އެމްޓީސީސީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ހަސަން ޝާހު (ކ) އަދި .ކޮންސްޓްރަކްޝަން އެންޑް ޕްރޮޖެކްޓްސްގެ ހެޑް އަހުމަދު ލަތީފް.---ފޮޓޯ: މިހާރު
14 މާޗް 2019 - 15:48
ކުރިއަށް އޮތް ދެ މަސް ދުވަހުގެ ތެރޭގައި 700 މިލިއަން ރުފިޔާގެ މަޝްރޫއުތަކެއްގެ ބީލަމަށް ކުރިމަތިލާނެ ކަމަށް އެމްޓީސީސީން މިއަދު ބުނެފި އެވެ.
އެ ކުންފުނިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ކޮންސްޓްރަކްޝަން އެންޑް ޕްރޮޖެކްޓްސްގެ ހެޑް އަހުމަދު ލަތީފު ވިދާޅުވީ، މިހާރު ވެސް 20 މަޝްރޫއެއް ކުރިއަށް ގެންދާ ކަމަށެވެ. އޭގެ ތެރޭގައި ގިނައީ ބަނދަރާއި ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫއުތައް ކަމަށް އޭނާ ވިދާޅުވި އެވެ. އަދި ނަރުދަމާގެ މަޝްރޫއުތަކާއި މަގު ހެދުމުގެ މަސައްކަތްތަކުގެ އިތުރުން އެއާޕޯޓުގެ މަޝްރޫއުތައް ވެސް ހިމެނޭ ކަމަށް ލަތީފު ވިދާޅުވި އެވެ.
އެމްޓީސީސީން ކުރިއަށް ގެންދާ އަށް މަޝްރޫއެއް ހުއްޓިފައިވާ އިރު ގިނަ މަޝްރޫއުތައް ހުއްޓިފައިވަނީ ޑިޒައިންނަށް އަންނަ ބަދަލުތަކުގެ ސަބަބުން ކަމަށް އޭނާ ވިދާޅުވި އެވެ. އެފަދަ މަޝްރޫއުތައް ވެސް ކުރިއަށް އޮތް ދެ މަސް ދުވަހުގެ ތެރޭގައި ފެށުމަށްޓަކައި ޕްރޮޖެކްޓް ހަވާލުކުރި އިދާރާތަކާ އެކު މަޝްވަރާ ކުރަމުން އަންނަ ކަމަށް އޭނާ ވިދާޅުވި އެވެ.
"ވަރަށް ގިނަ ރަށްރަށުގައި މިހާރު ބަނދަރު ހެދިފައި ވަނީ. ގާތްގަނޑަކަށް 90 ޕަސެންޓް ރަށުގެ ބަނދަރުގެ މަސައްކަތް އޮތީ ނިމިފައި. އެ މަސައްކަތް ލިބޭ މިންވަރު މަދުވުމާ އެކު އަޅުގަނޑުމެން ޕްރޮޖެކްޓްތައް ބަދަލު ކުރަން އެހެން ދިމަދިމާލަށް ވެސް. އޭގެ ތެރޭގައި ނަރުދަމާ އާއި މަގު ހެދުމަށް މިހާރު އިސްކަންދެން،" ލަތީފު ވިދާޅުވި އެވެ.
މިދިޔަ އަހަރުން ފެށިގެން އެ މަޝްރޫއުތަކަށް އިންވެސްޓް ކުރަމުންދާ ކަމަށާއި މަގު ހެދުމަށާއި ނަރުދަމާ އަށް ބޭނުންވާ އިކުއިޕްމެންޓްތައް ވެސް މިހާރު އިތުރު ކޮށްފައިވާ ކަމަށެވެ.
ލަތީފު ވިދާޅުވި ގޮތުގައި، ބިޒްނަސް ޕްލޭނުގެ ތެރެއިން ވެސް ބޮޑަށް އިސްކަން ދީފައިވަނީ، އެފަދަ މަޝްރޫއުތަކަށެވެ. އަދި ވިދާޅުވީ، މި އަހަރު ވެސް ސަރުކާރުގެ ގިނަ މަޝްރޫއުތަކެއް ލިބޭނެ ކަމަށް އުންމީދު ކުރައްވާ ކަމަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy