13 މާޗް 2019 - 13:28
ރައްޔިތުންގެ މަޖިލިހުގައި ރައްޔިތުންނާ ގުޅުން ހުރި ގިނަ ބިލްތަކެއް "ތާށިވެފައި" ހުއްޓައި ޖަލްސާތައް މުއްދަތެއް ނެތް ގޮތަށް މެދުކަނޑާލައިފި އެވެ.
މަޖިލީހުގެ މީޑިއާ ޑިރެކްޓަރު ހަސަން ޒިޔާއު "މިހާރު" އަށް މިއަދު ވިދާޅުވީ މި ހަފްތާގައި ޖަލްސާތައް ކުރިއަށް ނުގެންދިއުމަށް މަޖިލިހުގެ ރައީސް ގާސިމް އިބްރާހިމް ނިންމެވީ ސިޔާސީ ޕާޓީތަކުގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރުންނާ މަޝްވަރާ ކުރެއްވުމަށް ފަހު ކަމަށެވެ. މަޖިލިހުގެ ގަވައިދުވާ ގޮތުން ނަމަ، ކޮން ހޯމަ، އަންގާރަ އަދި ބުދަ ދުވަހަކު ޖަލްސާތައް ބޭއްވުން ލާޒިމެވެ.
އެކަމަކު، ޖަލްސާތައް އަލުން ފަށާނެ އިރެއް ޒިޔާއު ވިދާޅެއް ނުވެ އެވެ.
"އަޅުގަނޑަށް ލަފާ ކުރެވޭ ގޮތުގައި ދެން ޖަލްސާތައް އޮންނާނީ އަންނަ ހަފުތާގައި،" ޒިޔާއު ވިދާޅުވި އެވެ.
އަންނަ މަހުގެ ހަ ވަނަ ދުވަހު އޮންނަ މަޖިލިހުގެ އިންތިޚާބާ ގުޅިގެން، މިހާރު ތިއްބެވި މަޖިލިހުގެ މެމްބަރުން ވެސް ގެންދަވަނީ ވަރުގަދަ ކެމްޕެއިންތަކެއް ކުރައްވަމުންނެވެ. އިންތިޚާބުގައި މިހާރުގެ ގިނަ މެމްބަރުން ވާދަކުރައްވާއިރު، އިންތިހާބުގެ ފޯރި ވަނީ ގަދަވެފަ އެވެ.
އެނގިފައިވާ ގޮތުގައި މަޖިލިހުގެ ޖަލްސާތައް ކުރިއަށް ނުދަނީ، އެޖެންޑާ ކުރާނެ ކަމެއް ނެތިގެންނެވެ. މަޖިލިހުގެ ކޮމިޓީތަކުގައި ހުރިހާ ބިލެއް ހުރި އިރު، އެ ބިލްތައް ނިމުމަކާ ހަމައަށް ނުދެ އެވެ. އާންމު ގޮތެއްގައި ޖަލްސާތައް ހިނގާނީ ކޮމިޓީތަކުގެ މަސައްކަތް ނިންމައި މަޖިލިހުގެ ތަޅުމަށް ފޮނުވުމުންނެވެ. އެކަމަކު، ކޮމިޓީތައް އެކަށީގެންވާ ގޮތެއްގައި ކުރިއަށް ނުދާ ކަމުގެ ޝަކުވާ ވަނީ ބޮޑުވެފަ އެވެ.
- ރިޔާސީ ކޮމިޝަންތަކުގެ ބިލް.
- ގާނޫނީ ހިދުމަތުގެ ބިލް.
- ރައީސުލްޖުމްހޫރިއްޔާގެ ނައިބުކަން ކުރައްވާފައިވާ ބޭފުޅުންނަށް އިނާޔަތް ދިނުމުގެ ބިލް.
- ކުޑަކުދިންގެ އަދުލުގެ ބިލާއި ޖަމިއްޔާތަކުގެ ބިލް.
- ވިސިލްބްލޯ ކުރާ މީހުންނަށް ރައްކާތެރިކަން ދިނުމުގެ ބިލް.
- ނުހައްގު މުއްސަނދިކަން ކުށަކަށް ހަދަން ހުށަހެޅި އިސްލާހު.
މަޖިލިހުގައި ތާށިވެފައި އޮތް ބިލްތަކުގެ ތެރެއިން ރިޔާސީ ކޮމިޝަންތަކުގެ ބިލަށް އެންމެ ފަހުން ވޯޓަށް ނޭހުނީ އެ ބިލް މަޖިލިހުގެ ތަޅުމަށް ފޮނުވާފައި އޮތީ ކޮމިޓީން ފާސް ކުރި ގޮތަށް ނޫން ކަމަށް ވިދާޅުވެ، މަޖިލިހުގެ ހަ މެމްބަރަކު ސޮއި ކުރައްވައި ގާސިމްގެ ސަމާލު ކަމަށް ގެނައުމުންނެވެ. އެހެންވެ، އެކަން ބެލުމަށް ގާސިމް ވަނީ ކޮމިޓީގެ މުގައްރިރު، ވިލުފުށީ ދާއިރާގެ މެމްބަރު ރިޔާޒް ރަޝީދަށް އަންގަވައިފަ އެވެ. އޭގެ ކުރީގެ ޖަލްސާތަކުގައި ބިލަށް ވޯޓަށް ނޭހުނީ ގާނޫނީ އަދަދު ހަމަނުވުމުންނެވެ.
މަޖިލިހުގައި އެކަށީގެންވާ މަސައްކަތްތަކެއް ނުކުރާތީ، ގިނަ ބައެއްގެ ފާޑުކިޔުން މެމްބަރުންނަށް އަބަދުވެސް އޮންނަނީ އަމާޒުވެފަ އެވެ. ހާއްސަކޮށް، އާ ދައުރެއް ފެށުނު ފަހުން، ބިލްތައް ފާސްނުކޮށް ލަސް ކުރަނީ ބައެއް މެމްބަރުން ގަސްދުގައި މަޖިލިހަށް ހާޒިރު ނުވާތީ ކަމަށް ބައެއް މީހުން ތުހުމަތު ކުރެ އެވެ.
ނަމަވެސް އިދިކޮޅު ޕީޕީއެމްގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު، ވިލިމާލެ ދާއިރާގެ މެމްބަރު އަހުމަދު ނިހާން "މިހާރު" އަށް ވިދާޅުވީ މަޖިލިހުގައި ތިއްބެވި އިދިކޮޅު މެމްބަރުން ސަރުކާރަށް އެއްބާރުލުން ދެއްވަން ތައްޔާރަށް ތިއްބެވި ކަމަށެވެ. އަދި މަޖިލިހުގެ ކޮންމެ ކަމެއްގައި ވެސް މަޝްވަރާ ކުރުމުގެ އުސޫލު މަޖިލިހުގެ ރިޔާސަތުން އިސް ކުރައްވާތީ އެކަމަށް ނިހާން ވަނީ ވަރަށް ބޮޑަށް ތައުރީފް ކުރައްވައިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އާރީ
13 March 2019
ބޮނޑެތި މުސާރަނަގައިގެން ތީ ކުރާ ކަމަކީ. އަބަދު ޗުއްޓީގަ. އަހަރަމެން މި އުޅެނި ރެޔާދުވާލު މަސައްކަތް ކުރާއިރުވެސް 10000ރ ނުލިބިގެން. އެކަމް މިމީހުން މަހަކު 820000ރ ނަގައިގެން އެ ހެޔޮ ދުވަހަކު މަޖިލިހަށް ނުދިޔަޔަސް މެންބަރު ވީމަ އޯކޯ.
މާމިގިލިން ވަގުތުން
13 March 2019
ދެން މިރަށުން ޤާ ސިމް ނުހޮވާނެކަން ހަނދާން ކުރާތި
ތުއްތޮންބެ
13 March 2019
ބަރާބަރު އަޅުގަނޑުމެންގެ އިއްޒަތްތެރި ރައީސް އަބުދުއްﷲ ޔާމީން އަބުދުލް ގައްޔޫމު މިނިވަން ނުކުރަނީސް ރަތްއިތުންމަޖިލިސްގެ އެއްވެސް ޖަލްސާއެއް ބޭއްވިޔަދީގެންނުވާނެ. އަޅުގަނޑުމެންގެ އޮތްބާރުވެސް ސަރުކާރައް ދައްކާލަންވާނެ. މޮޅުވާބައެއް ނިކަން އެނގިދާނެތާ.
ބޮއްސާމް
13 March 2019
މުސާރަކޮޅު ނަގާ
ކާހިނު
13 March 2019
އެކަމަކު މީ ޖަލްސާ ނުބޭއްވިގެން ފާރުމަތިން އަރައިގެންވެސް މަޖިލީހަށް ވަންނަން އުޅުނު މީހުން
ތުނިޔަ
13 March 2019
ވަރަށް ރަނގަޅު ނިންމުމެއް! ޖަލްސާ ނުބޭއްވިޔަސް، ޚާއްސަ ސަމާލުކަމެއް ދެއްވައިގެން މުސާރަޔާއި އިނާޔަތްތަށް ހަމަޔަށް ނެންގެވުމަށް ހަނދުމަފުޅު ބެހެއްޓެވުމަށް ގޮވާލަން!
Ibrahim Mohamed
13 March 2019
ތިޔައީ މިގައުމަށް ބޭނުން މަޖުލިސް އެއް ނޫން.
ބޮއިކަޓް ޢަލީ
13 March 2019
އެކަމަކު ކޮންމެހެންހަދާފަވެސް ތިމީހުނަށް ވޯޓު ލާންވާނެ، ކޮމެޓީތަކުގެ މަސައްކަތް ބަހައްޓަފައި ކެންޕޭނުގައި ހޭކެނޑެނީ
ލަތީ
13 March 2019
މިހެންވާތީ މަށާ މަށަށްވާހާ މީހަކުވެސް އެޖެންޑާ19
ތުނިޔަ
13 March 2019
ކޮންމެ އެޖެންޑާއެއް އޮވެފަ، ކޮންމެ ބަޔަކު ތިއްބަސް ތިޔަމަޖިލީހުގަ ތިބޭ ބައެއްގެ އަމިއްލަ ޖީބު ބޮޑުކުރުން ނޫންކަމެއް ކުރާތަނެއްނޫން ތީކީ! #އެޖެންޑާ 0.
މަރޭމިތުރު
13 March 2019
މަޖިލިސް އެގެންދަވާގޮތެއް އެނގޭހޭ! މަޖިލިސްގެ އެދާމަގެއް ބަޔަކަށް އެނގޭހޭ!..................... މަޖިލިސް ތިޔަ ންދަވަނީ ކޮންގޮތަކަށްތޯ؟ ތިޔަބޭފުޅުން މަޖިސް ހުއްޓުވަންޖެހުނީ ކީއްވެތޯ؟ ރައްރިތުންގެ މުހިންމު ބިލަތްއް މަޑުޖައްސަނީ ކީއްވެތޯ؟ ގައުމައް ހައްދަވަން ތިއުޅުވަނީ ގޮންގޮތެއްތޯ؟ ސުވާލުކޮށްލަންބޭނުން.