސްވެރިކަމާ ބެހޭ ތަރައްގީގެ މަޝްރޫއުތައް އެންމެ އެދެވޭ ގޮތެއްގައި ފަރުމާކުރުމަށާއި މަސްވެރިންނަށް ބޭނުންވާ ހިދުމަތްތައް އެކަށީގެންވާ ގޮތެއްގައި ފޯރުކޮށްދިނުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ކަނޑައަޅުއްވާފައިވާ ސިޔާސަތުތައް ތަންފީޒުކުރުމަށް އެހީއަކަށް ވާނެ އެވެ.