ކިއޭވޯގެ ރަޑޮވަނޮވިޗް އަތުން ބޯޅަ ހޯދަން އިންޓަގެ ބަނޭގާ (ކ) މަސައްކަތްކުރަނީ. --ފޮޓޯ: އޭއެފްޕީ
22 އޯގަސްޓް 2016 - 09:04
މިލާން (އޮގަސްޓް 22) - އިޓާލިއަން ލީގުގައި އޭސީ މިލާން ކުޅުނު ފުރަތަމަ މެޗުން ޓޮރިނޯ އަތުން 3-2 އިން މޮޅުވިއިރު، ކިއޭވޯ އަތުން 2-0 އިން އިންޓަ ބަލިވެ އަދި ޕެސްކަރާއާ 2-2 އިން ނަޕޯލީ އެއްވަރުވެއްޖެ އެވެ.
މިލާނުގެ އަމިއްލަ ދަނޑުގައި ކުޅުނު މެޗުގައި އެ ޓީމުގެ ކޮލަމްބިއާ ފޯވާޑް ކާލޯސް ބައްކާ ވަނީ ހެޓްރިކެއް ހަދައިފަ އެވެ. ފުރަތަމަ ހާފުގައި އޭނާ ލީޑު ނަގައިދީފައިވަނިކޮށް ދެ ވަނަ ހާފުގެ ކުރީކޮޅު އަންދްރޭ ބެލޮއްޓީ ވަނީ ޓޮރިނޯ އަށް އެއްވަރުކޮށްދީފަ އެވެ. އޭގެ ފަހުން ބައްކާ މިލާނަށް ދެ ލަނޑު ޖަހައިދީފައިވަނިކޮށް، ފަހު މިނެޓުގައި ޑެނިއަލް ބަސެއްލީގެ ލަނޑުން ޓޮރިނޯ އިން ތަފާތު ކުޑަކުރި އެވެ. އަދި އިތުރު ވަގުތުގެ ތެރޭގައި އެ ޓީމަށް ޕެނަލްޓީއެއް ލިބުނެވެ. މިލާނުގެ ގެބްރިއަލް ޕަލެއްޓާ ކުރި ފައުލަކަށް އޭނާ އަށް ރަތްކާޑެއް ދެއްކުމަށް ފަހު ދިން މި ޕެނަލްޓީ މިލާނުގެ ގޯލްކީޕަރު ޖިއަންލުއިޖީ ޑޮއްނަރުއްމާ ވަނީ މަތަކޮށްފަ އެވެ.
އާ ކޯޗު ނެދަލެންޑްސްގެ ފްރޭންކް ޑި ބޮއާގެ އިރުޝާދުގެ ދަށުން ކުޅުނު އިންޓަ ބަލިވިއިރު، އެ ޓީމު ކޮޅަށް ކިއޭވޯގެ ދެ ލަނޑު ވެސް ޖެހީ ވޯލްޓާ ބިރްސާ އެވެ. އިންޓަގެ ކޯޗު ޑި ބޮއާ ބުނީ ނަތީޖާއާ މެދު ވަރަށް ހިތްހަމަނުޖެހޭ ކަމަށާއި، ޓީމުގެ ފިޓްނަސް އާއި އެހެނިހެން ކަންކަން އެންމެ ފުރިހަމަ ހިސާބަށް ގެންދަން އަދި މަސައްކަތްކުރަން އެބަހުރި ކަމަށެވެ.
މިދިޔަ ސީޒަނުގެ އިޓާލިއަން ލީގުގެ ދެ ވަނަ ހޯދި ނަޕޯލީގެ ކޮޅަށް ފުރަތަމަ ހާފުގައި ޕެސްކަރާ އިން ދެ ލަނޑު ޖެހި އެވެ. ދެ ވަނަ ހާފުގައި ނަޕޯލީ އަށް އެއްވަރުކޮށްދިނީ ޑްރިއެސް މާޓިންސް އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy