ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ރިޔާސީ ބަޔާން އިއްވަވަނީ. --ފޮޓޯ/މަޖިލިސް
07 ފެބުރުއަރީ 2019 - 11:50
ރައްޔިތުންގެ ހައްގުތައް ކަށަވަރުކޮށްދީ، އަދުލު އިންސާފު ގާއިމްކޮށް، ތަރައްގީގެ މަޝްރޫއުތަކުން ގައުމުގެ ހާލަތު ރަނގަޅު ކުރުމަށް ބިޔަ ވައުދުތަކެއް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މިއަދު، އެމަނިކުފާނުގެ ފުރަތަމަ ރިޔާސީ ބަޔާނުގައި، ރައްޔިތުންނަށް ވެވަޑައިގެންފި އެވެ.
ރައްޔިތުންގެ މަޖިލީހުގެ މެމްބަރެއްގެ ގޮތުގައި 25 އަހަރު ހޭދަކުރައްވައި، ވެރިކަމާ ހަވާލުވެވަޑައިގެން އިއްވެވި ފުރަތަމަ ރިޔާސީ ބަޔާނުގައި ގައުމުގެ ހާލަތާއި އެ ހާލަތު ރަނގަޅު ކުރަން ހުރިހާ ދާއިރާއަކުން ކުރައްވާނެ ކަންކަން ވިދާޅުވި އެވެ.
ރައީސަކަށް އިންތިޚާބު ކުރީ އަނިޔާ އާއި ބޭއިންސާފުން މިންޖުވެ، އިންސާފު މަގަށް ރުޖޫއަވެ، އަބުރުވެރި ދިރިއުޅުމެއް ރައްޔިތުންނަށް ހޯދައި ދޭން ކަމަށް ތަކުރާރު ކުރައްވައި ވިދާޅުވީ އެ ވައުދުތައް ފުއްދެވުމުގައި ދެމިހުންނަވާނެ ކަމަށެވެ.
އެމަނިކުފާނު ހިންގަވަނީ ގާނޫނީ ވެރިކަމެއް ކަމަށާއި ދައުލަތް ހިންގުމުގެ ހުރިހާ ކަމެއް މިސްރާބު ކޮށްފައި ވަނީ ރައްޔިތުންގެ ހައްގުތައް ކަށަވަރުކޮށްދީ، އިޖުތިމާއީ އަދާލަތު ގާއިމްކޮށް ދެއްވަން ކަމަށް ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ ޑިމޮކްރެޓިކް ނިޒާމަށް ދައުލަތް އަނބުރާ ގެނައުމަށްޓަކައި ސަރުކާރުގެ އިދާރީ އޮނިގަނޑަށް އިސްލާހީ ގިނަ ބަދަލުތައް ގެންނަން ޖެހޭ ކަމަށެވެ.
ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ ގޮތުގައި ފަސް ދައުރު ފުރިހަމަ ކުރެއްވި ރައީސް ވިދާޅުވީ ވޭތުވެދިޔަ ހަތަރު އަހަރުގެ ތެރޭގައި މަޖިލީހުގެ ޒިންމާތައް ވެސް އަދާކުރިޔަ ނުދީ އޮތީ ކަސްތޮޅު އަޅުވައިފައި ކަމަށެވެ. އެކަމުން އަރައިގަނެ، ދުސްތޫރީ ނިޒާމްގެ ރޫފަ ހެޔޮކުރަން މަޖިލީހުގެ ހިންގުން ހަރުދަނާ ވާން ޖެހޭ ކަން ފާހަގަކުރެއްވި އެވެ.
ރިޔާސީ ބަޔާން އިއްވުމުގެ ޖަލްސާ
ރައީސް މިއަދު ވެސް އެއްބަސްވެވަޑައިގަތް ގޮތުގައި، އަދަލު އިންސާފު ލިބޭނެ ކަން ކަށަވަރު ކުރަން، ޝަރުއީ ދާއިރާ އިސްލާހު ކުރުމަކީ މިހާރުން މިހާރަށް ކުރަން ޖެހިފައިވާ އެންމެ މުހިއްމު އެއް ކަމެވެ.
"ކޯޓުތަކާއި ފަނޑިޔާރުން އިސްލާހުގެ މަގަށް ރުޖޫއަވެގެން ނޫނީ، މި ގައުމުގެ އެއްވެސް ކަމަކަށް ހަމަޖެހުމެއް ނާންނާނެ،" ރައީސް ވިދާޅުވި އެވެ.
- އުމްރާނީ ތަރައްގީގެ ހޭދަ ކުޑަނުކޮށް، މަޝްރޫއުތައް އަވަހަށް ނިންމައި އުފެއްދުންތެރި ކަން ކުރިއަށް ޖެއްސޭނެ އާ މަޝްރޫއުތަކަށް ޖާގަ ދޭނަން.
- ބޯހިޔާވަހިކަމަށް ބޭނުންވާ މިންވަރު ދެނެގަތުމަށް އެސެސްމަންޓެއް އަންނަނީ ހަދަމުން، އަމާޒަކީ ހުޅުމާލޭގައި އިތުރު 4000 ހައުސިން ޔުނިޓް އިމާރާތްކޮށް، އަގުތައް ހެޔޮކުރުން.
- މާލެއާ އެއް އަގެއްގައި އަތޮޅުތަކުން ވެސް ކާޑުގެ ބާވަތްތައް އެޕްރީލް 1 ގައި ލިބެން ފަށާނެ.
- ޕެންޝަން ފަންޑުން ފަރުޟު ހައްޖުވުމަށް އެދޭ މީހުންނަށް، ބިލް ފާސްވުމާ އެކު ހުޅުވާލާނެ.
- ފުލުހުންގެ މުއައްސަސާ އަށް މުހިއްމު ބަދަލުތައް މި އަންނަނީ ގެންނަމުން.
- ގައިދީންގެ އަސާސީ ހައްގުތައް ކަށަވަރުކޮށްދޭން، އދ. ގެ "މަންޑޭލާ ރޫލްސް"ގެ މިންގަނޑަށް ޖަލުތަކުގެ ކަންތައް އިންތިޒާމް ކުރުމުގެ މަސައްކަތް ވަނީ ފަށާފައި.
- ސިފައިންގެ އަސްކަރީ ގާބިލްކަން އިތުރުކޮށް، ތައުލީމާއި ތަމްރީނުގެ ފުރުސަތުތައް ހޯދައި ދެވޭނެ.
- ސިޔާސީ މަގްސަދެއް ހާސިލްކުރަން ވަކި ބަޔަކަށް އަމާޒުކޮށް މިދިޔަ ދައުރުގެ ތެރޭގައި ގާނޫނުތަކަކަށް އިސްލާހު ގެނައި މަސައްކަތް ސަރުކާރުން އަންނަނީ ދިރާސާ ކުރަމުން.
- މަރުތަކާއި ހިޔާނާތް ބަލާ ކޮމިޝަނަށް ބާރު ދޭ ބިލާއި ކޮރަޕްޝަން ފަޅާއަރުވާލާ މީހުންނަށް ހިމާޔަތް ދިނުމުގެ އިތުރުން ދިވެހި ރާއްޖޭގެ ގާނޫނީ ޚިދުމަތުގެ ބިލް އަވަސްކޮށްދޭން ރައީސް އެދިވަޑައިގަތް.
- ކުރީ ސަރުކާރުން ހިފެހެއްޓި ގިނަ ބާރުތަކެއް ކައުންސިލްތަކަށް ދޫކޮށްލައިފިން. ގާނޫނު އިސްލާހުކޮށް އިތުރު ބާރުތައް ކައުންސިލްތަކަށް ދޭ އިރު، މާލީ ފުދުންތެރި ކަން ވެސް ލާމަރުކަޒު ކުރެވިގެން ދާނެ.
މަދަނީ އަދުލުގެ ނިޒާމް، ލުއި ފަސޭހަކޮށް ހަރުދަނާ ކުރަން މަދަނީ އިޖުރާއަތުގެ ބިލެއް މި އަހަރުގެ ތެރޭގައި މަޖިލީހަށް ހުށަހަޅާނަން.
- މިނިވަން މުއައްސަސާތަކުގެ ގާނޫނުތައް މުރާޖައާ ކުރެވޭނެ. ގާނޫނުތައް އިސްލާހު ކުރަން ހުށަހަޅާނަން.
- ޓެކްސްގެ ނިޒާމަށް އިސްލާހީ ބަދަލުތައް ގެންނާނަން.
- ތަރައްގީއާ ގުޅޭ އެކި މަޝްރޫއުތަކަށް ފައިސާ ހޯދައި މެނޭޖްކުރެވޭނެ ދެމެހެއްޓެނިވި ނިޒާމެއް ގާއިމްކުރަން "ގަވަންމެންް ފަންޑް މެނޭޖްމެންޓް ކޯޕަރޭޝަން" ގެ ނަމުގައި ކުންފުންޏެއް އުފައްދާނެ.
- އަމާޒަކީ މި އަހަރުގެ ތެރޭގައި 1.5 މިލިއަނަށް ވުރެ ގިނަ ޓޫރިސްޓުން ރާއްޖެ ގެނައުން. އަދި ވެރިކަމުގެ ފަސް އަހަރު ނިމޭއިރު އަހަރަކު 2.5 މިލިއަން ޓޫރިސްޓުން ރާއްޖެ ގެނައުން.
- ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ޓޫރިޒަމް ފުޅާކުރުމުގެ މަސައްކަތް މި އަހަރު ފަށާނެ. އުތުރާއި ދެކުނުގައި ވެސް ޓޫރިޒަމަށް އިތުރު ދިރުމެއް އަންނާނެ.
- ވެލާނާ އެއާޕޯޓު މަޝްރޫއު އަވަހަށް ނިންމައި، ތިލަފުށީގައި ޒަމާނީ ބަނދަރެއް ގާއިމްކުރެވޭނެ. އެއާއެކު، މާލޭގައި ހުރި ގުދަންތަކާއި ސިނާއީ މަަސައްކަތް ކުރާ ތަންތަން މާލެ އިން ބޭރުވެ، މާލެ ތޮއްޖެހުމަށް ލުޔެއް ލިބޭނެ.
- މަސްވެރިކަމާއި ދަނޑުވެރި ކަމުގެ ލުއިތަކެއް ހޯދައިދީ، އާމްނީ އިތުރުވާނެ މަގުތައް ފަހިކޮށްދޭނަން. ދަނޑުވެރިކަމަށް އެތެރެކުރާ 158 ބާވަތަކުން މިހާރު ވަނީ ޑިއުޓީ ކަނޑާލާފައި.
- ވަޒީފާ އަދާކުރާ މީހުންނަށް އެންމެ ކުޑަ އުޖޫރަ ކަނޑައަޅަން ވަނީ މަޝްވަރާ ފަށާފައި.
- އަންނަ އަހަރުގެ ތެރޭގައި އިންކަމް ޓެކްސް ނަގަން ފަށާނަން.
- ފުރަތަމަ ޑިގްރީއާ ހަމައަށް ހިލޭ ކިޔެވޭނެ ގޮތް މި މަސް ނިމުމުގެ ކުރިން ހަމަޖެހޭނެ. ތައުލީމީ ދާއިރާ އަށް ކަނޑައެޅި 3.4 ބިލިއަން ރުފިޔާގެ ބަޖެޓުން ގައުމީ ތަރައްގީގެ ދުވެލި ހަލުވި ވާނެ.
- ބޯފެނާއި ނަރުދަމާގެ މަޝްރޫއުތައް ފަށާނަން، ތިމާވެށި ހިމާޔަތް ކުރަން ހާއްސަ އިސްކަމެއް ދީ، ތިމާވެށީގެ ލީޑަރެއްގެ ގޮތުގައި ރާއްޖެ ފަވާލާނެ
ރައީސް ވިދާޅުވި ގޮތުގައި ރާއްޖޭގައި ތިބެގެން ފުރަތަމަ ޑިގްރީއާ ހަމައަށް ކިޔެވޭނެ އިންތިޒާމް މި މަސް ނިމުމުގެ ކުރިން ހަމަޖެހޭނެ އެވެ. މި އަހަރުގެ ދައުލަތުގެ ބަޖެޓުގައި އެންމެ ބޮޑު ހޭދައެއް ތައުލީމީ ދާއިރާ އަށް ކަނޑައެޅީ ގައުމީ ތަރައްގީގެ ދުވެލި ހަލުވިކުރަން ކަމަށް ވިދާޅުވި އެވެ.
ތައުލީމީ ދާއިރާ އަށް މި އަހަރު 3.4 ބިލިއަން ކަނޑައަޅާފައިވާ އިރު، މިއީ ރާއްޖޭގެ ތާރީޚުގައި ވެސް ތައުލީމަށް މިހާ ބޮޑު ހޭދައެއް ކުރަން ކަނޑައެޅި ފުރަތަމަ ފަހަރު ކަން ރައީސް ފާހަގަކުރެއްވި އެވެ.
"މި ސަރުކާރުން ޒުވާނުންނަށް މަތީ ތައުލީމް ދޭނެ. އެންމެންނަށް ކިޔަވައިދީ ތަމްރީން ދޭނެ. އެއާއެކު ވަޒީފާގެ ފުރުސަތު ވެސް ހޯދައިދޭނެ،" ރައީސް ވިދާޅުވި އެވެ.
ރިޔާސީ ބަޔާން އިއްވަން ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމާއި ކުރީގެ ރައީސް މުހައްމަދު ނަޝީދު ސަލާމް ކުރައްވަނީ. --ފޮޓޯ/މަޖިލިސް
ބޭރުގައި ކިޔަވާ ދަރިވަރުންނަށް ދޫކުރާ ސްޓޫޑެންޓް ލޯނުގެ އިންޓްރެސްޓް ތިން ޕަސެންޓަށް ކުޑަކޮށް، ލޯނު ދައްކަން ޖެހޭ މުއްދަތު 25 ޕަސެންޓް އިތުރުކޮށްފައިވާ ކަން ރައީސް ފާހަގަކުރެއްވި އެވެ. އެ ބަދަލާ އެކު އެންމެ މަތިން ލޯނު ނަގާ ދަރިވަރުން މަހަކު ދައްކަން ޖެހޭ އަދަދުން ގާތްގަނޑަކަށް 4،000 ރުފިޔާ އުނިވެގެން ދާނެ ކަމަށް ވިދާޅުވި އެވެ.
މިދިޔަ އަހަރު ސަރުކާރުން އިއުލާންކުރި ލޯން ސްކީމަށް ޝަރުތު ހަމަވާ އެންމެންނަށް އިންޓްރެސްޓް ކުޑަ ލޯނު ހަމަޖެހިގެންދާނެ ކަމުގެ ޔަގީން ކަން ވެސް ރައީސް ދެއްވެވި އެވެ.
ރައީސް ވިދާޅުވި ގޮތުގައި މަތީ ތައުލީމުގެ އާ ފުރުސަތުތަކެއް ވަރަށް އަވަހަށް ހުޅުވާލާނެ އެވެ. އެ ލޯން ސްކީމްގައި، ސާކް ގައުމުގެ އިތުރުން މެލޭޝިއާ އާއި ތައިލެންޑާއި ފިލިޕީންސް އަދި ޗައިނާ އިން ކިޔެވޭނެ އިންތިޒާމް ވެސް ހަމަޖައްސަމުން އަންނަ ކަމަށް ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ އެމަނިކުފާނު ވެރިކަމާ ހަވާލުވެވަޑައިގަތް އިރު، ބައިނަލްއަގުވާމީ މުޖުތަމައުގައި ވެސް ރާއްޖެ އޮތީ ވަރަށް ބޮޑަށް ބާކީކޮށް، އެކަހެރިކޮށްފައި ކަމަށެވެ. ހާރިޖީ ސިޔާސަތަށް މި ސަރުކާރުން ގެނައި ބަދަލާ އެކު ރާއްޖެ އަށް މިހާރު ވަނީ ބައިނަލްއަގުވާމީ އާއިލާގެ ލޯތްބާއި ރަހުމަތްތެރިކަން އަނބުރާ ލިބިފައި ކަމަށް ވިދާޅުވި އެވެ.
ޔާމީންގެ ސަރުކާރުން ވަކިވި ކޮމަންވެލްތާ އަލުން ގުޅުމަކީ މި ސަރުކާރުގެ ވައުދެކެވެ.
އެމަނިކުފާނު ވިދާޅުވީ އިގްތިސާދީ އެހީތެރިކަން ފޯރުވައި، ތައުލީމް ކުރިއެރުވުމުގައި ބައިވެރިއެއްގެ ގޮތުގައި އޮތް ކޮމަންވެލްތާ އަލުން ގުޅުމަށް އެ ޖަމާއަތަށް ރަސްމީކޮށް ވާނީ ހުށަހަޅައިފަ އެވެ.
"ބައިނަލްއަގުވާމީ މުޖުތަމައުގެ އެހެން ބައިވެރިންނާ އެކު ވެސް ހީނަރުވެފައިވާ ގުޅުންތައް އަލުން އާލާކޮށް ބަދަހިކުރުމުގެ މަސައްކަތް މި އަންނަނީ ކުރަމުން،" ރައީސް ވިދާޅުވި އެވެ.
ބޭރުގައި ކިޔަވާ ދަރިވަރުންނާއި ދިރިއުޅޭ ދިވެހިންނަށް ކޮންސިއުލަ ހިދުމަތްތައް މި އަހަރުގެ ތެރޭގައި އިތުރަށް ފުޅާވެގެންދާނެ ކަމުގެ ޔަގީން ކަން ވެސް ދެއްވި އެވެ.
ރައީސް ވިދާޅުވި ގޮތުގައި ލާމެހިފައިވާ ކުޑަކުޑަ މުޖުތަމައަކަށް މުޅި ދުނިޔެ ބަދަލުވެފައިވާ އިރު ވީހާ ގިނަ ގައުމުތަކާ ގުޅުން ބަދަހިކުރުމަކީ ރާއްޖެ ފަދަ ކުޑަ ގައުމަކަށް މުހިއްމު ކަމެކެވެ. ދެކުނު އެފްރިކާ އާއި އެމެރިކާގެ ވޮޝިންޓަނާއި ރަޝިއާގައި ދިވެހި އެމްބަސީއެއް ގާއިމްކުރަން މަސައްކަތް ކުރަމުން އަންނަ ކަމަށް ވިދާޅުވި އެވެ.
ސައޫދީ އަރަބިއްޔާގެ ޖިއްދާގައި ވެސް ދިވެހި ކޮންސިއުލޭޓެއް ގާއިމްކުރަން ހަމަޖެހިފައިވާ ކަމަށް ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ ވިދާޅުވި ގޮތުގައި ސަރުކާރުގެ އަމާޒަކީ އިގްތިސާދީ ގޮތުން ބޮޑު ކުރިއެރުމެއް ހޯދުމެވެ. އެގޮތުން އެމަނިކުފާނުގެ ފަސް އަހަރުގެ ދައުރު ނިމޭއިރު ދައުލަތުގެ ރިޒާވް 1 ބިލިއަނަށް އިތުރުކުރައްވާނެ ކަމަށް ވިދާޅުވި އެވެ.
އެމަނިކުފާނު ވިދާޅުވީ މިހާރުގެ އިގްތިސާދީ މިންގަނޑުތަކަށް ބަލާއިރު ރާއްޖޭގެ އިގްތިސާދީ ދުވެލި މި އަހަރު ގާތްގަނޑަކަށް 7.6 ޕަސެންޓުގައި ހިފެހެއްޓޭނެ ކަމަށް ލަފާކުރެއްވޭ ކަމަށެވެ. އަދި އެވްރެޖް އިންފްލޭޝަން ރޭޓު، 1.3 ޕަސެންޓުގައި ހިފެހެއްޓޭނެ ކަމަށް ވެސް ލަފާކުރެއްވޭ ކަމަށް ވިދާޅުވި އެވެ.
"މިދިޔަ އަހަރު ނިމުނުއިރު، ދައުލަތުގެ ރަސްމީ ރިޒާވްގައި ހުރީ 757.8 މިލިއަން އެމެރިކާ ޑޮލަރު. މި އަހަރު ނިމޭއިރު ރާއްޖޭގެ ރަސްމީ ރިޒާވް ގާތްގަނޑަކަށް 803.4 މިލިއަން ޑޮލަރަށް އިތުރުވާނެ ކަމަށް ލަފާކުރެވޭ،" މަޖިލީހުގައި ފަސް ދައުރު ފުރިހަމަ ކުރައްވައި، ވެރިކަމަށް ވަޑައިގެން ފުރަތަމަ ރިޔާސީ ބަޔާނުގައި ރައީސް ވިދާޅުވި އެވެ.
"އަޅުގަނޑުގެ އިގްތިސާދީ އަމާޒަކީ ވެރިކަމުގެ ފަސް އަހަރު ނިމިގެންދާއިރު ރާއްޖެ އަށް އަހަރަކު ލިބޭ އާމްދަނީ 30 ބިލިއަން ރުފިޔާ އަށް އިތުރުކުރުން."
ރިޔާސީ ބަޔާން އިއްވަން ބޭއްވި ޖަލްސާ:
ރައީސް ވިދާޅުވީ ގައުމީ އާމްދަނީން ބޮލަކަށް ޖެހޭ ނިސްބަތް ކިތަންމެ މަތީގައި ހުއްޓަސް އެ އާމްދަނީން ސީދާ ރައްޔިތު މީހާގެ ޖީބަށް ވަންނަ މިންވަރު އަދިވެސް އިތުރު ނުވާ ކަމަށެވެ. ގިނަ ރަށްރަށުގެ ރައްޔިތުން އަދިވެސް ތިބީ އަސާސީ ޚިދުމަތްތަކުން މަހްރޫމްވެފައި ކަން ފާހަގަކުރެއްވި އެވެ.
އެފަދަ ރަށްރަށުގައި ސާފު ބޯފެނާއި ނަރުދަމާ ނިޒާމުގެ ޚިދުމަތް ގާއިމްކުރުމުގެ މަސައްކަތް މި އަހަރުގެ ތެރޭގައި ފަށާނެ ކަމަށް ވިދާޅުވި އެވެ.
"ވެރިކަމުގެ ފަސް އަހަރުގެ ތެރޭގައި އާބާދީގެ ކުޑަ ބޮޑު މިނަށް ނުބަލައި އެއް އުސޫލަކުން ހުރިހާ ރަށެއްގައި އެ ހިދުމަތް ގާއިމް ކުރެވިގެންދާނެ،" ރައީސް ވިދާޅުވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
އެޑަމް
08 February 2019
4000ހައުސިންޔުނިޓުދޭންވީކޮންބަޔަކައްތޯ؟މާލެހިއްކިބިމުން ވިލިމާލެއިން ހުޅުމާލެއިންބިމާ ފުލެޓު ދިންމީހުންގެތެރެއިންކިތައް % ޕަސެންޓު މީހުންތޯ އެތަންތާދިރިއުޅެނީ މިކަންބަލަހައްޓާ ފަރާތެއް ނުވަތަ މިކަންހުއްޓުވަން އެއްވެސްޤަވާޢިދެއްހެދި އެކަން ބަލަހައްޓާ ވެރިފަރާތްދިރިނޫޅެ ކުއްޔައްދިނީމައަޅާފިޔަވަޅެއްއޮވޭތޯ؟މިކަންހުއްޓޭނެގޮތަކީކުއްޔައްހިފައިގެންއުޅޭމީހަޔައްއެތަންވިއްކުމެވެ.
މައުމޫނު ވަހީދު
08 February 2019
ކޮން އުއްމީދީބަޔާނެއްގެ ވާހަކަ ތޯ!ކޮބާތޯ މަސްތުވާ ތަކެތީގެ ސަބަބުން ހަލާކުވެފަ އޮތް ޖީލުގެ ވާހަކަ!ކޮބާ ތޯ ބިދެސީން މަދުކުރުމުގެ ވާހަކަ!ގައުމީ ފެންވަރުގައި މިކަން ހައްލުކުރަން ނުވޭތޯ؟ގަލަން އޮތީ ތިބޭފުޅުން އަތުގައި ލިޔާނެ އެއްޗެއް ލިޔަން ވީ!
ސޭޓް
08 February 2019
"އަންނަ އަހަރުގެ ތެރޭގައި އިންކަމް ޓެކްސް ނަގަން ފަށާނަން". އައި ލަވް ދިސް ޝުކުރިއްޔާ މައި ޕްރެޒިޑެންޓް.
އަހަ
08 February 2019
ވަރަށް ފާޑެއްގެ ލިޔުމެއް
ނެތޭނެތޭނެތޭ
07 February 2019
ގައުމެއް ތަރައްގީ ވާނީ ގައުމުގައި އަހަރަކު އުފެއްދޭ ވަޒީފާގެ ފުރުސަތު ތަކަށޭ ސްޕެޝަލީ އަމިއްލަ ކުންފުނި ތަކުގައި އުފައްދާ ވަޒީފާ ތަކަށޭ އެގޮތުން ބަލާއިރު ރާއްޖޭގައި މިހާރު ކޮންމެ މަހަކު ރިސޯރޓެއް ހުޅުވެއޭ އެއިން ކޮންމެ ރިސޯރޓަކުން 200 މީހުންނަށް ވަޒީފާދެއޭ އެކަމަކު އެ 200 ވަޒީފާގެ %95 ވަޒީފާ ދެނީ ރާއްޖޭން ބޭރުމީހުންނަށޭ އެހުރިހާ މީހުންނަށް ދާއިމީ ވާރކްވިސާ ދެނީ އެއީ ސަރުކާރުން އިމިގްރޭޝަން އިންނޭ މިކަން ހައްލު ކުރާނެ ގޮތް ރައީސް ގެ ރިޔާސީ ބަޔާން
މިހާރުންމިހާރު
07 February 2019
ޔަގީންވެއްޖެ
ބަޗާއޮ
07 February 2019
ގައިދީންގެ ހައްގު ކަށަވަރުވީއިރު ފުރަތަމަ 100 ދުވަހު ތެރޭ ގޮތްނޭނގޭ 3 މަރެއް ހިނގައިފި. އޮޓޮޕްސީ ނަހަދާ 3 މީހުން ވަޅުލެވުމަކީ ހަމަ މިކަމުގެ ހެއްކެއް.
ފައޭ
07 February 2019
ރާއްޖޭގައި ވަޒީފާގެ ފުރުސަތު ތައް މިހާރު ވެސް ނެތީއެއް ނޫނޭ ވަޒީފާގެ ވަރަށް ގިނަ ފުރުސަތު ތައް ރިސޯރޓްސް ތަކުގައި އެބަހުއްޓޭ އެފުރުސަތު ތައް ދިވެހިންނަށް ވަނީ ދިވެހި ސަރުކާރު ސްޕެޝަލީ ރައީސް އޮފީހުގެ ޕޮލިސީ ޑިޕާރޓްމެންޓް ގެ ކަންނެތް ކަމުން ނުވަތަ ކޮރަޕްޓް ކަމުން ނުވަތަ ފަރުވާ ކުޑަ ކަމުން ނުވަތަ ގަމާރު ކަމުން އެމެން އެކަމާއި އަޅާނުލާތިބީތީވެ ރިސޯރޓްސް ތަކުގައު ހުރި ހުރިހާ މަތީ މަގާމް ތަކާއި މެދު ފަންތީގެ މަގާމް ތައް ބޭރުމީހުންނަށް ދީ ހުސްއަރުވާލާ
ޙަސަންދީ
07 February 2019
ހަޔާތުގައި ދުށް 5 ރައީސުންގެ ތެރެއިން އެންމެ އުންމީދީ އަދި ތަފްސީލީ ރިޔާސީ ބަޔާނެއް ލިބުނުފަހަރު ﷲގެ ވާގި ފުޅާއެކު ރިޔާސީ ބަޔާންގައިވާ ހުރިހާކަމެއް ފުރިހަމަވާނެ ކަމައް ހިތުގެ އެންމެ ފުންމިނުން ޤަބޫލު ކުރަން ....
ސައްނާ
07 February 2019
ރައްޔިތުންނަށް މިލިޔަން ރުފިޔާއަށް ކޮޓަރިއެއް ވިއްކަން ސަރުކާރުން އުޅުނީމާ އެއޮތީ އިންސާފު ގެއްލިފާ! ރައްޔިތަކު އަތަށް އެއްލައްކަ ރުފިޔާ ދީފަ އަމިއްލަޔަށް ކޮޓަރިއެއް ހަދާށޭ ބުންޏަސް އޭނަ މާބޮޑު ކޮޓަރިއެއް މާރީތިކޮށް ހަދާނެއެވެ. ރިއަލްއިސްޓޭޓް ވިތަފާރި ކުންފުންޏަކަށް ސަރުކާރު ބަދަލުވީމާ ރައްޔިތުންނަށް ވަނީ ގެއްލުން. އުސް އިމާރެއްގެމަތީ ކޮންމެހެން ކޮޓަރި ހުންނާކަށްނުޖެހެވެ. ބިމުން ރައްޔިތަކަށް އެންމެ އިންޗިއެއްވެސް ލިބިދޭން ބޭނުން ނުވަނީ ކީއްވެތޯ؟