ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް)ގެ ބާރުތައް، ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމާ ހަވާލު ކޮށްދިނުމަށް އެދި އެ ޕާޓީގެ އާއްމު މެންބަރަކު ސިވިލް ކޯޓަށް ހުށަހެޅި މައްސަލައިގެ ފައިލްތައް ސުޕްރީމް ކޯޓަށް ނެގީ އެ މައްސަލައާ ގުޅިގެން އެ ކޯޓަށް ހުށަހަޅާފައިވާ މައްސަލައެއް ބަލަމުން އަންނާތީ ކަމަށް ސުޕްރީމް ކޯޓުން މިއަދު ބުނެފި އެވެ.
ޕީޕީއެމްގެ ބާރުތައް މައުމޫނާ ހަވާލު ކުރުމަށް އެދި އެ ޕާޓީގެ އާއްމު މެމްބަރެއް ކަމުގައިވާ ގދ. ތިނަދޫ ބީޗް ރެސްޓް، އަހުމަދު ރަޝީދު ޕީޕީއެމާ ދެކޮޅަށް ހުށަހެޅި މައްސަލައިގެ ޝަރީއަތް ސިވިލް ކޯޓުގައި ފަށާފައިވަނިކޮށް މިއަދު ވަނީ ސުޕްރީމް ކޯޓަށް އެ މައްސަލައިގެ ފައިލްތައް ގެންގޮސްފައި ކަމަށް ސިވިލް ކޯޓުން ވަކީލުންނަށް އަންގާފަ އެވެ.
ޕީޕީއެމް ތެރޭގައި މައްސަލަ ޖެހި އެޕާޓީ ހިންގުން މުސްތަޝާރު، ރައީސް އަބްދުﷲ ޔާމީނާ ހަވާލުކުރަން ސިވިލް ކޯޓުން ކުރި ހުކުމަށް ހައި ކޯޓާއި ސުޕްރީމް ކޯޓުންވެސް މީގެ ކުރިން ވަނީ ރައީސް ޔާމީނާ އެއްކޮޅަށް ނިންމާފަ އެވެ.
ރައީސް ޔާމީނަށް ރިޔާސީ އިންތިޙާބު ނާކާމިޔާބުވުމާއެކު ޕާޓީގެ މުސްތަޝާރުކަން ގެއްލޭތީ އެ ޕާޓީގެ ކުއްލި ކޮންގްރެސްއެއް ބާއްވައި ޕާޓީގެ ރައީސްކަން އެމަނިކުފާނަށް ދީފައިވާއިރު އެ ކޮންގްރެސް ސައްހަ ނޫން ކަމަށް އިލެކްޝަންސް ކޮމިޝަނުން ވަނީ ނިންމާފަ އެވެ.
އެއާއެކު އެ ޕާޓީގެ ބާރުތައް މައުމޫނާ ހަވާލު ކުރަން ސިވިލް ކޯޓަށް ހުށަހެޅި މައްސަލައިގެ ފައިލް މިއަދު ސުޕްރީމް ކޯޓަށް ގެންގޮސްފައިވާއިރު އެ ކޯޓުން މިއަދު ބުނީ އެކަން ކުރީ އެ ޤަޟިއްޔާއާ ގުޅޭގޮތުން އެކޯޓަށް ހުށަހަޅާފައިވާ ޝަކުވާއެއް ބަލަމުން އަންނާތީ ކަމަށެވެ. ޝަކުވާ ހުށަހެޅީ ކާކުކަމެއް އެ ކޯޓަކުން ނުބުނެ އެވެ.
އެ މައްސަލައިގެ ޝަރީއަތް މި މަހު 15ގައި ސިވިލް ކޯޓުގައި ފެށުމަށް ފަހު އިތުރު އަޑުއެހުމެއް މިހާތަނަށް ނުބާއްވަ އެވެ. އެއީ އެ މައްސަލަ ބައްލަވާ ފަނޑިޔާރު ޗުއްޓީ އަށް ވަޑައިގަތުމުންނެވެ. ސުޕްރީމް ކޯޓަށް މައްސަލައިގެ ފައިލް ގެންދިޔަ އިރު އަންނަ ބުރާސްފަތި ދުވަހަށް އެ މައްސަލައިގެ އިތުރު އަޑުއެހުމެއް ވަނީ ތާވަލުކޮށްފަ އެވެ.