އަލްޖަޒީރާ އިން ތައްޔާރުކުރި އެމްއެމްޕީއާރުސީގެ ހިޔާނާތުގެ ޑޮކިއުމެންޓްރީގެ ޓްރެއިލާއަކުން ނަގާފައިވާ ސްކްރީން ޝޮޓެއް.
15 ފެބުރުއަރީ 2019 - 08:07
މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް (އެމްއެމްޕީއާރުސީ) އިން ދައުލަތަށް ވަންނަން ޖެހޭ ފައިސާ އެސްއޯއެފްގެ އެކައުންޓްތަކަށް ޖަމާކޮށް، އެ ފައިސާ އިން މަނީ ލޯންޑެރިން ކަމަށް ތުހުމަތު ކުރެވޭ މުއާމަލާތްތައް ހިންގި އިރު އެކަން ހުއްޓުވަން އެމްއެމްއޭ އިން އިހުމާލުވެފައިވާ ކަން އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ގެ ތަހުގީގު ރިޕޯޓުން ހާމަވެއްޖެ އެވެ.
އެމްއެމްޕީއާރުސީގެ 1.3 ބިލިއަން ރުފިޔާގެ ހިޔާނާތް ތަހުގީގުކޮށް ދެ އަހަރު ފަހުން އޭސީސީން އިއްޔެ ވަނީ ތަފްސީލް ރިޕޯޓް އާއްމުކޮށްފަ އެވެ.
އެ ރިޕޯޓުގައިވާ ގޮތުން އެމްއެމްޕީއާރުސީގެ އެކައުންޓަކުން، ކުރީގެ ނައިބު ރައީސް އަހްމަދު އަދީބުގެ އެކުވެރިންގެ ކުންފުނި، އެސްއޯއެފަށް 59 މިލިއަން ރުފިޔާގެ ޗެކެއް ޖަމާކުރުމުގައި، ޝައްކު އުފެދޭ ކަންތައްތަކެއް ހުރުމުން އެމްއެމްއޭގެ ފައިނޭންޝަލް އިންޓެލިޖެންސް ޔުނިޓު (އެފްއައިޔޫ) އަށް އެކަން ހުށަހެޅި އެވެ. ޝައްކު އުފެދޭ ޓްރާންސެކްޝަންތަކުގެ ތަފްސީލް ވެސް ފޮނުވި ކަމަށް އޭސީސީން ބުންޏެވެ.
އޭސީސީން ހުށަހެޅި އެސްއޯއެފްގެ މައްސަލަ އެފްއައިޔޫ އިން ބަލައި ރިޕޯޓެއް ވެސް ތައްޔާރުކުރި އެވެ. އޭގައި، ޖުލައި، 2014 އިން ފެށިގެން ރާއްޖޭގެ އެކި ބޭންކްތަކުގައި އެސްއޯއެފުން ހުޅުވި އެކައުންޓްތައް ދިރާސާކުރި އިރު، އެމްއެމްޕީއާރުސީގެ 18 މިލިއަން ޑޮލަރު ވަދެފައިވާ ކަން އެފްއައިޔޫ އަށް އެނގުނު ކަމަށް ރިޕޯޓާ ހަވާލާދީ އޭސީސީން ބުންޏެވެ.
އެފްއައިޔޫގެ އެނަލިސިސް ރިޕޯޓާ ހަވާލާދީ އޭސީސީން ބުނީ އޮގަސްޓު 2014 އިން އެ އަހަރުގެ ނޮވެމްބަރު މަހުގެ ނިޔަލަށް އެމްއެމްޕީއާރުސީން މުޅި ޖުމްލަ 9،100،000 ޑޮލަރު އެސްއޯއެފްގެ އެކައުންޓްތަކަށް ޖަމާކުރި ކަން އެފްއައިޔޫގެ ތަހުގީގުން އެނގެން އޮތް ކަމަށެވެ.
އެކަމަކު އެސްއޯއެފަކީ އެހާ ބޮޑެތި ޓްރާންސެކްޝަންތައް ހިންގޭވަރުގެ ގާބިލް ކުންފުންޏެއް ކަމެއް، އެ ކުންފުނީގެ ވިޔަފާރި ފައިދާ އާއި އެކައުންޓް ބެލެންސް އިން ނުދައްކަ އެވެ. އެ ޓްރާންސެކްޝަންތަކަކީ އެ ކުންފުންޏާ ނުބައްދަލު ޓްރާންސެކްޝަންތަކެއް ކަން އެފްއައިޔޫ އިން ފާހަގަކޮށްފައިވާ ކަމަށް އޭސީސީގެ ތަހުގީގަށް އެނގިފައިވެ އެވެ.
އެސްއޯއެފްގެ މުއާމަލާތްތައް އާދަޔާޚިލާފު ނަމަވެސް، އެފްއައިޔޫ އިން ނިންމީ، އެ ޔުނިޓުން ބެލި ބެލުމުގައި، މަނީ ލޯންޑެރިންގެ އެއްވެސް އަމަލެއް ނުވަތަ މަނީ ލޯންޑެރިންއާ ގުޅިފައިވާ ކުށެއް ކަމަށް ޝައްކު ކުރެވޭ ވަރުގެ އެއްވެސް ހެއްކެއް ލިބިފައި ނުވާ ކަމަށެވެ. ރިޕޯޓުން ފާހަގަވި ކަންކަން އިތުރަށް ތަހުގީގު ކުރަން ކަމާ ގުޅޭ އިދާރާއަކަށް ފޮނުވަން އެފްއައިޔޫ އިން ބޭނުމެއް ނުވި އެވެ.
މަނީ ލޯންޑެރިންގެ ހެކި ލިބިފައި ނުވާ ކަމަށް އެފްއައިޔޫ އިން ބުނާ ވާހަކަ އޭސީސީން ގަބޫލެއް ނުކުރެ އެވެ. ސަބަބުތައް ތަހުގީގު ރިޕޯޓުގައި ހިމަނާފައިވެ އެވެ.
- ބީއެމްއެލް އާއި ބޭންކް އޮފް ސިލޯން މެދުވެރިކޮށް، އެސްއޯއެފް އިން ބޮޑެތި އަދަދުތަކުގެ މުއާމަލާތްތައް ހިންގި ސަބަބު އެފްއައިޔޫ އިން ޔަގީނެއް ނުކުރި.
- ދައުލަތުގެ ކުންފުންޏަކުން (އެމްއެމްޕީއާރުސީން) ގިނަ އަދަދެއްގެ ފައިސާ އެސްއޯއެފް އެކައުންޓަށް ޖަމާކުރުމަށް ފަހު، ފައިސާގެ ގޮތުގައި ވިތުޑްރޯކޮށްފައި ވިޔަސް އެކަން ނުބެލުން.
- އެސްއޯއެފް އަށް ޖަމާކުރި ފައިސާ އަކީ އެ ކުންފުނިން ފޯރުކޮށްދިން ޚިދުމަތަކަށް އެމްއެމްޕީއާރުސީން ދޫކުރި ފައިސާ ކަން ފައިނޭންޝަލް ސްޓޭޓްމެންޓްތަކުން ފެންނަން ނެތުން.
- އެމްއެމްޕީއާރުސީން އެސްއޯއެފަށް ފައިސާ ޖަމާކުރުމާ ގުޅިގެން ބޭންކް އޮފް މޯލްޑިވްސް އިން ހޯދަން ބޭނުންވި މައުލޫމާތު އެސްއޯއެފް އިން ނުދިން ކަން އެފްއައިޔޫ އަށް އެނގި ތިބެ އަޅާނުލުން.
- އެފްއައިޔޫގެ ޒިންމާ އަކީ މަނީ ލޯންޑެރިން ކަމަށް ޝައްކު ކުރެވޭ މުއާމަލާތްތައް އިތުރަށް ތަހުގީގު ކުރަން ކަމާ ބެހޭ މުއައްސަސާތަކަށް ފޮނުވުން ކަމަށް ވިއަސް އެ ޒިންމާ އަދާކޮށްފައި ނުވުން.
އެސްއޯއެފް އެކައުންޓުތަކަށް ވަން އެމްއެމްޕީއާރުސީގެ ފައިސާ އަކީ މަނީ ލޯންޑެރިން އަށް ޝައްކު ކުރެވޭ ގޮތަށް ދައުރުވެފައިވާ ފައިސާ ކަމަށް ޝައްކުކުރާނެ ކަމެއް އެފްއައިޔޫ އަށް ނުފެނުނަސް، އޭސީސީން ބުނެފައި ވަނީ، އެއީ މަނީ ލޯންޑަރިން އަށް ޝައްކުކުރެވޭ ގޮތަށް ދޫކުރި ފައިސާ ކަން އެ ކޮމިޝަނުގެ ތަހުގީގަށް ފާހަގަވެފައިވާ ކަމަށެވެ.
ކުރީގެ ގަވަރުނަރު އަޒީމާ: ބޭރުގައި ދިރިއުޅުއްވަމުން ގެންދަވާ އަޒީމާ، އޭސީސީގެ ތަހުގީގަށް ހާޒިރުވާން ވެސް އެންގި. --ފޮޓޯ/މިހާރު
އޭސީސީގެ ތަހުގީގުގައި އެ ކޮމިޝަނުން ވަނީ، އެފްއައިޔޫގެ ކުރީގެ ހެޑް، އިބްރާހިމް އާތިފް ޝަކޫރުގެ ބަޔާން ނަގައިފަ އެވެ.
އެ ބަޔާނުގައި އާތިފް ވިދާޅުވެފައި ވަނީ، އެސްއޯފުން ބޮޑެތި އަދަދުތަކުގެ މުއާމަލާތް ހިންގުމާއި އެ ފައިސާ ވަންނަނީ ކޮން އެކައުންޓްތަކަކަށް ކަން އެފްއައިޔޫގެ ރިޕޯޓުން އެނގެން އޮތުމާ އެކު އެކަން އިތުރަށް ތަހުގީގު ކުރަން ޖެހޭނެ ކަމަށް އޭރުގެ ގަވަރުނަރަށް ދެންނެވި ކަމަށެވެ. ބަޔާނުގައި ނަން ވިދާޅުވެފައި ނުވި ނަމަވެސް އޭރު ގަވަރުނަރަކަށް ހުންނެވީ އައިޝަތު އަޒީމާ އެވެ.
އެކަމަކު އެކަން ތަހުގީގު ކުރަން ފުލުސް އޮފީހަށް ހުށަހަޅަން އިންކާރު ކުރައްވައި އަޒީމާ ނެންގެވީ އެ ޔުނިޓުގައި މުވައްޒަފުން މަދު މައްސަލަ ކަމަށް އާތިފް ވިދާޅުވި އެވެ.
ރާއްޖޭގެ މަރުކަޒީ ބޭންކްގެ ފައިނޭންޝަލް އިންޓެލިޖެންސް ޔުނިޓްގެ ކުރީގެ ވެރިޔާ އިބްރާހިމް އާތިފް.
ތަހުގީގަށް އޭނާ ވިދާޅުވި ގޮތުގައި، އެފްއައިޔޫގައި އޭރު ތިބީ އެންމެ ހަތަރު މުވައްޒަފުން ކަން ފާހަގަކުރައްވައި ގަވަރުނަރު ވިދާޅުވެފައި ވަނީ އެ ޔުނިޓުން އެ ވަގުތު މަސައްކަތް އަމާޒުކުރާނީ ބޭރު ގައުމުތަކުން ހިންގާ ވަގު ފައިސާގެ ޓްރާންސެކްޝަންތައް ބަލައި ދިރާސާކުރަން ކަމަށެވެ. އެ މައްސަލަތައް ފިޔަވައި އެހެން ކަންކަން އެ ވަގުތު ބެލޭނެ ރިސޯސަސް ނެތް ކަމަށް އަޒީމާ ދާޅުވި ކަމަށް އާތިފާ ހަވާލާ ދެއްވައި އޭސީސީގެ ބަޔާނުގައިވެ އެވެ.
އަޒީމާ އަށް އެފްއައިޔޫގެ ރިޕޯޓް ހުށަހެޅި ކަމަށް އާތިފް ވިދާޅުވި ނަމަވެސް އޭސީސީގެ ތަހުގީގަށް ބަޔާން ދިން އެތަނުގެ އެހެން މުވައްޒަފަކު ބުނެފައި ވަނީ، އެސްއޯއެފްއާ ގުޅޭ ރިޕޯޓް އަޒީމާ އަށް ހުށަހެޅި ކަން ޔަގީން ނޫން ކަމަށެވެ.
އެފްއައިޔޫން މި މައްސަލައިގައި އިހުމާލުވެފައި ވަނީ، އެސްއޯއެފްގެ މުއާމަލާތްތައް އިތުރަށް ތަހުގީގު ނުކޮށް، މަނީ ލޯންޑެރިންގެ އަމަލެއް ކަމަށް ޝައްކު ކުރާނެ ޖާގަ ވެސް ނެތް ކަމަށް ނިންމާފައި ވުމުންނެވެ.
އޭސީސީން ނެރުނު ތަފްސީލް ރިޕޯޓުގައިވާ ގޮތުން ޓޫރިޒަމަށް ރަށްތަކާއި ފަޅުތައް ދޫކޮށްގެން، އެކުއިޒިޝަން ކޮސްޓުގެ ގޮތުގައި ދައުލަތަށް ލިބެން ޖެހޭ ފައިސާ އެސްއޯއެފަށް ޖަމާކޮށް، އެ ފައިސާ ލޯންޑަ ކޮށްފައިވެ އެވެ. އެ ފައިސާ ލޯންޑަ ކުރަން ޑޮލަރުގެ ވިޔަފާރި ކުރާ ބޮޑު ނެޓްވޯކެއް ބައިވެރިކުރި އެވެ.
އެސްއޯއެފްއާ އެކު އެތައް މިލިއަން ޑޮލަރުގެ މުއާމަލާތް ހިންގި މީހުންގެ ނަން، ވެސް ރިޕޯޓުގައި ވެ އެވެ. އޭސީސީން ބުނެފައިވާ ގޮތުގައި އެސްއޯއެފުން ޑޮލަރު ޖަމާކޮށްފައިވާ ބައެއް އެކައުންޓްތަކަކީ، އެ ޖަމާކުރާ އަދަދަށް ޑޮލަރު ގަތުމުގެ ފައިސާ ހުރި އެކައުންޓްތަކެއް ވެސް ނޫނެވެ.
އެސްއޯއެފް އިން ޑޮލަރު ޖަމާކޮށްފައިވާ ކަމުގެ އިތުރުން، އޭގެ ބަދަލުގައި ރުފިޔާ އެސްއޯއެފް އަށް ލިބުނު ކަން އެނގޭ ފަދަ އެއްވެސް ލިޔެކިޔުމެއް ނެތް މުއާމަލާތްތަކެއް ވެސް ހިމެނެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އިހުމާލު
16 February 2019
މި އާޓިކަލްގެ ހެޑިން ވަރަށް ކަޑަ. ބަޔަކު ވައްކަން ކުރީމާ އިހުމާލު ވަނީ އެހެން ބައެއް ދޮއްތޯ. ދައުލަތުގެ ފައިސާއާ ބެހޭ ކަންކަމުގެ ގާނޫނު ހަދަނީ އެމް އެމް އޭއިން. ގާނޫނޫގެ ދަށުން އެއޮތީ މިނިމވަން ކޮށް ހިންގާ އެފް އައި ޔޫއެއް ހަދާފައި. މ މ ޕ ރ ސ ގެ މައްސަލަ ޖެހުނު އިރު އެފް އައިޔޫގައި ހުރީ އާތިފް ޝަކޫރު. އާތިފްގެ ޒިންމާއެއް އެއީ އެ މައްސަލަ ބެލުން ގާނުނުން ގަވަރުނަރަކަށް ބާރެއް ނޯންނާނެ ހުއްޓުވާކަށް އަވަސް ކުރާކަށް.
ފަޒީނާއަށް
16 February 2019
ލިޔުން ތެރިޔާ ފަޒީނާއަށް. ތިޔަލިޔުނު ރިޕޯޓުގައި މަދު ތަންކޮޅެއް އިތުރުކޮށްލަދޭނަން. އެފް އައި ޔޫ އަކީ ވަކި ގާނޫނެއްގެ ދަށުން ހިންގާ އެމް އެމް އޭގެ ގަވަރުނަރުގެ ބާރު ނުފޯރުވޭ ދައުލަތުގެ ގުނަވަނެއް. މައްސަލަގަނޑު ބޮޑުވިިއިރު އެފް އައިޔޫގެ ވަރިޔަށް ގާނޫނީ ގޮތުން މަތިކޮށްފައިއޮތް ޒިންމާ އަދާކުރުމަކީ އޭރު އެތަނާ ހަވާލުވެ ހުރި އާތިފް ޒިންމާއެއް. އަޒީމާގެ ގާނޫނީ ޒިންމާއެއް ނޫން. ކަޕޫރު އެއޮތީ އޭސީސީއަށް ދޮގު މަޢުލޫމާތު ދީފައި. މި ދިރާސާ ކޮލާ.
ޝީޒާ
15 February 2019
އެމްއެމްއޭ އަކީ މުސްކުޅި ވެރިންތަކެއް މަތީ ފަނޑީގައި ރެދެލި ކުރަމުންދާ ޒަމާނީ އަދި ޓްރާންސްޕެރެންޓް މުއައްސަސާއެއް ނޫން. އެތާގައި ގިނައީ 8 ކުން ހަވީރު 4 ބޭކާރު އަނގަ ތަޅަން ތިބޭ ވެރިން. ކިޔަވައިގެން ތިބޭ މީހުންނަށް ފުރުސަތެއް ނެތް. އަންނަ ގަވަރުނަރުންވެސް ބަލަނީ މި ގުރޫޕް ހައްދައިގެން ގެންގުޅެވޭތޯ.
ދަތްނެތްކުއްޖާ
15 February 2019
މިކަމަކީ އެމް އެމް އޭ އާއި ބެންކް އޮފް މޯލްޑިވްސް ގެ އިސް ވެރިންތައް ބައިވެރި ވެގެން ރައްޔިތުންގެ ޙަޒާނާގެ ތެރެއިން ހިންގާފައިވާ ބޮޑު ޖަރީމާތަކެއް. މިކަންކަމުން ރެކެންވެގެން އޭރުގެ ގަވަރުނަރު އާޒިމާ އާއި ބެންކް އޮފް މޯލްޑިވްސް ގެ އިސްފަރާތް މަޤާމު ގައި ހުރި އެންޑްރޫއޭ ކިޔާ މި ދެމީހުން މިހާރު އެތިބީ ޤައުމު ދޫކޮއް ފިލައިގެން. މިހެންކަމުން މިވެރިން ރާއްޖެގެނެސް މި ކަމުގެ ޙައްޤު އަދަބު މިވެރިން ނަށް ދިނުމަށް މި ސަރުކާރަށް މަމެން ރައްޔިތުން ގޮވާލަން.
ރިހިވެލި
15 February 2019
މި މައްސަލާގައި މުޅި ދައުލަތް އޮތީ ފޭލް ވެފައި.ނަމަވެސް ރާއްޖޭގައި ކަންހިނގާ ބީދައިން އޭރުގެ އިދިކޮޅު ފަރާތްތަކުންވެސް މަސައްކަތް ކުރީ ހަމައެކަނި ވަކި ފަރާތެއްގެ ބޮލުގައި މި ކަން އެޅުވާ ސިޔާސީ ފައިދާ ނެގުމަށް. ކަރަޕްޝަން ނައްތާލެވޭނީ ސިޔާސީ ހަތިޔާރެއްގެ ގޮތުގައި ކަރަޕްޝަން ޢަމަލުތައް ބޭނުން ނުކޮށް އިޚްލާޞްތެރިކަން ކުރިޔަށް ނެރެގެން.
ގާސިމް
15 February 2019
އިހްމާލު ވަރަށް ބޮޑު! ހާއްސަކޮށް އޭރު އެމެއެމްއޭގެ ވެރިން. މިހާރު އެބޭފުޅުން ތިބި ތަންތަނުން އިސްތިއުފާ ދެއްވާ!
ދާދޭ
15 February 2019
ތިޔަ ރިޕޯޓަކީ ޙަގީގަތާ ވަރަށް ދުރުން އަދި މުހިންމު މީހުން ހައިޑްކޮށް ލިޔެފައިވާ ރިޕޯޓެއް. ރިޕޯޓްގައިވާ ގިނަފަރާތްތަކަކީ އަދީބު ގެންގުޅުނު ޑޮލަރ ތަކުގެ ހަގީގަތް ރަނގަޅަށް ދެނެތިބި ބައެއް.
ޙިނި
15 February 2019
ގާސިމު ރީކޯ މޫސަ ކީއްވެ އިސްތިއުފާ ނުދިނީ، މިދެމީހުންވެސް ބޮޑު ކޮރައްޝަނުން ފައިދާ ހޯދި، އަދި ޗަންޕާ ކަހަލަ އަމިއްލަ ވިޔަފާރި މިކޮރަޕްސަނުން ފައިދާ ހޯދި އަމިއްލަ ވިޔަފާރިވެރިން ނައްެސް ފިޔަވަޅު އެޅެންޖެހޭ. ޢެމްއެމްޕީ އާރުސީ ގެ މިމައްސަލަ ގަންޑުކޮއް ނުބަލާ ފައިސާ ނެދި އަދަދުގެ ނިސްބަތުން ކޮންމެ މީހަކައް ވަކިވަކިން ދައުވާކުރެވެންޖެހޭ
ޖަމްޝީދް
15 February 2019
އަޒީމާ ޒިންމާ ވާންޖެހޭ އަދިި ބީއެމްއެލްގެ ކަމާގުޅޭ މުއައްޒަފުން. ދައުލަތުން ގެއްލުނު ފައސާތައް މިކަމާ ގުޅިފަހުރި އެންމެންގެ މުދާތައް ވިއްކައިގެން ވިޔަސް ހޯދަންޖެހޭނެ. ކޯޓުތަކުގެ ފެންވަރު ހުރިއްޔާ އަހަރެމެން މިހާރުގެ ވެރިޔާއަށް އިތުބާރު އެބައޮތް މިކަން ވާނެކަން
ކުޅުދުއްފުށި ހަސަން
15 February 2019
މަހްލޫފްއަށް ލިބުނީ އޭނާއަށް ހައްގު ފައިސާ، މަހޭ އަކީ ޔާމީންއާ ދެކޮޅަށް މަސައްކަތްކުރި ކެރޭ ދަރިއެއް، ކޮރަޕްޝަނާއި ދެކޮޅަށް މަހޭ އަޑުއުފުލާ ކުރި މަސައްކަތުގެ ބަދަލު ލިބެންޖެހޭ