04 ފެބުރުއަރީ 2019 - 07:33
ފޭސްބުކް ބޭނުން ކުރުމާ ދުރުވުމުން ނަފްސާނީ ގޮތުން މީހާ އަށް ލިބޭ އުފާވެރިކަން ބޮޑު ކަމަށާއި އެކަމަކު އެފްބީއާ ނުލައި އުޅެން ވެއްޖެ ނަމަ ދުނިޔޭގައި ހިނގާ ކަންކަން އެނގޭލެއް ކުޑަވާ ކަމަށް ދިރާސާއެއްގައި ބުނެފި އެވެ.
މީގެ ކުރިން ހަދާފައިވާ ދިރާސާތަކުން ދައްކާ ގޮތުން ފޭސްބުކް ކަހަލަ ސޯޝަލް މީޑިއާ ފްލެޓްފޯމްތައް ބޭނުންކުރުމަކީ ނަފުސާނީ ގޮތުން މީހާ އަށް ނޭދެވޭ ގިނަ އަސަރުތައް ކުރުވާ ކަމެކެވެ. އެހެންވެ ސޯޝަލް މީޑިއާ ދުރުވުމަކީ ނަފުސާނީ ގޮތުން ދުޅަހެޔޮ މީހަކަށްވާން ކޮންމެހެން މުހިއްމު ކަމެއް ކަމަށް ބުނެފައިވެ އެވެ.
އެމެރިކާގެ ނިއު ޔޯކް ޔުނިވަސިޓި (އެންވައިޔޫ) އާއި ސްޓޭންފޯޑް ޔުނިވަސިޓީ ގުޅިގެން ހަދާފައިވާ ދިރާސާގައި ބުނި ގޮތުގައި ފޭސްބުކާ ދުރުވެލައި، އިންޓަނެޓާ ވެސް ފެއަށް ޖެހިލުމަކީ މީހާ އަށް އުފާވެރިކަން ގެނެސްދޭ ކަމަކަށް ވިޔަސް، ދުނިޔޭގައި ހިނގާ ކަންކަން އެނގޭ މިންވަރު ކުޑަވުމަކީ ބައެއް މީހުންނަށް މައްސަލައަކަށް ވެދާނެ އެވެ.
މި ދިރާސާ ހެދުމަށް ދިރާސާ ޓީމުން ވަނީ އާންމުކޮށް އެފްބީ ބޭނުންކުރާ ބަޔަކަށް ހަތަރު ހަފުތާ އަށް 102 ޑޮލަރު ދީގެން ފޭސްބުކް ޑިއެކްޓިވޭޓް ކުރުވައިފަ އެވެ. އެ މީހުން ބުނެފައިވާ ގޮތުގައި ފޭސްބުކާ ދުރުވެލުމުން ބޭނުންތެރި އަމިއްލަ ކަންކަމަށް ލިބޭ ވަގުތައް ގިނަވި އެވެ. އަދި އޭގެ ސަބަބުން ހިތްހަމަޖެހުމާއި އުފާވެރިކަން އިހުސާސް ކުރެވެމުން ދިޔަ ކަމަށް ބުންޏެވެ.
ދިރާސާ އަށް އިޝާރާތްކޮށް އެންވައިޔޫގެ އެސޯސިއޭޓް ޕްރޮފެސަރު ހަންޓް އެލްކޮޓް ވިދާޅުވި ގޮތުގައި ދިރާސާ އިން ފާހަގަކުރެވުނު އެންމެ މުހިއްމު ކަމަކީ ފޭސްބުކާ ދުރުވެލުމުން މީހުންގެ ނަފުސަށް ކުރި ޕޮޒިޓިވް އަސަރުތައް ބޮޑުކަމެވެ. އަދި އޭގެ ތެރެއިން ގިނަ މީހުން ވަނީ އެ މީހުން ސޯޝަލް މީޑިއާ ބޭނުން ކުރާ މިންވަރު ލިމިޓް ކުރަން ބޭނުންވާ ކަމަށް ވެސް ބުނެފަ އެވެ.
"އެހެންވީމާ މީގެ އެންމެ މުހިއްމު ކަމަކީ ސޯޝަލް މީޑިއާ ބޭނުންކުރާ މިންވަރު ލިމިޓް ކުރުން،" އޭނާ ވިދާޅުވި އެވެ.
އެލްކޮޓް ވިދާޅުވި ގޮތުގައި މި ދިރާސާގެ ބޭނުމަކީ އެއްގޮތަކަށް ވެސް ފޭސްބުކްގެ ނުރަނގަޅު ފަޅި ދެއްކުމެއް ނޫނެވެ.
"އަހަރެމެންގެ އަމާޒަކަށްވީ ސޯޝަލް މީޑިއާ ބޭނުން ކުރެވޭ ގޮތާ ދޭތެރޭ އާންމުންގެ މެދުގައި ހޭލުންތެރިކަން އުފެއްދުން،" އޭނާ ވިދާޅުވި އެވެ. "ހަގީގަތުގައި ފޭސްބުކުން ލިއްބައިދޭ ފައިދާތައް ވެސް ގިނަ. އޭގެ ތެރޭގައި ކަންކަން އެނގި ލޯހުޅުވާއި މީހުންނާ ގާތްކަން އުފެއްދުމާއި ސޯޝަލައިޒްވާން މަގުފަހިކޮށް ދިނުން ހިމެނޭ. މުހިއްމު ކަމަކީ ކޮންމެ ކަމެއް ވެސް ހައްދެއްގެ ތެރޭގައި ބޭއްވުން."
މި ދިރާސާ އަށް މަރުހަބާ ކިޔަމުން އެފްބީގެ ތަރުޖަމާނު ސީއެންއެން ވިދާޅުވި ގޮތުގައި މިއީ ފޭސްބުކް ތަރައްގީ ކުރުމުގައި ވިސްނަންވީ ކަންތައްތަކަށް ހިތްވަރު ދޭ ދިރާސާއެކެވެ. އެހެންވެ ދިރާސާގައި ފާހަގަކޮށްފައިވާ ކަންކަމަށް ރިއާޔަތްކޮށްގެން، އެފްބީ ތަރައްގީ ކުރަން އިސްކަން ދޭނެ ކަމަށް ވިދާޅުވި އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އަލީ އަހުމަދު
04 February 2019
އެފްބީގަ ޏުޅުނަސް ބަރާބަރަށް ހަބަރު ކިޔާކަމުގަވާނަމަ ތިހެން ނުވާނެ. އަޅުގަޑުވެސް އެފްބީ ދޫކޮއްލައިފިން، ބޭރުދުނިޔޭގަވެސް ރާއްޖޭގަވެސް ނިކަން ރަގަޅައްވެސް ކިޔާދީފާނަން.. މި ކުދިންގެ ހަބަރުކިޔުމުގެ އާދަ އަށަގަނުވަންވީ.. އެއިރައް ތި ހައްލުވީ. އެފްބީގަ ބޮޑައް ކުދިން ދިރާސާކުރަނީ އެކި މީސްމީހުންގެ ޕްރޮފައިލް، ދުނިޔޭގެ ހަބަރެއްނޫން. އެހެން އުޅެލާފަ ވަރަށް ބޮޑުވެގެންދާ ކަންކަން ވައިރަލް ނުވެއެކޭއެއްނޫން.