ރައްޔިތުންގެ މަޖިލިހުގެ ކޮމިޓީ ބައްދަލުވުމެއްގައި މެމްބަރުން އަތް ހިއްލައިގެން--- ފޮޓޯ: ނިޝާން އަލީ/ މިހާރު
13 މާޗް 2019 - 18:07
ރައްޔިތުން މަޖިލީހަށް މެމްބަރުން ހުށަހަޅުއްވާ އިތުބާރު ނެތް ކަމުގެ މައްސަލަތައް ކުރިއަށް ގެންދާނެ ގޮތުގެ އުސޫލެއް މަޖިލީހުގެ އާންމު ކޮމިޓީން މިއަދު ފާސްކޮށްފި އެވެ.
ސުޕްރީމް ކޯޓުން މީގެ ދެ އަހަރު ކުރިން، 2017 ގައި އިމްޕީޗްމަންޓާ ބެހޭ ގޮތުން ކުރި ހުކުމްގައި ހުރި ބައިތައް މަޖިލިހުގެ ގަވައިދަށް އިތުރު ކުރަން މިދިޔަ އަހަރު ވެސް މަޖިލިހުގައި މަސައްކަތް ކުރި އެވެ. އޭރު ގަވައިދަށް އިމްޕީޗްމަންޓާ ގުޅޭ މާއްދާތައް އިތުރު ނުކުރާތީ، ކުރީގެ ސަރުކާރުގެ ބައެއް ވަޒީރުންގެ މައްޗަށް އިތުބާރު ނެތް ކަމުގެ ވޯޓު ނުނަގައި މަޑުޖައްސާލާފައިވެ އެވެ.
އެކަމަކު، އަލުން އެ ބަދަލު މި ގެނައީ އިދިކޮޅު ފަރާތްތަކުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ސަރުކާރުގެ ދިފާއީ ވަޒީރު މާރިޔާ އަހުމަދު ދީދީގެ އިތުބާރު ނެތް ކަމުގެ މައްސަލަ ހުށަހަޅާފައިވަނިކޮށެވެ. މަޖިލިހުގެ ރައީސް ގާސިމް އިބްރާހިމް ކުރިން ވިދާޅުވި ގޮތުގައި އެ މައްސަލަ މަޖިލިހުގައި ކުރިއަށް ގެންދެވެން އޮތީ މަޖިލިހުގެ ގަވައިދަށް ބަދަލު ގެނެސްގެންނެވެ.
ޕީޕީއެމާއި ޖުމްހޫރީ ޕާޓީގެ މެމްބަރުންގެ އަޣުލަބިއްޔަތުން ފާސް ކުރި އިސްލާހުގައި ވަޒީރުންނާއި ފަނޑިޔާރުންނާއި މިނިވަން މުއައްސަސާތަކުގެ މީހުން ވަކި ކުރުމުގައި އަމަލު ކުރަންޖެހޭ ގޮތްތަކާއި އެ ފަރާތްތަކަށް ލިބިދޭން ޖެހޭ ހައްގުތަކާއި ޖަވާބުދާރީވުމުގައި އަމަލު ކުރަން ޖެހޭ ގޮތްތައް ހިމެނި އެވެ.
އިސްލާހުގައިވާ ގޮތުން އިތުބާރު ނެތް މައްސަލައިގެ ދިފާއުގައި ވާހަކަ ދެއްކެވުމުގެ ފުރުސަތު އެބޭފުޅަކަށް ނުވަތަ ގާނޫނީ ވަކީލުން ބޭނުންވެއްޖެ ނަމަ އެ ފުރުސަތު ދޭން ޖެހެ އެވެ. އެގޮތުން ބޭނުން ކުރެވޭނީ ގިނަ ވެގެން ދެ ވަކީލެއް ކަމަށް އަލަށް އިސްލާހު ކުރަން ނިންމި ގަވައިދުގައި ބުނެފައިވެ އެވެ.
އިސްލާހުގައިވާ ގޮތުން، ކޮމިޓީއަކަށް މައްސަލަ ފޮނުވާތާ 10 ދުވަސް ތެރޭގައި އެ މައްސަލައެއް ނިންމައި، މެމްބަރުންނަށް ބަހުސް ކުރުމަށް ފުރުސަތު ދިނުމަށް މަޖިލިހުގެ ތަޅުމަށް ފޮނުވަން ޖެހެ އެވެ. އަދި މަޖިލިހުގެ ތަޅުމުގައި ވަޒީރަކަށް ނުވަތަ އޭނާގެ ވަކީލަކަށް ޖަވާބުދާރީވާން ފުރުސަތު ދޭން ޖެހެ އެވެ.
ގަވައިދުގައިވާ ގޮތުން ވަޒީރެއް ނުވަތަ މިނިވަން މުއައްސަސާއެއްގެ ބޭފުޅެއްގެ މައްޗަށް އިތުބާރު ނެތް ކަމުގެ ހުށަހަޅައި މަޖިލީހުގެ އަޣުލަބިއްޔަތުން އިތުބާތު ނެތް މައްސަލަ ފާސްވެއްޖެ ނަމަ ގާނޫނު އަސާސީގެ 101 ވަނަ މާއްދާގެ (ރ) ގައިވާ ގޮތުގެ މަތިން އެ މީހަކު ވަގުތުން މަގާމުން ވަކިވާނެ އެވެ. ފަނޑިޔާރެއްގެ މައްޗަށް އިތުބާރު ނެތް ކަމުގެ މައްސަލަ ހުށަހަޅައި މަޖިލިހުގެ ތިން ބައިކުޅަ ދެބައި މެމްބަރުންގެ އަޣުލަބިއްޔަތުން ފާސްވެއްޖެނަމަ، އެ މީހަކު މަގާމުން ވަގުތުން ވަކިވާނެ ކަމަށް ގަވައިދުގައިވެ އެވެ.
ކޮމިޓީގައި ގަވައިދު ބަދަލު ކުރުމުގެ މަސައްކަތް ކުރިއަށް ދިޔައިރު، ޕީޕީއެމާއި އެމްޑީޕީގެ މެމްބަރުންގެ މެދުގައި ހޫނު ބަހުސްތަކެއް ކުރެއްވި އެވެ. އެގޮތުން އެމްޑީޕީގެ ބައެއް މެމްބަރުން ވިދާޅުވީ މަޖިލިހުގެ ގަވައިދަށް ބަދަލު ގެންނަން އުޅެނީ ސުޕްރީމް ކޯޓުން ކުރި ހުކުމާ އެއްގޮތަށް ނޫން ކަމަށެވެ.
އެކަމަކު، ސުޕްރީމް ކޯޓަށް އެންމެ ފަހު ބަސް ބުނުމުގެ ފުރުސަތު އޮތް އިރު، އެއްވެސް ބޭފުޅެއްގެ އިތުބާރު ނެތް ކަމަށް މަޖިލިހުން ފާސްކޮށްގެން، އެ ބޭފުޅަކު ހިތްހަމަނުޖެހޭ ކަމަށްވާނަމަ، ކޯޓަށް ދާން މަޖިލިހުގެ ގަވައިދު ހުރަސް ނާޅާ ކަމަށް ޕީޕީއެމް މެމްބަރުން ވިދާޅުވި އެވެ.
ސުޕްރީމް ކޯޓުން ކުރި ހުކުމުގައި ބުނެފައި ވަނީ ރައްޔިތުންގެ މަޖިލީހުން ނަގާ އިތުބާރު ނެތްކަމުގެ ވޯޓުތަކަކީ އެކަށީގެންވާ ސަބަބުތަކެއް އޮވެގެން ނަގާ ވޯޓަކަށް ވާންޖެހޭނެ ކަމަށާއި އަދި އިތުބާރު ނެތް ކަމަށް މަޖިލީހުން ފާސްކުރިޔަސް އެކަމުގައި ފަހުގެ ނިންމުން ނިންމާނީ އެ ކޯޓުން ކަމަށެވެ.
ސުޕްރީމް ކޯޓުގެ ފުލް ބެންޗުގެ އިއްތިފާގުން ކުރި ހުކުމުގައި ނިންމާފައި ވަނީ އެކަށީގެންވާ ސަބަބެއް ނެތި، ސިޔާސީ ގޮތުން އިތުބާރު ނެތްކަމުގެ ވޯޓު ނުނެގޭނެ ކަމަށާއި އިތުބާރު ނެތްކަމުގެ ވޯޓުތަކަކީ އެކަށީގެންވާ ސަބަބުތަކަކަށް ބިނާވެފައިވާ އިމްޕީޗްމެންޓަކަށް ވާންޖެހޭނެ ކަމަށެވެ. އަދި އެގޮތަށް މަޖިލީހުން ފާސް ކުރިޔަސް އެކަމުގައި ފަހުގެ ނިންމުން ނިންމާނީ ސުޕްރީމް ކޯޓުން ކަމަށް ހުކުމުގައި ކަނޑައަޅާފައިވެ އެވެ. އެ ހުކުމުގައި ކަނޑައެޅި އެ އުސޫލުތަކަށް މަޖިލީހުން ތަަބާވާން ޖެހޭނެ ކަމަށް ހުކުމުގައި ވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
1111
13 March 2019
ތިގޮތްވެސް ރަނގަޅު. މި އަންނަ މަޖީލިހަށް އެނބުރޭމީހާ ހޮވިއްޖެނަމަ އެންމެ ފުރަތަމަވެސް އެންމެންވެގެން އޭނަ ތިތަނުން ބޭރު ކޮށްބަލަ!
ވާލުސޮރު
13 March 2019
ސޭޓު ހުށަހަޅާ ސޭޓުގެ އިދިކޮޅު ކޯލިޝަނުން ފާސްކުރިޔަސް އިދިކޮޚު މީހުން ބޭނުންހާ އެއްޗެއް ހަދަން ސަރުކާރުން ފުރުސަތު ދީގެންނުވާނެ. "ދަގަނޑު ކެނޑޭނީ ދަގަނޑުން"
ނުތިބެވޭނެއޭ
13 March 2019
އިތުބާރު ނެތް ކަމުގެ މައްސަލަތަކުގައި އަމަލުކުރާނެ އުސޫލެއް ކޮމިޓީން ފާސްކޮށްފި ނަމަ ދެން އެކަމާއި އެމްޑީޕީ ތަމްސީލް ކުރާ މެމްބަރުން ފުއްޕަން ނުޖެހޭނެއޭ ވަޒީރުންނަށް ވަޒީރު ކަން ދެނީ އެއްޗެއް އެމެންނަށް ހަދާންވާ އުސޫލުން ވަޒީރު ކަން ކުރަން ނޫނޭ އެއީ އެމެން ކުރާ ހުވައާއި އެއްގޮތަށް އެކަން ކުރަން އޭ އަމާ ބުނީތީ ފަރަށްދާ އުސޫލުން ވަޒީރު ކަން ކުރާ މީހުން އިންޑިއާ އަށް ރާއްޖެ ވިއްކާލާ ކަޓް ކާން އުޅޭ އިރު އެތަން ބަލަން މަޖްލީހުގެ މެމްބަރުންނަށް
ބަނާނާ
13 March 2019
އެމްޑީޕީ އިން ކީއްވެތޯ ސަރުކާރުން ބުނާހާ ކަމެއް ބުނިގޮތަކަށް ހަދާ ތަނަކަށް މަޖިލިސް ހަދަންތިއުޅެނީ.
ކިނިކްސް
13 March 2019
ވަކީލަކު ބޭނުންކޮށްގެން ނޫނީ އަމިއްލައަށް ޖަވާބުދާރީ ވުމުން އެއީ ދިފާއު ވެވޭނެ ނޫނީ ނުވެވޭނެ ޖަވާބެއް ތޯ ނޫންތޯ ނިންމަނީ ކާކު? މަޖިލީހުގެ ތަޅަމުން ވޯޓަކުން ނިންމާ ނިންމުމަކަށް ޖަވާބު ދިނަސް ނުދިނަސް ވާނެ ތަފާތެއް ނޯންނާނެ.
ކާޖާ
13 March 2019
ތިޔަ އުސޫލު ފާސް ކުރިޔަސް ސްޕްރީމް ކޯޓްގެ ރޫލިން ބަދަލު ނުކުރާހާ ހިދަނކު ފަހުގެ ނިންމުން ނިންމާނީ ސުޕްރީމް ކޯޓުން.
ފަންތޮށި
13 March 2019
ކުއްލި ހަތަރު އިއުލާންކޮށްފަ ގަސިމް އަދަގޮޑިޖަހައިގެން ނޫން ގޮތަކަށް މި ވެރިކަން ނޯންނާނެ. ޢެކަން ކުރޭ އަވަހަށް އިބޫ ހެޔޮނުވާނެ
ބަލަ އިލްހާމާ
13 March 2019
އިލްހާމުވެސް މިއީ މިހާރު ހަމަ ސީދާ ރަތްލާޖެހި ޔާމީނުގެ މީހެއް. ވާނުވާ ޖަހާ ބަންދުކޮށް އެތައް ބޭއިންސާފު އަނިޔާއެއް ދިނީމާވެސް ހަމަ ލާރި ލާރިތޯ؟ ވަޓިސްދިސް؟
ކުޑަހުވަދޫ މީހާ
13 March 2019
ކޮމެޓީގެ ނިންމުމަކީ ބާޠިލް ނިންމުމެއް. ސްޕްރީމްކޯޓުގެ ރޫލިންގ އަކާ ޚިލާފްވެފައެއޮތީ. މަޖިލީހުގެ ތަޅުމަށް ތިޔަ ނިންމުން ގެނެސްގެން (ކޯޓުތަކަށް އިހުތިރާމްކުރުމަށް ގޮވަމުންދާ) ގާސިމް މިފަހަރު ހަދާނީ ކިހިނެއްބާ. އަވަސްއަރުވާލައިގެން ފޮރުވިފައިވާ އެޖެންޑާއެއް ހާސިލުކުރަން އުޅޭއިރު ބައެއްފަހަރު ޅައެއްޗެހިވެސް އެޅޭނެ. މިފަހަރުތިއޮތީ އޭގެ އެއްޗެއް އެޅިފަ.
---ގާޒީ
13 March 2019
ސްޕްރީމް ކޯޓުގެ ބާރު ގާސިމު އަމިއްލަ އަށް ނިގުޅާއިގެންފި