ހުކުރު މިސްކިތުގެ ހަރިންމަ ފާރުން ބައެއް ތަޅާލާފައި. ފޮޓޯ: މުހައްމަދު ތޯރިގު
14 ޖެނުއަރީ 2019 - 18:12
ދުނިޔޭގެ ތަރިކައިގެ ވަގުތީ ލިސްޓްގައި ހިމެނޭ އަދި ތަރިކައިގެ ދާއިމީ ލިސްޓަށް ލާން މަސައްކަތް ކުރަމުން އަންނަ ހުކުރު މިސްކިތުގެ ހަރިންމަ ފާރުން ބައެއް ތަޅާލުމުން ހެރިޓޭޖް މިނިސްޓްރީން އެކަން ފުލުހުންނަށް ހުށަހަޅައިފި އެވެ.
އެ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު މުހައްމަދު ތޯރިގު "މިހާރު" އަށް ވިދާޅުވީ ފުލުހުންނަށް މައްސަލަ ހުށަހެޅީ ފާރުން ބައެއް ތަޅާލައިގެން ކުރަން އުޅޭ މަސައްކަތް ހުއްޓުވަން ކަމަށެވެ.
ދެވަނަ ފަހަރަށް ބިނާކުރިތާ 300 އަށް ވުރެ ގިނަ އަހަރު ވީ ހުކުރު މިސްކިތުގެ ހަރިންމަ ފާރަކީ އެ މިސްކިތަށްވީހާ ދުވަހެއް ވެފައިވާ ފާރެއް ނޫނެވެ. ނަމަވެސް އެ މިސްކިތް ދުނިޔޭގެ ތަރިކައިގެ ވަގުތީ ލިސްޓަށް ލީ އިރު އެއީ ވެސް މިސްކިތުގެ ބައެކެވެ. އެހެންވެ، އެ ފާރަށް އެއްވެސް ބަދަލެއް ގެންނަ ނަމަ އެކަމުގެ ހުއްދަ ހެރިޓޭޖް ޑިޕާޓްމަންޓުން ނަގަން ޖެހެ އެވެ. ތޯރިގު ވިދާޅުވީ އެކަމާ ބެހޭ އެއްވެސް މައުލޫމާތެއް މިނިސްޓްރީއަށް ދީފައި ނުވާ ކަމަށެވެ.
"އަޅުގަނޑުމެންނަކަށް ނޭނގޭ އެއީ ކޮން ބަޔަކު ކުރި ކަމެއް ކަން ވެސް. ފާރުން ބައެއް ތަޅައިލި ކަން އަޅުގަނޑުމެންނަށް އެނގުމުން ދިޔަ އިރު އެ ތަނުގައި މަސައްކަތް ކުރަމަކުން ނުދޭ،" އޭނާ ވިދާޅުވި އެވެ.
ތޯރިގު ވަނީ އެކަން ކުށްވެރި ކުރައްވައި ޓްވީޓެއް ވެސް ކުރައްވައިފަ އެވެ.
@MACH_MV ah neyngi Male Hukurumiskithuge Harinma faaru thalhai thanah badhalu genaumaky balaiganeveyne kameh noon. @Dhiraagu @STELCOMALDIVES @Medianetmv '@MaleCitymv @PoliceMv @yumna_maumoon pic.twitter.com/Nr1ciaq8Ql
— Mohamed Thoriq (@ManadhooThoriq) January 14, 2019
ތޯރިގު ކުރެއްވި ޓްވީޓް
ހުކުރު މިސްކިތުގެ ފާރުން ތަޅާލީ ކުރިން ޑިސްޓްރިބިއުޝަން ފޮއްޓެއް ހުރި ތަނެކެވެ. މިހާރު އެ ތަނުގައި ކޮށްފައި ހުރި މަސައްކަތަށް ބަލާއިރު ބެލެވެނީ ކުރިއަށް ވުރެން ބޮޑު ޑިސްޓްރިބިއުޝަން ފޮއްޓެއް ބަހައްޓަން ތައްޔާރުކޮށްފައި ހުރި ކަމެއް ހެންނެވެ.
ހުކުރު މިސްކިތު ގަބުރުސްތާން. އެ މިސްކިތުގެ ހަރިންމަ ފާރުން ބައެއް ވަނީ ތަޅާލާފައި
ތޯރިގު ވިދާޅުވީ ހުކުރު މިސްކިތުގެ ފާރަށް އެފަދަ ގެއްލުމެެއް ވުމަކީ އެ މިސްކިތް ދުނިޔޭގެ ތަރިކައިގެ ދާއިމީ ލިސްޓުގައި ހިމަނަން ކުރާ މަސައްކަތަށް އެޅޭނެ ބޮޑު ހުރަހެއް ކަމަށެވެ. އެ ލިސްޓްގައި މިސްކިތް ހިމަނަން ކުރަން ޖެހޭ މަސައްކަތްތައް މިހާރު ވެސް ކުރިއަށް ދާ ކަމަށް އޭނާ ވިދާޅުވި އެވެ.
" ދާއިމީ ހެރިޓޭޖް ލިސްޓްގައި ހިމަނަން މިހާރު ވެސް އަޅުގަނޑުމެން މި އަންނަނީ މަސައްކަތް ކުރަމުން. އެ މަސައްކަތަށް ވަރަށް ބޮޑަށް ހުރަސް އެޅޭނެ މިކަމުން [ފާރުން ބައެއް ތަޅައިލުމުން]،" އޭނާ ވިދާޅުވި އެވެ.
ތޯރިގު ވިދާޅުވި ގޮތުގައި ދެން މަސައްކަތް ކުރާނީ ފާރުން ތަޅައިލި ބައި މަރާމާތުކޮށް ކުރިން ހުރިގޮތަށް ބަދަލުކުރާށެވެ.
"އެ ތަނުގައި ފޮއްޓެއް ހަދާ ނަމަ އަޅުގަނޑުމެން އެދޭނީ ފާރާ ވަކިން ބަހައްޓަން،" ތޯރިގް ވިދާޅުވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ކާފަ ދ
15 January 2019
މިސްކިތުގެ ފާރަކީ ހެރިޓޭޖްއާ ގުޅުން ހުރި ތަނެއްނޫން. ހެރިޓޭޖް އެއްކަމަށްވަނީ މިސްކިތް އެކަނި. ސަހަރާއެއްވެސް ނުހިމެނޭ.
ޖޯޖް
15 January 2019
ހައުސިން މިނިސްޓްރީ މިހާރުގެ ސިޓީ ކައުންސިލުން ހުއްދަނަގައިގެން ކުރާކަމެއްތީ. އެތަނުގަ އިންނަ އަރުޝަމް ކިޔާ ސޮރަށް ހުރިހާކަމެއް އެނގޭނެ. ސެކިއުރިޓީ ހުއްދަ ލިބުނީމަވެސް ހުއްދަ ނުދެވިގެން ލަސްވިކަމެއް މީ،. ފުރަތަމަ ކަމަކަށް އެތެރޭގެ ކަންކަން ހައްލުކޮށްބަލަ. ސޯސްލަ މީޑިއާގައި މަސްހޫރުވާން ފޮޓޯ ލުމަށްވުރެ ތިމާމެން ދިން ހުއްދައެއްގެ ދަށުން ކުރިންވެސް ހުރި އެއްޗެއް ރަނގަޅު ކުރަނީ އެތާ. ކަލޭމެން ކަންބޮޑުވަންޏާ އެތާހުރި ދިރާގު ފޮށިވެސް ނަގަންވީނު
މުހުސިނު
15 January 2019
އެއީ ޑިފެންސުން ސެކިއުރިޓީ ހުއްދަ ނަގައިގެން ސިޓީ ކައުންސިލް އިން ބޯޑު ދޫކޮށްގެން ކުރި މަސައްކަތެއް. ކުރިން އެތަނުގަ ހުރި ފޮށި އެހެން ފޮށްޓަކަށް ބަދަލުކުރަން ކުރި މަސައްކަތެއް. ކުރީގަ ހުރީ ބާފޮށްޓެއްވީމަ ރީތި ފޮށްޓެއް އަޅުވަން ކުރާ މަސައްކަތެއް އެއީ.މައުމޫނު ވެރިކަމުންފެށިގެންވެސް އެތަނުގަ އެފޮށި ހުންނާނެ.ސެކިއުރިޓީ ހުއްދަ ލިބުނު ދުވަހު ސިޓީ ކައުންސިލްގެ އާއްމު ޚިދުމަތް ތަކާބެހޭބައިގެ މުވައްޒަފުންގެ ފަރުވާ ކުޑަވީމަ ހުައްދަ ތައްޔާރު ނުކުރެވުނީ
ހަބޭސްބޭބެ
15 January 2019
ހާދަ ފައްކަލޭ، އެއްވެސް މީހަކަށް ނޭނގި ގައުމުގެ ކަންކަން ކުރަމުން މިހެން ދަންޏާ މީ ވަރަށް ދެރަ ކަމެއް. އެއްވެސް މީހެއްގެ ޒިންމާ އެއް ނެތި މިކަހަލަ ކުރެވޭއިރު ސުވާލު އުފެދޭ، މާދަމާ ކޮންކަމެއްބާ އަނެއްކާ ކުރާނީ. ތަރިކައިގެ ގޮތުގައި ކަނޑައެޅިފައިވާ ތަންތަން ހިމާޔަތް ކުރެވެންޖެހޭ. ދުނިޔޭގަ ނިސްބަތުން ހުކުރު މިސްކިތަކީ ހެރިޓޭޖް ސައިޓެއް. މިތަނަަށް ބަދަލު ގެނެވިގެން ނުވާނެ.
މުހުސިނު
15 January 2019
ގަވައިދުން ނަގަންޖެހޭ ހުރިހާ ހުއްދައެއް ނަގައިގެން ކުރިކަމެއް އެއީ. ސޯޞަލް މީޑިއާގަ މަސްހޫރުވާން ވާނުވާ ނޭނގި ފޮޓޯ ޖަހަނީ. ސަރުކާރުން އޮތީ އެމަސައްކަތަށް ހުއްދަ ދީފަ. ޖެމްސް މައްސަލަ ޖެހިގެން ހުއްދަ ނުދެވުމަކީ މަސައްކަތް ކުރާ ފަރާތުގެ މައްސަލައެއްނޫން. އެދުވަހު ހުއްދަ ދިންނަމަ ތިތަން ހުންނާނީ ރީތިކޮށް
ޑރ.ނަޝްވާ ހިތަދޫ / ޕޮލޭންޑު
15 January 2019
ހުކުރު މިސްކިތުގެ ގޯޓި ތެރޭގައި އެވާ ގަބުރުސްތާނުގެ ތެރޭގައި ބިމިތެރެއަށް ވައްދައި ހަރުކޮށްފައިއެވާ ބޮޑެތި ހިރިގަލުން ކުރެހުން ނަގައި އަރަބި ބަހުން ލިޔެ ޑިޒައިން ކޮށްފައި އެވާ ގާތަކަކީ ސީދާ އައްޑޫ ހިތަދޫ އިން އުފުރައިގެން ގޮސް ހަރުކޮށްފައިވާ ގާތަކަެއްކަމަށް ޚަބަރުތައް ބުނޭ..މިފަދަ ބިޔަ ހިރިގާތައް ހުރީ އައްޑު އަދި ހުވަދޫގެ ރައްތަކުގެ ވަސައިގެންވާ ފަޅުތަކުގައި..އަޅުގަނޑުގެ ރިކުއިސްޓަކީ ތިޔަ ގާތައް އުފުރި މިސްކިތް ތަކުރުފާނު މިސްކިތުގެ ގޯތިތެރެއަށް
ކެކެކޭ
15 January 2019
ދެން އެންމެނައްވެސް އިގޭ ދޯ ސިޓީ ކައުންސިލް ކަން. ހުރިހާ މިއްކިއްތަކެއް ބަލަހައްޓައް ހަވާލުކުރީ އެމީހުންނާ . ކޮންމެސް ފޯމެއް ނުލައި ނޫނީ ތިކަމެއްނުވާނެ
އަލީމްބެ
15 January 2019
ބަލައިގަނެވޭނެ ކަމެއްނޫނޭ ކިޔަކަސް ނުވާނެ، ތި ފާރަކީ މީގެ އެތަކެއް އަހަރު ކުރިން ތި ފޮށިބަހައްޓަން ހައުސިން މިނިސްޓްރީން ހުއްދަދީގެން ބަހައްޓާފަހުންނަ އެއްޗެއް،
އަހުމަދުބެ
15 January 2019
މީޑިޔާނެޓް ފޮއްޓަކަށް ވެދާނެއެވެ.
ނަރީމާ
15 January 2019
ކުއްވެރިޔަކީ ޑިސްޓްރިބިއުޝަން ފޮށިތާއެވެ!! ހެރިޓޭޖަށް ވާވަރަކީ ތަޅާލީމާ، ފުލުހަށް ދިއުމެވެ. ޓްވީޓްކޮށް ކުއްވެރި ކުރުމެވެ. ހިމާޔަތުގެ އުނގުން، ބޭރުކޮށް ތަރިކަ ވީހާލެއްގައިވާން ދޫކޮށްނުލައްވާށެވެ.
ރާއްޖެ
15 January 2019
ޔުމްނާގެ މިނިސްޓްރީއަށް ސްޓޭޓް މިނިސްޓަރުން ކޮޅެއް އިތުރު ކޮއްލާ....