މަންޓާ އެއާގެ ކެޕްޓަން ހަނީފް: ހަޔާތުގެ ބޮޑު ބައި އުދުހުމުގައި!

އެއާ މޯލްޑިވްސް އިން ޕައިލެޓުން ހޯދުމަށް އިއުލާނު ކުރުމާ އެކު ކުރިމަތިލީ ވަޒީފާ ލިބޭނެ ކަމުގެ އުންމީދުގަ އެވެ. އެއީ ރާއްޖޭގައި މާ ގިނަ ޕައިލެޓުން މަސައްކަތް ކުރި ދުވަސްވަރެއް ނޫނެވެ. އަމިއްލަ އަށް ޕައިލެޓްކަން ކިޔަވާ އުޅުނީ މަދު ކުއްޖެކެވެ. އެ ފުރުސަތަށް ގާތްގަނޑަކަށް ސާޅީހަކަށް ކުދިން ކުރިމަތިލި އިރު މެޑިކަލް ހަދާ ނިމުނުއިރު 13 ކުދިންނަށް އެ އަދަދު ތިރިވި އެވެ. އޭގެ ތެރެއިން ހޮވި ހަތަރު ކުދިންގެ ތެރޭގައި އޭނާ ހިމެނުނެވެ. އެގޮތުން 1994 ގައި އެއާ މޯލްޑިވްސް އިން ޕައިލެޓުކަން ކިޔެވުމުގެ ފުރުސަތު ލިބުނު އެ ހަތަރު ކުދިންގެ ތެރޭގައި ހަސަން ހަނީފް ހިމެނުނެވެ.


ސްރީ ލަންކާގައި ޕައިލެޓްގެ ޓްރެއިނިން ހެދުމަށް ފަހު ލައިސަންސާ އެކު ކޮމާޝަލް ދަތުރުކުރަން ފެށީ 1996 އަހަރު އެވެ. މީގެ 23 އަހަރު ކުރީގެ ވާހަކަތައް ހިނިތުންވުމަކާ އެކު ކިޔައިދެމުން ހަނީފު ބުނީ އެ ދުވަސްވަރު ރާއްޖޭގައި ގާތްގަނޑަކަށް އުޅޭނީ އެންމެ 10 ވަރަކަށް ދިވެހި ޕައިލެޓުން ކަމަށެވެ.

"ފްލައި ކުރުމުގައި އެންމެ ބޮޑަށް ހަނދާން ވަނީ ސޯލޯ (ވަކިން އެކަނި) ދަތުރު ކުރި ދުވަސް. އެއީ ކޮންމެ ޕައިލެޓެއް ވެސް ހަނދާނުން ނުފިލާނެ ދުވަހެއް،" ހަނީފު، 43، ބުންޏެވެ.

ހަސަން ހަނީފު "މިހާރު" އަށް އިންޓަވިއު ދެނީ -- ފޮޓޯ: ނިޝާން އަލީ/ މިހާރު

ޕައިލެޓެއްގެ ގޮތުގައި ހޭދަކުރި ދުވަސްތަކުގެ ތެރެއިން އެންމެ އާދަޔާ ހިޔާފު ކަންކަން އޭނާ އޭނާ ފާހަގަކުރި އެވެ. އެގޮތުން ޓްރެއިނިން ތެރޭގައި ދުއްވަނިކޮށް އިންޖީން ފެއިލްވި ހާދިސާއެެއް އޭނާއަށް ދިމާވެފައިވެ އެވެ.

"އަސްލު އެ ދުވަހަކު އަޅުގަނޑަށް އެހާ ބޮޑަކަށް ނޭންގުނު ހަގީގަތުގައި ފެއިލްވީ ކަމެއް ނޫނީ އިންސްޓްރަކްޓާ ފެއިލް ކޮށްލީ ކަމެއް. އެއީ ޓްރެއިނިންގެ ތެރެއިން އިންނާނެ އިންޖީނު ފެއިލް ކޮށްލުން. އަޅުގަނޑު ހީކުރީ ފެއިލް ކޮށްލީ ކަމަށް. އެއާ ޑީލުކޮށް ހުރިހާ ކަމެއް ނިމުމުން އެނގުނީ އެއީ އަސްލު އިންޖީނު ފެއިލިއާ އެއް ކަން،" އޭނާ ބުންޏެވެ.

ހަނީފު ބުނި ގޮތުގައި އޭގެ ފަހުން ދުވަހަކު ވެސް އެފަދަ ހާދިސާއެއް ކުރިމަތިވެފައެއް ނުވެ އެވެ. އެހެން ނަމަވެސް ދަތުރު ކުރަމުން ދަނިކޮށް ފްލައިޓުގައި މީހަކު މަރު ވެސް ވި ކަމަށާއި ބައެއް ފަހަރު ރުޅި ގަދަ ފަސެންޖަރުންނާ ކުރިމަތިލާން ޖެހޭތަން ވެސް އާދޭ ކަމަށް އޭނާ ބުންޏެވެ. އެފަދަ ހާދިސާތައް ހިނގުމުން އަމަލު ކުރުމަށް ވަކި ޕްރޮސީޖާތަކެއް ހުންނަ ކަމަށާއި އެ އުސޫލުން އެފަދަ ދުވަސްތަކުގައި އަމަލުކޮށްފައިވާ ކަމަށް ވެސް އޭނާ ބުންޏެވެ.

މިފާއިތުވެދިޔަ އަހަރުތަކުގައި 13،500 އަށް ވުރެ ގިނަ ގަޑިއިރު އޭނާ ވަނީ ދަތުރުކޮށްފަ އެވެ. އޭގެ ތެރެއިން 3000 ގަޑި އިރަކީ، އިންސްޓްރަޝަން އާއި ޓްރެއިނިންގައި ހޭދަކުރި ވަގުތެވެ.

ހަނީފު އެހެން ޕައިލެޓުންތަކަކާ އެކު ބޯޓުގައި-- ފޮޓޯ: ހަސަން ހަނީފު

"އަޅުގަނޑު ކުދިން ޓްރެއިން ކުރަން ފެށީ ވަރަށް ކުރިން. އަޅުގަނޑު ކޮމާންޑްކޮށްގެން ގާތްގަނޑަކަށް 1000 ގަޑިއިރު ދަތުރު ކުރެވުމާ އެކު ފެށިން ކުދިން ޓްރެއިން ކުރަން. ޑޯނިއާގައި އެންމެ ފުރަތަމަ ކުދިން ޓްރެއިން ކުރަން ފެށީ،" އޭނާ ބުންޏެވެ.

އެންމެ ފުރަތަމަ ދަތުރު ކުރަން ފެށީ ޑޯނިއާ އިންނެވެ. އެއަށް ފަހު ޑޭޝް އަށް ބަދަލުވެ، އެ ބޯޓުތައް ވެސް އޭނާ ދުއްވި އެވެ.

ދާއިރާ އަށް ބޮޑު ބަދަލެއް

ހަނީފު ބުނީ ޕައިލެޓެއްގެ ގޮތުގައި ފެށިއިރާ މިހާރާ ވަރަށް ބޮޑު ތަފާތެއް އައިސްފައިވާ ކަމަށެވެ. އެގޮތުން އޭވިއޭޝަން ސެކިއުރިޓީ އާއި އުސޫލުތަކަށް ހެޔޮ ބަދަލުތަކެއް އައިސްފައިވާ އިރު ބޯޓުތައް ވަރަށް ބޮޑަށް ޑިޖިޓަލް ވެފައިވާ ކަމަށް އޭނާ ބުންޏެވެ.

"މިހާރު މީހުންނަށް ނޮލެޖު ހޯދަން ވަރަށް ފަސޭހަ. އަޅުގަނޑުމެން ކިޔެވި އިރު ސްކޫލުން ލިބޭ ފޮތްތައް އެކަނި ހުންނާނީ. ދަސްކުރަން ބޭނުންވާ މީހާ އަށް މި ދާއިރާއިން މިހާރު ވަރަށް ފަސޭއިން ކިޔެވޭނެ."

މިހާރު ބޯޓުތަކުން ނެވިގޭޓް ކުރާ ގޮތަށް ވެސް ވަނީ ބޮޑު ބަދަލެއް އައިސްފަ އެވެ.

"ކުރީގަ ވެއްޖިއްޔާ ވަރަށް ކަންފަސޭހަ ގޮތަކަށް އޮތީ އޭވިއޭޝަން ސެކިއުރިޓީ. ވަރަށް ފްރީކޮށް އޮތީ. މިހާރު ވަރަށް ހަރުކަށިކޮށް ޗެކް ކުރޭ. ބޯޓަށް އަރުވާ އެއްޗެހި ވެސް ބަލާ."

ދަތުރުފަތުރު ކުރުމުގައި ގިނަ މަންޒިލްތަކަށް މިހާރު ދެވޭ އިރު އޭވިއޭޝަން ސެކިއުރިޓީގެ ތެރެއިން ބަލާ މިންގަނޑު ވެސް ހަރުކަށި ކަމަށް އޭނާ ގަބޫލުކުރެ އެވެ. އެއީ ރަނގަޅު ބަދަލެއް ކަމުގައި އޭނާ ދެކެ އެވެ.

ހަނީފު ބުނީ ޕައިލެޓެއްގައި ހުރުން އެންމެ މުހިއްމީ ޑިސިޕްލީން ކަމަށެވެ. ޕައިލެޓަކަށް ވުމަށް ފަހު މަސައްކަތް ކުރަން ބޭނުންވާ ނުވަތަ ދަތުރުކުރަން ބޭނުންވާ މީހުން އަމިއްލަ އަށް އިހްތިޔާރު ނުކުރެވޭނެ ކަމަށާއި ހުރިހާ މީހުންނާ އެކު ވެސް އުޅުމުގެ ގާބިލުކަން އެ މީހެއްގައި ހުރުން މުހިއްމުކަމަށް އޭނާ ދެކެ އެވެ.

"މީހުންނާ އެކު އުޅުމުގެ އިތުރަށް ނޮލެޖު ހިފަހައްޓަން ޖެހޭނެ. ނުވަތަ ނޮލެޖު ހޯދަން މަސައްކަތް ކުރަންޖެހޭނެ. ރެގިއުލޭޝަންތަކާއި ކޮންމެ މަތިންދާބޯޓަކަށް ހާއްސަ ކުރެވިފައިވާ ފޮތްތައް ބަލަން ޖެހޭ."

މިހާރު ހަނީފަކީ މަންޓާ އެއާގެ ފްލައިޓް އޮޕަރޭޝަންގެ އެންމެ އިސްކޮށް މަސައްކަތް ކުރާ މީހާ އެވެ. މަންޓާ އެއާގެ ދަތުރުތަކުގެ ހުރިހާ ކަމެއް ކުރިޔަށްދަނީ އޭނާގެ ފުރިހަމަ ބެލުމުގެ ދަށުންނެވެ.

ހަނީފު ބުނީ ފްލައިޓް އޮޕަރޭޝަންގެ ދާއިރާގައި ރާއްޖެ އަށް ދިމާވާ އެންމެ ބޮޑު ގޮންޖެހުމަކީ، އެއް ލެވެލެއްގެ ޕައިލެޓުންނާއި ކްރޫން ހޯދުން ކަމަށެވެ. ޕާފޯމެންސްގައި ކޮންމެ މީހަކީ ވެސް ކަނޑައެޅިފައިވާ މިންވަރަށް ނަތީޖާ ދެއްކެން ޖެހޭ މީހަކަށް ވާން ޖެހޭ އިރު ނުދެއްކޭ ކަމުގައިވާ ނަމަ އެއީ އެއާލައިނަކަށް ކުރިމަތިވާ ނުރައްކަލެއް ކަމަށް އޭނާ ބުންޏެވެ.

ހަނީފު ބުނީ ރާއްޖޭގައި އަދިވެސް ޓްރެއިން ވެފައިވާ ޕައިލެޓުން ހޯދަން އުނދަގޫ ކަމަށެވެ. ލައިސަންސް ހޯދައިގެން ގިނަ ކުދިން މިހާރު އައި ކަމުގައިވީ ނަމަވެސް އެ ހުރިހާ ކުދިން ޓްރެއިން ކުރުމުގެ ގާބިލުކަން ހުރިހާ އެއާލައިނެއްގައި ނެތް ކަމަށް އޭނާ ބުންޏެވެ.

ކެޕްޓަން ހަނީފް މަންޓާ އެއާގެ ސްޓާފުންނާ އެކު. --ފޮޓޯ:މަންޓާ އެއާ

"ރާއްޖޭގައި އެބަތިބި ލައިސެންސް ނަގައިގެން އަންނަ ކުދިން. އެހުރިހާ ކުދިން އަޅުގަނޑުމެންނަކަށް ނުވެސް ނެގޭނެ. އަޅުގަނޑުމެން ބޭނުންވަނީ ކެޕްޓަނުން. ކެޕްޓަނުން ހޯދަން ވަރަށް އުނދަގޫ،" އޭނާ ބުންޏެވެ.

އޭނާ ކިޔާދިން ގޮތުގައި މިހާރު މި ދާއިރާއިން ކުރިއަށް ދިޔުމުގެ ފުރުސަތު ބޮޑު ކަމަށާއި ގިނަ އޮޕަރޭޓަރުންނާ އެކު އަވަހަށް ފައިލެޓުންނަށް ދަތުރު ކުރާ ގަޑިއިރުކޮށް ކެޕްޓަނަކަށް އަވަހަށް ވުމުގެ ފުރުސަތު ލިބޭ ކަމަށެވެ.

"އަޅުގަނޑުމެން ފެށި އިރު އަހަރު 500 ގަޑިއިރު ދަތުރު ކުރެވެނީ. އެކަމަކު މިހާރު ޕައިލެޓަކަށް އަހަރު 1000 ގަޑި އިރު ދަތުރުކުރެވޭ. އެހެން ކަމުން ކެޕްޓަނަކަށް އަވަހަށް ވުމުގެ ފުރުސަތު އޮވޭ،" އޭނާ ބުންޏެވެ.

ހަނީފު ބުނީ މި ދާއިރާ އަކީ ޕައިލެޓަކަށް ވާން އެކަނި ބޭނުންވެގެން ވަންނަން ރަނގަޅު ދާއިރާއެއް ނޫން ކަމަށެވެ. މިއީ ގާތްގަނޑަކަށް 24 ގަޑިއިރުގެ ވަޒީފާއެއް ކަމަށާއި ވަރަށް ބުރަކޮށް ހިތްވަރާ އެކު މަސައްކަތް ކުރުމުގެ ގާބިލުކަން ހުންނަންޖެހޭ ކަމަށެވެ.

"މިއީ ގްލޭމަރަސް ޖޮބެކޭ، ނުވަތަ ރަނގަޅު މުސާރައެއް ލިބޭނެއޭ ކިޔާފައި މިގޮތަށް މިކަމެއް ނުކުރެވޭނެ. ކޮމާންޑްކޮށްގެން ރަނގަޅަށް މަސައްކަތްކުރުމަށް ހަ އަހަރުވަރު ބޭނުންވާނެ،" އޭނާ ބުންޏެވެ.

ފުރަތަމަ "އީޒީ މަނީ މޭކް ކުރުމަށް" ވިސްނައިގެން މި ވަޒީފާ އަށް އައުން ރަނަގަޅު ނޫން ކަމަށާއި އެ މީހަކީ ޑިސިޕްލީން މީހަކަށް ވެސް ވާންޖެހޭ ކަމަށް އޭނާ ގަބޫލުކުރެ އެވެ.

މި ދާއިރާއަކީ ވަރަށް ބޮޑަށް ކިޔަވަން ޖެހޭ ދާއިރާއެއް ކަމަށާއި އަމިއްލަ އެކްސްޕީރިއެންސްއިން "މިސްޓޭކް" ހަދައިގެން ދަސްކުރުމަށް މަސައްކަތް ކޮށްފިއްޔާ ނަތީޖާ އެހާ ރަނގަޅު ނުވެދާނެ ކަމަށް އޭނާ ބުންޏެވެ. އެހެން ދާއިރާތަކާ ހިލާފަށް ފައިލެޓުން އަބަދުވެސް މިސްޓޭކެއް ހެދުމުގެ ކުރިން އެކަން ދެނެގަތުން ވަރަށް މުހިއްމު ކަމަށް އޭނާ ބުންޏެވެ.

މިހާރު އޭނާގެ އެންމެ ބޮޑު އަމާޒަކީ 65 އަހަރު ވަންދެން ޕައިލެޓެއްގެ ގޮތުގައި މަސައްކަތް ކުރުމެވެ. ޕައިލެޓެއްގެ ގޮތުގައި ބޯޓު ދުއްވޭނީ 65 އަހަރުގައި ވެސް އެ މީހާ އަކީ ސިއްހީ ގޮތުން ގާބިލް މީހަކަށް ވެގެންނެވެ. އޭނާގެ އުންމީދަކީ އެގޮތުގައި ކުރިޔަށްދިޔުމެވެ. އަދި މަންޓާ އެއާގައި އެންމެ ބޮޑަށް ބޭނުންވަނީ އެ އެއާލައިން އިންޓަނޭޝަނަލްވެ، އެންމެ ސޭފް އެއް އެއާލައިނަށް ވެގެންދިޔުމެވެ.