އޯ ލެވެލްގެ ނަތީޖާއާ ބެހޭ މައުލޫމާތު ހިއްސާކުރަން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި، ނަތީޖާއަކާ ގުޅޭ މައުލޫމާތު ހިއްސާކުރަނީ.-- ފޮޓޯ: ހުސެއިން ވަހީދު/ މިހާރު
22 ޖެނުއަރީ 2019 - 14:31
މިދިޔަ އަހަރުގެ އޯ ލެވެލް އިމްތިހާނުގައި ދަރިވަރުން ރަނގަޅު ނަތީޖާއެއް ހޯދާފައިވާ ކަމަށާއި އަދި ވަކިވަކި މާއްދާތަކުން ކުރިއެރުންތަކެއް ވެސް ލިބިފައިވާ ކަމަށް އެޑިއުކޭޝަން މިނިސްޓްރީން މިއަދު ބުނެފި އެވެ.
އޯލެވެލް އިމްތިހާނުގެ ނަތީޖާގެ މައުލޫމާތު ހިއްސާކުރަން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެޑިއުކޭޝަންގެ ސްޓޭޓް މިނިސްޓަރު ޑރ. އަބްދުﷲ ރަޝީދު ވިދާޅުވީ، މަޖުބޫރު ހަތަރު މާއްދާގައި ހިމެނޭ އިސްލާމާއި ދިވެހިން ފާސްވި ނިސްބަތް، އޭގެ ކުރީ އަހަރަށް ވުރެ ރަނގަޅު ކަމަށެވެ. އެގޮތުން ދިވެހި މާއްދާއިން ފާސްވި ދަރިވަރުންގެ އަދަދު 86.1 ޕަސެންޓުގައި އުޅޭއިރު އިސްލާމުން ފާސްވީ 82.9 ޕަސެންޓު ދަރިވަރުންނެވެ.
ހިސާބުން ފާސްވި އަދަދު 2017 ވަނަ އަހަރު 60 ޕަސެންޓުގައި ހުރިއިރު މިދިޔަ އަހަރު އުޅެނީ 59.8 ޕަސެންޓުގަ އެވެ. އިނގިރޭސިން ފާސްވި އަދަދު އޭގެ ކުރީ އަހަރަށް ވުރެ ކުޑަކޮށް ދަށްވިއިރު މިދިޔަ އަހަރު ފާސްވީ 59.8 ޕަސެންޓެވެ.
މިދިޔަ އަހަރު 5،433 ދަރިވަރުން އޯ ލެވެލް އިމްތިހާނުގައި ބައިވެރިވިއިރު އޭގެ ތެރެއިން ހުރިހާ މާއްދާއެއް ހަދާފައިވަނީ 4،571 ދަރިވަރުންނެވެ. ބާކީ ތިބި 862 ކުދިން ބައިވެރިވެފައި ވަނީ ދަސްވާރާއި ބީޓެކުގަ އެވެ. އެހެންވެ މި ނަތީޖާ އައިސްފައިވަނީ ދަސްވާރާއި ބީޓެކުގެ 862 ދަރިވަރުުން ނުހިމަނަ އެވެ.
ސައިންސް ސްޓްރީމުގައި ހިމެނޭ، ކެމިސްޓްރީ މާއްދާއިން 84.5 ޕަސެންޓް، ފިޒިކްސް އިން 82.9 ޕަސެންޓް، ބަޔޮލޮޖީ އިން 80.4 ޕަސެންޓު ދަރިވަރުން ވަނީ ފާސްވެފަ އެވެ. އޭގެ ކުރީ އަހަރު ބަޔޮލޮޖީން ފާސްވި އަދަދު އުޅެނީ 79.5ގަ އެވެ.
އަމީނިއްޔާ ސްކޫލުގެ ދަރިވަރުންތަކެއް: މިދިޔަ އަހަރުގެ އޯ ލެވެލްގެ ނަަތީޖާއިން ރާއްޖެއިން ވަނީ ކުރިއެރުންތަކެއް ހޯދާފައި ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ބުނޭ --ފޮޓޯ: ނިޝާން އަލީ/ މިހާރު
ބިޒްނަސް ސްޓްރީމުން، އެންމެ ގިނަ ދަރިވަރުން ފާސްވެފައިވަނީ އިކޮނޮމިކްސް އިންނެވެ. އެގޮތުން އެ މާއްދާއިން 79.5 ޕަސެންޓް، ކޮމާސް އިން 65 ޕަސެންޓް، އެކައުންޓިން އިން 75.7 ޕަސެންޓް އަދި ބިޒްނަސް ސްޓަޑީޒް އިން 77 ޕަސެެންޓް ދަރިވަރުން ވަނީ ފާސްވެފަ އެވެ.
އާޓްސް ސްޓްރީމުގައި ހިމެނޭ ލިޓްރެޗާ އިމްތިހާނުގައި ބައިވެރިވި ހުރިހާ ދަރިވަރުން ވަނީ އެ މާއްދާއިން ފާސްވެފަ އެވެ. ރަޝީދު ވިދާޅުވި ގޮތުގައި ލިޓްރެޗާއިން 2017 ވަނަ އަހަރާ ބަލާއިރު މިދިޔަ އަހަރު ބޮޑު ކުރިއެރުމެއް ހޯދާފައި ވެ އެވެ. ޖޯގްރަފީން ވެސް މިދިޔަ އަހަރު ވަނީ 77 ޕަސެންޓް ދަރިވަރުން ފާސްވެފަ އެވެ.
ރަޝީދު ވިދާޅުވީ އާޓްސް ސްޓްރީމުގައި ބައިވެރިވާ ދަރިވަރުންގެ އަދަދު މަދުވުމުން އެއް ދަރިވަރެއްގެ ނަތީޖާއިން ވެސް، އެ ސްޓްރީމުގެ މުޅި ނަތީޖާ ދައްކާގޮތް ބަދަލުވާ ކަމަށެވެ.
ކޮމްޕިއުޓާ ސްޓަޑީޒްގެ ނަތީޖާއަށް ބަލާއިރު، އެ މާއްދާއިން 86 ޕަސެންޓް، ޓްރެވެލް އެންޑް ޓޫރިޒަމް އިން މިއަހަރު ވަނީ 70 ޕަސެންޓް ދަރިވަރުން ފާސްވެފަ އެވެ.
މިދިޔަ އަހަރުން ފެށިގެން އޯ ލެވެލްގެ ގަދަ 10 ހޮވަމުން އަންނަނީ އާ އުސޫލުގެ ތެރެއިންނެވެ. އެއީ އިސްލާމާއި ދިވެހިން އޭ ސްޓާ ދޭން ފެށުމުންނެވެ. އެހެންވެ މި ދެ އަހަރުގެ ތެރޭގައި ގަދަ 10ގައި ހިމެނުނު ދަރިވަރުންގެ އަދަދަކަށް މާ ބޮޑު ބަދަލެއް ނާދެ އެވެ. މި އަހަރު 376 ދަރިވަރުން އޯ ލެވެލް ގަދަ 10ގައި ހިމެނުނުއިރު، 2017 ވަނަ އަހަރު އެ އަދަދު އުޅުނީ 375ގަ އެވެ.
އާ އުސޫލުގެ ކުރިން އޯ ލެވެލް ގަދަ 10ގައި ހިމެނޭ ދަރިވަރުންގެ އަދަދު އުޅުނީ 500 އިން މަތީގަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ނަސީ
22 August 2021
ޚޮވިޑޭކިޔާފައި މިގޮތައް ކަންތައް ކުރީމާ ދަރިވަރުންގެ ފެންވަރު ދައްވުން އެކަށީގެންވޭ
ކަމަނަ ފައިނި
22 January 2019
މިހާރު ހުރިހާ މާއްދާ އިން އޭސްޓާ ހޯދައިގެން އެއްވަނަ ކަމައް ބަލާތީ ކުދިން ވަރައް ދެރަވޭ ހުސް އޭ ލިބުނަސް އެއްވަނައެއް ނުލިބޭ ވަރައް ދެރަ
ޑަރޭމިތުރާ
22 January 2019
ސާބަހޭ އިބޫގެ ތައުލީމީ މިނިސްޓަރު. ކަމަނާގެ އިލްމާއި ހުނަރު ފެންނަން މިފެށީ. ފުރަތަމއިނުންވެސް މިދިޔަ އަހަރަށްވުރެން ބޮޑު ކުރިއެރުމެއް.
ބިރްބޮލްވަޒީރު
22 January 2019
ދެން މަ ހީހީ ހަލާކު. މިސޮރެއްނު ފުރަތަމަ ކިޔަވަން ފޮނުވަންވީ...
ގަމާރު
22 January 2019
ކަލޯ ހަމަތަ؟ އެއީ ހަމަ އައިޝަތު ސިހާމްގެ މިންނަތް މަސަައްކަތް. ރީތި ނަން އެހެން މީހަކަށް.
މަރޭމިތުރު
22 January 2019
އެގްޒާމަކީ ޓެސްޓުގެ ސުކޯގެ މާކްސްއެއްނޫން، އެގްޒާމަކީ އެކުއްޖެއްގެ ދިރިއުޅުމުގެ ހަގީގީޖަވާބު........................... ނަތީޖާލިބުނު ހުރިހާ ދަރިވަރުންނަށް މަރުހަބާ!
އަހުމޭ
22 January 2019
އާބާދީގެ 20% ކުދިން ފާސް ނުވަނީ. އެއީ އަސްލު ވ.ބޮޑު ޕަސެންޓެއް. އޯ ލެވެލް އަކީ އެހެން ގައުކުތަކުގައި 95% ފާސް އޮންނަ އެއްޗެއް. ކުދިންނޭ ތިއީ އަދި ބިންގާ. ދެން އޭލެވެލް ހަދާ ރަނގަޅައް ފާސްވޭ. އޭރުން ޔުނިވާސިޓީ ތަކުން ރަނގާޅު ކޯސްތަކަށް ޖާގަ ލިބޭނީ.
ރަޓުޚަބަރެ
22 January 2019
ފާއިތުވެދިޔަ 5 އަހަރު ބަޔަކުކުރި މިންނަތް މަސައްކަތް. ޝުކުރިއްޔާ ރައީސް ޔާމީން.
ގަބޫލުކުރޭ
22 January 2019
އެއީ ދަރިވަރުންނާއި ބެލެނިވެރިންގެ ބުރަ މަސައްކަތުގެ ނަތީޖާ
ނޯނޯ
17 December 2019
ރައީސް ޔާމީން ތަ އޯލެވެލް ހެދީ؟ އެއީ ދަރިވަރުންނާއި ބެލެނިވެރިން އަދި ވަކިން ހާއްސަކޮށް މުދައްރިސުންގެ ބުރަ މަސައްކަތުގެ ނަތީޖާ.