ހުރިހާ މަސްވެރިކަމަކަށް ވެސް ހުއްދަ ނަގަން ޖެހޭ ބިލް އިސްލާހުކުރަނީ

މުނިފޫހިފިލުވަން ކުރާ މަސްވެރިކަމަށް ވެސް ފިޝަރީޒް މިނިސްޓްރީގެ ހުއްދަ ނަގަން ޖެހޭ ގޮތަށް ބިލްގައި ހިމެނުނީ އޮޅުކަމުން ކަމަށާއި އެހެންވެ އެ ބިލް އިސްލާހުކުރަން ނިންމާފައިވާ ކަމަށް އެ މިނިސްޓްރީން މިއަދު ބުނެފި އެވެ.


ސަރުކާރުގެ ފަރާތުން އަލިފުށީ ދާއިރާގެ މެމްބަރު މުހައްމަދު ރަޝީދު ހުސައިން، މަސްވެރިކަމާ ބެހޭ ގާނޫނަށް ހުށަހެޅުއްވި އިސްލާހުގައި ބުނެފައިވާ ގޮތުން ކެއުމަށް ކުރާ މަސްވެރިކަން ފިޔަވައި އެހެން ހުރިހާ މަސްވެރިކަމެއް ވެސް ކުރެވޭނީ ފިޝަރީޒް މިނިސްޓްރީގެ ހުއްދަ ލިބިގެންނެވެ. އޭގެ ތެރޭގައި މުނިފޫހިފިލުވަން މަހަށް ދިއުމާއި ކުޅިވަރު ކުޅުމުގެ ގޮތުން ބާއްވާ މަސް ރޭސްތައް ފަދަ ކަންކަން ވެސް ހިމެނެ އެވެ.

ބިލްގައި ބުނެފައިވާ ގޮތުން މަސްވެރިކަމުގެ އެފަދަ އިވެންޓްތަކަށް ވަކި ފީއެއް ވެސް ދައްކަން ޖެހޭނެ އެވެ.

"މިހާރު" އަށް އެނގިފައިވާ ގޮތުގައި ފިޝަރީޒް މިނިސްޓްރީން މިހާރު ނިންމާފައިވަނީ، މުނިފޫހިފިލުވުމާއި މަސް ރޭސް ފަދަ މަސްވެރިކަމުގެ ކަންކަމަށް ހުއްދަ ނަގަން ޖެހޭ ގޮތަށް އޮތް މާއްދާ ބާތިލް ކުރުމަށެވެ. އެކަމާ ގުޅޭ ގޮތުން އެޓާނީ ޖެނެރަލް އޮފީިހާ މަޝްވަރާ ކުރަމުން އަންނަ ކަމަށް އޭނާ ވިދާޅުވި އެވެ.

ރާއްޖޭގައި ބޭރަށް އެކްސްޕޯޓްކުރަން މަސްވެރިކަން ކުރެވޭނީ ހުއްދަ ނަގައިގެންނެވެ. ރާއްޖޭގެ މާކެޓަށް ވިއްކަން ކުރާ މަސްވެރިކަމަށް އެއްވެސް ހުއްދައެއް ބޭނުމެއްނުވެ އެވެ. އެކަމަކު އަލަށް ހުށަހަޅާފައިވާ ބިލްގައި ބުނާ ގޮތުން ރާއްޖޭގެ ބާޒާރަށް ވިއްކަން މަސްވެރިކަން ކުރާ ފަރާތްތަކުން ވެސް ހުއްދަ ނަގަން ޖެހެ އެވެ.

މިހާރު އަމަލްކުރަމުން އަންނަ މަސްވެރިކަމާ ބެހޭ ގާނޫނު ހެދީ 1987 ގަ އެވެ. ފިޝަރީޒް މިނިސްޓްރީން ބުނިގޮތުގައި އެ ގާނޫނަށް އިސްލާހު ގެންނަން ނިންމީ ޒަމާނީ މަސްވެރިކަމެއް ކުރުމަށް ފުރިހަމަކުރަން ޖެހޭ ކަންކަން ކުރާށެވެ. އެގޮތުން މަޖިލީހަށް ހުށަހަޅާފައިވާ ބިލް ތައްޔާރުކުރީ ދުނިޔޭގެ ކަނޑުތަކުގެ ގާނޫނު އަސްލަކަށް ބަލައިގެން ކަމަށް އެ މިނިސްޓްރީން ބުންޏެވެ.

މިހާރު އަމަލްކުރަމުން އަންނަ ގާނޫނުގައި ބުނެފައިވާ ގޮތުގައި ގަވައިދާ ހިލާފަށް މަސްވެރިކަން ކުރާ ބޭރުގެ ފަރާތްތައް އެންމެ ބޮޑުވެގެން ވެސް ޖޫރިމަނާ ކުރެވެނީ އެއް ލައްކަ ރުފިޔާ އަށެވެ.

އަލަށް ހުށަހަޅާފައިވާ ބިލްގައި، ގާނޫނާ ހިލާފަށް މަސްވެރިކަން ކުރާ ފަރާތްތައް 400،000ރ. އިން ވެސް ޖޫރިމަނާކުރެވެ އެވެ. އަދި އެއީ ބޭރުގެ ފަރާތެއް ނަމަ އަދަބު ކަނޑައަޅަން ޖެހެނީ ޖޫރިމަނާގެ އަދަދުތައް ފަސް ގުނައަށް ބޮޑުކޮށްގެންނެވެ.

އަލަށް ހުށަހަޅާފައިވާ ބިލުގައި މަސްމެހާމެހި ދިރުވައި އާލާކުރަން، އެކުއަކަލްޗާ ތަރައްގީ ކުރާނެ އުސޫލުތައް ކަނޑައަޅަން ގަވައިދުތައް ހަދަން ވެސް ލާޒިމްކޮށްފައިވެ އެވެ.