ކ. ދިއްފުށީގައި އިއްޔެ މަރުވި އެރިކާ ލެގްރިޑިލިއާ (ކ) އާއި އޭނާގެ ފިރިމީހާ ލިއޯމާ ލެގްރަޑިލިއާ
14 ޖެނުއަރީ 2019 - 21:49
އެރިކާ ލެގްރިޑިލިއާ އާއި ލިއޯމާ ލެގްރަޑިއަލާ މިދިޔަ މަހު ކުރި އަލަތު ކައިވެންޏަށް ފަހު މި މަހުގެ ނުވަ ވަނަ ދުވަހު ފިލިޕިންސްގެ މެނީލާއިން ރާއްޖެއަށް ފުރީ އެ މީހުންގެ ހުވަފެނީ ހަނީމޫނަށެވެ. ކައިވެންޏަށް ފަހު އެކުގައި ކުރި ފުރަތަމަ ދަތުރު އެ މީހުންގެ ހަޔާތުގެ ފަހު ދަތުރަށްވީ އެވެ.
މިދިޔަ މަހުގެ 18 ގައި ކައިވެނިކުރި ފިލިޕީންސްގެ އެރިކާ ލެގްރިޑިލިއާ 30، އާއި ލިއޯމާ ލެގްރަޑިއަލާ، 29، ގެ ހަނީމޫން މަންޒިލަކީ ކ. ދިއްފުއްޓެވެ. އެ ރަށު ކްރައުން ބީޗް ގެސްޓް ހައުސް އަށް އައިތާ ތިން ވަނަ އަށް ވީ ދުވަހު ދެމަފިރިން މަރުވީ ސްނޯކްލިން އަށް ގޮސް އުޅުމުގެ ތެރޭގަ އެވެ.
ދިއްފުއްޓާއި މީރު އައިލެންޑް ރިސޯޓާ ދެމުގެ އޮންނަ ތިލަ ފަޅު ތެރެއަށް ދެމަފިރިން ގެނބިގެން އުޅެނިކޮށް އެ މީހުން ސަލާމަތްކުރެވޭތޯ އެތަނަށް އެންމެ ފުރަތަމަ ދިޔަ އެކަކީ ދިއްފުށީ މީހެއް ކަމަށްވާ، އަބްދުލް ކަރީމް، 58، އެވެ. މަރުވި ދެމަފިރިން ޗުއްޓީ ހޭދަކުރި ގެސްޓް ހައުސް ކައިރީ ހުރި ކެފޭއަކުން ހެނދުނު ސައި ބޮއެގެން އަބްދުލް ކަރީމާއި އެހެން މީހަކު އެ ދިމާލުން އަތިރިމައްޗަށް ނިކުތް އިރު މޫދަށް އެރި އުޅުނު ޓޫރިސްޓުންތަކެއް އަތް ހޫރައި ހަޅޭއްލަވަނީ އެވެ.
ކަމެއް ގޯސްވެގެން އުޅޭކަން އެނގިގެން އަބްދުލް ކަރީމާއި އޭނާއާ އެކު ދެން ހުރި ޒުވާނާއާ އެކު، ފަޅުގައި އޮތް ލޯންޗަކަށް އަރައިގެން އެ ދިމާލަށް ދިޔައީ އެވެ.
ޓޫރިސްޓު ދެމަފިރިން މަރުވީ މި ދެ ރަށު ދޭތެރޭ މޫދަށް އެރި އުޅެނިކޮށް
"ހަމަ އެތަނުގައި އޮތް ލޯންޗެއް އެއީ. ކަމެއް ގޯސްވާހެން ލަފާ ކުރެވުނީމައި ހުއްދައެއް ވެސް ނުނަގާ އަޅުގަނޑުމެން ހަމަ ދިޔައީ،" ކަރީމް ކިޔައިދިނެވެ.
އަބްދުލްކަރީމް ކިޔައިދިން ގޮތުގައި އެ މީހުން ލޯންޗުގައި ދިޔައިރު، ގެނބިގެން އުޅުނު މީހުން ސަލާމަތްކުރަން އެހެން ޓޫރިސްޓަކު އުޅުނެވެ. އެއީ ވެސް ކްރައުން ބީޗް ގެސްޓް ހައުސްގައި ޗުއްޓީ ހޭދަކުރަން ގޮސް އުޅުނު ފިރިހެނެކެވެ.
މަސްވެރިކަމުގައި އުޅުނު އިރު، ދިމާވެދާނެ ހާދިސާތަކުން ރައްކާތެރިވާން ފަސްޓް އެއިޑް ކޯހެއް ހަދާފައި ހުރި އަބްދުލްކަރީމް ބުނީ އެންމެ ފުރަތަމަ ލޯންޗަށް ނެގީ ގެނބިފައި އޮތް އަންހެން މީހާ ކަމަށެވެ. އޭރު ފިރިހެން މީހާގެ ހާލަތެއް، އެ މީހުން ސަލާމަތްކުރަން ދިޔަ މީހުންނަކަށް ނޭނގެ އެވެ.
"އަންހެން މީހާ އަށް ފަސްޓް އެއިޑްގެ ދެނިކޮށް އޭނާގެ ފިރިމީހާ ހަޅޭއްލަވައިގަތް އަޑު އިވުނީ. ބަލައިލިއިރު އޭނާ އޮތީ ވެއްޓިފައި. ގެނބިގެން އުޅެނިކޮށް އެހީވާން ދިޔަ ޓޫރިސްޓު މީހާ އޭނާ ގައިގައި ހިފެހެއްޓި. ދެން އޭނާ ލޯންޗަށް ނެގި އިރު، އަނގައިން ލެޔާއި ލޮނު ވަރަށް ބޮޑަށް އައި،" އަބްދުލްކަރީމް ބުންޏެވެ.
ގެނބުނު ދެމަފިރިންނާއި އެ މީހުންނަށް އެހީވާން އުޅުނު ޓޫރިސްޓު މީހާ ވެސް ގޮވައިގެން އަބްދުލްކަރީމާއި އޭނާގެ އެކުވެރިޔާ ދިޔައިރު ސިއްހީ މަރުކަޒުގެ އެމްބިއުލާންސް ވެސް އޮތީ އައިސްފަ އެވެ. އެކަމަކު މަރުކަޒުގެ ޑޮކްޓަރާ ހަވާލާދީ ފުލުހުން ބުނި ގޮތުގައި، އެތަނަށް ގެންދިޔައިރު ވެސް ދެމަފިރިން އޮތީ މަރުވެފަ އެވެ.
އުފާވެރި ދަތުރަކަށް ރާއްޖެ އައި ދެމަފިރިން އެ މީހުންގެ ގައުމަށް ގެންދަން ވަނީ ނިންމައިފަ އެވެ. އެކަމަކު އެކަމަށް ބޭނުންވާ ފައިސާ ހޯދުމުގައި ދެމަފިރިންގެ އާއިލާ އަށް ވަނީ ދަތިކަމެއް ކުރިމަތިވެފަ އެވެ. އެކަމަށް އެހީވާން ދެމަފިރިންގެ އެކުވެރިން ފައިސާ އެއްކުރުމުގެ ހަަރަކާތެއް ފަށާފައިވާ ކަމަށް، އެކުވެރިން ސޯޝަލް މީޑިއާގައި ބުނެފައިވާ ކަމަށް އެ ގައުމުގެ ނޫސްތަކުން ބުންޏެވެ.
"އެ މީހުންގެ ހަށިގަނޑު ފިލިޕިންސަށް ގެނައުމުގެ ކަންކަން އަންނަނީ ހަމަޖައްސަމުން. މިކަމަށް ބޭނުންވަނީ 634،000 ޕޭސޯ (12،142 ޑޮލަރު)،" ދެމަފިރިންގެ އެކުވެރިޔަކު ފޭސްބުކްގައި ލިޔެފައިވެ އެވެ.
ރާއްޖޭގައި ޓޫރިސްޓުން ގެނބިގެން މަރުވުމަކީ އާންމު ކަމެކެވެ. އެކަމަކު މިއީ މި ފަހުގެ ތާރީހެއްގައި ހިނގި އެންމެ ހިތާމަވެެރި އެއް ހާދިސާ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ސޭކުބެ
16 January 2019
މީހުންނަކީ އޮންލައިން ބުކިން ހަދައިގެން އަންނަ ފަރާތްތަކަށްވާތީ ސަލާމަތީ ކަންކަން ކޮންމެ ގޮތަކަށް ހުއްޓަސް އެކަމާ ޒިއްމާވާނެ ޓުއަރ އޮޕަރޭޓަރެއް ނުހުންނާނެ. މިކަމަކީ ސަރުކާރުން ރެގިއުލޭޓް ކުރުވަންޖެހޭ ކަމެއް. މިފަދަ ކަންކަން ރިސޯޓްތަކުގަވެސް ހިގާ. އެކަމަކު މިހާރު ކަންކަން ހުރިގޮތުން ލޯކަލް ޓޫރިޒަމް ތަރައްޤީކޮއް ކުރިއަރުވާއިރު ސަލާމަތާ ރައްކާތެރިކަމަށްޓަކައި ކުރަންޖެހޭ ބައިވަރު ކަންކަން އެބަހުރި.
ސޭކުބެ
16 January 2019
އަޅުގަޑަކީ ޓުއަރިޒަމް ދާއިރާގައި އެންމެ ދިގު މުއްދަތަކަށް މަސައްކަތްކޮއްފައިވާ މީހުންގެ ތެރޭގައި ހިމެނޭ މީހެއްގެ ހައިސިއްޔަތުން ބުނަންޖެހެނީ ކުރިއާ މިހާރާ ވަރަށް ތަފާތޭ. ކުރިން ޓޫރިސްޓުން ތިބެނީ ހަމައެކަނި ރިސޯޓް ތަކުގަ ކަމަށްވާތީ އެމީހުންގެ ރައްކާތެރިކަމާމެދު ބޮޑު ސަމާލުކަމެއްދޭން މަޖުބޫރުވޭ. ޓްއަރ އޮޕަރޭޓަރުން ރިސޯޓާބެހޭ ސޭފްޓީ އޮޑިޓް ހަދައި އިސްލާހް ކުރަންޖެހޭ ކަންކަން އިސްލާހު ކުރުވާ. އެހެނަސް މިހާރު ގެސްޓް ހައުސްތައް އުފެދި އެތަންތަނަށް
ފައިސާ ފައިސާ
15 January 2019
މިކަންކަމަށް އިންޑަަސްޓްރީންވެސް އަދި މިނިސްޓްރީންވެސް ޝައުގުވެރިކަމެއް ނުހުރެއެވެ. އެމީހުން މާދަމައަކަށް ނުވިސްނައެވެ.
ސޭކުބެ
16 January 2019
މީ އިންޑަސްޓްރީން ވަރަށް ކަންބޮޑުވާ މައްސަލައެއް. އެކ،ަމަކު މިކަމާ ގެސްޓްހައުސް ހިންގާ މީހުން ފަރުވާލެއްނުބަހައްޓާ. ގެސްޓް ހައުސްއެއް ހިންގާ މީހަކާ މިޒާތުގެ ވާހަކައެއް އެއްދުވަހު ދައްކާލީމާ އޭނާ އައީ މާގަދަ ރުޅިއެއް.
ނުބައިހާނު
15 January 2019
މިއީ މަ އިހަށްދުވަހު ވެސް ދެއްކި ވާހަކައެއް. މަ ބުނިން ޓޫރިސްޓު ކަޕްލްސް އަށް ޒިންމާވާނެ ލައިފްގާޑަކުނެތި މިގޮތަށް އެކަނި ފީނަން ދެވިގެން ނުވާނެޔޭ. ބ ގޮއިދޫ ފުޅަދޫ ފެހެންދޫގައި މީހެއްގެ ހިލަމެއްވެސް ނުވާ ސަރަޙައްދު ތަކުގެ މޫދުން ނުރައްކާތެރި އޮއިވަރު ހުންނަ ތަންތަނުން ޓޫރިސްޓް ކަޕްލްސްތައް ފެންނާތީ މަ ވަރަށް ބިރުގަނޭ. ގަޑިއަކަށް 5-10 ވަރަކަށް ޑޮލަރު ދީގެން ލައިފްގާޑަކު ގެންދާނަމަ އިތުރުވަޒީފާވެސް އުފެދޭނެ. މިގޮތް މަޖުބޫރު ކުރަންވީ.
ނޫސް ބަލާމީހާ
15 January 2019
ގެސްޓް ހައުސް ހިންގާމީހުންވެސް އަދި ރިސޯރޓް ހިންގާފަރަތްކުންވެސް މޫދަށް އެރެންދާމީހުން ފަތަން އެނގޭތޯބަލަންޖެހިއްޖެ. އަދި މިފަދަތަންތަން ބަލަހައްޓާނެ މީހުންވެސް އައްޔަން ކުރަން ޖެހިއްޖެ. މިކަމަކީ ކައުންސިލްތަކުންވެސް އިސްނަގައިގެން ގެސްޓް ހައުސްތަކުން ޗާޖުނަގައިގެން ވަޒީފާ ހަމަޖައްސައިދީގެންވެސް ކުރަންޖެހިއްޖެކަމެއް.
ދެރަ
15 January 2019
މިހެން ރާއްޖޭގަ މަރުވާ ކޮންމެ ބޭރުބައެއްގެ އާއިލާއާ ރައްޓެހިންނަށް ރާއްޖޭގެ ނަން އަޑުއިވުނަސް ދެން ހަނދާންވާނީ މި ހިތާމަވެރި ހާދިސާތައް. މިއީ ޓުއަރިޒަމް މަންޒިލެއްގެ ގޮތުގަ ރާއްޖޭގެ ނަމަށްވެސް ލިބޭ ބޮޑު ގެއްލުމެއް. އާންމުކޮށް ޓުއަރިސްޓުން މޫދަށް އެރޭ ހިސާބުތަކުގަ ލައިފްގާޑުން ނޫނީ ލައިފް ރިންގެއް ނަމަވެސް ބެހެއްޓުން މުހިންމު. ރިޕް ޓައިޑްސް ހުންނަ ހިސާބުތަކުގަ ބޭރު ތަންތާވެސް ސައިން ބޯޑުވެސް ހުރޭ. ފިޔަވަޅުތައް އަޅަން މިހާރުވެސް މާ ލަސްވެއްޖެ.
ވިލްސް
15 January 2019
ކީކޭ ބުނާނީ؟ މި ލިއުން ކިޔާފައިވެސް ބަޔަކު އެބަ އުފާކުރޭ. ތީ ހަަމަ އިންސާނުންތަ؟
ދާދޭ
15 January 2019
ތިބާވަތުގެ ކަންކަން ހިނގަނީ ސަރުކާރުގެ ވަރިހަމަކަން ބޮޑުވުމުން. މީހުންގެ ރައްކާތެރިކަމަކީ ސަރުކާރަށް އެހާބޮޑު ކަމަކަށްނުވާތީ ގަވާއިދު ނުހެދުމާއި ހަދާފައި ހުންނަ ގަވާއިދުވެސް ތަންފީޒު ނުކުރާތީ. ސަލާމަތީ ކަންކަމަށް ފަރުވާ ކުޑަކުރުމުގެ ސަބަބުން ހީވެސް ނުކުރާވަރުގެ ގެއްލުން ގައުމަށް ވަމުންދަނީ. ކޮންމެ މަހަކުހެން ޓޫރިސްޓުންގެ އެބަމަރުވޭ. ނޫނީ ކޮންމެވެސް އަލިފާނުގެ ހާދިސާއެއް ރިސޯޓް ތަކުގާއެބަހިނގާ.
ޕޮކީ
14 January 2019
މިކަހަލަ ހިތާމަވެރި ހާދިސާތައް ތަކުރާރުވިޔަ ނުދިނުމަށް ގެސްޓުހައުސްތަށް ޒިންމާދާރުކުރުވާ އަދި ރަނގަޅު ޕުލޭނުތަކެއް ބޭނުންވާކަމުގެހެކި މިފެންނަނީ
ޖެނީ
14 January 2019
ރިސޯޓްތަކުން ވެއްޖެއްނުން މިގޮތަށް ސްނޯކުލިންއަށްދާ ޓްއަރިސްޓުނަށް ލައިފްޖެކެޓް މަޖުބޫރުކުރަން.
ާތަންބި
15 January 2019
ބަލަ އެއީ ރިސޯޓެއްތަ
ޗޯ ކިިިޔުޓް
15 January 2019
??