އެމްޑީޕީގެ ޓިކެޓުގައި ހެންވޭރު އުތުރު ދާއިރާ އަށް ވާދަ ކުރައްވާ ކެންޑިޑޭޓުންގެ ކެމްޕޭން ހަފުލާގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ކުރީގެ ރައީސް މުހައްމަދު ނަޝީދު ބައިވެރިވެވަޑައިގަންނަވަނީ.
03 އެޕްރީލް 2019 - 00:15
ހޮނިހިރު ދުވަހު ބާއްވާ އާއްމު އިންތިޚާބުގައި ރައްޔިތުންގެ މަންދޫބުންގެ ގޮތުގައި މަޖިލީހަށް ވެންނެވުމުގެ ފުރުސަތު ރައްޔިތުން ދޭންވީ ފައިސާ އަށް ނުވިކޭނެ އަދި އެއްވެސް ނުފޫޒެއްގެ ދަށު ނުވާނެ މެމްބަރުންތަކަކަށް ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މިރޭ ވިދާޅުވެއްޖެ އެވެ.
ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ހެންވޭރުގެ ހަތަރު ގޮނޑި އަށް ވާދަ ކުރައްވާ އެމްޑީޕީގެ ކެންޑިޑޭޓުންގެ ކެމްޕޭން ހަފުލާއެއްގައި ރައީސް ވިދާޅުވީ، ރައްޔިތުން ބޭނުން ވަނީ ނަޒާހަތްތެރި މަޖިލީހެއް ކަމަށެވެ. އެފަދަ މަޖިލީހަކުން ފުރުސަތު ދޭން ޖެހޭނީ ހެޔޮވެރިކަމަކަށް އެއްބާރުލުން ދެއްވާނެ ނަޒާހަތްތެރި މެމްބަރުންތަކަކަށް ކަަމަށް ވެސް ވިދާޅުވި އެވެ.
"ނަޒާހަތްތެރި މެމްބަރުންނަކީ ހަމައެކަނި ފައިސާ އަށް ނުވިކޭ މީހުންނެއް ނޫން. ނުފޫޒެއްގެ ވެސް ދަށުވެގެން ނުވާނެ. މި ތިއްބެވި ބޭފުޅުން [އެމްޑީޕީގެ ކެންޑިޑޭޓުންނަކީ] ނުފޫޒެއްގައި ޖެހޭނެ ބޭފުޅުންނެއް ނޫން،" ރައީސް ވިދާޅުވި އެވެ.
އެމްޑީޕީގެ ޓިކެޓުގައި ހެންވޭރު ހުޅަނގު ދާއިރާ އަށް ވާދަ ކުރައްވަނީ އެ ޕާޓީގެ ޗެއާޕާސަން ހަސަން ލަތީފެވެ. މެދު ހެންވޭރަށް މިހާރުގެ މެމްބަރު އަލީ އާޒިމް ކުރިމަތިލައްވާ އިރު ހެންވޭރު އުތުރު ދާއިރާ އަށް ވާދަ ކުރައްވަނީ ހުސެއިން ޝަމީމް [އަނދުން ހުސެއިން] އެވެ. ހެންވޭރު އުތުރު ދާއިރާ އަށް ވާދަ ކުރައްވަނީ އިބްރާހިމް މުއިއްޒެވެ.
ރައީސް ވިދާޅުވި ގޮތުގައި ހެންވޭރަށް ކުރިމަތިލެއްވި އެމްޑީޕީގެ މެމްބަރުން މަޖިލީހުގައި މަސައްކަތް ކުރައްވާނީ ރައްޔިތުން ބޭނުންވާ ގޮތަށެވެ.
ހެންވޭރަށް ވާދަ ކުރައްވާ އެމްޑީޕީގެ ކެންޑިޑޭޓުންގެ ހަފުލާގައި ރައީސް ވާހަކަފުޅު ދައްކަވަނީ. --ފޮޓޯ/އެމްޑީޕީ
މާލެ އަށް ކުރިމަތިވެފައިވާ ދަތިތަކާ ގުޅޭ ގޮތުން ވާހަކަފުޅު ދައްކަވަމުން، ރައްޔިތުންނަށް އޮތް އެންމެ ބޮޑު ގޮންޖެހުމަކީ މަހު މުސާރަ ކުއްޔަށް ދައްކައިގެން ދެކޮޅު ނުޖެހި ތިބެން ޖެހުން ކަމަށް ވިދާޅުވި އެވެ. އެކަމަށް ސަރުކާރުން ވިސްނާފައި އޮތް ހައްލަކީ އަގު ހެޔޮކޮށް ބޯހިޔާވަހިކަން ފޯރުކޮށްދިނުން ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.
ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން ބޯހިޔާވަހިކަން ފޯރުކޮށްދިނުމުގެ ނަމުގައި ދައުލަތުން ޚަރަދުތަކެއް ކޮށްފައި ހުއްޓަސް ރައްޔިތުންނަށް ލިބުނީ ގެއްލުން ކަމަށް ވިދާޅުވި އެވެ. ހިޔާ މަޝްރޫއުގައި ހުޅުމާލޭގައި އިމާރާތް ކުރަމުން އަންނަ ފްލެޓްތަކަކީ އިންސާނުން ދިރިއުޅެން އެކަށީގެންވާ ތަންތަން ނޫން ކަމަށް މިރޭ ވެސް ރައީސް ވިދާޅުވި އެވެ.
"500 އަކަ ފޫޓުގެ ތެރޭގައި ތިން ކޮޓަރީގެ އެޕާޓްމެންޓެއް ހަދާއިރުގައި ކޮޓަރިއެއްގެ ބޮޑުމިނަކީ އަށް ފޫޓު ނުވަ ފޫޓު. އެތާ އެތެރެ އަށް އެނދެއް ލުމަށް ފަހުގައި ދެން ނެތް އަލަމާރިއެއް ބަހައްޓާލާނެ ޖާގައެއް،" ރައީސް ވިދާޅުވި އެވެ.
"މިއީއެއް ނޫން، ބޯހިޔާވަހިކަން ފޯރުކޮށްދޭން ސަރުކާރަކުން ކަންކުރަންވާ ގޮތަކީ. އެތަނުގެ އަގު 8،000ރ. ފްލެޓަކަށް،" ރައީސް ވިދާޅުވި އެވެ.
ރައީސް ވިދާޅުވި ގޮތުގައި މި ސަރުކާރުގައި ފަށާ ބޯހިޔާވަހިކަމުގެ މަޝްރޫއުގައި 950 އަކަފޫޓުގައި އަޅާ ތިން ކޮޓަރީގެ އެޕާޓްމެންޓެއްގެ އަގު 6،000ރ. އަށް ނާރާނެ އެވެ. މާލެ އާއި ރަށްރަށުގައި ތިބި މީހުންނަށް ބޯހިޔާވަހިކަން ފޯރުކޮށްދިނުން ކުރިއަށް ގެންދާނީ ތިން ބަޔަކަށް ބަހާލައިގެން ކަމަށް ރައީސް ވިދާޅުވި އެވެ.
ފުރަތަމަ އިސްކަން ދެއްވާނީ، ރައީސް ވިދާޅުވި ގޮތުގައި، އެއްވެސް އާމްދަނީއެއް ނުލިބި ދަތި ހާލުގައި ދިރިއުޅޭ މީހުންނަށެވެ. އެ މީހުންނަށް އާމްދަނީއެއް ލިބޭނެ އިންތިޒާމެއް ހަމަޖެހެންދެން ހިލޭ ބޯހިޔާވަހިކަން ފޯރުކޯށްދޭނެ ކަމަށް ވިދާޅުވި އެވެ.
ލިބޭ އާމްދަނީން ކުލި ދައްކައިގެން ދިރިއުޅުމުގެ ޚަރަދުތައް ދެކޮޅު ނުޖެއްސޭ މީހުންނަށް ވެސް ސަރުކާރުން އެހީތެރިވެދޭނެ ކަމަށް ރައީސް ވިދާޅުވި އެވެ.
"އަދި ފްލެޓް ގަންނަން ބޭނުންވާ ފަރާތްތަކަށް ފަސޭހަ އިން ފްލެޓް ގަނެވޭނެ ގޮތް ހަދައިދީ، އެ ފަރާތްތަކަށް ލުއި ލޯނު ލިބޭނެ ގޮތް ހަމަޖައްސައިދޭނަން،" އެމަނިކުފާނު ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ ރިޔާސީ އިންތިޚާބުގައި ރައްޔިތުން އެމަނިކުފާނު އިންތިޚާބު ކުރީ ހެޔޮވެރިކަމަކަށް އުއްމީދު ކުރާތީ ކަމަށެވެ. ކުރީގެ ސަރުކާރުން ހިންގާފައިވާ ވައްކަމާއި ކޮރަޕްޝަން ބަލައި އިންސާފު ގާއިމްކުރަން ބޭނުންވާތީ ކަމަށް ވެސް ވިދާޅުވި އެވެ.
ހެންވޭރު އުތުރު ދާއިރާގެ އެމްޑީޕީގެ ކެންޑިޑޭޓުންގެ ކެމްޕޭން ހަފުލާގައި އެ ދާއިރާގެ ރައްޔިތުންތަކެއް ބައިވެރިވަނީ.
ވެރިކަމުގެ ހުވާ ކުރެއްވި ދުވަހު، އެ މަސައްކަތް ފެއްޓެވި ނަމަވެސް ކުރިމަތިވެވަޑައިގެންނެވީ ގޮންޖެހުންތައް ކަމަށް ވިދާޅުވި އެވެ. ނިމިދިޔަ ސަރުކާރުން މުއައްސަސާތަކަށް ނުފޫޒު ފޯރުވައި ދައުލަތް ހިންގުން ޚަރާބުކޮށްފައި އޮތް މިންވަރުން އެއްވެސް މުއައްސަސާއަކަށް އޭރު އެމަނިކުފާނާއި ރައްޔިތުންނަށް ވެސް އިތުބާރު ނުކުރެވުނު ކަމަށް ވިދާޅުވި އެވެ.
އެމަނިކުފާނު ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ އަށް ގާނޫނުއަސާސީގެ ދަށުން ލިބިދީފައިވާ ބާރުގެ ތެރެއިން ރިޔާސީ ކޮމިޝަނެއް އުފެއްދެވީ މަރުތަކާއި ޚިޔާނާތް މިނިވަންކަމާ އެކު ބަލައި ރައްޔިތުންނަށް އިންސާފު ހޯދައި ދެއްވަން ކަމަށެވެ. ރައްޔިތުންގެ މަޖިލީހުގައި ސަރުކާރުގެ އަޣުލަބިއްޔަތު އޮވެ، އެކަމަށް ހުރަސްތަކެއް ކުރިމަތިވެވަޑައިގެންފައިވާ ކަމަށް ވިދާޅުވެ މިރޭ ވެސް ކަންބޮޑުވުންފާޅުކުރެއްވި އެވެ.
"ދަންނަވަން ބޭނުންވާ ވާހަކަ އަކީ ރައްޔިތުންގެ މަޖިލީހުގައި ސަރުކާރަށް އަޣުލަބިއްޔަތު އޮތަސް އެވަރުން ފުދޭކަށް ނެތޭ. މިއަދުގެ ރައްޔިތުންގެ މަޖިލީހުގައި ސަރުކާރަށް އަޣުލަބިއްޔަތު އެބައޮތޭ. އެހެން ނަމަވެސް މިކަންތައްތައް ނުވެގެން މިއުޅެނީ ކީއްވެތޯ؟ މި ސުވާލުގެ ޖަވާބު އަޅުގަނޑުމެން ހޯދަން އެބަޖެހޭ،" ރައީސް ވިދާޅުވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ހަރީރާ
04 April 2019
ކޮބައިތޯ ސިވިލްސަރވަންޓުންގެ ބޮޑު ކުރި މުސާރަ. ކޮބައިތޯ ސިވިލްސަރވަންޓުންނަށް ފްލެޓް. ސިވިލްސަރވަންޓުން މީ ނެތް ބައެއްތޯ. ހިޔާ މަޝްރޫޢުގެ ފްލެޓް ލިސްޓް އާންމުކުރި އޮތް ވަރަށް އަވަހަށް ސިވިލް މުވައްޒަފުންގެ ލިސްޓްވެސް އިޢުލާން ކުރާނެ ކަމަށް. ހަނދުމަ ނެތުނީ ތޯ.
ގެރީ ހަންކެޑެ
03 April 2019
ހަމަ ބުއްދިހުރި އެމްޑީޕީ މީހަކު ނާނުއަށް ވޯތެއް ނުދޭނެ
ބިހާރު
03 April 2019
ތި ހަކަހަލަ މީހުން މި ރާއްޖެއަކު ނެތް
ކަމޯން
03 April 2019
ތިޔަ ކިޔާ މެމްބަރުންނަށް ނުފޫޒު ފޯރުވުމަކީ ކިހާ ފަސޭހަކަމެއްކަން ނަޝީދު އެ ދައްކައިދިނީ. އެވާހަކަތައް އަޑުއިވޭ ކަމަށް ނުހަދާ ރައީސް ހުންނަނަމަ، މިހާރު ތި ދައްކާހާ ވާހަކައެއް ރައްޔިތުންގެ އެއް ކަންފަތުން އަޑުއަހައި އަނެއް ކަންފަތުން ބޭރުވާނީ.
ޒަލް
03 April 2019
ނަޒާހަތްތެރި ތައުލީމީ ނުފޫޒު ދަށުނުވާ ރައްޔިތުންގެމަޖިލީހެއް އެކުލެވޭނީ ޤާނޫނުއަސާއަށް ރުޖޫއަވެގެން. މިނިވަންކަމާއިއެކު ދާއިރާތަކުގެ ރައްޔިތުންނަށް މެމްބަރުން އިންތިހާބު ކުރުމަށް ފުރުސަތުލިބިގެން. އޭރު ފިރިހެން،ބޭފުޅުންނާ އެއްވަރަށް ތައުލީމީ ޤާބިލު އަންހެންބޭފުޅުން ކުރުމަތިލާ ހޮވުމުގެ ފުރުސަތުވެސް އޮންނާނީ. މަޖިލީސް އިންތިހާބުގައި ޕާޓީތަކުގެނަމުގައާއި މަހުޖަނުން ދާއިރާތަކުގެ އިންތިހާބުގެތެރެއަށް ވަނުންހުއްޓުވިގެން. އޭރު ސަރުކާރަށްވެސް ފަސޭހަވާނީ
ހހހހ
03 April 2019
ވެރިކަމަށް ތިޔަ ވަޑައިގަތީ، އެމެރިކާގ ސީއައިއޭއާއި އިޒްރޭލުގެ މޮސާޑްގެ އެހީގަ. އެމަގު ހޯދައިދިނީ އިންޑިޔާއިން. އެހެންވީމަ، ތިހުރީ، ޒައިނިސްޓުންނާ، ލުޓޭރުންނާއި، ރޭޕިސްޓުންގެ އަޅަކަށްވެފައި.
ހަސަން ނަސީމް
03 April 2019
އޯކޭ ރައީސް. ތިކަން ކޮށްދޭނަން. ހާސް ނުވޭ.
މާއިން
03 April 2019
އެހެން ބުނާމީހާ މިހުންނެވީ ނަޝީދުގެ ނުފޫޒުން ފިތިފައި.
ސިކުނޑި
03 April 2019
ތިހާވަރަށް ވަކިބަޔަކު ހޮވަން މަސައްކަތް ކުރައްވާފައި ޚަރަދު ކުރީމާ ޚުދު އެބަޔަކުވެސް ތިބޭނީ ނުފޫޒެއްގެ ދަށުގައި! މަނިކުފާނަށް ތިޔަ ކުރިމަތިވާ ނުފޫޒުންވެސް އެކަން އިނގޭ!! ކޮބައިތޯ އެއްކަލަ ވަރުގަދަ ކޯލިޝަން! މަޖިލީހަކީ މެންބަރުން މަންފާ ހޯދާތަނެއް! ވޯޓު އެޅޭނީ ގާތް ރަހްމަތްތެރިންނަށް! އޭރުން އެ ފަޚުރުވެސް އޮންނާނެ! ވަކި ޕާޓީއެއްގެ ވަކި މީހަކު ހޮވައިގެން ދާއިރާއަށް ކުރާނެ ފައިދާއެއް ނެތްކަން މިހާރު އެނގިއްޖެ!!
ކުލީ އަޅުން ނޫންގޮތެއް ބޭނުމީ
03 April 2019
ފުލެޓެއްނޫނޭ އަޅަންވީ. ރާއްޖޭގެ އެހެންސަރަހަދުތައް ތަރައްގީކޮށް ވަޒީފާގެފުރުސަތު އިތުރުކޮށް ގޯތިދޫކޮ ގެއެޅޭނެމަގު ފަހިކޮށްދޭށެވެ. އުނދަގޫކޮށް ހަރަދުބޮޑުކޮށް ރައްޔިތުންނަށް ގެއްލުންވާނެ ގޮތަކަށް ކަންކަން ކުރުމުގެ ބޭނުމަކީކޮބާތޯއެވެ؟ މިއުޅެނީ 4ވަރަކަށް ލައްކަ ރައްޔިތުންނެވެ. ދުޝްމިނުން، ރެފިއުޖީންކަމުގާ ދެކުމުގެ ބޭނުމެއްނެތެވެ. މާލެ ތޮއްޖެއްސުން ހުޢްޓާލައްވާށެވެ. ރައްޔިތުންނަށާއި ދައުލަތަށްލިބޭ އާމްދަނީ ކުއްޔަށް ބަދަލުކުރަން ނޫޅުއްވާށެވެ.
ކާލީ
03 April 2019
މާލޭގަ އެންމެ ގިނަ ބިން އޮތް މީހާގެ ފިރިމީހާ ކައިރީ ތިހެން ބުނީމަ އޭނައަށް ތިކަން ވާނެ ގޮތެއް އޮންނާނެތަ؟