ފްލެޓް ދޫކުރި ގޮތުގެ މައްސަލަތައް ބަލަން އެކުލަވާލި ކޮމެޓީއާ ރައީސް ބައްދަލު ކުރައްވަނީ. --ފޮޓޯ/މިހާރު
12 ފެބުރުއަރީ 2019 - 10:41
ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި ހުޅުވާލި ބޯހިޔާވަހިކަމުގެ މަޝްރޫއުތަކުގައި ނުހައްގުން ފްލެޓް ދީފައިވޭތޯ ބަލައި ކޮމެޓީން ގޮތް ނިންމާއިރު، ރައްޔިތުންނަށް ވީހާވެސް ލުއި ފަސޭހަ ގޮތަކަށް އެކަން ކުރަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އިއްޔެ އެދިވަޑައިގެންފި އެވެ.
ކުރީގެ ސަރުކާރުން "ހިޔާ"، އަދި "ގެދޮރުވެރިކަމުގެ" މަޝްރޫއުން ފްލެޓްތައް ދޫކުރީ ބޭއިންސާފުން ކަމަށް ބުނެ އެކަމުގެ ޝަކުވާ ބޮޑެވެ. ކޮރަޕްޝަން ހިމެނޭ ގޮތަށް ނުހައްގުން ފްލެޓް ބެހި މީހުންނާ ދޭތެރޭގައި ފިޔަވަޅު އަޅައި ފްލެޓް ދޫކުރުމުގައި އިންސާފުވެރި ނިޒާމެއް ގާއިމްކުރުމަކީ، ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ވެރިކަމުގެ 100 ދުވަހުގެ ތެރޭގައި ފުރިހަމަ ކުރައްވަން ވެވަޑައިގަތް ވައުދެކެވެ.
އެ ވައުދު ފުއްދަން ހަވާލުކުރި ކޮމިޓީން އިއްޔެ ވަނީ ރައީސާ ބައްދަލުކޮށްފަ އެވެ.
އެ ބައްދަލުވުމުގައި، މިހާތަނަށް ފާހަގަކުރެވުނު މައްސަލަތަކުގެ އިތުރުން ކޮމެޓީގެ މަސައްކަތްތައް ކުރިއަށް ގެންދާ ގޮތް ވެސް ރައީސަށް ހުށަހެޅި އެވެ.
ރައީސް އޮފީހުން ބުނިގޮތުގައި، ފްލެޓްތައް ދޫކޮށްފައިވާ ގޮތުން ފާހަގަވި މައްސަލަތައް ވީހާވެސް އަވަހަށް މީޑިއާއާ ހިއްސާކޮށް ދެއްވަން ރައީސް ވަނީ އެދިވަޑައިގެންފަ އެވެ. އެއާއެކު، މައްސަލަތައް ނިންމުމުގައި ރައްޔިތުންނަށް ވީހާވެސް ލުއިފަސޭހަވާނެ ގޮތަކަށް ނިންމައިދޭން ވެސް ރައީސް އެދިވަޑައިގަތެވެ.
އެ ކޮމެޓީގެ ޒިންމާގެ ތެރޭގައި ފްލެޓަށް ހުށަހަޅާފައިވާ މީހުންގެ ޝަރުތު ހަމަވޭތޯ ބެލުމާއި ހުށަހަޅާފައިވާ މައުލޫމާތުގެ ސައްހަކަމާއި ޕޮއިންޓް ދީފައި ވަނީ އުސޫލާ އެއްގޮތަށްތޯ ބެލުން ހިމެނެ އެވެ.
ނުހައްގުން ފްލެޓް ދީފައިވޭތޯ ވެސް ބަލައި އެފަދަ މައްސަލަތަކާމެދު ގޮތް ނިންމުން ވެސް ހަވާލުކޮށްފައި އޮތީ ކޮމެޓީއާ އެވެ. އަދި ކޮރަޕްޝަނަށްވާ ގޮތަށް ފްލެޓް ދޫކުރުމުގެ މަސައްކަތުގައި އުޅުނު މީހުންގެ މައްސަލަތައް ބަލައި އެމީހުންނާ މެދު ވެސް ގޮތެއް ނިންމާނީ އެ ކޮމެޓީން ކަމަށް ރައީސް އޮފީހުން ވަނީ ބުނެފަ އެވެ.
ޔާމީންގެ ސަރުކާރުގައި ފުރަތަމަ ހުޅުވާލި މަޝްރޫއުން 700 ފްލެޓް ދޫކުރީ، މަތިން މާކްސް ލިބުނު މީހުން ބާކީކޮށްފައި، އެއަށް ވުރެ ދަށުން ލިބުނު މީހުންނަށް ކަން ސާބިތުވާ ލިއުންތަކާ އެކު ކަމާބެހޭ އިދާރާތަކަށް މައްސަލަ ވެސް ހުށަހެޅި އެވެ. އެ މައްސަލަތަކަށް އިންސާފު ނުލިބި ވަނިކޮށް، ދެ ވަނަ މަޝްރޫއުގައި 7،000 ފްލެޓަށް ހުޅުވާލައި، އެ ފްލެޓްތައް ދިނީ ހައްގުވެރިންނަށް ނޫން ކަމުގެ ތުހުމަތު ކުރެ އެވެ.
އެކަމަކު ކުރީގެ ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެފައި ވަނީ ފްލެޓްތައް ދޫކޮށްފައި ވާނީ، ހުށަހެޅި މައުލޫމާތުތަކަށް ބަލައި އިންސާފުވެރިކަމާ އެކުގައި ކަމަށެވެ. ދެ މަޝްރޫއުން ފްލެޓް ދީފައިވާ މީހުންގެ އަތުން ފްލެޓް އަތުލުން ވާނީ ވަރަށް ބޮޑު ބޭއިންސާފެއްގެ ގޮތުގައި އޭނާ ވަނީ ސިފަކުރައްވައިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ކިނބޫ
12 February 2019
އެއްކަލަ "ރައްޔިތުން"ގެ ވާހަކަ. "އަސްލު ރައްޔިތުން"ނަށް ލުއިފަސޭހަ ކޮށްދޭތި ކޮންމެހެންވެސް.
ހައްޤުވެރިޔާ
12 February 2019
ތިހުރިހާ މައްސަލައެއް ނުޖެހޭނެ ހައްޤުވެ ފުލެޓް ނުލިބުނު މީހުންނަށް ގޯތިދީ، އޭރުން އެމީހުން އަމިއްލަޔަށް ލޯނުނަގައިގެން ހަދާލާނެ
މިސްރާބު
12 February 2019
މިކަން މިވީގޮތުން ނިމޭނީ "މައްސަލަތައް އެބަހުރި އެކަމަކު ރައީސް މީހާ ރައްޔަތުންނަށް ލުއި ކޮށްދިނުމުގެ ގޮތުން އެއްވެސް މިހއްގެ އަތުން ފްލެޓު ނުނެގުމަށް ނިއްމައިފި." މީގެ ތަރުޖަމާއަކި ހޯދައި ހޯދައި އެބުނާ ނުހައްގުން ދިން ފްލެޓެއް ނުފެނުނު.
ހުޅުމާލެ ހަސަން
12 February 2019
އެމްޑީޕީ ހައުސިން މިނިސްޓަރ ހުޅުމާލޭ ހެދި ފުލެޓް ތަކުގެ ސީޓް ވެއްޓި ފުލޯގަ ހުރި މުށިތައް އަރާ ފާހާނާ ސީޓުން ފެންލީކުވަނުން ދާއިރު ވެސް ކުލިދައްކަން މިޖެހެނީ 7350 ރުފިޔާ.. ތަނުގަ 3 ކޮޓަރި ފުލެޓޭ ކިޔާފަ މިހުރީ 1 ކޮޓަރިފާހާނާ އެކު. ދެންމިހިރީ 2 ގުދަން.. މިތަން ތަނައް ދޭންބުނި ސަބްސިޓީވެސް ނުދޭ..
ސުހޭލު
12 February 2019
އިންސާނުން ދިރިއުޅެން ހަދާ ތަންތަން ހުންނާނީ ތިގޮތަށް. މިހާރު އެ ހަދާ ތަންތަން އިންސާނުން އުޅެން ކަމަކުނުދޭ.
މާލޭ ހުސެން
13 February 2019
ތިޔަބުނާ ތަންތަން ހަދާން ފެށިއިރަށް އެމްޑީޕީގެ ވެރިކަން ވައްޓާލާފާއި އެތަންތަން ނިންމީ ތިޔަ މުއިއްޒު. އެތަންތަން ދޫކުރީ މުއިއްޒު. އަގު ކަނޑައެޅީ ޔާމީނާއި މުއިއްޒު.
ނަންވާ
12 February 2019
މުއިޒު ގާތް ކުދިންނަށް ބެހި ފްލެޓުތައް. ހައްގުވެރި އެތައް ބައިވަރު ނިކަމެތިންނެއް މިހާރުވެސް އެބަ ތިބި. ކޮބާ އެމީހުންގެ ހައްގު؟
މަ މާލެ
12 February 2019
މާލޭ ގެ ރައްޔިތަކައްނޫނީ ފުލެޓުނުދޭތި އެމީހަކު ރައްވެހިވެފައިވާ ރަށުން ބޯހިޔާވެހިކަން ދޭންވީ.
ކިނބޫ
12 February 2019
އެބައެއް އަތުން ނަގާ ޓެކްސް ފައިސާ އެބަޔަކު ރަށްވެހި ވެފައިވާ ތަނެއްގެ ތަރައްގީއަށް ޚަރަދު ކުރަންވެސް ވާނީ. ސަޅިވާނެނު.
މާލެ މީހާ
12 February 2019
މާލޭގެ ރަަށްވެހިންނަށް ބިމުގެ ދަތިކަން ހައްލު ކުރުމަށް ހެދި ހުޅުމާލޭގައި ފްލެޓް ހަދާފަ މާލޭގަ ނުވެސް އުޅޭ އާއިލާ ތަކަށް އެބަހުރި މިފަހުން ވެސް ފުލެޓު ލިބިފަ. ދެން އެކަންތަށް ބަހައްޓާ، ރާއްޖެތެރެ ރަށްތައް ތަރައްްޤީކޮށް އެރަށުގެ ވެރިން މާލޭގަ ކުލިދައްކައިން އުޅެންނުބަހައްޓާ އެރަށް ތަކުގައި އިތުރު ފްލެޓް އެޅުން މުހިންމީ
މަހަށްދަގަ.
12 February 2019
ހުޅުމާލެއަކީ މާލޭ މީހުންގެ ފައިސާއިން ހިއްކި މާލޭ މީހުންގެ އެކަނި ބިމެއްތަ؟ ދިވެހި ރައްޔިތުންގެ ފައިސާ އެއީ.. ހުރިހާ ދިވެހިންގެ ހައްޤެއް.. ޤާނޫނު އަސާސީގަ ކަށަވަރުކޮށްދޭ އަސާސީ ހައްޤެއް އެމީހަކު ބޭނުން ރަށެއްގަ ރައްވެހިވުމާ ރަޖިސްޓްރީވުމަކީވެސް.. މާލޭ މީހުންނަށް ވެސް އެ ހައްޤު އޮވޭ..
މަހަށްދަގަ333232
13 February 2019
މާލޭމީހުންނަށް ފްލެޓްވެސް ގޯތިވެސް ލިބޭނީ މާލެ އުފަން މާލެ މީހުންނަށް. އެ ރަށެއްގެ އުފަން ބަޔަކަށް އެ ރަށެއްގަ އަޅާ ފްލެޓް އަދި ގޯތިވެސް ލިބޭނެ. މާލެ އަށް އެންމެ އައީމަ މާލެގެ ރައްޔިތުންގެ ހައްގުތައް އެ ގެއްލެނީ. ދަފްތަރު ކިޔައިގެން ބޮޑެތި މަކަރު ހަދާ. ދަފްތަރުގެ ޖެހޭ ކޮންމެ މީހަކަށް ފްލެޓެއް ނުދެވޭނެ. އެއީ ވާނެ ކަމެއްނޫން. މުޅި ރާއްޖެއަށްވެސް ރަގަޅުވާނީ އެހެން ދާއިރާތައް ތަރައްގީކުރީމަ. މާލެއަށް މީހުން ޖަމާކުރާކަށް ނެޖެހޭ.
ހަނާން
12 February 2019
ރައްޔިތުންގެ ވެރިކަން
ގޯތިނެތްމީހާ ރެފިއުޖީމީހާ
12 February 2019
ތިފްލެޓްތަކެއް އަތުލައިފިއްޔާ ވަރަށް ބޮޑު ހަމަނުޖެހުންގަނޑެއް ހިނގާނެ މިގައުމުގަ. އެއަވުރެން ރަނގަޅީ ތިޔަ 4 ހާސް ފްލެޓް އަޅަންފެށުން މިއަހަރުތެރޭގަ.
ްއަފްރާދު
12 February 2019
ފްލެޓް ދޫކުރުމަށް އިޢްލާން ކުރާކޮންމެ ފަހަރަކު ބޮޑު ކިޔޫއެއްގައި ދުވާލުދާ ހަތަރު ދަމު ރަތްދައްކާ އަވީގާ ބޯފިގެލައިގެން ހުށަހަޅާ ކޮންމެ ފޯމެއް ކޮންމެވެސް ބަހަނާއެއް ދައްކައިގެން ޝަރުޠު ހަމަނުވެޔޭ ބުނެ ބާޠިލް ކޮށްލުމަކީ ރައްޔިތު މީހާއަށް އުފުލަން ޖެހޭ ބޮޑުތަކުލީފަކަށް ނުވެދާނެތޯ އެއްވެސް ފަރުދަކަށް ފޯމް ހުށަނޭޅެ ގޮތަށް ޝަރުތުތައް ބަދަލުކުރުމަކީ ހައްޤުން މަޙްރޫމް ކުރުމަކަށް ނުވެދާނެތޯ