އެއް "ޕީ" ރައީސް ޔާމީނަށް، އަނެއް "ޕީ" މައުމޫނަށް!

"އަސްލު ޕީޕީއެމް" އަކީ މިހާރު ކޮބައި ހެއްޔެވެ؟ ގާނޫނީ ބާރު ލިބިގެން ވަނީ ކޮން ބަޔަކަށް ހެއްޔެވެ؟ ޕާޓީގެ ވެރިޔަކީ ކާކު ހެއްޔެވެ؟


ހައްތަހާ ވެސް ސުވާލެވެ. ރާއްޖޭގެ ވެރިކަން ކުރާ މައި ސިޔާސީ ޕާޓީ މި ފެންވަރަށް ވެއްޓިގެން މި އުޅެނީ އާދައިގެ ތެޅުމެއްގައެއް ނޫނެވެ؛ ރައީސް އަބްދުﷲ ޔާމީނާއި ޕާޓީގެ ރައީސް މައުމޫން އަބްދުލްގައްޔޫމާ ދެމެދު އުފެދިފައި އޮތް ހިޔާލު ތަފާތުވުމުގައި، ޕީޕީއެމް ދެ ފަޅިޔަށް އެ އޮތީ ފެޅިފަ އެވެ.

ޕީޕީއެމްގެ މުސްތަޝާރުގެ ރަމްޒީ މަގާމުގައި ރައީސް ޔާމީން ހުންނެވި ނަމަވެސް، އަދި އެއީ ޕާޓީގެ އިދާރީ ހިންގުމުގެ އެއްވެސް ޒިންމާއެއް ނަގަން ނުޖެހޭ މަގާމެއް ކަމަށް އަސާސީ ގަވާއިދުގައި އޮތަސް، ސިވިލް ކޯޓުން ދިން ބާރަކާ އެކު، ރައީސް ޔާމީން މިހާރު ވަނީ ޕާޓީގެ ހިންގުންތަކާ ހަވާލުވެވަޑައިގެންފަ އެވެ. ސިވިލް ކޯޓުގެ ހުކުމްގައި، މުސްތަޝާރުގެ ބެލުމުގެ ދަށުން ކައުންސިލް ބާއްވައި، ކައުންސިލުން ޕާޓީ ހިންގާނެ ގޮތަކާ މެދު ގޮތެއް ނިންމަން ޖެހެ އެވެ. އެ ބައްދަލުވުން ވަނީ ބާއްވައިފަ އެވެ. އަދި ޕީޕީއެމްގެ ދެން އޮންނަ ކޮންގްރެސްއާ ޖެހެންދެން ޕާޓީ ހިންގެވުމުގެ ހުރިހާ ބާރެއް، އެ ކައުންސިލުން ރައީސް ޔާމީނަށް ވަނީ ދީފަ އެވެ.

އަނެއް ކޮޅުން ޕީޕީއެމްގެ އެންމެ އިސް ވެރިޔާ މައުމޫން ވެސް ވަނީ ކައުންސިލް ބައްދަލުވުމެއް ބާއްވަވައިފަ އެވެ. އަދި އަސާސީ ގަވާއިދު ބުނާ ގޮތުން ޕާޓީގެ އެންމެ އިސް ފަރާތަކީ އަދިވެސް މައުމޫން ކަމަށް ވުމުން، ކޯޓުން ދިން ފުރުސަތެއްގައި ރައީސް ޔާމީނަށް ބާރުތަކެއް ލިބިވަޑައިގަތަސް، މީގެ ތެރެއިން "އަސްލު ޕީޕީއެމް" އެނގޭ ވަރެއް އަދިވެސް ނުވެ އެވެ.

ގާނޫނީ ބައެއް ވަކީލުން ބުނާ ގޮތުގައި، ޕީޕީއެމްގެ ދެ މެމްބަރަކު މައުމޫނާ ދެކޮޅަށް ހުށަހެޅުއްވި މައްސަލައިގެ ހުކުމުގައި ފާހަގަކޮށްފައިވާ ނުކުތާތަކާއި އެއިން ނުކުންނަ ނަތީޖާ އަކީ، ދެ މެމްބަރުން އެދިވަޑައިގަތް ގޮތަށް، ޕާޓީ ހިންގުމުން މައުމޫން އެކަހެރިކުރުމެވެ.

އެއް ކަމެއްގެ ގޮތުގައި ހުކުމުގައި ފާހަގަކޮށްފައި ވަނީ، ވަކީލުން ބުނާ ގޮތުގައި، ޕާޓީގެ ކައުންސިލްގެ ބައްދަލުވުންތައް މައުމޫންގެ ހުއްދަ ނެތި ނުބާއްވަން އެމަނިކުފާނު އެންގެވި އެންގެވުން ފަސްކުރަން ކޯޓުން ކުރި އަމުރަށް މައުމޫން އިޖާބަ ދެއްވާފައި ނުވުމެވެ. މައުމޫން އަމަލުކުރައްވާ ގޮތުން ޕީޕީއެމްގެ ހިންގުމާއި ސިޔާސީ ޕާޓީއެއްގެ ހައިސިއްޔަތުން ދިވެހި ރާއްޖޭގެ ސިޔާސީ ވެށީގައި ހަރަކާތްތެރިވާން ޕީޕީއެމަށް ހުރަސްއެޅިފައިވާ ކަމަށް ހުކުމުގައިވެ އެވެ. އެއީ ޕީޕީއެމްގެ މެމްބަރުންގެ އަދި ދިވެހި ގައުމުގެ އެންމެ މަތީ މަސްލަހަތާ ވެސް ހިލާފު ކަމެއް ކަމަށް ހުކުމުގައިވެ އެވެ.

ޕީޕީއެމްގެ ކައުންސިލް ބައްދަލުވުމުގެ ރިޔާސަތު ރައީސް ޔާމީން ބަލަހައްޓަވަނީ: ޕާޓީގެ ހިންގުން މުސްތަޝާރާ ސިވިލް ކޯޓުން ހަވާލުކުރިިއިރު ޕިޕީއެމްގެ އަސާސީ ގަވާއިދުގައި އެ މަގާމަކީ ޕާޓީ ހިންގުމުގެ އެއްވެސް ދައުރެއް ނެތް ރަމްޒީ މަގާމެއް. -- ފޮޓޯ: މުހަންމަދު ޝަރުހާން/ މިހާރު

އެ ހުކުމުގައިވާ ގޮތުން ނަމަ ޕީޕީއެމްގެ އަސާސީ ގަވާއިދާއި ހިންގާ ގަވާއިދާ އެއްގޮތަށް ޕާޓީ ހިންގަން ޕީޕީއެމްގެ ރައީސް ވަނީ އުޒުރުވެރިވެވަޑައިގެންފަ އެވެ. އެއީ ޕީޕީއެމްގެ ރައީސްގެ މަގާމު އަދާކުރާނެ މީހަކު ނެތުމާ އެއްފަދަ ހާލަތެއް ކަމަށް ވެސް ހުކުމުގައި ކަނޑައަޅާފައިވެ އެވެ.

އެ ނުކުތާތަކަށް ރިއާޔަތްކޮށްފައިވާ ނިންމުމުގައި ވަނީ، ޕީޕީއެމްގެ ކައުންސިލުން އެ ޕާޓީ ހިންގުމާ މެދު އެހެން ގޮތެއް ކަނޑައަޅަންދެން ޕާޓީ ހިންގުމާ ބެހޭ ހުރިހާ ޒިންމާއެއް އުފުލަން ޖެހޭ ފަރާތަކީ ޕާޓީގެ މުސްތަޝާރު ކަމަށެވެ.

ޕީޕީއެމްގެ ރައީސްގެ ބައެއް މަސްއޫލިއްޔަތުތައް

- ޕާޓީގެ އަސާސީ ގަވާއިދާއި ޕާޓީގެ ގައުމީ ޖަލްސާގެ ނިންމުންތަކާއި ޕާޓީގެ ސިޔާސަތުތަކާއި ކައުންސިލްގެ ނިންމުންތަކާ އެއްގޮތްވާ ގޮތުގެ މަތިން ޕާޓީ ހިންގުން

- އެކި މަގާމްތަކުގައި ޕާޓީ ތަމްސީލްކުރުން

- ޕާޓީގެ ކައުންސިލްގެ ރިޔާސަތު ބެލެހެއްޓުން

- ގާނޫނުތަކާއި ޕާޓީގެ އަސާސީ ގަވާއިދާއި ގައުމީ ޖަލްސާގެ ނިންމުންތަކާއި ޕާޓީގެ ސިޔާސަތުތަކާ އެއްގޮތްވާ ގޮތުގެ މަތިން ޕާޓީގެ މަގްސަދުތައް ހާސިލްކުރުމަށާއި ޕާޓީ ހިންގަން ބޭނުންވާ އެންމެހާ ކަންކަން ކުރުން.

ސިވިލް ކޯޓުން އެގޮތަށް ހުކުމްކުރިޔަސް، ފަސް އަހަރަށް އިންތިހާބު ކޮށްފައި ހުންނަ ޕީޕީއެމްގެ ރައީސް، އެ މަގާމުން ވަކިކުރެވޭނެ ހާލަތްތައް ވެސް އަސާސީ ގަވާއިދުގައި ކަނޑައަޅާފައިވެ އެވެ. އެއީ، މަގާމުގެ މުއްދަތު ހަމަވުމާއި ޝަރުއީ ކޯޓަކުން އޭނާގެ މައްޗަށް ޖިނާއީ ކުށެއްގެ ހުކުމެއް އިއްވައި ހުކުމަށް ބަދަލު ނައިސް ޝަރުއީ މަރުހަލާތައް ނިމުމާއި އިތުބާރު ނެތް ކަމުގެ ވޯޓެއް ފާސްވުމާއި ގާނޫނުގައިވާ ގޮތުގެ މަތިން އިފްލާސް ކުރުމާއި މަގާމުގެ މަސްއޫލިއްޔަތު ދާއިމީ ގޮތެއްގައި އަދާ ނުކުރެވޭނެ ފަދަ ހާލަތެއް މެދުވެރިވުމެވެ.

އާންމު އުސޫލުން ކައުންސިލްގެ ބައްދަލުވުން ބޭއްވޭނީ ޕާޓީގެ ރައީސްގެ ބެލުމުގެ ދަށުން ކަމަށް ވިޔަސް، ވަކީލަކު ބުނި ގޮތުގައި، ކޯޓު އަމުރާ އެކު އެ ބާރުތަކާއި ގާނޫނީ ހައިސިއްޔަތު މުސްތަޝާރަށް ދިނުމުން، ކޯޓުގެ އެ ނިންމުން ދެމި އޮތްހާ ހިނދަކު، މުސްތަޝާރުގެ ބެލުމުގެ ދަށުން ބާއްވާ ކައުންސިލްގެ ބައްދަލުވުމުގެ ސައްހަކަމާއި ނިންމާ ނިންމުންތަކުގެ ސައްހަކަމާ މެދު ސުވާލު އުފައްދާނެ ގާނޫނީ ބިންގަލެއް ނެތެވެ.

ޕީޕީއެމް މިހާރު ހިންގަމުންދާ ގޮތް ނޫން އެހެން ގޮތަކަށް ޕީޕީއެމް ހިންގުމާ މެދު ކައުންސިލުން ގޮތެއް ނިންމުމަށް ކޯޓުގެ އަމުރުގައި ވަނީ ފުރުސަތު ދީފަ އެވެ. މާނައަކީ މިހާރު ޕާޓީ ހިންގަމުން ދަނީ ޕާޓީގެ ހިންގާ ގަވާއިދުގައިވާ ގޮތުގެ މަތިން ރައީސްގެ ބެލުމުގެ ދަށުން ކަމަށް ވިޔަސް، އެ ނޫން ގޮތަކަށް ޕާޓީ ހިންގުމާ މެދު ކައުންސިލުން ގޮތެއް ކަނޑައެޅިދާނެ ކަމަށް ބައެއް ވަކީލުން ބުނެ އެވެ.

ރައީސާއި އާއްމު މެމްބަރުންގެ ހައްގު ގެއްލިއްޖެ؟

ޕާޓީ ހިންގުމުގައި މައުމޫން އަދާކުރައްވަމުން ގެންދެވި މަސްއޫލިއްޔަތުތައް ރައީސް ޔާމީނާ ސިވިލް ކޯޓުން ހަވާލުކުރި އިރު، އޭގައި ވަކީލުން ކަންބޮޑުވާ ކަންތައްތަކެއް ވެސް އެބަ ހުއްޓެވެ. އެންމެ ބޮޑަށް ވަކީލުން ފާހަގަކުރާ އެއް ކަމަކީ ޕާޓީގެ އަސާސީ ގަވާއިދުގައި ޕާޓީ ހިންގަން ޖެހޭ ގޮތް ކަނޑައެޅިގެން ސާފުކޮށް ލިއެފައި ވަނިކޮށް، އެ ނޫން ގޮތަކަށް އަމަލުކުރަން މަޖުބޫރުކުރުވުމެވެ.

ޕީޕީއެމްގެ ޖަލްސާއެއްގައި އެ ޕާޓީގެ މެމްބަރުންތަކެއް: މިއަދު ޕާޓީ އޮތީ ދެ ފަޅިވެފައި --ފޮޓޯ: ޕީޕީއެމް

އޭގެ ނަތީޖާ އަކީ ޕީޕީއެމްގެ އަސާސީ ގަވާއިދުގައި އެ ޕާޓީގެ ރައީސާއި އާއްމު މެމްބަރުންނަށް ދީފައިވާ ހައްގުތައް ގެއްލުން ކަމަށް ނުވާނެ ހެއްޔެވެ؟

ޕީޕީއެމްގެ މުސްތަޝާރުގެ މަގާމަކީ، އެ ޕާޓީގެ އަސާސީ ގަވާއިދުގައި ބުނެފައިވާ ގޮތުގައި، ޕާޓީ ހިންގުމުގެ އެއްވެސް ބާރެއް ލިބިފައި ނުވާ، ރަމްޒީ މަގާމެކެވެ. އެ ގަވާއިދުގައި ކަނޑައެޅިގެން މިހާ ސާފުކޮށް އޮތް ކަމެއް ބަދަލުނުކުރެވޭނެ ކަމަށް މައުމޫން ވިދާޅުވެ އެވެ.

ގާނޫނީ ވަކީލް އަބްދުﷲ ހަސީން ވިދާޅުވި ގޮތުގައި ޕީޕީއެމްގެ ބާރުތަކާ ގުޅޭ ގޮތުން ނިންމާފައިވާ ހުކުމުގައި، ގާނޫނުތަކާއި ޕީޕީއެމްގެ އަސާސީ ގަވާއިދުގައި ލިއެފައިވާ އެއްވެސް ކަމެއް ފެންނާކަށް ނެތެވެ.

"ސިޔާސީ ޕާޓީތަކުގެ ގާނޫނަށް ބައްލަވާ، އެ ގާނޫނުގައި ނެތް އެއްވެސް ޕާޓީއެއްގެ މަގާމުތަކަށް މީހުން އައްޔަންކޮށް ވަކިކުރުމުގެ އިހްތިޔާރު ކޯޓަށް ދީފައެއް. އެހެންވީމަ މަގާމްތަކުން ވަކިކުރުން ފަދަ ކަންކަން ކޯޓުން ކުރެވިދާނެ ކަމަކަށް އަޅުގަނޑަކަށް ގަބޫލެއް ނުކުރެވޭ،" ހަސީން ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި އެއީ ޕާޓީ އަށް ލިބިގެންވާ ބާރެކެވެ. އަދި ޕީޕީއެމްގެ އަސާސީ ގަވާއިދުގައި އެ ބާރު ދީފައި ވަނީ ޕާޓީގެ ކޮންގްރެސްއަކުން އެކަން ނިންމަން ކަން އޭނާ އާއި އެހެން ބައެއް ވަކީލުން ވެސް ވިދާޅުވި އެވެ.

އެ މައްސަލާގައި ކަންބޮޑުވުން ފާޅުކުރެއްވި އެހެން ވަކީލަކު ފާހަގަކުރި ގޮތުގައި ޕާޓީތަކުގެ އިސް މަގާމުތަކުގައި ތިއްބެވި ބޭފުޅުން ވަކިކުރުމުގެ އިހްތިޔާރު އަސާސީ ގަވާއިދުގެ ދަށުން ދީފައި އޮންނަނީ އެ ޕާޓީއަކަށެވެ. އެކި މައްސަލަތަކުގައި އަމަލުކުރަން ޖެހޭނެ ގޮތްތައް އަސާސީ ގަވާއިދުގައި ލިޔެފައި ވަނިކޮށް ކޯޓު މެދުވެރިކޮށް ހައްލު ހޯދުމަކީ އަސާސީ ގަވާއިދުގެ ބާރު ކަނޑުވާލުން ކަމަށް އޭނާ ބުންޏެވެ.

"ކުންފުނިތަކުގެ ހިންގާ ގަވާއިދެކޭ އެއްގޮތަށް ޕާޓީތަކުގެ އަސާސީ ގަވާއިދަކީ ވެސް އާދައިގެ ލިއުމެއް ނޫން. އެއީ ގާނޫނީ ބާރު ލިބިގެންވާ ހާއްސަ ސަމާލުކަމެއް ދޭން ޖެހޭ އެއްޗެއް. އަސާސީ ގަވާއިދާ ޕާޓީގެ ހިންގާ ގަވާއިދުގައި އުސޫލްތަކެއް އެބަހުރި އިންތިހާބުވެފައި ހުރި މަގާމްތަކުން ވަކިވާނެ ގޮތްތައް. އެގޮތްތަކަށް އަމަލުނުކޮށް ކޯޓު މެދުވެރިކޮށް ނަތީޖާ ނެރުމަކީ އަސާސީ ގަވާއިދުގެ ބާރު ކަނޑުވާލުން،" އެ ވަކީލް ބުންޏެވެ.

އަސާސީ ގަވާއިދުގައި ކަންކަން ލިއެފައި ވަނީ އާއްމު މެމްބަރުންގެ ވެސް ހިޔާލާ އެކު ކަން ފާހަގަކުރައްވައި ވަކީލް ބުނީ އެފަދަ މައްސަލަތައް ކޯޓުން ނިންމުމަކީ އާއްމު މެމްބަރުންގެ ވެސް އަޑު ކަނޑުވާލުން ކަމަށެވެ.

ކޯޓު ހުކުމާ އެކު ޕީޕީއެމް ރަސްމީކޮށް ދެ ފެކްޝަނެއް މި އޮތީ އުފެދިފަ އެވެ. ދުވަހުން ދުވަހަށް ޕާޓީ ހިންގާނެ ދެ ވެރިން ވެސް އެބަ ތިއްބެވި އެވެ. އެ ޕާޓީގައި މިހާރު ދެ ކައުންސިލާއި ދެ އޮފީހާއި ދެ ސެކްރެޓަރީ ޖެނެރަލް އަކު ވެސް އެބަ ހުއްޓެވެ. ކައުންސިލް އިންތިހާބުގެ ތައްޔާރީތައް ދެ ފެކްޝަނުން ވެސް އެބަ ކުރިއަށް ގެންދެ އެވެ. މިއީ އާއްމު މެމްބަރުން އޮޅުންބޮޅުންގަނޑެއްގެ ތެރެއަށް ވައްޓާލުމެވެ. އަދި މިއީ ޕީޕީއެމް ރަސްމީކޮށް ރޫޅުން ވެސް މެ އެވެ. އެހެންކަމުން އެއް "ޕީ" ރައީސް ޔާމީނަށެވެ. އަނެއް "ޕީ" ޕާޓީގެ ރައީސް މައުމޫނަށެވެ. "އެމް" މެމްބަރުންނަށެވެ.