25 މާޗް 2019 - 12:38
ތަރައްގީގެ ތިން މަޝްރޫއަކަށް މ. މުލަކުން 800 އަށް ވުރެ ގިނަ ރުއް ނަގައި އެހެން ތަނެއްގައި އިންދަން އެ ރަށު ކައުންސިލުން އިއުލާނުކޮށްފި އެވެ.
މުލަކުން ރުއްތައް ނަގާނެ ފަރާތެއް ހޯދަން އެރަށު ކައުންސިލުން މިދިޔަ ބުރާސްފަތި ދުވަހު އިއުލާނު ކުރުމުން، ތިމާވެށީގެ ހިމާޔަތަށް މަސައްކަތްކުރާ ފަރާތްތަކުން ވަނީ ސޯޝަލް މީޑިއާގައި ފާޑުކިޔަން ފަށައިފަ އެވެ. ނަމަވެސް ކައުންސިލުން ބުނީ ރުއްތައް ނަގަނީ ތިމާވެއްޓަށް ވީހާވެސް ގެއްލުން ކުޑަވާނެ އުސޫލަކުން ކަމަށެވެ.
މުލަކު ކައުންސިލްގެ ރައީސް މުހައްމަދު އިބްރާހީމް "މިހާރު" އަށް ވިދާޅުވީ 819 ރުއް ނަގަން ނިންމާފައި ވަނީ އަލަށް ހަދާ ބޯޅަ ދަނޑަކާއި އަލަށް ގޯތި ދޫކޮށްފައިވާ ސަރަހައްދުގައި ހަދާ މަގަކާއި ކުނިކޮއްޓާއި ކުނިކޮއްޓަށް ދާނެ މަގެއް ހެދުމަށް ކަމަށެވެ. އޭނާ ވިދާޅުވި ގޮތުގައި ނަގަން ޖެހޭ ރުއްތަކަކީ ވަރަށް ބޮޑެތި ރުއްތަކެއް ކަމަށް ވާތީ އެ ރުއްތައް ނަގައި ރަށުގެ އެހެން ތަންތަނުގައި އިންދުމަކީ ކައުންސިލުން ކުރަން އުނދަގޫ ކަމެކެވެ. އެހެން ބަޔަކު އެ ރުއްތައް ގެންގޮސް އިންދަން ދޫކުރަނީ އެހެންވެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"ރުއްތައް ނަގަން ހަވާލުކުރާ ފަރާތުން ޖެހޭނެ ނަގާ ކޮންމެ ރުކަކަށް ރަށުގެ އެހެން ސަރަހައްދެއްގައި ޅަ ރުކެއް އިންދަން ވެސް. އެގޮތަށް ޝަރުތުކޮށް ރުއްތައް ނަގަން ދޫކުރާނީ. ތިމާވެއްޓަށް ވީހާވެސް ގެއްލުން ކުޑަވާ ގޮތަކަށް އެ މަސައްކަތް ކުރަން އަޅުގަނޑުމެން މި އުޅެނީ،" އޭނާ ވިދާޅުވި އެވެ.
މުހައްމަދު ވިދާޅުވީ ރުއްތައް ނަގާނެ ބަޔަކު ހޯދަން އިއުލާނު ކުރީ އެންވަޔަރްމެންޓް ޕްރޮޓެކްޝަން އެޖެންސީން ހުއްދަ ހޯދައިގެން ކަމަށާއި ނަމަވެސް ރުއްތައް ނެގުމުން ތިމާވެއްޓަށް ކުރާނެ އަސަރުތައް ދެނެގަތުމަށް ހަދާ އީއައިއޭ ރިޕޯޓް ތައްޔާރުކުރަން ޖެހޭނީ ރުއްތައް ނަގާ ފަރާތަކުން ކަމަށެވެ.
ބޮޑެތި ބައެއް މަޝްރޫއުތަކަކީ ގިނަ އަދަދެއްގެ ރުއްގަސް ނަގައިގެން ނޫނީ ނުހިންގޭނެ މަޝްރޫއުތައް ކަމަށާއި އެފަދަ މަޝްރޫއުތަކަށް ނަގާ ރުއްގަސް އެހެން ރަށްރަށަށް ގެންދިއުމުގެ ހުއްދަ ދެމުން އަންނަ ކަމަށް އީޕީއޭއިން ކުރިން ވަނީ ބުނެފަ އެވެ. އެ އެޖެންސީން ނެރުނު ނޫސް ބަޔާނެއްގައި ބުނެފައި ވަނީ ގަވައިދާ އެއްގޮތަށް ރުއްގަސް އެހެން ރަށްރަށަށް ގެންދިއުމުގައި މައްސަލައެއް ނެތް ކަމަށެވެ.
މީހުން އުޅޭ ރަށްރަށުން ގިނަ އަދަދެއްގެ ރުއް ނަގައިގެން ރިސޯޓްތަކަށް ގެންދަނީ ގަވާއިދަށް ފައްތަން އެކި ސަބަބުތައް ދައްކައިފަ އެވެ. އެގޮތުން 200 އަށް ވުރެ ގިނަ ރުއް ނަގަން ސަރުކާރުން ހުއްދަ ދެނީ ރަށުގެ ރައްޔިތުންނަށް މުހިންމު ކޮންމެވެސް ކަމެއް ކުރަން ބިމެއް ބޭނުންވާ ނަމަ އެވެ. މިސާލަކަށް، ކުޑަކުދިންގެ ޕާކެއް، ކުނި ކޮއްޓެއް ނުވަތަ މަގުތައް ހެދުން ފަދަ ކަންކަމަށެވެ. އެކަމަކު ތިމާވެށީގެ ހިމާޔަތުގައި މަސައްކަތްކުރާ ފަރާތްތަކުން ގެންދަނީ އެކަމާ ދެކޮޅަށް އަޑުއުފުލަމުންނެވެ. އެއްފަހަރާ އެހާ ގިނަ އަދަދެއްގެ ރުއް އެއް ރަށަކުން ނެގުމުން ދިމާވެދާނެ ތިމާވެށީގެ މައްސަލަތަކާ މެދު އުފެދޭ ކަންބޮޑުވުން ވެސް ބޮޑެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ދެރަ
25 March 2019
ދެރަ ކަމެއް! ތިރަށު އެންމެނަށް ތިޔަ ފައިސާ ބަހާތަ ؟
މޮޔަފައިދާ
25 March 2019
ރުއްނަގައިގެން އީޕީއޭއަށް ހަޅޭލެވުމަކީ ވަރަށް ހަމަ ނުޖެހޭ ކަމެެެއް. މައްސަލައަކީ އީޕީއެއްނޫން. ސިޔާސަތުތަށް ހަދާފައިވާގޮތް. ރައީސް ޔާމީނުގެ ދައުރުގައި ހިއްކައިގެން ރިސޯޓް ހެދުމަށް ހުއްދަނުދިނުމުން ވަގުތުން މަޖިލީސް މެދުވެރިކޮށް އެމަސައްކަތް ޓުއަރިޒަމްއަށް ގެންގޮސް ހުއްދަތަށް ދީނިންމާފަހުރީ. ނޫސްވެރިން ކަންހިގާފައިވާ ގޮތް ސާފުކޮށްދިނުން މުހިއްމު. އީޕީއޭ ސިޔާސީ ނުފޫޒުން ބޭރުކޮށް މިނިވަންކުރިން ވެސް މުހިއްމު
ނޯއައިޑިއާ
25 March 2019
ޖަޒީރާ ރާއްޖެ ކޮންސެޕްޓްގައި މިވަރަށް ރުއްނެގިއަސް އޯކޭވޭތަ؟
މަހަށްދޭދެން
25 March 2019
ޢެއްގޮތަކަށް ވެސް ރުއް ތައް ނަގައިގެން ނުވާނެއޭ ބިން ހިއްކައިގެން ކުރާ ކަމެއް ކުރަންވީއޭ ތަމެން ކީއްވެ މަޑުން ތިޔާ ތިބެނީ ތަމެން މަހަށްދޭބަލަ ދެން...
އިބިރިހިންބެއްޔާ
25 March 2019
އިތުރު ކޮރަޕްޝަނެއް ނެތްނަމަ ގޯހެއް ނެތް. މުސްކުޅި ރުއް ޅަރުކަށް ބަދަލުވެ ތާޒާކަމާއެކު ހެދި ބޮޑުވުމަށް ފުރުސަތު.
މާފޮޅޭ
25 March 2019
ކޮންމެ ރުކަކަށް 500 އެހެންވީމާ 800 ރުކަށް 400000(ހަތަރު ލައްކަ) މިވަރުމަދުތަ. މީ ހަމަ އަދުރޭ ހިސާބު ކިލާސް ނަގާދީފަ ތިބި ބަޔަކު ހިންގާ ޕްރޮޖެކުޓެ....
ސިޔާމާ
25 March 2019
ކޮންމެވެސް ރެސޯޓަކަށް (ހިއްކައިގެން ހަދާ) ރުއްކޮޅެއް ބޭނުންވަނީ. އެހެންވީމާ މަޝްރޫޢެއް ކަމަށް ދައްކާފައި، އެ ރުއްތައް އުފުރާލައިގެން އެތަނަށް ގެންދަނީ. މިޒަމާނުގައި ގަސްގަހާގެހި ހުރިތަނުގައި ބަހައްޓައިގެންވެސް އިމާރާތްކޮށް ހެދޭނެ. ނުޖެހޭނެ ރުއް ކަނޑާކަށް.
ޒަވިޔަނި
25 March 2019
ތިކަން ކުރެވޭނީ އެމެރިކާގައި އުޅޭ ދިވެސްގެ ހުއްދަ ލިބިގެން
ބުނެލީ
25 March 2019
ބުނަން ރުއްގަސް ރާއްޖެއިން ބޭރުނުކުރަނިކޮށް ރަނގަޅުވާނެ.
ތުހުމް
25 March 2019
އެ ރުއްތަކަކީ ނަގައިގެން އެހެން ތަނަކަަށް ގެންގޮސް އިންދޭ ވަރަށްވުރެ ދިގު ރުއް..މުޅިރާއްޖޭގައިވެސް އެވްރެޖްކޮށްހުންނަ އެއްމެ ދިގުރުއް ނަގަންއުޅޭތަކުގައި ހުރީ..އެއްތަނުން އަނެއްތަނަށް ގެންދެވޭވަރަށްވުރެ ދިގު.އުނދަގޫ ތަކަކާއިއެކު ގެންދިޔަސް އިންދާނެ ގޮތަކާއި ނުވެއްޓި ހުންނާނެ ގޮތެއް ހޯދަން މާ ހަރަދުބޮޑު ވާނެ..