އިންޑިއާ ސަރުކާރުގެ ހިލޭ އެހީގެ ދަށުން އިމާރާތްކުރި އައިޖީއެމްއެޗު، ރަސްމީކޮށް ދިވެހި ސަރުކާރާ އިންޑިއާ އިން ހަވާލުކުރީ ފެބްރުއަރީ 2، 1994 ގަ އެވެ. އޭގެ ފަހުން މިއަދަށް 25 އަހަރު ފުރުނީ އެވެ. އެއީ އައިޖީއެމްއެޗުން ސިއްހީ ހިދުމަތް ފޯރުކޮށްދޭން ފެށި ދުވަހެއް ނޫނެވެ. އެކަމަކު ހޮސްޕިޓަލް ނިންމައި، ރާއްޖެއާ ހަވާލުކުރުމަކީ ވެސް ތާރީޚީ ދުވަހެކެވެ.
އައިޖީއެމްއެޗް ހުޅުވުމަށް ފަހު އޭރުގެ ރައީސް މައުމޫން އާއި އިންޑިއާގެ ބޮޑުވަޒީރު ނަރަސިންހަ ރާއޯ، ހޮސްޕިޓަލް ބައްލަވާލައްވަނީ
02 ފެބުރުއަރީ 2019 - 09:18
އެއީ ސެންޓްރަލް ހޮސްޕިޓަލްގެ ނަމުގައި ރާއްޖޭގެ މައި ހޮސްޕިޓަލް ހިންގި ޒަމާނެވެ. މަދު ވަސީލަތްތަކަކާއި މަދު ޑޮކްޓަރުންނާ އެކު އެވެ. މީހުންނަށް ދިމާވާ ސިއްހީ މައްސަލަތައް ގިނަ ފަހަރަށް ދެނެއެއް ނުގަނެވެ އެވެ. އެކަމަށް ނިމުމެއް އައިސް ރާއްޖޭގެ ސިއްހީ ދާއިރާ ދުޅަހެޔޮވާން ފެށީ އިންޑިއާ ސަރުކާރުން އަޅައިދިން އައިޖީއެމްއެޗުގެ ހިދުމަތް ފެށުމާ އެކު އެވެ. ބަލިއެނދުގައި އޮތް ރާއްޖޭގެ ސިއްހީ ދާއިރާ ޒަމާނާ އެއްވަރުގެ ހިދުމަތްތަކަށް މަގު ކޮށައިދިނީ އިންޑިއާއިން ހަދިޔާ ކުރި ޓާޝިއަރީ އެ ހޮސްޕިޓަލެވެ.
ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ވެރިކަމުގައި އިންޑިއާ އާއި ރާއްޖެއާ ދެމެދު ކުރި މަޝްވަރާތަކުގައި އިންޑިއާއިން ފުރަތަމަ އެއްބަސްވީ ސިއްހީ ހިދުމަތް ދިނުމަށް ވަކި ޑިޕާޓްމަންޓެއް ރާއްޖޭގައި ގާއިމްކޮށް ދިނުމަށެވެ. ނަމަވެސް ފަހުން އެ މަޝްވަރާތައް ފުޅާވެ އެންމެ ފަހުން ހޮސްޕިޓަލެއް ހަދިޔާކުރަން އިންޑިއާއިން ނިންމީ އެވެ.
އައިޖީއެމްއެޗުގެ ހިދުމަތް ދޭން ފެށިއިރު އެތަނުގެ ބޭރު ނަން ބޯޑާއި ގޭޓް
އައިޖީއެމްއެޗަކީ އިންޑިއާގެ ހިލޭ އެހީގައި ތިން ބުރިއަށް އިމާރާތްކޮށްފައިވާ އޭރަށް ބަލާއިރު ޖާގައިގެ ގޮތުން ވަރަށް ތަނަވަސް ހޮސްޕިޓަލެކެވެ. މާލޭގައި އެވަރުގެ ބިމެއްގައި އެހާ ބޮޑު އިމާރާތެއް އޭރު ހަދާފައެއް ވެސް ނުވެ އެވެ.
އޭރުގެ ހެލްތު މިނިސްޓަރު އަހުމަދު އަބްދުﷲ ގަބޫލުކުރައްވާ ގޮތުގައި އައިޖީއެމްއެޗާ އެކު ރާއްޖޭގެ ސިއްހީ ހިދުމަތް 30 ޕަސެންޓުން 70 ޕަސެންޓްގެ ކުރިއެރުމެއް ހޯދި އެވެ.
"އައިޖީއެމްއެޗާ އެކު އެކި ކަންކަމަށް އެކި ޑިޕާޓްމަންޓުތައް ހަދައި ފަރުވާ ދޭން ފެށުނީ. ބަލިތައް ޑައިގްނޯސް ކުރެވެން ފެށުނީ. އެއީ ވަރަށް ބޮޑު ކުރިއެރުމަކަށް ވީ،" އަހުމަދު ވިދާޅުވި އެވެ.
"ހޮސްޕިޓަލް ހުޅުވުމާ އެކު ވަރަށް ޑިމާންޑް ބޮޑުވި."
އިންޑިއާ އިން ހަދިޔާކުރި އެވަރުގެ ތަނަކަށް އެ ގައުމުގެ ކުރީގެ ބޮޑުވަޒީރު، އިންދިރާ ގާންދީގެ ނަމުން ނަން ދިނުމަކުން ދިވެހިންގެ ޝަކުވާއެއް ނެތެވެ. އެހާ ވެސް ބޮޑަށް ސިއްހީ ހިދުމަތުގެ ފެންވަރު މަތިވާން ދިވެހިން ތިބީ އެދިއެދި އެވެ. އަދި އެ ހޮސްޕިޓަލް ވެގެންދިޔައީ އިންޑިއާ އާއި ރާއްޖެއާ ދެމެދު އޮތް ގުޅުމުގެ ރަމްޒަކަށެވެ.
ހޮސްޕިޓަލްގެ މަސައްކަތް ކުރިއަށް ދިޔަ އިރު ހެލްތު މިނިސްޓަރުގެ ގޮތުން އަހުމަދު އަބްދުﷲ ވެސް ގިނަ ވަގުތުތަކެއް އެކަމަށް ހޭދަކުރެއްވި އެވެ. އިމާރާތަށް ސިފަ އަންނަމުން ދިޔަ ގޮތުގެ ހަނދާންތައް ތާޒާކަމާ އެކު ހުންނާނެ ވަރަށް އެކަން ބެއްލެވި އެވެ. ހޮސްޕިޓަލް އިމާރާތްކުރުމުގެ މަސައްކަތް އެކަންޏެއް ނޫނެވެ. ހިދުމަތް ފެށުމާ އެކު ވެސް ގިނަ ވަގުތުތަކެއް ހޮސްޕިޓަލްގެ ކަންކަން ބެއްލެވުމުގައި ހޭދަކުރެއްވި އެވެ.
"ބަލި މީހުންގެ ހާލު ބަލައި ހެދުމުން އެބޭފުޅުންނަށް ހިތްވަރު ލިބިގެން ދިޔަ. އަދި ތަނުގެ ފެންވަރު އެނގޭ. ރަނގަޅު ކުރަންވީ ކަންކަން އެނގިގެން ދިޔަ. އެއީ ކަންކަން ރަނގަޅު ކުރަން ލިބުނު ބޮޑު ހިތްވަރެއް،" އަހުމަދު ވިދާޅުވި އެވެ.
ބޮޑު އިމާރާތެއް ލިބުނު ނަމަވެސް އެ ވަރުގެ ސިއްހީ ހިދުމަތެއް ފޯރުކޮށްދެވޭނެހާ ގިނަ ޑޮކްޓަރުންނާއި ނަރުހުންނެއް ރާއްޖެއަކު ނެތެވެ. އެހެންކަމުން އައިޖީއެމްއެޗު ފަދަ ހޮސްޕިޓަލެއް އެޅުމުން ސިއްހީ ދާއިރާއަށް ދިވެހިން ތަމްރީނުކުރުމުގެ މަސައްކަތަށް ވަރަށް ބޮޑު ސަމާލުކަމެއް ދޭން ސަރުކާރަށް ޖެހުނެވެ.
"ބޭރަށް ގޮސް އެކިއެކި މަސައްކަތުން ދިވެހި ޑޮކްޓަރުން ތަމްރީނު ކުރަން ފުރުސަތު ހޯދިން. އެކި ދާއިރާތަކުން ސްޕެޝަލައިޒް ވުމުގެ ފުރުސަތު ވެސް ހޯދިން. އެފަދަ އެތައް ފުރުސަތެއް ހިލޭ ހޯދިގެން ދިޔަ،" އަހުމަދު ވިދާޅުވި އެވެ.
އައިޖީއެމްއެޗް ރަސްމީކޮށް ހުޅުވަން ސޯޝަލް ސެންޓަރުގައި ބޭއްވި ރަސްމިއްޔާތު: އިންޑިއާގެ ވަރަށް ބޮޑު އެހީއެއް -- ފޮޓޯ: އާކައިވް
އޭގެ ނަތީޖާ ވަރަށް އަވަހަށް ފެންނަން ފެށި އެވެ. އައިޖީއެމްއެޗާ ގުޅެމުން ދިޔަ ދިވެހި ޑޮކްޓަރުންނާއި ނަރުހުންގެ އަދަދު މަތިވި އެވެ.
އެ ބަދަލުތައް އެންމެ ކައިރިން ދެކެވަޑައިގެންނެވި އެއް ބޭފުޅަކީ އެ ހޮސްޕިޓަލްގެ ހިދުމަތް ފެށިއިރު މެޑިކަލް އޮފިސަރަކަށް ހުންނެވި އަދި ފަހުން އައިޖީއެމްއެޗު ހިންގެވުމާ ވެސް ހަވާލުވި ޑރ. މުހައްމަދު ހަބީބެވެ. ސެންޓްރަލް ހޮސްޕިޓަލްގައި ވެސް މަސައްކަތްކުރެއްވި ޑރ. ހަބީބް ވިދާޅުވި ގޮތުގައި އޭރަށް ބަލާއިރު ޖާގަ ތަނަވަސް އަދި ވަސީލަތްތައް ވެސް ގިނަ ހޮސްޕިޓަލާ އެކު ރާއްޖޭގެ ސިއްހީ ދާއިރާއަށް ބޮޑު އިންގިލާބެއް އަ އެވެ.
"އިންޑިއާއިން ގިނަ އަދަދަކަށް ސްޕެޝަލިސްޓުން ގެނައި. އިކުއިޕްމެންޓްގެ ގޮތުން ރަނގަޅުވި،" އައިޖީއެމްއެޗްގައި 19 އަހަރު އުޅުއްވި އަދި ރާއްޖޭގެ އެންމެ ފުރަތަމަ ކަށީގެ ޑޮކްޓަރު ވިދާޅުވި އެވެ.
މިހާރު އައިޖީއެމްއެޗުން ދުވާލަކު އެތައް ހާސް ބަޔަކު ހިދުމަތް ހޯދަ އެވެ. އެކަމަކު ހޮސްޕިޓަލް ހުޅުވުނު އިރު އެ އަދަދު އުޅުނީ ގާތްގަނޑަކަށް 400 ގަ އެވެ.
އައިޖީއެމްއެޗަށް މިހާރު އައިސްފައިވާ ކުރިއެރުންތަކާ މެދު އަހުމަދު އަބްދުﷲ ހިތްޕުޅުހަމަޖެހިވަޑައިގަންނަވަ އެވެ.
"ހަގީގަތުގައި އެއީ ވަރަށް ބުރަ މަސައްކަތްތަކެއް. މިއަދު އެހުރީ ގިނަ ހިދުމަތްތަކެއް ލިބެން. ވަރަށް އުފާވޭ. ވަރަށް ހިތްހަމަޖެހޭ،" އަހުމަދު ވިދާޅުވި އެވެ.
އިންޑިއާ ސަރުކާރުން އޭރު އައިޖީއެމްއެޗު އިމާރާތްކޮށްދިނީ އޭރުގެ އާބާދީ އާއި ސިއްހީ ހިދުމަތް ހޯދާ މީހުންގެ އަދަދަށް ބަލައިފަ އެވެ. އެކަމަކު ރާއްޖޭގެ އެކި ހިސާބުތަކުން މާލެއަށް ބަދަލުވަމުން ދިޔަ ބޮޑު އާބާދީއަށް އެކަށީގެންވާ ތަނެއްގެ ގޮތުގައި އައިޖީއެމްއެޗު ހިންގުނީ ނިސްބަތުން ކުޑަ ދުވަސްކޮޅަކަށެވެ. ތަން ފުރި، ސިއްހީ ހިދުމަތަށް އޮތް ޑިމާންޑް އެހާ މައްޗަށް ދިޔަ އެވެ.
އައިޖީއެމްއެޗުގެ އިމާރާތް ރާއްޖެއާ ހަވާލުކުރިތާ މިއަދު 25 އަހަރު ފުރޭ އިރު ރާއްޖޭގެ ސިއްހީ ހިދުމަތުގެ ދާއިރާ ވަނީ ވަރަށް ބޮޑަށް ބަދަލުވެފަ އެވެ. އަމިއްލަ ހޮސްޕިޓަލްތަކާއި ކްލިނިކްތައް ވަނީ ގިނަވެފަ އެވެ. އެކަމަކު އަދިވެސް ވެސް އައިޖީއެމްއެޗަކީ ރާއްޖޭގެ އެންމެ ބޮޑު ހޮސްޕިޓަލެވެ.
- ޖެނުއަރީ 14، 1990: އައިޖީއެމްއެޗުގެ ބިންގާ، ރައީސް މައުމޫން އަބްދުލްގައްޔޫމް އަޅުއްވައިދެއްވި
- ފެބްރުއަރީ 4، 1994: ހޮސްޕިޓަލްގެ މަސައްކަތް ނިންމާ، ސަރުކާރާ އެ ތަން ހަވާލުކުރި
- ފެބްރުއަރީ 2، 1995: އައިޖީއެމްއެޗުގައި ހިދުމަތް ދޭން ފަށައި، ކުރީގެ ސަރުކާރު ހޮސްޕިޓަލް، މާލޭ ސެންޓްރަލް ހޮސްޕިޓަލް ބަންދުކުރި
- އެޕްރީލް 15، 1995: ރައީސް މައުމޫނާއި އިންޑިއާގެ ބޮޑުވަޒީރު ޕީ.ވީ ނަރަސިންހަ ރާއޯ، އައިޖީއެމްއެޗު ރަސްމީކޮށް ހުޅުއްވާ ދެއްވި
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ހަސަން ހުސޭން
04 February 2019
އިންޑިޔާއިން ކޮންމެ ކަމެއްވެސް ކޮއްދީފަވަނީ އެމީހުންގެ ފައިދާއަށް އެކަމަކު އިންޑިޔާ މީހުން އަމިއްލަ ނަމުގައި މިތާ ވިޔަވާފި ހިންގޭގޮތް ހެދުމަކީ ދިވެހިންނައްހުރި ބިރުވެރި ކަމެއް
ރީތި މޫސަ
03 February 2019
އިންޑިޔާއިން ރާއްޖޭގަ އިންދިރާގާނދީގެ ނަމުގަހޮސްޕިޓަލް އަޅައިދިން ނަމަވެސް ނަމެއްގާ ހޮސްޕިޓަލްހުރީ ދާންޖެހެނީ އިންޑިޔާގެ ޓްރިވިންޑްރަމްއަށް އެއީ އިންޑިޔާގެ މަކަރުވެރިކަމުން ރާވާފައޮތްގޮތް ދިވެހިން ސަލާންޖަހައިގެންވެސް ދާންޖެހެނީ އިންޑިޔާއަށް އެގޮތަށް ކަންހިގަމުންދަނިކޮން ނަޝީދުގެ ދައުރުގަ އެތަން ދިނީ އެޕޯލޯއަށް އެމީހުންވެސް އުޅުނީ ކަންކުރުމަށްވުރެ ބޮޑަށް ފައިދާނަގަން ނަޝީދުއަށް ވިސްނިގެން އަލުންއަތުލީ ކިރިޔާސް އެތަން ހިގަންފެށީ ޔާމިންގެ ދައުރުގަ
ކޮތަރު އިމުރާނު
02 February 2019
ސާއިލް. އިންޑިޔާ ޕްރޮމޯޓްކުރަން ހާދަ ހިފާފައޭ ދޯ ތިހުރީ.
ސަރީފު
03 February 2019
އިންޑިއާ ޗައިނާ ކައިރީ ގައި ޖެހޭނީ މަހައްދާން..އަހަރމެން އާ ސަރުކާރުން ޗައިނާ ދޫކޮއް އިންޑިއާއާއި ދިމާއަށް މިސްރާބު ޖެހުން އެއީ ތަރައްގީ ގައި ފަހަތައް އެޅުނުފިޔަވަޅެއް.
ޕުތަރަދީފްް
02 February 2019
ދިގު އިންތިޒާރަކާއި ނުލައި އައިޖީއެމްއެޗް އިން ޚިދުމަތެއް ލިބުމަކީ ނާދިރުކަމެއް. އައިޖީއެމްއެޗް އިން ރާއްޖޭގެ ސިއްހީ ނިޒާމަށް ގެނައި އެއްވެސް ކުރިއެރުމެއް ނެތް. އަސްލު އައިޖީއެމްއެޗް އަކީ އިންޑިއާއިން އެގައުމުގެ ރައްޔިތުންނަށް ބޮޑުމުސާރަ ހޯދައިދީ މެޑިކަލް އޮފިސަރުންގެ ގޮތުގައި ކޮލިފައިވުމަށް މީހުން ޓްރެއިން ކުރުމަށް ހަދާފަހުރި ތަނެއް
ހަޤީގަތް
02 February 2019
މި ނޫސް ކިޔާ މީހުނާއި ދިވެހި ރައްޔިތުން ނިކަބް ވިސްނަ ބަލަ. ކޮންމެ މަހަކު އިންޑިއާގެ ޓްރިވެންޑްރަމަށް ބޭހަށްގޮސް އަދި ނުވިތާކަށް ހެސްކިޔާފަ ދިވެހިން ވިޔަފާރި ކޮށްގެން ޓްރިވެންޑްރަމް އިކޮނޮމީއަށް މަހަކު އެތައް މިލިއަން ޑޮލަރެއް ޚަރަދު ކުރަނިކޮށް، އެ ވިޔަފާރި ބަންދުވާ ގޮތަށް އިންޑިއާއިން މިތާގަ ފެންވަރު ރަނގަޅު ހޮސްޕިޓަލެއް އަޅާފާނެތަ. އޭރުވެސް، މިކަހަލަ ކަންކަމާ އިންޑިއާ މީހުން އެވަރަށް ވިސްނައި ސްޓްރެޓަޖައިސް ކުރެޔޭ މިހާރުވެސް ހަމައެހެން.
ޅޮސްއުދޯލި
02 February 2019
ރާއްޖެއައް އެންމެގިނަ ހިލޭ އެހީދެނީ ޖަޕާނުން، އެއީ ފުށާހަކުރާ ހަނޑޫ ޖަޕާނުން ދޭތާ 40 އަހަރުވަނީ ދެން ޖަޕާނުން ކޮންމެ އަތޮޅެއްގަ ސުކޫލް އަތޮޅު މަދަރުސާ އަޅައިދިން، ތިމާވެއްޓައް އެހީވޭ ސިއްހީކަންތައްކައް އެހީވޭ، ދެން ރާއްޖެ އަައް ހިލޭ ލާރީގެ އެހީދެނީ އިންޑިޔާއިން ގަބޫލު ކުރިޔަސް ނުކުރިޔަސް، އެހެން ގައުމު ތަކުން ދެނީ ގިނައިން ލޯނު ޗައިނާއިންވެސް ލޯނުދިން ބުރިޖައްވެސް ޗައިނާއިން ލޯނުދިން، ކުޑަވީމަ ގައުމުތަކުން ލާރިއެއް ނުދޭ!
ރަންއުދޯލި
03 February 2019
ރާއްޖެއަށް އިންޑިއާއިން ވެދިން ހިލޭ އެހީއެއް ދައްކަބަލަ؟؟؟؟
އިންޑިއާ
03 February 2019
އިންޑިއާއިން އެޅި ހޮސްޕިޓަލް ގެ ފައިސާ ރިކަވަކުރަނީ އިންޑިޢާމީހުން ނަށް އެތަނުން ވަޒީފާ ދީގެން ދެން ކޮބާ ހިލޭވެފައި! ޖަޕާނު މީހުން އެހީދިނަސް އެހީހުން ސަރުތެއް ނުކުރޭ ސްކޫލް ތަކުގައި ތިބެން ޖެހޭނީ ޖަޕާނު މީހުން ކަމަށް
ރިހިއުނދޯލި
03 February 2019
އިންޑިއާއިން އެޅި ހޮސްޕިޓަލް ގެ ފައިސާ ރިކަވަރ ކުރަނީ އިންޑިޢާމީހުން ނަށް އެތަނުން ވަޒީފާ ދީގެން، އެތަނަށް ބޭނުންވާ އިކްއިޕްމެންޓް ގަންނަންޖެހެނީ އިންޑިއާއިން، އިކްއިޕްމަންޓް އިންޑިއާއިން ގަތީމަ ފޮނުވަނީ އިންޑިއާގެ ކޮންމެސް ހޮސްޕިޓަލެއްގަ ބޭނުންކޮށްފަ ހުންނަ ބާތަކެތި، އެތަނަށް ބޭނުންވާ ބޭހާ އެފަދަ އެހެންތަކެތި ގެންނަން ޖެހެ އިންޑިއާއިން ދެން ހިލޭވެފަ ކޮބާ!
ނާއިންސާފު
02 February 2019
ބޭރުގައުމަކުން ތަނެއް އަޅާ ދެވިދާނެއޭ ބުނާއިރަށް ދައްކާނީ މާލޭގެ ކޮންމެވެސް ތަނެއް ނުހެދިގެން އުޅޭވާހަކަ. ޑަބްލިއު އެޗްއޯއިން ދޭތެރެދުރުކުރުން ނުވަތަ މަދިރިއަށް ހޭލުންތެރިކުރުމުގެ އެހީތެރިކަމެއް ދެވިދާނެއޭ ބިުނެފިއްޔާ ދައްކާނީ އަތޮޅުތެރޭ ކޮންމެވެސް ރަށެއް.
ޕޮކަޑިމޭން
02 February 2019
އައިޖީއެމްއެޗް ހުރެގެން ދިވެހި ރައްޔިތުންނަށް ކުރާ ފައިދާއެއްނެތް، ހާއްސަ ޑޮކްޓަރަކަށް ދައްކަން 8-6މަސް ކިއުގަ، އެކްސްރޭއެއް ނަގާލަން ދުވާލު ހަތަރުދަމު ކިއުގަ، ސްކޭނެއް ކުރުމަށް 4-3މަސް ކިއުގަ، އެމްއާރްއައި ހަދަން ދޮޅުމަސްދުވަހު ކިއުގަ، އެމަޖެންސީ އެއްވެގެން ހޮސްޕިޓަލަށް ދިޔައީމަ 3-2ގަޑިއިރު ކިއުގަ، އާންމު ބައްޔެއްވެގެން ދިޔައީމަ އެމީހާ އެއީ ޑޮކްޓަރަށް ދައްކަންޖެހޭ މީހެއް ކަމަށް ކަނޑައަޅަނީ ޓްރިއޭޖްގަ ކިއާ ތަނެއްގަ އިންނަ އާދައިގެ ނަރުހެއް
ޒުހޭރު
02 February 2019
ދޮންކަލޯ ކިއުގަ ހުންނަންވެސް ދާންއޮތީ ހަމަ އިންޑިއާ އިން ދިން ހޮސްޕިޓަލައް، އަބަދު ކިއުދަމާލާފަ އެތިބެނީ މީހަކު އެތަން ކަޑަވީމަ ނުވައްނާތީތާދޯ...
އަދުނާނު
02 February 2019
"ޒުހޭރު" އެތަން ރަނގަޅު ވެގެންނެތްނޫން ހިލޭ ކުރެވޭތީ.
ކައުންސެލަރު
02 February 2019
ވެދުންސަލަމަށްފަހު ދަންނަވަމެވެ. "..........ދިމާވާ ސިއްހީ މައްސަލަތައް ގިނަ ފަހަރަށް ދެނެއެއް ނުގަނެވެ އެވެ." ޞިއްހީ ހާލަތުގެ ފެންވަރު ދަށްވުމުގެ ސަބަބުން އެކަން އޭރު އެހެންއޮތީ. އެހެނަސް މިހާރު ކަނޑާފޮންޏާއެއްވަރަށް ޞިއްޙީ ޚިދުމަތް ކުރިނާރާކަން، ނުވަތަ ފަރުވާކުޑަކަން https://dho.mv/people/49349 މިލިޔުމުން އެނގޭނެ. ވ. ވެދުން
ރާއްޖެ
02 February 2019
25 އަހަރު ވީ އިރުވެސް ތިތަން އަދިވެސް އިމާރާތްކޮއް ނިމުނުހެން ހީނުވޭ. ތިއީ އަދިވެސް ކޮންސްޓްރަކްޝަން ސައިޓެއް.
މަގުފުޅާޓިނު
03 February 2019
އައިޖީއެމްއެޗްގެ ޚިދުމަތްތައް ލަސްވުމާ ފެންވަރު ރަނގަޅު ޑޮކްޓަރުން ނުތިބުމާ ޚާއްސަ ޑޮކްޓަރަކަށް ދައްކަން ތިން ހަތަރު މަހު ކިއުގަ މަޑުކުރަން ޖެހުމަކީ، އިންޑިއާއިން ގިނަ ޚިދުމަތްތަކާ އެކު ހޮސްޕިޓަލެއް ދިވެހި ސަރުކާރަށް ހަދިޔާ ނުކުރެއޭ ބުނެ ކާކާ ލެއްވޭނެ ކަމެއް ނޫން، އެއީ އަދި އެހެން ކަމެއް.