ޚަބަރު / ހައި ކޯޓް

ހަވީރު މުވައްޒަފުންނަށް ކުރި ހުކުމަށް އަމަލުކުރުން ފަސްކުރުމުގެ އަމުރަކަށް ދައުލަތުން އެދެފި

"ހަވީރު" އޮފީސް ހިންގި އިމާރާތް: ދައުލަތުން ބުނަނީ ކުރީގެ މުވައްޒަފުންނަށް ކުރި ހުކުމް ތަންފީޒުކުރެވެން ނެތް ކަމަށް --

"ހަވީރު" ނޫހާއި އޮންލައިންގައި ކުރިން މަސައްކަތްކުރި މުވައްޒަފުން ކުރިއަށް އޮތް ދެ އަހަރު އެހެން މީޑިއާއެއްގައި މަސައްކަތް ކުރުން މަނާކޮށް، ސިވިލް ކޯޓުން ކުރި ހުކުމް ތަންފީޒު ކުރުން ފަސްކުރުމުގެ އަމުރެއް ނެރެދޭން ދައުލަތުން މިއަދު ހައި ކޯޓުގައި އެދެފި އެވެ.

ސިވިލް ކޯޓުގެ ހުކުމަކާ އެކު "ހަވީރު"ގެ އޮޕަރޭޝަން ހުއްޓާލައި، އެ ނޫހުގައި މަސައްކަތް ކުރި ގިނަ އަދަދެއްގެ މުވައްޒަފުން ވަޒީފާގެ އެއްބަސްވުމާ އެއްގޮތަށް "ހަވީރު" މީޑިއާ ގުރޫޕުން އިސްއުފާ ދިނުމަށް ފަހު އޭގެ ތެރެއިން ގިނަ މުވައްޒަފުން މިހާރު މަސައްކަތް ކުރަމުން ދަނީ "މިހާރު"ގަ އެވެ.

"ހަވީރު"ގެ މިލްކުވެރިކަމާ ގުޅޭ ގޮތުން ހިއްސާދާރުންގެ ފަރާތުން ހުށަހެޅި މައްސަލާގައި މިދިޔަ ޖޫން މަހު ސިވިލް ކޯޓުން ހުކުމްކުރީ މިދިޔަ ފެބްރުއަރީ މަހާ ހަމައަށް "ހަވީރު"ގައި މަސައްކަތްކުރި ހުރިހާ މުވައްޒަފުން ކުރިއަށް އޮތް ދެ އަހަރު ވަންދެން "ހަވީރު" ނޫން އެހެން މީޑިއާއެއްގައި މަސައްކަތް ނުކުރެވޭ ގޮތަށެވެ. އެއާ ޚިލާފަށް މަސައްކަތް ކުރާ ނަމަ އެކަން ހުއްޓުވަން ދައުލަތަށް ވަނީ އަމުރުކޮށްފަ އެވެ.

އެ މައްސަލަ އެޓާނީ ޖެނެރަލްގެ ފަރާތުން އިސްތިއުނާފް ކުރުމުން ހައި ކޯޓުގައި މިއަދު ފެށި ޝަރީއަތުގައި ދައުލަތުން އެދުނީ އެ މައްސަލަ ނިމެންދެން ދަށު ކޯޓުގެ ހުކުމަށް އަމަލުކުރުން ފަސްކުރުމުގެ އަމުރެއް ނެރެ ދިނުމަށެވެ.

ފަނޑިޔާރުންގެ ބެންޗުން ވިދާޅުވީ އެ އަމުރާ މެދު ފަހުން ގޮތެއް ނިންމަވާނެ ކަމަށެވެ.

އެ ހުކުމާ މެދު ވާހަކަ ދައްކަވަމުން ދައުލަތުގެ ވަކީލާ ވިދާޅުވީ ކޮންމެ މީހަކަށް ވެސް އެ މީހަކު ބޭނުންވާ ވަޒީފާއެއް އަދާކުރުމުގެ ހައްގު ގާނޫނުއަސާސީން ލިބިފައިވާ ކަމަށާއި މަޖުބޫރުން މަސައްކަތް ނުކުރުވުމަކީ ގާނޫނުއަސާސީންނާއި ރާއްޖެ ބައިވެރިވެފައިވާ ބައިނަލްއަގްވާމީ މުއާހަދާތަކުން ކަށަވަރުކޮށްދޭ ހައްގެއް ކަމަށެވެ. އެކަމަކު ސިވިލް ކޯޓުގެ އެ ހުކުމުގެ ސަބަބުން "ހަވީރު"ގައި ކުރިން އުޅުނު އެތައް ބަޔަކަށް މަޖުބޫރުން މަސައްކަތްކުރަން ލާޒިމްވާ ކަމަށް ވަކީލާ ވިދާޅުވި އެވެ.

އަސާސީ ހައްގެއް ހަނިކުރެވޭނީ ގާނޫނަކުން ކަމަށް ގާނޫނުއަސާސީގައި ބުނާއިރު "ހަވީރު"ގެ ކުރީގެ މުވައްޒަފުން އެހެން މީޑިއާއެއްގައި އުޅުން މަނާކުރާ އެއްވެސް ގާނޫނެއް ނެތް ކަން ވަކީލާ ފާހަގަކުރެއްވި އެވެ.

ކޯޓުތަކުން ކުރާ ހުކުމްތަކަކީ ތަންފީޒު ކުރެވޭ ފަދަ ހުކުމްތަކަކަށް ވާން ޖެހޭނެ ކަމަށާއި އެ ނޫން ގޮތަކަށް ހުކުމް ކޮށްގެން ނުވާނެ ކަމަށް ސުޕްރީމް ކޯޓުން 2010 ގައި ނިންމާފައިވާއިރު ސިވިލް ކޯޓުގެ އެ ހުކުމަކީ ތަންފީޒު ކުރެވޭނެ ހުކުމެއް ނޫން ކަމަށް ވެސް ދައުލަތުން ބުންޏެވެ. އެހެނީ މީޑިއާތަކުގައި އުޅޭ ވަކިވަކި މުވައްޒަފުންނާ މެދު ދައުލަތަށް ފިޔަވަޅު އެޅޭނެ އެއްވެސް ގާނޫނެއް ނުވަތަ ގަވާއިދެއް ނެތުމުން ކަމަށް ވެސް ދައުލަތުން ބުންޏެވެ.

ދައުލަތުން ބުނީ މުވައްޒަފުންގެ މައްޗަށް ކުރި ހުކުމުގައި ދަށު ކޯޓުން ރިއާޔަތްކޮށްފައިވާ "ގެއްލުން ދުރު ކުރެވޭ ހުއްޓެވެ." ގާއިދާ މާނަކޮށްފައިވަނީ ނުބައިކޮށް ކަމަށެވެ. ސަބަބަކީ "ގެއްލުމަކުން ގެއްލުން ދުރު ނުކުރެވޭ ހުއްޓެވެ،" މިިފަދައިން އޮންނަ ގާއިދާއެއް ވެސް އިސްލާމީ ޝަރީއަތުގައި އޮންނާތީ އާއި އެކަމަށް ދަށު ކޯޓުން ބަލާފައިނުވާތީ ކަމަށް ދައުލަތުން ބުންޏެވެ.

"ހަވީރު"ގެ ހިއްސާދާރުންނަށް ލިބިދާނެ ގެއްލުންތަކުން ސަލާމަތްކުރަން ކަމަށް ބުނެ 70 އަށް ވުރެ ގިނަ މުވައްޒަފުންގެ ހައްގު ނުހިފެހެއްޓޭނެ ކަމަށް ދައުލަތުގެ ވަކީލާ ވިދާޅުވި އެވެ. "ހަވީރު" ނޫން މީޑިއާއެއްގައި މަސައްކަތް ނުކުރަން އަމުރުކުރީ މުވައްޒަފުންގެ ބަސް ހޯދުމެއް ނެތިކަން ފާހަގަކުރައްވައި، ވަކީލާ ވިދާޅުވީ އެ ހުކުމުގެ ނަތީޖާއަކަށް ވެގެންދާނީ މުވައްޒަފުންގެ ނުރުހުމުގައި އެމީހުން ލައްވައި، މަޖުބޫރުން މަސައްކަތް ކުރުން ކަމަށެވެ.

ދައުވާ ލިބޭ ފަރާތެއް ނެތި، އެކްސްޕާޓޭ މައްސަލައެއްގެ ގޮތުގައި ކުރިއަށް ގެންދާ އެ މައްސަލާގައި ފަނޑިޔާރުންގެ ބެންޗުން ވަނީ ބައެއް ސުވާލުތައް ދައުލަތާ ކުރިމަތިކޮށްފަ އެވެ. އެގޮތުން ދައުލަތުން އެ މައްސަލަ އިސްތިއުނާފްކުރީ ކޮން މަސްލަހަތެއް އޮވެގެންތޯ ފަނޑިޔާރުން ސުވާލުކުރެއްވި އެވެ.

ޖަވާބުގައި ދައުލަތުން ބުނީ އެ މައްސަލަ އިސްތިއުނާފްކުރީ ދަށު ކޯޓުގެ ހުކުމުގައި ދައުލަތުގެ މައްޗަށް ވެސް އެންގުންތަކެއް އަންގާފައިވާތީ އާއި އަސާސީ ހައްގުތައް ކުރިއަރުވައި، ހިމާޔަތްކުރުމަކީ ދައުލަތުގެ ޒިންމާއެއް ކަމަށް ވާތީ ކަމަށެވެ.

ކޯޓުގެ ހުކުމެއް ތަންފީޒު ކުރަން މަސައްކަތްކުރަން ޖެހުމަކީ މަޖުބޫރުން މަސައްކަތް ކުރުން ކަމަށް ނުވާނެ ކަމަށް ގާނޫނުއަސާސީގައި ބުނެފައިވާތީ އެކަމާ ބެހޭ ގޮތުން ވެސް ފަނޑިޔާރުން ދައުލަތާ ސުވާލު ކުރިމަތި ކުރެއްވި އެވެ.

ޖަވާބުގައި ދައުލަތުން ބުނީ ގާނޫނުއަސާސީގައި އެ ބުނަނީ ޖިނާއީ މައްސަލަތަކުގައި ކުށްވެރިވާ މީހުން މުޖްތަމައަށް ޚިދުމަތް ކުރަން ކުރާ ހުކުމްތަކުގެ ވާހަކަތައް އެކަނި ކަމަށް ގަބޫލުކުރެވޭ ކަމަށެވެ.

މިއަދުގެ އަޑުއެހުމަށް ކަނޑައެޅި ވަގުތު ހަމަވުމުން، އިތުރު އަޑުއެހުމެއް ބާއްވާނެ ކަން އިއުލާން ކުރެއްވުމަށް ފަހު ވަނީ މިއަދުގެ އަޑުއެހުން ނިންމާލައިފަ އެވެ.

ފަނޑިޔާރު އަބްދުއްރައޫފް އިބްރާހިމް ރިޔާސަތު ބަލަހައްޓަވާ ބެންޗުގައި ދެން ތިއްބެވީ އިސް ފަނޑިޔާރު އަބްދުﷲ ދީދީ އާއި ފަނޑިޔާރު އަލީ ސަމީރެވެ.

އެ މައްސަލަ "ހަވީރު"ގެ ކުރީގެ ފަސް މުވައްޒަފެއްގެ ފަރާތުން ވެސް ވަނީ ހައި ކޯޓުގައި އިސްތިއުނާފްކޮށްފަ އެވެ. އެކަމަކު އެ މައްސަލަ ކުރިއަށް ގެންދަނީ ވަކިންނެވެ.

0 ކޮމެންޓް, 9 ރިއެކްޝަންސް

icon happy icon happy 100%
icon sad icon sad 0%
icon angry icon angry 0%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454