އިންޑިއާއިން ހަދިޔާކުރި ހެލިކޮޕްޓަރެއް. ރާއްޖެއަށް އިތުރު ވައިގެ އުޅަނދުތައް ދޭން ދެގައުމަކުން ވާހަކަ ދައްކާ. މިހާރު/ފައިލް ފޮޓޯ
06 ފެބުރުއަރީ 2019 - 17:40
ރާއްޖެ އަށް ވައިގެ އުޅަނދު ހަދިޔާކުރަން ދެ ގައުމަކުން ވާހަކަ ދައްކަމުން އަންނަ ކަމަށް މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސް އިން ބުނެފި އެވެ.
ކޯސްޓްގާޑް ބިލްޑިންގްގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވައިސް ޗީފް އޮފް ޑިފެންސް ފޯސް ބްރިގޭޑިއާ ޖެނެރަލް އަބްދުއް ރަހީމް އަބްދުއް ލަތީފު ވިދާޅުވީ ވައިގެ އުޅަނދު ހަދިޔާ ކުރަން ވާހަކަ ދައްކަނީ އެއާ އެމްބިއުލާންސްގެ ހިދުމަތް ފުޅާކުރުމަށް ކަމަށެވެ.
"އެކުވެރި ގައުމުތަކުން އަޅުގަނޑުމެންނަށް މިކަހަލަ އެހީތެރިކަން އަބަދުވެސް ފޯރުކޮށްދެއްވާ. އިންޑިއާ ވިޔަސް ވެސް. އަދި މިހާރު އެހެން ދެ ދިމާލަކުން ވެސް އަޅުގަނޑުމެންނަށް އެއާ އެސެޓްސް ހަދިޔާކުރުމުގެ ވާހަކަ އެބަ ދެކެވޭ. ހާއްސަ ގޮތެއްގައި އެއާ އެމްބިއުލާންސްގެ ހިދުމަތް އަޅުގަނޑުމެން ފުޅާކުރުމަށްޓަކައި،" އިންޑިއާ އިން ރާއްޖެ އަށް ޑޯނިއާ މަތިންދާ ބޯޓް ހޯދަން ކުރަމުން އަންނަ މަސައްކަތާ ބެހޭ ގޮތުން ނޫސްވެރިޔަކު ކުރި ސުވާލަަކަށް އަބްދުއް ރަހީމް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ޑޯނިއާ މަތިންދާބޯޓް ހޯދަން ކުރަމުން އަންނަ މަސައްކަތް މިހާރު އޮތް ހިސާބު ފަހުން ހާމަކުރާނެ ކަމަށެވެ.
ހަމަ އެ ސުވާލުގެ ޖަވާބުގައި ޗީފް އޮފް ޑިފެންސް ފޯސް މޭޖާ ޖެނެރަލް އަބްދުﷲ ޝަމާލް ވިދާޅުވީ ވައިގެ އުޅަނދެއް ހޯދަން މަސައްކަތް ކުރަނީ އެއާ އެމްބިއުލާންސެއްގެ ގޮތުގައި ބޭނުން ކުރުމަށާއި ސަވައިލެންސް އުޅަނދެއްގެ ގޮތުގައި ބޭނުން ކުރުމަށް ކަމަށެވެ. އެކަމުގެ މަޝްވަރާތައް އެކި ފެންވަރުގައި ކުރަމުން އަންނަ ކަމަށާއި އެހެން ނަމަވެސް އަދި އަމަލީ ސިފައެއް ނާންނަ ކަމަށް އޭނާ ވިދާޅުވި އެވެ.
"އޭގެ ޑިސްކަޝަންތައް އެކި ލެވެލްތަކުގައި އެބަ ކުރިއަށްދޭ. އެހެން ނަމަވެސް އެއިން ކަމަކަށް އަމަލީ ސިފައެއް އަންނަ ގޮތެއް އަދި ނުވޭ. އަމަލީ ސިފައެއް އަންނަ ހިސާބުން އިރާދަކުރެއްވިއްޔާ އެ މައުލޫމާތު މީޑިއާއާ ހިއްސާކުރާނަން،" ޝަމާލް ވިދާޅުވި އެވެ.
އެއްބަސްވުމެއްގެ ދަށުން އިންޑިއާ އިން ރާއްޖޭގައި އޮޕަރޭޓްކުރަމުން އަންނަ ދެ ހެލިކޮޕްޓަރުގެ މުހިއްމުކަމާއި ލިބިދޭ ފަސޭހަކަމާ ތަކާ ގޮތުން ދެބޭފުޅުން ވެސް ވަރަށް ދިގުކޮށް ވާހަކަ ދެއްކެވި އެވެ. އެގޮތުން ހެލިކޮޕްޓަރު ނޫން އެހެން އުޅަނދެއް އެކަށީގެންވާ ގޮތެއްގައި ބޭނުން ނުކުރެވޭ ހާލަތްތައް ރާއްޖޭގައި މެދުވެރިވާ ކަމަށް އަބްދުއް ރަހީމް ވިދާޅުވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ދެ ޤައުމު
07 February 2019
ޕާކިސްތާން އަދި ޔޫ.އޭ.އީ
ހުސޭނުރިޓަޔާޑް
06 February 2019
އެތައް 100 މިލިއަން ޑޮލަރުގެ ހޮސްޕިޓަލު ފާރާއި ބްރިޖު އެޅޭ. 5-6 މިލިއަން ޑޮލަރުގެ ހެލިކޮޕްޓަރާއި 8-10 މިލިއަންގެ ޑޯނިއަރ މަރުކާގެ ބޯޓެއް ނުގެނެވޭ. ނުވިތާކަށް ސިފައިންގެ ޕައިލެޓުންނާއި އިންޖިނިއަރުން ތަމްރީނުނުކުރެވޭ. ސުޕަ ސްޕެޝަލިސްޓުންނާއި އެކި ވައްތަރު ސްޕެޝަލިސްޓު ތަމްރީނު ކުރަން ފޮނުވޭ. މީހަމަ ކޮށްފިޔާ ވާނެ ކަންކަން. ސަލާމަތީ ޚިދުމަތް ދޭނެ ލާރީ ނެތް ނަމަ ފަނޑުފޮށި ހުޅުވާ. ޔާގީން ލިބޭނެ. އަޅުގަނޑުމެން ބޭނުމެއް ނޫން ބޭރުގެ ސިފައިން ގެންނަން.
ޖަމްޝީދް
07 February 2019
އަގުތައް ވ ބޮޑަށް އެނގިފަ ތިހުރީ. އަހަރެއްގެ މައްޗަށް މެއިންޓަނެންސް ހަރަދަށްދާ ވަރުވެސް ނާރާ. ފިތުނަ އުފައްދައިގެން ކޮންކަމެއްބާ ޤައުމަށް ލިބެނީ
ދޮންކަލޯބެ
07 February 2019
ޖަމްޝީދު. އަގު އެނގޭ ބޭފުޅާ އަގުތައް ބަލަންވީއެއްނޫން. ރާއްޖޭގައި ބެނުންކުރާ އިންޑިޔާގެ ހަލް ދްރޫވް މަރުކާގެ ހެލިކަޕްޓަރ އުޅެނީ 5.6 މިލިއަން ޑޮލަރުގައި. ޑޮނިއަރ ކުޑަ މަތިންދާ ބޯޓެއްވެސް ލިބޭނެ އެންމެ ގިނަވެގެން 10 މިލިއަނަށް. ދެން މެންޓެނަނަސް ހަރަދު ބޭފުޅާ ބަލައްވާ. ނުވާނެ ކިޔާފަ ބޭރު ސިފައިންނަށް ޤައުމު ވިއްކަން އުޅޭ ބައެއް.
މަހުޖަނު
06 February 2019
އަޅެ ޝަމާލު ތިތަނަށް އަރާ އިނދެގްނެ ތިޔޮއްގެން ދައްކާ ކޮސް ވާހަކަޔެއް؟! ދިވެހިންގެ ތެރޭގައި ނެތީތަ ހެލިކޮޕްޓަރު ގަނޑެއް އޮޕަރޭޓް ކޮށްލެވޭނެ ވަރުގެ މީހަކު؟ ދެން ތި ގެންނަން އުޅޭ ޑޯނިޔާ މަތިންދާ ބޯޓު ދުއްވަންވެސް އިންޑިޔާ މީހުން މިތާ ތިބެންވީ؟ ބަލަ އައިލެންޑް އޭވިއޭޝަނާ އެއާ މޯލްޑިވްސްގަވެސް އެކަން ކުރެވޭނެ ފެންވަރުގެ މީހުން ތިބީ މަސައްކަތް ކޮށްފަ. ހަމަ ދިވެހިން. މަނިކުފާނު ތީ އިންޑިއަން އާރމީގެ ޗީފްތޯ؟
ޝަމާލް
06 February 2019
ލަދުން ބޯހަލާކު ވެދާނެ މީހަކު! އަހަރެމެންވެސް މީ މިނިވަން ޤައުމެކޭ ކިޔައިގެން އުޅޭބައެއް! މިޤައުމުގަ އެއާލައިންތައް އެބަ ހިންގާ! މޯލްޑިވިއަން، ވިލާ އެއާ، މަންޓާ، ނަން ހުސްކޮށް ސީ ޕްލޭން! އަމިއްލަ ކުންފުނިތަކުން ގަންނައިރު ދިފާޢީ ބާރަށް ކީއްވެގެން ހެއްޔެ ނުގަނެވެންވީ! މީ އެހެން ޤައުމެއްގެ އެހީތެރިކަން ހޯދާ އެމީހުންގެ އުނގަށް އެރޭވަރު ކަމެއްހެއްޔޭ! ދަރަން ބޭނުމިޔާ ޤައުމަކަށް ނުދަރާ ދިވެހި މަހުޖަނަކަށް ދަރާބަލަ! އޭރުންވެސް ކުޑަކޮށް ބޮލަށް ފަސޭހަ!