ސްރީ ލަންކާ އެއާލައިންސްގެ ބޯޓެއް ނައްޓާލަނީ: މަސްތުވެފައި ހުރި ޕައިލެޓް ވަނީ ސަސްޕެންޑްކޮށްފައި.
22 އޯގަސްޓް 2016 - 14:15
ކޮލަމްބޯ (އޮގަސްޓް 22) - މަސްތުވެފައި ހުރި ސްރީ ލަންކަން އެއާލައިންސްގެ ޕައިލެޓް އިއްޔެ ސަސްޕެންޑްކޮށްފި އެވެ.
ޖަރުމަނުގެ ފްރެންކްފަޓުން ކޮލަމްބޯ އަށް 274 ޕަސިންޖަރުންނާ އެކު ހުކުރު ދުވަހު ދަތުރު ކުރަން އޮތް ސްރީ ލަންކަން އެއާލައިންސްގެ ފްލައިޓުގެ ކެޕްޓަން ރާބޮއެ، މަސްތުވެފައި ހުރި ކަމަށް ޝައްކު ކުރެވުމުން އޭނާ ޓެސްޓް ކުރުމުން ވަނީ ފޭލްވެފަ އެވެ.
"ޓެސްޓުގެ ނަތީޖާ ލިބުމާ އެކު ކޮލަމްބޯ އަށް ދަތުރު ކުރަން އޮތް ފްލައިޓުގެ ޕައިލެޓް ވަނީ ޚިދުމަތުން ސަސްޕެންޑްކޮށްފައި،" ސްރީ ލަންކާ އެއާލައިނުން ނެރުނު ބަޔާނެއްގައި ބުނެފައިވެ އެވެ.
އެއާލައިނުގެ އޮފިޝަލަކު ބުނީ ޕައިލެޓް ސަސްޕެންޑް ކުރުމުން ޔޫއެލް554 ފްލައިޓް ފްރެންކްފަޓް އެއާޕޯޓުގައި އެހެން ޕައިލެޓަކު ލިބެންދެން 15 ގަޑިއިރު ބާއްވަން ޖެހުނު ކަމަށެވެ.
އެއާބަސް އޭ330 ގެ ބޯޓުގެ ކެޕްޓަން މަސްތުވެފައި ހުރި ކަމަށް ޝައްކުވެގެން އެކަން ރިޕޯޓް ކުރީ ބޯޓުގެ ކްރޫންނެވެ.
ސްރީ ލަންކަން އެއާލައިންސް އިން ބުނީ ޕައިލެޓް މަސްތުވެފައި ހުރި މައްސަލައިގެ އެތެރޭގެ ތަހުގީގެއް ފަށާފައިވާ ކަމަށެވެ. އަދި މި މައްސަލަ ތަހުގީގު ކުރުމުގައި ޖަރުމަނުގެ ކަމާބެހޭ ފަރާތްތަކަށް އެއްބާރުލުން ދޭނެ ކަމަށް ބުނެފައިވެ އެވެ.
ދަރަނިވެރިވެފައިވާ ސްރީ ލަންކަން އެއާލައިންސް އިން ވަނީ އަންނަ އޮކްޓޯބަރު މަހުން ފެށިގެން ފްރެންކްފަޓަށް ދަތުރުތައް ހުއްޓާލަން ނިންމައިފަ އެވެ. އަދި އެއާލައިނުގެ އޭ330 ގެ ބައެއް ބޯޓުތައް އެހެން އެއާލައިންތަކަށް ކުއްޔަށް ދޫކޮށްގެން ފައިސާ ހޯދަން ވެސް ވަނީ ނިންމައިފަ އެވެ. އެއް ބިލިއަން ޑޮލަރަށް ދަރަނި އަރާފައިވާ އެއާލައިނުން މިހާރު މަސައްކަތް ކުރަމުން ދަނީ މެނޭޖްމަންޓާ ހަވާލުވާނެ ބޭރުގެ ޕާޓްނަރަކު ހޯދުމަށެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ރޯޅި
23 August 2016
ބަހާއު. އެއްބިލިއަން ޑޮލަރު ދަރަނި އަރަނި އެއްނޫން. އަރަނިއަކީ އެހެން ފަރާތަކުން ލިބެންވާ ފައިސާ ދަރަނި އެއީ އެހެން ފަރާތްތަކަށް ދައްކަންޖެހޭ ފައިސާ.
ބަހާއު
22 August 2016
ދަރަނި ވެރިވެފަ. އެކަމަކު 1 ބިލިއަން އަރަނި؟