މިދިޔަ އަހަރުގެ ރިޔާސީ ކެމްޕެއިންގެ ދުވަސްވަރު، އޭރުގެ އިދިކޮޅު ކެންޑިޑޭޓުގެ ހައިސިއްޔަތުން މިހާރުގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މާލެ ސިޓީ ކައުންސިލްގެ އިދާރާ އަށް ވަޑައިގެން އެ ތަނުގެ ދަތިތައް އޮޅުން ފިލުއްވަނީ.
27 މާޗް 2019 - 21:20
ސިޓީ ކައުންސިލްތައް އެކުލަވައިލާ ގޮތަށް ބޮޑު ބަދަލެއް ގެނެސް ލާމަރުކަޒީ ގާނޫނު އިސްލާހު ކުރުމުގެ ބިލްގައި އެ ބައިތައް ހިމަނައިފި އެވެ.
ސަރުކާރުން މިއަދު ރައްޔިތުންގެ މަޖިލިހަށް ފޮނުވި ބިލްގައިވާ ގޮތުން ނަމަ، ސިޓީ ކައުންސިލް އެކުލެވިގެން ވާނީ އެ ސިޓީއަކުން އިންތިޚާބު ކުރެވޭ މެމްބަރުންގެ މައްޗަށެވެ.
ލާމަރުކަޒީ ގާނޫނުގައި މިހާރު އޮންނަ ގޮތުން ނަމަ، ސިޓީ ކައުންސިލް އެކުލެވިގެން ވަނީ އެ ސިޓީ ކައުންސިލެއްގެ އިންތިޚާބީ ދާއިރާތަކުގެ ތެރެއިން ކޮންމެ އިންތިޚާބީ ދާއިރާ އަކުން އިންތިޚާބުކުރާ މެމްބަރެއް ހިމަނައިގެން އެކުލަވައިލެވޭ މެމްބަރުންގެ މައްޗަށެވެ.
ނަމަވެސް، ގާނޫނަށް އަލަށް ގެންނަން ހުށަހަޅާފައިވާ އިސްލާހުގައިވާ ގޮތުން ސިޓީ ކައުންސިލް އެކުލަވައިލާނީ އެ ސިޓީއެއްގައި ރަޖިސްޓަރީ ވެފައިވާ އާބާދީގެ އަދަދަށް ބަލައިގެންނެވެ.
ރައީސް އިބްރާހިމް މުހައްމަދު ސޯލިހް "މިހާރު" އާ މިއަދު ވާހަކަފުޅު ދައްކަވަނީ: ކައުންސިލްތަކަށް އަލުން ބާރުތައް ދިނުމުން ސަރުކާރުގެ ހިންގުމަށް ބޮޑެތި ބަދަލުތަކެއް އަންނާނެ ކަމަށް ވިދާޅުވި.---ފޮޓޯ: ރައީސް އޮފީސް
އެގޮތުން، އެ ސިޓީއެއްގައި ރަޖިސްޓަރީ ކޮށްފައިވާ އާބާދީގެ އަދަދަކީ 10،000-20،000 މީހުންނާ ދެމެދު އަދަދެއް ނަމަ ސިޓީ ކައުންސިލްގައި ތިބޭނީ ފަސް މެމްބަރުންނެވެ. ސިޓީއެއްގައި ރަޖިސްޓަރީ ކޮށްފައިވާ އާބާދީގެ އަދަދަކީ 20،000-30،000 އާ ދެމެދުގެ އަދަދެއް ނަމަ މެމްބަރުންގެ އަދަދަކީ ބިލްގައިވާ ގޮތުން ހަތެކެވެ. އަދި އާބާދީ 30،000 އަށް ވުރެ މަތީގައި އުޅޭ ނަމަ ފުރަތަމަ 30،000 މީހުންނަށް ޖެހެނީ ހަތް މެމްބަރުންނެވެ. އެ ސިޓީ އަކަށް އިތުރުވާ ކޮންމެ 10،000 މީހަކަށް ތިބޭނީ ދެ މެމްބަރުންނެވެ.
ސިޓީގެ ދަރަޖަ ދިނުމާ ގުޅޭ އުސޫލު ވެސް އާ އިސްލާހުގައި ތަފުސީލުކޮށް ބަޔާންކޮށްފައިވެ އެވެ.
ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން ސިޓީ ކައުންސިލްތަކުގެ ބާރު ހަނިކޮށް، ރައީސުލްޖުމްހޫރިއްޔާގެ ބާރުގެ ދަށަށް ގެނައުމަށް ލާމަރުކަޒީ ގާނޫނަށް 2015 ވަނަ އަހަރު ގެނައި އިސްލާހު ބާތިލް ކުރުމަށް ވެސް ބިލްގައި ވަނީ ހުށަހަޅައިފަ އެވެ.
ޔާމީންގެ ސަރުކާރުން ލާމަރުކަޒީ ގާނޫނަށް ގެނެސްފައިވާ އެއް އިސްލާހެއްގައިވާ ގޮތުން ސިޓީ ކައުންސިލަށް ލިބޭ ބާރުތަކާއި ފޯރުކޮށްދޭ ޚިދުމަތްތައް ކަނޑައަޅަން ޖެހެނީ ވަޒީރުންގެ މަޖިލިހުގެ މަޝްވަރާގެ މަތިން ރައީސުލްޖުމްހޫރިއްޔާ އެވެ. އަދި، އެ ސިޓީ ކައުންސިލަކުން ދިނުމަށް ރައީސް ކަނޑައަޅުއްވާ ޚިދުމަތްތައް ފިޔަވައި އެ ސިޓީއެއްގެ ސަރަހައްދުގައި ޚިދުމަތްތައް ދޭން ޖެހެނީ ސަރުކާރުގެ ކަމާ ގުޅޭ މިނިސްޓްރީތަކުން ކަނޑައަޅާ ގޮތަކަށެވެ.
ލާމަރުކަޒީ ގާނޫނަށް ގެންނަންޖެހޭ ބަދަލުތައް ގެނެސް ރައްޔިތުންގެ މަޖިލިހަށް ހުށަހެޅުމާއި މިދިޔަ ފަސް އަހަރު ހިފަހައްޓާފައިވާ ބާރުތައް އަނބުރާ ކައުންސިލްތަކަށް ދޫކުރުމަކީ މި ސަރުކާރުގެ ފުރަތަމަ 100 ދުވަހުގެ ތެރޭގައި ކުރަންޖެހޭ ކަމެވެ.
ޔާމީންގެ ސަރުކާރުން ހަނިކޮށްފައިވާ ބާރުތައް ކައުންސިލްތަކަށް ދިނުމަށް މިހާރުގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ސަރުކާރުން އެކުލަވައިލި ބިލްގައި ވަނީ އެ ކައުންސިލްތަކަށް މާލީ ބޮޑެތި ބާރުތަކެއް ދިނުމަށް ވެސް ހިމަނައިފަ އެވެ.
ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) އެކުލެވޭ ގޮތަށް ބަދަލު ގެންނަން ވެސް ބިލްގައި ވަނީ ހުށަހަޅައިފަ އެވެ. އެގޮތުން، ކައުންސިލްތަކުގެ ބެލެނިވެރި ފަރާތް އެލްޖީއޭގެ ހިންގާ ބޯޑުގައި މިހާރާ ތަފާތުކޮށް އާ ދާއިރާތަކުން މެމްބަރުން ހިމަނާނެ އެވެ.
އޭގެ ތެރޭގައި ޖެންޑާ އިކުއަލިޓީގެ ދާއިރާ އިން ތަޖުރިބާ ލިބިފައިވާ އަންހެން ބޭފުޅަކާއި ގަވަނަންސް ނުވަތަ ޕަބްލިކް އެޑްމިނިސްޓްރޭޝަންގެ ދާއިރާގެ ބޭފުޅަކާއި ވިޔަފާރި އާއި އިގުތިސޯދީ ދާއިރާ އާއި ގާނޫނީ ދާއިރާގެ ބޭފުޅަކު އެ ބޯޑުގައި ހިމަނަން ހުށަހަޅާފައި ވެ އެވެ. އަދި ކައުންސިލަރުންގެ ތެރެއިން އެ މީހުން އައްޔަން ކުރާ ދެ މެމްބަރަކު ވެސް އެލްޖީއޭގެ ބޯޑުގައި ތިބޭނެ ކަމަށް ބިލްގައި ކަނޑައަޅާފައިވެ އެވެ. އެ ދާއިރާތަކުން ބޯޑަށް ބޭފުޅުން ކަނޑައަޅާނީ ރައްޔިތުންގެ މަޖިލިހުން ފާސްކޮށްގެންނެވެ.
މިހާރެކޭ ވެސް އެއްގޮތަށް ރައްޔިތުންގެ މަޖިލިހަށް ޖަވާބުދާރީވާން ބޯޑުގައި ވަޒީރަކު ހުންނާނެ އެވެ. އަދި ޗީފް އެގްޒެކެޓިވް އޮފިސަރަކީ ވެސް އެލްޖީއޭގެ ބޯޑު މެމްބަރެއް ކަމަށް އާ އިސްލާހުގައި ވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ކަނޑި
31 March 2019
ބިލް މިއަށްވުރެ ފުރިހަމަ ކުރެވެންޖެހޭ. ކައުންސިލަރުންގެ ޝަރުތު ޑީގްރީ ފެންވަރަށް މަތި ނުކުރެވެންވީ ކީއްވެ؟ މިހާރު ވެސް މިތިބަ އުޅޭ މީހުންނަށް އެންމެ ކުޑަމިނުން ކައުންސިލްގަ ތިބޭ ވެރިންނާ މުވައްޒަފުން ގޮވައިގެން މަސައްކަތް ކުރަން އެނެގެނީ އެއްނޫން. މިހިނެއް ސިޓީއެއްގެ އެންމެން ބަލަހައްޓަނީ؟
އިބިރިހިންބެއްޔާ
28 March 2019
އެއްފަސް ތަންތަނުގައި ނުވަތަ ސިތީތަކުގައި "ކައުންސިލަރުން ބޭނުންގޮތަކަށް" ގުދުލައްވާފައި ދާއިރާ ވަކިކުރުމުގެ ބަދަލުގައި މުޅި ސިޓީން ވޯޓްލައިގެން އެންމެ ގިނަ ވޯޓް ލިބޭ ބޭފުޅުން ހޮވުން މާރަގަޅު. ދާއިރާ ރޮނގަކީ އިރު އިރުކޮޅާ ބަދަލުވާ ފީކަޅާ ރޮގެއް. އަދި މިގޮތަށް ބަދަލުވުމުން ރަގަޅު މީހުން ހޮވުމުގެ ފުރުސަތުވެސް ބޮޑުވާނެ.
އިބިރިހިންބެއްޔާ
28 March 2019
މިޖެހުނީ ކޮންތާކު؟ 10،000 ހަމަވީމާ 5 މެމްބަރުން. ކޮންމެ 2،000 ބޮލަކަށް (ކޮންމެ ދޮޅުހާސް ވޯޓަރުންނަށް) ކައުންސިލަރެއް. 20،000 އެރީމާ 7. ލައްކައެއް ވީމާ 23.
ޙުސް
28 March 2019
މޭޔަރު ޝިފާ މާލޭގެ މަގުތައް ހުރި ދަޝުދަރަޖައިގެ ހާލަތު ނުފެނޭތޯ، ހިންގަވާފަ އުޅެންތޯ ނޫނީ ހިންގަވަނީ މައްޗައް ބަލައިގެންތޯ. މާލޭ އާބަދީޔާ އެއް ވަރައް ސައިކަލު މުޅިމާލޭގަ، ސަިއިކަލު ޕާކުރުރަން މަގުން ޖާގަ ހަދާފަ ހިންގާ މީހުން މިހިންގަން ޖެޖެނީ މަގުމެދުން. މިވެސް ހަމަ ބައެއް ސިޓީ ތައް އޮންނަގޮތްތޯ
އިބިރިހިންބެއްޔާ
28 March 2019
ކައުންސިލުން މޭޔަރަކު އިސްކުރުމުގެ ބަދަލުގައި، ރައްޔިތުން ވޯޓްލައިގެން މޭޔަރަކު ހޮވުން މާފުރިހަމަ ވާނެ.
އަލިފުތާ
28 March 2019
ރާއްޖޭގެ އެކި ރައްރަށުން މީހުން މާލެއަށް ޖަމާކޮށް ދަފުތަރުގައި ޖައްސައިގެން ނާއި އެކިނަންނަމުގައި ރަޖިސްޓްރީގައި ޖައްސައިގެން އާބާދީގެ ނިސްބަތުން މަގާމުތަށް އެކުލަވާލުމަކީ އިންސާފުން ކުރެވޭ ކަމަކަށް ނުވާނެއެވެ. މަޖިލިސްވެސް ހަމައެގޮތަށް ހޮވުން އިންސާފެއްނޫނެވެ. ހީލަޓްތެރި ގޮތަކަށް ކަންކަން ރޭވުމަކީ ގަބޫލުކުރެވޭނެ ކަމެއް ނޫނެވެ.
ޖައިލަމް
28 March 2019
ސިޓީ ކިޔާފިއްޔާ ދެން މާ މޮޅުތަކެއް ވަނީ އުތަ؟ އަތޮޅު ކައުންސިލަށްވީމާ ކުރާ މަސައްކަތް ވަކި ކުޑައެއް ނުވާނެ. މިހާރުވެސް އާބާދީ ބޮޑު ރަށްތަކަށް ހުރިހާ މަޝްރޫއުތައް ކަހާލާ އުސޫލު އޮންނަނީ ކައުންސިލަރުން ގިނައިން ތިބީމާ. އެކަކު ތަމްސީލު ކުރާ ރަށަށް ނޯ ޗާންސް! ކުޑަމިނުން ޕެނެޑޯލު ގުޅައެއްވެސް ޖެހޭނީ ކައުންސިލަރުން ގިނައިން ތިބި ރަށަށް ގޮސްގެން ހޯދަން. މި ފުރުސަތުގާ މާލެ އައްޑު އަދި ފުވައްމުލަކަށް މަރުހަބާ ހުރިހާ މޮޅެއް ތިބޭފުޅުންނަށް. އަހަރުން ބާކީ!
މުހައްމާ
28 March 2019
ކައުންސިލަރުންނަކީ ބޭކާރު ބައެއް. މީގެ ބަދަލުގައި ވަކި ފެންވަރެއްގެ ތަޢުލީމީ ފެންވަރަކާއި ތަޖުރިބާތަކެއް ލިިބިފައިވާ ބަޔަކު ރަށްރަށުގެ ކަންކަން ބަލަހައްޓަން ހިންގަން އެޑްމިނިސްޓްރޭޓަރަކާއި އޭނާގެ ނާއިބަކު 3 އަހަރަށް އައްޔަންކުރާ ގޮތަށް ހަމަޖެއްސުން މާ ބުއްދިވެރި. ދައުލަތުގެ ބަޖެޓަށް ލުއިވެފައި ސަރުކާރުން ހިންގަން ބޭނުންވާ ކަންކަންވެސް މާފަސޭހައިން ރަނގަޅަށް ހިންގޭނެ.
ނުފެނޭ
28 March 2019
ސިޓީ ކައުންސިލްތައް އެކުލަވައިލާ ގޮތަށް ބަދަލު ގެންނަން ބިލްގައި ހިމަނައިފި ނަމަ ތިޔާ ކައުންސިލަށް ބާރުދީފައި އޮތްއިރު އެމެން މާލޭގެ ޕާރކް ތައް ނުއަގުގައި ވިއްކައިގެން ކަޓް ކެއީއޭ މިހާރު މަސްވެރިންގެ ޕާރކް އަކީ އެއީ މީހުން ހިތް ހަމަޖައްސާލަން ދާން އޮތް ތަނަށް ވާއިރު އެތަނުގައި ދެން މުޑުދާރު ގާޑިޔާ ތަކުގައި ކުރުނބާ ވިއްކާ އެތަން ފަނާ އެއް ނޫންތޭ އެކުރަނީ މާލޭގެ އުތުރު ފަރާތު ތޮށި ހަލާލުވެ ފުނޑު ފުނޑުވެގެންދާއިރު މިކަން ވެސް ނުފެނޭ ކައުންސިލަށް
ޒުލޭ
28 March 2019
އެހެން ވީމާ މާލޭގައި ވިއްސަކަށް ކައުންސިލަރުން ތިއްބަވާނެ ދެއްތޯ? ކޮންމެ މީހަކަށް 20000 މަތީ މުސާރައެއްގެ ރޭޓުން ބައި މިލިއަން މަހަކު. ސާބަހޭ އަހަރެމެންގެ ޖަޒީރާ ރައީސް. ރައްޔިތުންނަށް ޙިދުމަތެއް ދޭން ބަޖެޓުގަ އެއްޗެއް ނުބާއްވާތި. ލޮލް
ބިސްބެ
28 March 2019
ކޯޑިނޭޓަރޫ ތަމެން ދޭ ބަލަ މަހަށް.މިއީ މަމެންގެ ވެރިކަންދޯ.