ޚަބަރު / ޕީޕީއެމް

ޕީޕީއެމް ލީޑަޝިޕްގެ މައްސަލަ ސިވިލް ކޯޓަށް ބެލޭނެތޯ ސުޕްރީމް ކޯޓުން ގޮތެއް ނިންމަނީ

ސުޕްރީމް ކޯޓު: ޕީޕީއެމްގެ ލީޑާޝިޕްގެ މައްސަލަ ސިވިލް ކޯޓަށް ބެލޭނެތޯ ނުވަތަ ނޫންތޯ ކަނޑައެޅުމަށް ސުޕްރީމް ކޯޓުން ވަނީ ހަމަޖައްސާފައި --ފޮޓޯ/މިިހާރު

ޕީޕީއެމް ހިންގުން ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމާ ހަވާލުކުރަން އެ ޕާޓީގެ އާންމު ދެ މެމްބަރަކު ސިވިލް ކޯޓަށް ހުށަހެޅި ދެ މައްސަލަ ސިވިލް ކޯޓަށް ބެލޭނެތޯ ނުވަތަ ނޫންތޯ ކަނޑައެޅުމުގެ މައްސަލާގައި ސުޕްރީމް ކޯޓުން މިއަދުގެ އަޑުއެހުންތައް ނިންމާލައިފި އެވެ.

ޕީޕީއެމް ހިންގުން މައުމޫނާ ހަވާލުކުރަން އެ ޕާޓީގެ އާންމު ދެ މެމްބަރުން ކަމަށްވާ ގދ. ތިނަދޫ ބީޗް ރެސްޓް، އަހުމަދު ރަޝީދާއި ލ. ގަން ތުނޑި، ހަވި އަލީ އަހުމަދުގެ ފަރާތުން ސިވިލް ކޯޓަށް މައްސަލަ ހުށަހެޅިޔަސް، ޕީޕީއެމުން ވަނީ އެ މައްސަލަ ސިވިލް ކޯޓަށް މިހާރު ނުބެލޭނެ ކަމަށް ބުނެ ސުޕްރީމް ކޯޓަށް ޝަކުވާ ހުށަހަޅައިފަ އެވެ. އެ ޝަކުވާއާ ގުޅިގެން ސުޕްރީމް ކޯޓުން ވަނީ އެ ދެ މައްސަލައިގެ ފައިލް ސުޕްރީމް ކޯޓަށް ގެންގޮސްފަ އެވެ.

ސުޕްރީމް ކޯޓުގައި މިއަދު ބޭއްވި އަޑުއެހުމަކީ އެ ދެ މައްސަލަ ސިވިލް ކޯޓަށް ބެލޭނެ ކަމާ މެދު ގޮތެއް ކަނޑައެޅުމުގެ ކުރިން ބޭއްވި އިޖްރާއީ އަޑުއެހުމެކެވެ. އެ މައްސަލާގެ ތެރެއަށް މައުމޫންގެ ފަރާތުން ވެސް ވަނީ ތަދައްޚުލްވެފަ އެވެ.

މިއަދުގެ އަޑުއެހުމުގައި ޕީޕީއެމްގެ ވަކީލް އަދި ރައްޔިތުންގެ މަޖިލީހުގެ ގުރައިދޫ ދާއިރާގެ މެމްބަރު އިބްރާހިމް ރިޒާ ވިދާޅުވީ ޕީޕީއެމް ހިންގާނެ ފަރާތެއް ކަނޑައެޅުމުގެ މައްސަލާގައި 2016 ގައި ސިވިލް ކޯޓުން ގޮތެއް ނިންމާފައިވާ ކަމަށެވެ. އެގޮތުން ކުރީގެ ރައީސް އަދި ޕާޓީގެ އޭރުގެ މުސްތަޝާރު އަބްދުﷲ ޔާމީން ބެއްލެވުމުގެ ދަށުން ކައުންސިލް ބައްދަލުވުމެއް ބާއްވައި، އެ ޕާޓީ ހިންގުން އެމަނިކުފާނަށް ލިބިވަޑައިގަންނަވާ ގޮތަށް ކުރި އެ ހުކުމަށް ހައި ކޯޓާއި ސުޕްރީމް ކޯޓުން ވެސް ތާއީދު ކޮށްފައިވާ ކަމަށާއި އެހެންވެ، އެ މައުޟޫގައި އިތުރު އެހެން މައްސަލައެއް ދެން ނުބެލޭނެ ކަމަށް ރިޒާ ވިދާޅުވި އެވެ.

އާންމު ދެ މެމްބަރުން ސިވިލް ކޯޓަށް ހުށަހެޅި ދެ މައްސަލާގައި ޕާޓީ ހިންގުން މައުމޫނާ ހަވާލުކުރަން އެދިފައި ވިޔަސް، ޕީޕީއެމްގެ މެމްބަރު ކަމުން 2017 އިން ފެށިގެން މައުމޫން ހުންނެވީ ވަކި ކޮށްފައި ކަން ރިޒާ ފާހަގަ ކުރެއްވި އެވެ. އެހެންވެ، ޕާޓީގެ މެމްބަރަކަށް ނުވާ ބޭފުޅަކާ އެ ޕާޓީ ހިންގުން ހަވާލު ކުރެވޭނެ ގޮތެއް ނޯންނާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ސިވިލް ކޯޓަށް މައްސަލަ ހުށަހެޅި އާންމު ދެ މެމްބަރުންގެ ތެރެއިން އަޑުއެހުމަށް ހާޒިރުވީ އަލީ އަހުމަދުގެ ފަރާތުންނެވެ. އަލީ އަހުމަދުގެ ބަދަލުގައި ކޯޓަށް ހާޒިރުވި ވަކީލް އަލީ ޝިހާމް ވިދާޅުވީ 2016 ގައި ސިވިލް ކޯޓުން ކުރި ހުކުމާއި މިހާރު ސިވިލް ކޯޓަށް ހުށަހަޅާފައިވާ މައްސަލަ މުޅިން ތަފާތު ކަމަށެވެ. އެގޮތުން 2016 ގެ ހުކުމުގައި، ޔާމީންގެ ބެއްލެވުމުގެ ދަށުން ކައުންސިލް ބައްދަލުވުމެއް ބާއްވަން އަމުރު ކޮށްފައި ވިޔަސް، އެ ހުކުމުގެ ދަށުން އެ ކައުންސިލުން ނިންމި ނިންމުންތަކުގެ ސައްހަކަމާ މެދު މިހާތަނަށް އެއްވެސް ކޯޓަކުން ގޮތެއް ނިންމާފައި ނެތް ކަމަށް ޝިހާމް ވިދާޅުވި އެވެ،

މައުމޫންގެ ވަކީލް މުހައްމަދު ފައިސަލް ވެސް ވިދާޅުވި ގޮތުގައި ސިވިލް ކޯޓަށް މިހާރު ހުށަހަޅާފައިވާ ދެ މައްސަލަ އާއި 2016 ގެ ހުކުމާއި ތަފާތެވެ. އޭނާ ވިދާޅުވީ 2016 ގެ ހުކުމް ކުރިއިރު އޭރު ޔާމީނަކީ ރައީސްގެ ހައިސިއްޔަތުން ޕީޕީއެމްގެ މުސްތަޝާރު ކަމަށް ވިޔަސް، ރައީސް ކަމުގެ ދައުރު ހަމަވުމާ އެކު ޕީޕީއެމްގެ މުސްތަޝާރެއް މިހާރު ނެތް ކަމަށް އޭނާ ވިދާޅުވި އެވެ. އަދި އެކަމާ ގުޅޭގޮތުން އެއްވެސް މައްސަލައެއް އެއްވެސް ކޯޓަކުން ބަލާފައި ނެތް ކަމަށް ވެސް ފައިސަލް ވިދާޅުވި އެވެ.

ފައިސަލް ވިދާޅުވި ގޮތުގައި 2016ގެ ހުކުމުގެ ދަށުން ބޭއްވި ޕާޓީގެ ކައުންސިލް ބައްދަލުވުމުގައި ވެސް ނިންމުންތައް ނިންމަން ޖެހޭނީ ޕާޓީގެ އަސާސީ ގަވާއިދާ އެއްގޮތަށެވެ. ކައުންސިލްގެ އެ ބައްދަލުވުމުގައި، މުސްތަޝާރުގެ ހައިސިއްޔަތުން ޔާމީނާ އެ ޕާޓީ ހިންގެވުން ހަވާލު ކުރައްވަން ނިންމެވިއިރު، ޕީޕީއެމްގެ އަސާސީ ގަވާއިދު އޮންނަ ގޮތުން މުސްތަޝާރަކީ ޕާޓީ ހިންގުމުގެ އެއްވެސް ދައުރެއް އޮންނަ ބޭފުޅެއް ނޫން ކަމަށް ފައިސަލް ވިދާޅުވި އެވެ.

މީގެ އިތުރުން މިދިޔަ ސެޕްޓެމްބަރު މަހު ބޭއްވި ޕީޕީއެމްގެ ޚާއްސަ ކޮންގްރެސްގައި ޕާޓީގެ ރައީސް ކަމަށް ޔާމީން އިންތިޚާބުކޮށް، ނިންމުންތައް ނިންމާފައި ވިޔަސް އެ ކޮންގްރެސް ބަލައިގަތުމަށް އިލެކްޝަންސް ކޮމިޝަނުން ދެކޮޅު ހެދިކަން ފައިސަލް ފާހަގަ ކުރެއްވި އެވެ.

ޕީޕީއެމްގެ މެމްބަރު ކަމުން މައުމޫން ވަކި ކުރައްވާފައިވާތީ އެކަމާ ގުޅިގެން ފައިސަލް ވިދާޅުވީ މައުމޫން ޕާޓީން ވަކިކުރަން ނިންމީ ކައުންސިލުން ކަމަށާއި އެކަމަކު އަސާސީ ގަވާއިދު އޮތްގޮތުން އެފަދަ އެއްވެސް ބާރެއް ކައުންސިލަށް ނޯންނާނެ ކަމަށެވެ.

ފައިސަލް ވިދާޅުވި ގޮތުގައި އާންމު ދެ މެމްބަރުން ހުށަހެޅި އެ ދެ މައްސަލަ ސިވިލް ކޯޓަށް ބެލޭނެ އެވެ. އެކަމަކު މަޖިލިސް އިންތިޚާބު ކައިރިވެފައި ވަނިކޮށް އެ މައްސަލަ ސިވިލް ކޯޓަށް ބެލުމަށް ފޮނުވައިފި ނަމަ، އިތުރު ދުވަސްތަކެއް ހޭދަވެގެންދާނެތީ އޭނާ އެދިވަޑައިގަތީ އެ މައްސަލާގައި މިހާރު ސުޕްރީމް ކޯޓުން ގޮތެއް ނިންމައި ދިނުމަށެވެ.

ރައްދުގައި ޕީޕީއެމްގެ ވަކީލް ރިޒާ ވިދާޅުވީ މިދިޔަ ސެޕްޓެމްބަރު މަހު ބޭއްވި ޕީޕީއެމްގެ ޚާއްސަ ކޮންގްރެސް ބަލައިގަތުމަށް ހައި ކޯޓުން އަމުރު ކޮށްފައިވާ ކަމަށެވެ. އެ މައްސަލަ ސުޕްރީމް ކޯޓުގައި އިލެކްޝަންސް ކޮމިޝަނުން އިސްތިއުނާފް ކޮށްފައި އޮތަސް، ހައި ކޯޓުގެ އެ ހުކުމަށް ބަދަލެއް ނާންހާ ހިނދަކު ބަލަން ޖެހޭނީ އެ ކޮންގްރެސް ސައްހަ ކަމަށް ކަމަށް ރިޒާ ވިދާޅުވި އެވެ.

ޕީޕީއެމްގެ މެމްބަރު ކަމުން މައުމޫން ވަކި ކުރި ކުރުމުގެ ސައްހަ ކަމާ މެދު މިހާރު ސުވާލު އުފެއްދިޔަސް، ރިޒާ ވިދާޅުވި ގޮތުގައި ޕާޓީގެ ނިންމުން މައުމޫންގެ ފަރާތްޕުޅުން ޕާޓީގެ އިސްތިއުނާފް ކޮމެޓީގައި އޭރު އިސްތިއުނާފް ކޮށްފައި ނެތުމަކީ ޕާޓީން ވަކި ކުރި ކުރުން މައުމޫންގެ ފަރާތްޕުޅުން ގަބޫލު ކުރެއްވީ ކަމަށް ބަލަންޖެހޭ ސަބަބެއް ކަމަށް ވެސް ރިޒާ ވިދާޅުވި އެވެ.

އެކަމާ ގުޅިގެން މައުމޫން ވަކީލް ފައިސަލް ވިދާޅުވީ މައުމޫން ޕާޓީން ވަކި ކުރެއްވި ކަން މައުމޫނަށް އަންގަވާފައި ނެތް ކަމަށާއި އެކަން އެމަނިކުފާނަށް އެދިވަޑައިގަތީ މީޑިއާއިން ކަމަށެވެ.

ރައްދުގައި ރިޒާ ވިދާޅުވީ ޕާޓީން ވަކި ކުރެއްވިކަން މައުމޫނަށް މީޑިއާއިން އެނގިވަޑައިގަތުމުން އެކަން އިތުރަށް ބެއްލެވުމަކީ މައުމޫންގެ ޒިންމާއެއް ކަމަށެވެ. އެކަމަކު މައުމޫން އެކަން ކުރައްވާފައި ނުވާ ކަމަށް އޭނާ ވިދާޅުވި އެވެ.

ޖަވާބުގައި ފައިސަލް ވިދާޅުވީ މީޑިއާގައި އާންމުވާ ކޮންމެ އެއްޗެއްގެ ހަގީގަތް މައުމޫން ބައްލަވަންޖެހޭ ކަމަށް ގަބޫލު ނުކުރައްވާ ކަމަށާއި އެކަމަކު މައުމޫން ވަކި ކުރެއްވިކަމުގެ މައުލޫމާތު ލިބިވަޑައިގަތުމުން ޕީޕީއެމްގެ އިސްވެރިން މެދުވެރިކޮށް އެކަމުގެ މައުލޫމާތު ހޯއްދަވަން މައުމޫން މަސައްކަތް ކުރެއްވި އެވެ. އެކަމަކު އެއިން އެއްވެސް ފަރާތެއްގެ އެއްބާރުލުން ނުލިބުނީ ކަމަށް ފައިސަލް ވިދާޅުވި އެވެ.

މިއަދުގެ އަޑުއެހުން ނިންމަވާލައްވަމުން އުއްތަމަ ފަނޑިޔާރު ޑރ. އަހުމަދު އަބްދުﷲ ދީދީ ވިދާޅުވީ އެ މައްސަލާގައި އެ ކޯޓުން ނިންމަވާ ނިންމުމެއް މައްސަލާގައި ހިމެނޭ ފަރާތްތަކަށް އަންގަވާނެ ކަމަށެވެ.

އެ މައްސަލަ ބައްލަވަނީ ސުޕްރީމް ކޯޓުގެ ފަސް ފަނޑިޔާރުންގެ ފުލް ބެންޗުންނެވެ. އެ ބެންޗުގެ ރިޔާސަތު ބަލަހައްޓަވަނީ އުއްތަމަ ފަނޑިޔާރު ޑރ. އަހުމަދު އަބްދުﷲ ދީދީ އެވެ.

މިއަދުގެ އަޑުއެހުމަށް މައުމޫންގެ ދަރިކަނބަލުން އަދި އާޓްސް އެންޑް ހެރިޓޭޖް މިނިސްޓަރު ޔުމްނާ މައުމޫން ވެސް ހާޒިރުވެ ވަޑައިގެން އިންނެވި އެވެ.

ޕީޕީއެމް ހިންގުން މައުމޫނާ ހަވާލުކުރަން ހުށަހެޅި މައްސަލަ ސިވިލް ކޯޓުން ބެލުމާ މެދު ގޮތެއް ނިންމަން ސުޕްރީމް ކޯޓުން ހަމަޖައްސާފައިވާއިރު، ޕީޕީއެމްގެ އިސް ބޭފުޅުން މިހާރު ގެންދަވަނީ ޕީއެންސީގެ ނަމުގައި އާ ޕާޓީއެއް އުފެއްދެވުމުގެ މަސައްކަތް ކުރަމުންނެވެ. އާ ޕާޓީއެއް އުފައްދަނީ ޕީޕީއެމްގެ މައްސަލަ ކޯޓުގައި އޮތުމުންނެވެ.

1 ކޮމެންޓް, 4 ރިއެކްޝަންސް

icon happy icon happy 100%
icon sad icon sad 0%
icon angry icon angry 0%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ތަމީމް

17 January 2019

ސިވިލް ކޯޓުގައި ތި މައްސަލައިގެ ދައުވާ ހިނގަމުންދަނިކޮށް، ސުޕްރީމް ކޯޓުން އެކަން ހުއްޓުވާލައި ދައުވާ ފޯމް ސުޕްރީމް ކޯޓަށް ނެގުމުން ދެން، އެންމެ މަސްލަހަތު ހުރި ގޮތަކީ ސުޕްރީމް ކޯޓުން ތި މައްސަލައިގައި ވަކި ގޮތެއް ކަނޑައަޅައި ފައިސަލާކުރުވަނިވި ހުކުމެއް ކުރުން. ޕީޕީއެމް ހިންގުން ޔާމީނާއި ހަވާލު ކުރަން ސިވިލް ކޯޓުން ނިންމީ، ޕީޕީއެމްގެ އަސާސީ ގަވާއިދާ ހިލާފަށް! އެހެން ނަމަވެސް އެޕާޓީން ކުރި ދަރަނިތަކުގެ ޒިންމާ، މައުމޫން ނަންގަވާކަށް ނުޖެހޭނެ!

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454